ޑީއެންއާރު އޮންލައިން ޕްލެޓްފޯމް ތައާރަފުކޮށްފި

ހިންދު ޢަލީ 02 އޭޕްރީލު 2023

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) ގެ ހިދުމަތް އޮންލައިންކޮށް ފޯރުކޮށްދިނުމަށް އައު ޕްލެޓްފޯމެއް ތައާރަފްކޮށްފިއެވެ. މިއީ ޑީއެންއާރްއިން ފޯރުކޮށްދޭ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމުގެ ޚިދުމަތް ހޯދުމަށް އޮންލައިންކޮށް ހުށަހެޅޭނޭ ޕްލެޓްފޯމެކެވެ.

ޑީއެންއާރް އޮންލައިން ނަމުގައިވާ މިޕްލެޓްފޯމުގައިވާ ގޮތުން މިޕްލެޓްފޯމް މެދުވެރިކޮށް އައިޑީކާޑުގެ ހިދުމަތަށް ފަސޭހަކަމާއެކު ހުށަހަޅާލެވޭނެއެވެ. އަދި މިޕްލެޓްފޯމް މެދުވެރިކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ހާލަތު ވަގުތުން ބަލާލެވޭނެއެވެ. ހިދުމަތަށް އެދި ހުށަހަޅާއިރު ދައްކަންޖެހޭ ފައިސާވެސް އޮންލައިންކޮށް ދައްކާލެވޭނެއެވެ. މީގެ އިތުރުން އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ބެލެނިވެރިކަމުގެ ދަށުގައިވާ ފަރާތްތަކުގެ ނަމުގައިވެސް ހިދުމަތަށް އެދެވޭނެއެވެ.

މީގެ ކުރިންވެސް ޑީއެންއާރްގެ އައިޑީކާޑަށް އެދުމުގެ ހިދުމަތަކީ 'އޮންލައިން'ކޮށް ލިބިގެންދިޔަ ހިދުމަތެކެވެ. އެހިދުމަތަށް އެދެނީ އެއިދާރާގެ ވެބްސައިޓްގައި ހިމެނޭ އޮންލައިން ފޯމެއް މެދުވެރިވެއެވެ. އަދި އޭރު ހިދުމަތަށް އެދޭއިރު، އެކަމަށް ކަނޑައެޅިފައިވާ ކަރުދާސް ފޯމް ފުރާ ސޮއިކޮށް، އިނގިލީގެ ނިޝާން ޖަހާ ފުރިހަމަކޮށް، ފޯމުގެ ފޮޓޯއެއް ނަގާފައި ނުވަތަ ސްކޭންކޮށްފައި ހުށަހަޅަންޖެހެއެވެ. މިއީ އެންމެ ފުރިހަމަ މާނައިގައި 'އޮންލައިން' ހިދުމަތެއްނޫނެވެ. އެހެން ކަމުން މިހާރު ތައާރަފްކޮށްފައިވާ މިޕްލެޓްފޯމަކީ ކުރިން ފޯރުކޮށް ދެމުން ދިޔަ އޮންލައިން ހިދުމަތާއި އަޅާބަލާފައި ކުރިއެރުމެކެވެ. ޕްލެޓްފޯމްގެ ހޯމްޕޭޖުގައި ހިމަނާފައިވާ މައުލޫމާތުގައި ވާފަދައިން މިހާރު އެޕްލިކޭޝަން ފޯމު ފުރާކަށް ނުޖެހޭނެއެވެ.

މިޕްލެޓްފޯމް ބޭނުންކުރަން އެކްޓިވް އީމެއިލް އެޑްރެހަކާއި މޯބައިލް ނަންބަރެއް ބޭނުންވެއެވެ. އެންމެ ފުރަތަމަ ފަހަރަށް ޕްލެޓްފޯމް ބޭނުންކުރުމަށްޓަކައި ޖެހެނީ ޕްލެޓްފޯމުގައި އެކައުންޓެއް ހަދާ ރަޖިސްޓަރ ކުރާށެވެ. ރަޖިސްޓަރ ކުރުމަށް މީހާގެ ނަމާއި، އައިޑީކާޑު ނަންބަރާއި، ކާޑުގެ ފަހަތުގައި ހިމެނޭ ސީރިއަލް ނަންބަރާއި، އީމެއިލް އެޑްރެހަކާއި ފޯނު ނަންބަރެއް ޖަހަން ޖެހެއެވެ. އެއާއެކު ޕްލެޓްފޯމަށް ވަންނަން ޕާސްވޯޑެއް ކަނޑައަޅަން ޖެހެއެވެ. ރަޖިސްޓަރ ވެނިމުމުން ޕްލެޓްފޯމަށް ވަދެވެނީ އެޕާސްވޯޑު ބޭނުންކޮށްގެނެވެ. އެހެން ނަމަވެސް ހިދުމަތަކަށް އެދުމުގެ ކުރިން ރަޖިސްޓަރ ކުރި ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ވެރިފައި ކުރަން ޖެހެއެވެ. އެއީ ފޯނަށް ލިބޭ އޯޓީޕީއަކާއި އީމެއިލް އެޑްރެހަށް ލިބޭ ވެރިފިކޭޝަން ލިންކެއް މެދުވެރިކޮށެވެ. މިމަރުހަލާ ފުރިހަމަ ނުކޮށް އެއްވެސް ހިދުމަތަކަށް ނޭދެވެއެވެ.

ފޯނު ނަންބަރަށް ލިބޭ އޯޓީޕީއާއި އީމެއިލް އެޑްރެހަށް ލިބޭ ލިންކު މެދުވެރިކޮށް އެކައުންޓްގެ ސައްހަކަން ކަށަވަރު ކުރުމަށް ފަހު ދެން ފެންނަ ސްކްރީންގައި އައު ކާޑަކަށް އެޕްލައި ކުރުން ނުވަތަ ޑިޕެންޑެންޓުން (ބެލެނިވެރިކަމުގެ ދަށުގައިވާ ފަރާތްތައް) އިތުރު ކުރެވެއެވެ. ޑިޕެންޑެންޓުން އިތުރުކުރުމަށް ވެސް އެފަރާތްތަކުގެ އައިޑީ ކާޑު ނަންބަރާއި ސީރިއަލް ނަންބަރު ހިމަނާ އެފަރާތްތައް ވެރިފައި ކުރަންޖެހެއެވެ. ޑިޕެންޑެންޓުގެ ނަން އިތުރު ކުރާއިރު އައިޑީކާޑު ނަންބަރާއި ސީރިއަލް ނަންބަރު ދިމާނުވާނަމަ އެފަރާތްތަކުގެ ނަމުގައި ހިދުމަތަކަށް ނޭދެވެއެވެ.

ޑިޕެންޑެންޓެއް ނެތް ހާލަތުގައި އައިޑީ ކާޑު އެޕްލިކޭޝަނެއް ހުށަހަޅަން މަސައްކަތް ކުރުމުން ފެންނަނީ ރަޖިސްޓަރ ކުރި މީހާގެ ނަން އެކަންޏެވެ. ޑިޕެންޑެންޓުން އިތުރު ކޮށްފައިވާނަމަ އެފަރާތްތަކުގެ ނަމުގައި ވެސް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ލިބެއެވެ.

ދެން އެއަށް ފަހު ކާޑު ހައްދަން ހުށަހަޅާ ސަބަބާއި ގުޅޭ އިތުރު މައުލޫމާތު އެންޓަރ ކުރަން ޖެހެއެވެ. ޕްލެޓްފޯމުގެ މިޕޭޖުގައި އެކި ހާލަތުގައި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ މަޢުލޫމާތު ހިމަނާފައިވެއެވެ. އަދި އައިޑީ ކާޑު ނަގަން ބޭނުންވާ ލޮކޭޝަނެއް އިހުތިޔާރުކުރަންޖެހެއެވެ.

މީގެ އިތުރުން ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ މައުލޫމާތު ޑޭޝްބޯޑު މެދުވެރިވެ ބަލާލެވެއެވެ. ހިނގަމުންދާ އެޕްލިކޭޝަންގެ ނަމުގައިވާ ބައިގައި ޕްރޮސެސްކުރުމުގެ މަރުހަލާތައް ބަލާލެވެއެވެ. ހިދުމަތަށް އެދި ހުށަހަޅާ އިރު ދައްކަންޖެހޭ ފައިސާގެ އަދަދުތަކުގެ މައުލޫމާތު ވެސް ޕްލެޓްފޯމުގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން ފާހަގަކޮށްލަންޖެހޭ އިތުރު ކަމަކީ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ އިތުރު ފައިލްތައް ޕްލެޓްފޯމުގައި ރައްކާތެރިކުރާ ކަމެވެ. ޕްލެޓްފޯމުގައިވާ މައުލޫމާތުގައި ވާގޮތުން އެފަދަ ފައިލްތައް އަޕްލޯޑު ކުރަންޖެހޭނީ އެއްފަހަރުއެވެ. އަދި އެއްފަހަރު އަޕްލޯޑްކޮށްފައިވާ ފައިލެއް ނަމަ ކާޑަށް އެދި ހުށަހަޅާއިރު އެފައިލް އިހްތިޔާރުކުރެވޭނެއެވެ. އައު ފައިލެއް އަޕްލޯޑު ކުރަންޖެހޭނީ އެފަދަ ފައިލެއްގައި ހިމެނޭ މައުލޫމާތު ބަދަލުވެފައިވާނަމައެވެ. އަދި އެލިޔުންތައް ފެންނާނީ ލޮގިންކުރާ ފަރާތަކަށް އެކަންޏެވެ.

މިއަހަރު ލޯންޗްކުރެވުނު ޑީއެންއާރު އޮންލައިން ޕްލެޓްފޯމަކީ ކުރިން ޑީއެންއާރުން ފޯރުކޮށްދިން އައިޑީކާޑުގެ ހިދުމަތާއި އަޅާބަލާއިރު އިތުރު ފަސޭހަތަކެއް ހިމެނިފައިވާ ޕްލެޓްފޯމެކެވެ. މީގެ ކުރިން ހިމެނިފައިނުވާ އިތުރު ފީޗަރސްތައް ހިމެނިފައިވާކަން ފަހަގަކުރަމެވެ. މިސާލަކަށް އައިޑީކާޑާއި ހަވާލުވާން ބޭނުންވާ ލޮކޭޝަން ހިމެނިފައިވާކަމަކީ ހިދުމަތް ހޯދާ ފަރާތްތަކަށް ލިބިގެންދާނެ ފަސޭހައެކެވެ. އަދި ފިޒިކަލް ފޯމް ފުރަންޖެހޭ ޖެހުން ހުއްޓުމަކަށް އައުމަކީވެސް ލައްކަ ފަސޭހައެވެ.

ޕްލެޓްފޯމް އިތުރަށް ތަރައްގީކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައްވެސް ފާހަގަކޮށްލާނަމެވެ.

* ބައެއް ހިދުމަތަށް އެދޭއިރު އަދިވެސް އައިޑީކާޑުގެ ކޮޕީ ހުށަހަޅަންޖެހުން. އައިޑީކާޑުގެ މުއްދަތު ހަމަވެގެން ހުށަހަޅާ އެޕްލިކޭޝަންގައި އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަން ޖެހެއެވެ. ނަމަވެސް ޑީއެންއާރުން ދޫކުރާ އައިޑީކާޑެއްގެ ކޮޕީ އަލުން ޑީއެންއާރަށް ހުށަހެޅުމަކީ އެންމެ އެދެވޭ އޮންލައިން ހިދުމަތެއްގެ ސިފައެއް ނޫނެވެ. މީގެކުރިން ބައެއް ފަރާތްތަކުން ހިޔާލު ފާޅުކޮށްފައިވާ ގޮތުން އައިޑީކާޑަކީ މުއްދަތު ހަމަވެގެންވާނެ ލިޔުމެއް ނޫނެވެ. އެހެންނަމަވެސް އެކަމަށް ހައްލެއް ނެގައުމަށް މިހާރު ހަދާފައިވާ ބައެއް އުސޫލުތައް ބަދަލުކުރަންޖެހޭނެކަން ފާހަގަކުރަމެވެ.

* ސަރުކާރުގެ އެހެން އިދާރާތަކުން ލިބޭ ލިޔެކިޔުންތައް ހުށަހަޅަންޖެހުން. މިސާލަކަށް އުފަންދުވަހުގެ ސެޓްފިކެޓް، ރައްވެހިންގެ ރަޖިސްޓްރީ ފަދަ ލިޔެކިޔުމަކީ ސަރުކާރުގެ އެހެން އިދާރާތަކުން ދޫކުރާ އަދި ބަލަހައްޓާ ލިޔުންތަކެވެ. އޮންލައިން ހިދުމަތެއްގައި އެންމެ އެދެވިގެންވާ އަދި ޒަމާނާ އެންމެ އެކަށޭނެ ގޮތަކީ، ސިސްޓަމްތައް އިންޓަގްރޭޓް ކޮށްގެން މައުލޫމާތު ކަށަވަރު ކުރެވޭނެ ނިޒާމެއް ގާއިމްކުރުމެވެ. ސިޓީ ނުވަތަ އަތޮޅު ކައުންސިލްތަކުގައި ބޭނުންކުރެވޭ އުފަންދުވަހުގެ ސެޓްފިކެޓް ދޫކުރާ ސިސްޓަމަކާއި ނުވަތަ ގޯތީގެ ރަޖިސްޓްރީ ދޫކުރާ ސިސްޓަމަކާއި ނުވަތަ އެހެނިހެންވެސް އިތުރު ސިސްޓަމްތަކާއި މިޕޯޓަލް ގުޅުވާލައިގެން މިކަން ހައްލުކުރެވިދާނެއެވެ. އަދި ވަކިން ހާއްސަކޮށް މިފަދަ ސިސްޓަމްތަކަކީ މިހާރުވެސް އޮންލައިންކޮށް ތައްޔާރުކޮށްފައިވާ ސިސްޓަމްތަކެވެ.

* ސަރުކާރުގެ އެހެން އިދާރާތަކުން ދޭ ލިޔުކިޔުންތައް ސިސްޓަމްގައި ރައްކާކުރުން. އެކި ހާލަތްތަކާއި ގުޅިގެން ޕްލެޓްފޯމަށް އަޕްލޯޑުކުރާ ލިޔެކިޔުންތަކަކީ އެހެން އިދާރާތަކެއްގެ މެންޑޭޓުގައި ހިމެނިގެން ދޫކުރާ ލިޔުންތައްކަމުން، މިޕްލެޓްފޯމްގައި އެލިޔެކިޔުންތައް ރައްކާކުރުމަކީ އެންމެ އެދެވޭ ގޮތެއް ނޫނެވެ. އަދި އެންމެ ރައްކާތެރިގޮތެއްވެސް ނޫނެވެ. އެއީ އެލިޔެކިޔުންތައް ފެންނަން ނުޖެހޭ ބަޔަކަށް ފެނުމުގެ ފުރުސަތައް ހުޅުވާލެވޭތީއެވެ.

* ސަރުކާރުގެ ހިދުމަތްތަކަށް ލޮގިންކުރުމަށް ބޭނުންކުރާ އީފާސް ހިދުމަތް މިޕްލެޓްފޯމްގައި ބޭނުންކުރެވެން ނެތުން. އީފާސްއަކީ ސަރުކާރުގެ (އަދި އެހެންނިހެންވެސް) ހިދުމަތް ބޭނުންކުރާ ފަރާތްތަކުން ބޭނުންކުރާ ސިންގަލް ސައިންއޯން ލޮގިންއެވެ. މިޕްލެޓްފޯމުގައި އީފާސް ބޭނުންކުރާނަމަ، ޕްލެޓްފޯމުގައި ވަކިން އެކައުންޓެއް ރަޖިސްޓަރ ކުރަންޖެހޭ ބައި މަދުކޮށް، ހިދުމަތް ބޭނުންކުރާ މީހުންނަށް އިތުރަށް ފަސޭހަވެގެން ދާނެއެވެ.

* އީފާސް ބޭނުންކުރާނަމަ ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ހިދުމަތަށް އެދުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ. އެއީ އީފާސްގައި ވެރިފިކޭޝަންގެ އިތުރު ގޮތްތަކެއް ހިމެނިފައިވާތީއެވެ. އެހެން ނަމަވެސް ޑީއެންއާރު އޮންލައިން ޕްލެޓްފޯމުގައި އަދި ބޭނުންކުރެވެނީ ދިވެހި ފޯނު ނަންބަރުތައް އެކަންޏެވެ.

* މީގެ ކުރިންވެސް އައިޑީކާޑުގެ ހިދުމަތަށް އެދި ހުށަހަޅާ ފަރާތްތަކުން އެންމެ ގިނައިން ކުރާ ޝަކުވާއަކީ އޮންލައިންކޮށް ހުށަހެޅި ނަމަވެސް ހިދުމަތް ފުރިހަމަ ވާން 5 ދުވަސް ވަރު ނަގާތީއެވެ. މިހާރުގެ ޕްލެޓްފޯމުގައި ހިދުމަތް އަވަސް ވާނެ ކަމަށް ބުނެފައި އޮތްނަމަވެސް އަދިވެސް ހިދުމަތަށް ހިނގާނޭ މުއްދަތެއް އެނގޭކަށް ނެތެވެ.

އިތުރަށް ކިޔާލުމަށް:ޑިޖިޓަލް އައިޑެންޓިޓީއަށް ތަޢާރަފެއް

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.