ރާއްޖޭގެ ފުރަތަމަ "އިންޓަރނެޓް ގަވަރނެންސް ފޯރަމް (އައި.ޖީ.އެފް)" 16 އަދި 17 ޖޫން ގައި ބޭއްވުނެވެ. މި ފޯރަމްގައި ތަފާތު އެކި ދާއިރާތަކުރެ ބައިވެރިވުމާއި އެކު ޖުމްލަ 13 ސެޝަން އެއް މި ފޯރަމް ގައި ވަނީ ކުރިއައް ގެންގޮސްފައެވެ. މިއަހަރުގެ އައި.ޖީ.އެފް ގައިޖަމިއްޔާތަކާއި، ޓެލެކޮމް ޚިދުމަތްދޭ ފަރާތްތަކާއި، ތަޢުލީމީދާއިރާ، ޓެކްނޮލޮޖީ ދާއިރާގެ އެކި ފަރާތްތައް، ގާނޫނު ހަދާ ފަރާތްތައް، ލޯކަލް ކައުންސިލްތަކާއި ، ޒުވާނުން، އަދި އަމިއްލަ ވިޔަފާރިތަކުން އެފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ އަދި އިންޓަރނެޓް ގަވަރނެންސް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗައް ހުށައެޅުންތަކެއް ހުށައެޅިއެވެ.
މި ހަފްލާ އިފްތިތާހު ކޮށްދެއްވަމުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޒާ އާއިޝަތު ރިޒްނާ ދެއްކެވި ވާހަކަފުޅުގައި ޓެކްނޮޮލޮޖީބޭނުންކުރުމުގެ ފަރަގު ކުޑަކުރުމަށާއި ޓެކްނޮލޮޖީއިން ގެނުވާ ބައިބައިވުން ކުޑަކުރުމަށް އިލްތިމާސްކުރެއްވިއެވެ. މިގޮތުން ގާނޫނުތަކާއި ގަވާއިދުތައް އެކުލަވާލުމުގައި މުޖުތަމަޢުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއި އެކު ނިންމާ ނިންމުންތަކަކީ ވަށާޖެހޭނެ ގޮތެއްގައި ތަންފީޒް ވެގެން ދާނެ ސިޔާސަތުތަކެއް ކަމުގައި ދެކިލައްވާކަމަށް ވިދާޅުވިއެވެ.
ޝަރުއީ ނިޒާމުގެ ޚިދުމަތް ދިނުމުގައިވެސް ޓެކްނޮލޮޖީގެ ބޭނުންކުރައްވާކަމަށާއި ބައެއް ޚިދުމަތްތަށް ޑިޖިޓަލް ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. ޕޮލިސީތައް ތަންފީޒުކުރުމުގައި ޝަރުޢީ ދާއިރާކަމުގައިވިޔަސް، އަދި ދަޢުލަތުގެ އެހެން ފަރާތްތަކުން ކަމުގައިވިޔަސް އެއްވެސް ފަރާތެއް ބާކީނުވާނެހެން ޚިދުމަތްތައް ތަންފީޒު ވަރަށް މުހިންމުކަމެއް ކަމުގައި ދެކެވަޑައިގަންނަވާކަމަށް އަލްއުސްތާޒާ އާއިޝަތު ރިޒްނާ ވިދާޅުވިއެވެ. މީގެ ތުރުން، އިންޓަރނެޓްގެ ޚިދުމަތަކީވެސް އެއްވެސް ފަރާތެއް ބާކީނުވާނެހެން އެކަށީގެންވާ އަގެއްގައި ކޮންމެ ދިވެއްސަކަށްވެސް ލިބެން ޖެހޭނެ ޚިދުމަތެއްކަމުގައި ރިޒްނާ ފާހަގަކުރެއްވިއެވެ.
މި ފޯރަމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި މޯލްޑިވްސް އައިޖީއެފް އެކްޒެކެޓިވް ކޮމިޓީގެ ފަރާތުން ވާހަކަ ދެއްެވި އަބްދުﷲ ސާމިރު ފާހަގަ ކުރެއްވި ގޮތުގައި އައިޖީއެފްގެ މަޝްވަރާތަކާއި ޚިޔާލުތަކަކީ އިންޓަނެޓް ގަވަރނަންސްގެ ދާއިރާގައި މަސައްކަތްކުރާ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ސަރުކާރުތަކާއި އެހެނިހެން ޖަމިއްޔާތަކަށް އަގުހުރި ކަންކަމުގައި ވެގެން ދާނެކަމަށެވެ. އަދި އަދި މި ފޯރަމްގައި ކުރިއަށްދާ މަޝްވަރާތަކުގެ އަލީގައި ރިޕޯޓެއް އައިޖީއެފް އިން ކަމާބެހޭ އިދާރާތަކާއި ހިއްސާކުރައްވާނެކަމަށް ދެންނެވިއެވެ.
އައިޖީއެފް މޯލްޑިވްސް މިފަހަރު ރާވައިފައިވަނީ ވިމެން އިން ޓެކް މޯލްޑިވްސްއިން ޔޫއެސްއެއިޑް, ނޭޝަނަލް ޑިމޮކްރެޓިކް އިންސްޓިޓިއުޓް އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ އެހީތެރިކަމާއެކުގައެވެ.
މި ފޯރަމްގެ ބައިވެރިން ޚިޔާލުފާޅުކޮއްފައިވާ ބައެއް ކަންކަމުގެ ތެރޭގައި:
● ދިވެހިރާއްޖެއަށް އިތުރު އިންޓަރނެޓް ސަރވިސް ޕްރޮވައިޑަރ އަކަށް ޖާގައޮތް މިންވަރު އަދި މިހާރު ދުނިޔޭގައި ކުރިއަރަމުން އަންނައިނޮވޭޓިވް ސަރވިސް ޕްރޮވައިޑަރތަކަށް ޖާގަދިނުން.
● ގައުމީ ފެންވަރުގައި ޓެކްނޮލޮޖީގެ އުފެއްދުންތައް އިތުރުކުރުމާއި ޚިދުމަތްތަކުގައި ޓެކްނޮލޮޖީގެ ބޭނުންކުރުމާއި ޓެކްނޮލޮޖީ ދާއިރާ ކުރިއެރުވުމަށް އަހައްމިއްޔަތުކަން ދިނުން
● އީޖާދުތަކުގައި ދިވެހި ބަސް ބޭނުންކުރުމަށް ދިވެހި ބަހުގެ ޓޭޑާބޭސް އުފެއްދުންތެރިންނަށް ބޭނުންކުރެވޭނެ ގޮތެއް ހެދުމުގެ މުހިންމުކަން
● އިންޓަރނެޓް އިންފްރާސްޓްރަކްޗަަރ އަށް ކުރާ އިންވެސްޓްމެންޓް ހަރުދަނާކޮށް އޭގެ ފައިދާ ރާއްޖެއަށް އެންމެ ރަނގަޅަށް ކުރާނެ ގޮތައް ޕްލޭންކުރުން
● އިންޓަރނެޓް އަދި ޓެކްނޮލޮޖީގެ ކުރިއެރުމާއި އެއްވަރަށް ބޭނުންވާ މިންވަރަށް ޓެކްނޮލޮޖީއާއި ގުޅުންހުރި އެކި ދާއިރާތަކުން މީހުން ބިނާކުރުން، ޚާއްސަކޮށް މީހުން ބިނާކުރުމާއި ޓެކްނޮޮލޮޖީ ދާއިރާއިން ޓީޗަރުން ބިނާކުރުން.
● އިންޓަރނެންޓް ގަވަރނެންސްއާއި ގުޅުންހުރި ކަންތައްތަކުގައި އެކިފަންނުތަކު ޒުވާނުންގެ ބައިވެރިވުން އިތުރުކުރުން
● މައުލޫމާތު ހޯދުމުގެ ހައްގު ބޭނުންކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލައި, ދައުލަތުގެ ހުރިހާ ފަރާތްތަކުންވެސް އިސްނަގައިގެން މައުލޫމާތު ހާމަކުރުމުގެ މުހިންމުކަން
● އާންމު ޚިދުމަތްތައް ޑިޖިޓައިޒް ކުރުމުގައި އެއްވެސް ފަރާތެއް އިސްތިސްނާ ނުވާނެހެން ޚިދުމަތްތައް ފަރުމާކުރުން، އަދި މިފަދަ ނިންމުންތަކުގައި މުޖުތަމައުގެ އެކިފަރާތްތަކުގެ ޚިޔާލު ހޯދުން.
● ޓެކްނޮލޮޖީއާއި އިންޓަރނެޓްއަކީ އެއްވެސް މީހަކު ބާކީ ނުވާނެހެން ދެވޭ އެފޯރޑަބަލް ރައްކާތެރި ޚިދުމަތަކަށް ވުން.
● އޮންލައިންކޮށް ދިމާވާ ފުރައްސާރަތަކާއި ޚިދުމަތްތަކުން އަންހެނުންނާއި ޒުވާނުން ރައްކާތެރި ކުރުމަށް ހަރުދަނާ ފިޔަވަޅުތައް އެޅުން
● އެކި ފަރާތްތަކުން ތައްޔާރުކުރާ އުފެއްދުންތައް އަދި ޚިދުމަތްތަކުގައި ނުކުޅެދޭމީހުންނަށް ވެސް ބޭނުން ކުރެވޭގޮތައް ހެދުން
● ޑިޖިޓަލް ލިޓްރަސީ އަދި ސައިބަރ ސެކިއުރިޓީއަށް އާންމުން ހޭލުންތެރިކަން އިތުރުކުރުން
● ސިޔާސަތުތައް ކަނޑައެޅުމާއި ކަންކަން ނިންމުމުގައި ޒުވާނުން ދެކޭ ގޮތާއި ޚިޔާލު ހޯދުމާއި ޒުވާނުން ބައިވެރިކުރުން
● އާރޓިފިޝަލް އިންޓެލިޖެންސްގެ އަޚުލާގާއި އެކި ފަރާތްތަކުން މިފަދަ ޓެކްނޮލޮޖީ ބޭނުންކުރުމުގައި ވިސްނަންވީ މުހިންމުކަންކަން
● ސައިބަރ ސެކިއުރިޓީއަށް ސަރުކާރު އަދި ޕްރައިވެޓް ސެކްޓަރ އިން އިސްކަން ދިނުމުގެ މުހިންމުކަމާއި ދެވޭނެ ގޮތްތައް.
● ކައުންސިލްތައް ހިންގުމުގައި ޓެކްނޮލޮޖީ ބޭނުންކުރުމާއި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުން.
● އީޖާދީ އައު ޓެކްނޮލޮޖީތައް ތަޢާރަފް ވަމުން ދާއިރު އެއާއި އެކުގައި އަންނަން ޖެހޭ ޤާނޫނުތަގާއި ސްޓޭންޑަރޑް ތައް އަވަހަށް އެކުލަވާލުމުގެ މުހިންމުކަން
● ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމާއި ޕްރައިވެސީ އަދި ފްރީޑަމް އޮފް ސްޕީޗްގައި ގެންގުޅޭ ހަމަތައް
● ޓެކްނޮލޮޖީ ދާއިރާގައި ކެރިއަރ ގައިޑެންސް ދިނުމާއި ސްކޫލް ކަރިކިއުލަމްގައި ކޮމްޕިއުޓަރ ސައިންސް ހިމެނުން
●މުއައްސަސާތަކުން މަޢުލޫމާތު ޙިއްސާކުރުމުގައި ގެންގުޅޭއުސޫލުތަކައް ޒަމާނާއި އެއްގޮތައް ބަދަލު ގެނައުން، އަދި ޕްރޯއެކްޓިވް ގޮތެއްގައި މުހިންމު މަޢުލޫމާތުތައް އާނމުކޮއް ލިބޭނެހެން ހިއްސާކުރުމަހީ ޚިދުމަތްދޭ ފަރާތްތައް އަދި ލިބިގަންނަ ފަރާތްތަކައްވެސް ފައިދާކުރާނެ ކަމެއްކަމުގައި މުއައްސަސާތަކުން ވިސްނުން އަދި މުއައްސަސާތަކުގައި ބޭނުންވާ ވަސީލްތަތަކާއި، އެޑްމިނިސްޓްރޭޓީވް އަދި ޓެކްނިކަލް ޤާބިލްކަން ނެތުމުގެ ސަބަބުން އޯޕަން ޑޭޓަރ ފަދަ ސިޔާސަތުތައް ތަންފީޒް ކުރުމުގައި ދިމާވެފައިވާ ހުރަސްތައް ނައްތާލުން
● ޓެކްނޮލޮޖީ ދާއިދާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުން އަދިމިދާއިރާއައް ޝައުއުގު އުފެއްދުމާއި އީޖާދު ކުރުމަށް ހިތްވަރުދިނުމުގެ ގޮތުން ސަރުކާރާއި ޕްރައިވެޓް ސެކްޓަރ އިން ކުރާ ހޭދަ އިތުރުކުރުން
●ޓެކްނޮލޮޖީގެ ކުރިއެރުންތަކާއިއެއް ބާރުމިނުގައި ބަދަލުތައް ގެނެވޭނެ ތައުލީމީ މަންހަޖު އަދި އޮނިގަނޑުތަކަށް ބަދަލުގެނެވޭނެ އިންތިޒާމެއް އޮތުން.
މި ފޯރަމްގައި ދިރާގު، އުރީދޫ މޯލްޑިވްސް، އޮކްސިކާ، ޖަވާބު ޕްރައިވެޓް ލިމިޓެޑް، އެސޯސިއއޭޝަން ފޯރ ޑިމޮކްރެސީ އިންދަ މޯލްޑިވްސް، ބްލައިންޑް އެންޑް ވިޝުައަލީ އިމްޕެއަރޑް އެސޯސިއޭޝަން، ވިމެން އިން ފުވައްމުލައް، ވިމެން އިން ޓެކް މޯލްޑިވްސް، ނޫނު އަތޮޅު ކައުންސިލް، އެން.ސީ.އައި.ޓީ، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އަދި މިނިސްޓްރީ އޮފް ޖެންޑަރ އިން ސެޝަންތަކުގައި މައުލޫމާތު ހިއްސާކުރިއެވެ.
ބައެއް ސެޝަންތަކުގެ އުސްއަލިތައް
ދިރާގުގެ ސީ.ޓީ.އައި.އޯ މުހައްމަދު މުއްސަދު އަދި ދިރާގުގެ ސީ.ޓީ.އައި.އޯ އަދި އޫރީދޫ މޯލްޑިވްސްގެ ސީޓީއޯ ބައްސާމް އަލް-މޮމާނީ މިފޯރަމްގެގެ ޚާއްސަ ސެޝަންއެއްގައި ބައިވެރިވިއެވެ. މިބޭފުޅުންނާއި ފޯރަމްގެ ބައިވެރިން އަދި އާންމު ފަރާތްތަކުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވިއެވެ.
އިންޓަރނެޓް ގަވަރނެންސް ގައި ޕާރލިމެންޓޭރިއަންގެ ދައުރާއި ގުޅޭގޮތުން ޕެނަލް ޑިސްކަޝަންއެއްގައި ދިއްގަރު ދާއިރާގެ މެމްބަރ އިކްރާމް އަހުމަދުއާއި މަނަދޫދާއިރާގެ މެމްބަރު ހާރޫން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ދިވެހިރާއްޖޭގައި އިންޓަރނެޓްގެ ކުރިމަގާއި ގުޅޭގޮތުން ކުރިޔަށް ގެންދެވުނު މަޝްވަރާގައި ޓެކްނޮލޮޖީ ކޮމިއުނިޓީ, ޖަމްއިއްޔާތައް, އެކަޑަމިކް ދާއިރާއިން ފަރާތްތަކާއިއެކު ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް ގެ ފާރާތުން ބައިވެރިވެ ދިމާވާ ގޮންޖެހުންތަކާއި ރާއްޖެއިން ކުރަން އޮތްކަންކަމުގެ މައްޗަށް ވާހަކަ ދެއްކެވިއެވެ.
މި ފޯރަމްގައި ޒުވާނުންނަށް ޚާއްސަ ކުރެވުނު މަޝްވަރާތަކުގައި އިންޓަރނެޓް ގަވަރނެންސް ކުރިއެރުވުމުގައި ޒުވާނުންގެ ދައުރު އަދި ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތްތައް ކިޔައިދިނެވެ.
މި ފޯރަމްގައި މަޝްވަރާ ކޮށްފައިވާ މައިގަނޑު ކަންކަމަކީ
ޑިޖިޓަލް ޑިވައިޑް ކުޑަކުރުން،ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމާއި ފްރީޑަމް އޮފް އެކްސްޕްރެޝަން،ޑޭޓާ އަދި މައުލޫމާތު ބެލެހެއްޓުމާއި ގެންގުޅުން ހަރުދަނާކުރުން،އީޖާދީ އައު ޓެކްނޮލޮޖީތައް،ޑިޖިޓަލް އިކޮނޮމީއެއް ބިނާ ކުރުމަށް ޖާގަދިނުން، ސައިބަރ ވެށީގެ ރައްކާތެރިކަމާއި ރެސިލިއެންސް
މި ފޯރަމްގެ ސެޝަންތަކުގެ ލައިވްސްޓްރީމް:
1. ހުޅުވުގެ ރަސްމިއްޔާތު އަދި ފުރަތަމަ ދުވަހުގެ ސެޝަން
2. ދެވަނަ ދުވަހުގެ އޮޑިޓޯރިއަމް ސެޝަން
3. ދެވަނަ ދުވަހުގެ ސެމިނަރ ރޫމް ސެޝަން
އައިޖީއެފްގެ އަސާސީ މަގުސަދަކީ އިންޓަނެޓް ގަވަރނަންސްއާ ބެހޭ ގޮތުން އެކި ފަންތީގެ މީހުންގެ މެދުގައި މަޝްވަރާ ކުރުމާއި، ބެސްޓްޕްރެކްޓިސް ހިއްސާކުރުން، ޚިޔާލު ހޯދުމުގެ އިތުރުން، ބިނާކުރަނިވި މަޝްވަރާތަކަށް މަގުހުޅުވާލުމެވެ. އަދި ޑިޖިޓަލް ދުނިޔޭގައި އުފެދިފައިވާ މައްސަލަތަކަށް އެއްބާރުލުން ދިނުމާއި ހޭލުންތެރިކަން އިތުރުކުރުމުގައި އައިޖީއެފް އަކީ ދުނީޔޭގެ އެހެން ޤައުމުތަކުގައިވެސް މުހިންމު ދައުރެއް އަދާކުރާ ޕްލެޓްފޯމްއެކެވެ.
އިންޓަނެޓްގެ ގަވަރނަންސް ފޯރަމް (އައިޖީއެފް) އަކީ އިންޓަނެޓްގެ ގަވަރނަންސް އާއި ގުޅޭ މައްސަލަތަކުގައި މަޝްވަރާތަކާއި ސިޔާސަތު ކަނޑައެޅުމަށް މަގުފަހިކޮށްދޭ ގްލޯބަލް ޕްލެޓްފޯމެކެވެ. 2006 ވަނަ އަހަރުން ފެށިގެން ޔުނައިޓެޑް ނޭޝަންސް އިން އިސްނަގައިގެން، ދުނިޔޭގެ އެކި ގައުމުތަކުގައި މި ފޯރަމް ބާއްވައެވެ. އެކި ގައުމުތަކުގައި މި ފޯރަމް ބާއްވަނީ ގްލޯބަލް އިންޓަރނެޓް ގަވަރނެންސް ފޯރަމްގެ އިރުޝާދުގެ ދަށުން އެގައުމަކަށް ޚާއްސަ އެކި ދާއިރާތައް ހިމެނޭހެން އެކުލަވާލެވޭ ޓީމަކުންނެވެ.
މިއުސޫލުން ރާއްޖޭގައިވެސް މިފޯރަމް ބިނާކުރެވިފައިވަނީ ދިވެހިރާއްޖޭގެ ތަފާތު ދާއިރާތައް ތަމްސީލުކުރާ ފަރާތްތައް ހިމެނޭ އެކްޒެކެޓިވް ކޮމިޓީއަކާއި، އެޑްވައިޒަރީ ކޮމިޓީއަކުން އިސްނަގައިގެންނެވެ. އައިޖީއެފް އަކީ ސަރުކާރު، މަދަނީ ޖަމިއްޔާތަކާއި، އަމިއްލަ ފަރާތްތަކާއި، ފަންނީ މުޖުތަމަޢާއި، ޢިލްމީ ދާއިރާގެ އެކިއެކި ސްޓޭކްހޯލްޑަރުންގެ ބައިވެރިވުމާއިއެކު މަލްޓިސްޓޭކްހޯލްޑަރ ފޯރަމެއްގެ ގޮތުގައި ހިންގާ ފޯރަމެކެވެ.
އިތުރަށް ކިޔާލުމަށް:
ދިވެހިރާއްޖޭގެ ފުރަތަމަ އިންޓަރނެޓް ގަވަރނަންސް ފޯރަމް ބާއްވަނީ
ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވައި މިދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް އަންގައިދީ ހޭލުންތެރިކުރުވައި، އީޖާދީ އުފެއްދުންތައް އިތުރުކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް