އޭ.އައި އިނޮވޭޝަން މައިކްރޮސޮފްޓް ބިންގް އާއި އެޖުގައި

ގާތްގަނޑަކަށް މީގެ ތިންވަރަކަށް މަސް ކުރިން މައިކްރޮސޮފްޓުން އެމީހުންގެ ބްރައުޒާ "އެޖް" އަދި ސާޗް އިންޖިން "ބިންގް" އަށް އޭ.އައި ތަޢާރަފް ކުރަން ފެށިއެވެ.

އާޓިފިޝަލް އިންޓަލިޖަންސް މި ޕްލެޓްފޯމްތަކުގައި ހިމެނިތާ ގާތްގަނޑަކަށް 90 ވަރަކަށް ދުވަސް ތެރޭގައި މައިކްރޮސޮފްޓުގެ ކަސްޓަމަރުން ބިލިއަނަކާއި ގާތްކުރާ އަދަދަކަށް ޗެޓްކޮށްފައިވާކަން އެކުންފުނީގެ ރިޕޯޓުތަކުން ހާމަވެއެވެ.

ޗެޓް ފީޗާގެ އެހީގައި މީހުން އެކި ކަހަލަ މަޢުލޫމާތު ހޯދާފައިވެއެވެ. މީގެ ތެރޭގައި އެންމެ މަޤުބޫލު ޗުއްޓީ ހޭދަކޮށްލާ މަންޒިލުތަކަކީ ކޮބައިތޯ ބަލައި، ބޮޑެތި ދިރާސާތަކުގެ (10 އަހަރުގެ) މަޢުލޫމާތު ޓެބިއުލޭޓްކޮށް ޚުލާސާވެސް ކޮށްފައިވެއެވެ.

އޭ.އައިގެ އެހީގައި ހޯދުންތައް ހޯދުމަށް އެހީވެދިނުމަކީ މައިކްރޮސޮފްޓުގެ އެއް އަމާޒުކަމުގައި އެކުންފުނިން ވަނީ ހާމަކޮށްފައެވެ. މިއީ ބިންގްއާއި އެޖްގެ އެހީގައި އިންޓަނެޓުގެ ދުނިޔޭގައި މީހުންނަށް އެހީވާ ކޯޕައިލެޓަށް ވެގެންދާނެއެވެ.

މިކަން ކުރުމަށް މަޤްސަދު ކަނޑައަޅައި އެކުންފުނިން ހާމަކޮށްފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި މިހާރު ލިމިޓެޑް ޕްރީވިއު ބިންގް ބޭނުން ކުރާ މީހުންނަށް އޯޕަން ޕްރީވިއުއެއް ދެވިގެންދާނެކަމެވެ. މިއާއެކު ޓްރައަލްއަކަށް މަޑުކުރާކަށް ނުޖެހޭނެއެވެ.

އެ ކުންފުނިން ކުރިއަށް އޮތް ދުވަސްތަކުގައި "ޓެކްސްޓް-އޮންލީ ސާޗް" (ހަމައެކަނި ބަސްތަކެއް ލިޔެ ހޯދާ ހޯދުން) ތަކާއި ޗެޓްތައް ވިޝުއަލް ކުރެވިގެންދާނެކަމުގައިވެސް ހާމަކޮށްފައިވެއެވެ. މިބަދަލާއިއެކު ފޮޓޯ ނުވަތަ ވީޑިއޯ ސާޗް ކުރެވޭނެއެވެ.

ސާޗް އިތުރަށް ތަރައްޤީކޮށް މިހާރު ނެރޭ ފީޗާގައި ޗެޓް ހިސްޓްރީ ބެލޭނެކަން އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ. ކުރިއަށް އޮތްތާނގައި މިފީޗާ އިތުރަށް ފުޅާކުރުމަށް ޗެޓްތަކުގައި ހުރި ކޮންޓެކްސްޓު އެހެން ޗެޓްތަކަށް ލިބޭނެގޮތްވެސް ހަދަން އެކުންފުނިން ވިސްނައެވެ. އަދި މީގެ އިތުރަށް ޗެޓް އެކްސްޕޯޓްކޮށް އެހެން މީހުންނާއި ހިއްސާކުރެވޭނެ ގޮތް ހެދުމަށްވެސް ރާވާފައިވެއެވެ.

ބިންގް ޗެޓް ތެރެއަށް މިހާރު ތަޢާރަފްކޮށްފައިވާ ބިންގް އިމޭޖް ކްރިއޭޓަރ އިތުރަށް ތަރައްގީކޮށް 100 ބަހުރުވައިން އިމޭޖް ހެދުމަށް ޗެޓް ކުރެވޭނެއެވެ.

އަދި މިހާރު ބޭނުންކުރާ ސިންގަލް ޔޫސް ޗެޓް ނުވަތަ ސާޗް ސެޝަންތައް މަލްޓި ސެޝަނަށް ބަދަލުކުރެވިގެންވެސް ދާނެއެވެ.

ދެން އެންމެ މުހިންމު ސަމާލުކަމެއްދީފައިވަނީ މި 2 ޕްލެޓްފޯމުވެސް ޑެވެލޮޕަރުންނަށް ހުޅުވާލައި އިތުރަށް ތަރައްޤީކުރުމަށެވެ.

އެގޮތުން، ޑެވެލޮޕަރުންނަށް ސަމާލުކަންދީ އެކުންފުނިން ބިންގްގައި ޕްލެޓްފޯމް ކެޕެބެލިޓީ ތަޢާރަފްކޮށް އެކި ޓާސްކުތަކަށާއި ކުއެރީތަކަށް ޑެވެލޮޕް ކުރެވޭނެ ގޮތެއްވެސް ހަމަޖެހިގެންދާނެއެވެ.

އޭ.އައިގެ އެހީގައި މިހާރު ހެދިފައިވާ ބިންގް އަކީ ވަރަށް ގިނަ މީހުންނަށް އެހީއެއްކަން ފާހަނގަވެއެވެ. މިސާލަކަށް އިމޭޖް ކްރިއޭޓާ ފަދަ ފީޗާތަކަކީ ބޭނުންކުރާ މީހާގެ ވަގުތު ކުޑަކޮށްދީ އެހެންކަންތައް ކުރުމަށް އޭނާގެ ވަގުތު ހުސްކޮށްދޭފަދަ ފީޗާއެކެވެ.

މައިކްރޮސޮފްޓުން ހާމަކުރާ ގޮތުގައި އެކުންފުނިން ކުރިއަށް އޮތްތާނގައި މަސައްކަތް ކުރާނީ އޭ.އައިގެ އެހީގައި ބިންގްއާއި އެޖް އިތުރަށް ތަނަވަސްކޮށް، ޑޭޓާ ބޭސްޑް ސުވާލުތައް ޗެޓާއި ކުރެވި އިތުރު ޓާސްކުތައްވެސް ހަމަ ޗެޓުގެ އެހީގައި ކުރެވޭނެ ގޮތް ހެދުމެވެ.

މިސާލަކަށް ރެސްޓޯރަންޓެއް ހުޅުވާ ވަގުތު ހޯދާ މީހަކަށް، އެމީހާ ބޭނުންވާ ވަގުތަކަށް އެ ރެސްޓޯރަންޓުގައި މޭޒެއް ބޫކް ކުރުން ފަދަ ކަމެއް ކުރުމަށް ޗެޓް އެހީވެދިނުމަކީ އިތުރަށް ފިޔަވަޅެއް ކުރިއަށް އަޅައި އޭ.އައިގެ އެހީގައި ކަންތައްތައް ފުޅާވެގެންދިއުމެވެ.

މިހާރު މި ފީޗާތައް އެއްވެސް ވަރަކަށް ބަލާފައިނުވާނަމަ މިއީ ބަލާލައި ދަސްކޮށްލަން ރަނގަޅު ވަގުތެކެވެ. އެއީ މައިކްރޮސޮފްޓުން މި ދެ ޕްލެޓްފޯމަށްވެސް ޕްރީވިއުއަށް ކުރިއަށްއޮތް ދުވަސްތަކުގައި އެކި ބަދަލުތައް ގެނެސް ދައްކަމުންދާނެތީވެއެވެ. ބިންގް ކޮމްޕިއުޓަރުގައި ނުވަތަ މޮބައިލް ފޯނުގައިވެސް އެޖް ބްރައުޒާގައި ބޭނުންކުރެވޭނެއެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.