މެޝިން ލަރނިންގއަށް ނަޒަރެއް

ހިންދު ޢަލީ 22 ޖޫން 2023

އާންމުކޮށް ކޮމްޕިޔުޓަރ ޕްރޮގްރާމްއެއް އުފެއްދުމޭ ބުނުމުގެ މާނައަކީ ވަކި ހާއްސަކަމެއް ކުރުމަށް ކޮމްޕިޔުޓަރަކަށް އިރުޝާދު ދިނުމެވެ. ކޮމްޕިޔުޓަރ ޕްރޮގްރާމެއް ކުރަން ކަނޑައެޅިފައިވާ ކޮންމެ ކަމަކަށް ވަކި ވަކިން ކޯޑު ލިޔެ އިރުޝާދު ދޭންޖެހެއެވެ. މިއީ އާންމުކޮށް ޕްރޮގްރާމެއް އުފެއްދުމަށް ހަދަން ޖެހޭ ގޮތެވެ.

މިސާލަކަށް ކޮމްޕިޔުޓަރު ނުވަތަ ފޯނުގައި ހިމެނޭ ކަލްކިއުލޭޓަރ ޕްރޮގްރާމަށް ވިސްނާލަމާތޯއެވެ. ދެ ނަންބަރެއް އެއްކޮށްލުން ފަދަ އެންމެ އާދައިގެ ކަލްކިއުލޭޝަން ހެދުމަށް ބޭނުންވާ + ނިޝާން ބޭނުން ކުރުމަށްވެސް އެޕްލިކޭޝަން އުފައްދާ ޑިވެލޮޕަރުން ކޯޑު ލިޔާނެއެވެ. ނަންބަރަކަށް ފިތާ، + ނިޝާނަށް ފިތާފައި ދެވަނަ ނަންބަރަށް ފިތާ ހިސާބުން ކޯޑުގައިވާ އިރުޝާދާއެއް ގޮތަށް މަސައްކަތްކޮށް ނިންމާފައި ކަލްކިއުލޭޓަރުން ޖަވާބު ދައްކާލައެވެ.

މިއީ އާދައިގެ ޕްރޮގްރާމިންގ މަސައްކަތް ކުރާ ގޮތެވެ. ބޭނުންވާ ކޮންމެ ކަމަކަށް ވަކި ވަކިން އިރުޝާދު ލިޔަންޖެހެއެވެ. ކޮންމެ ސްޓެޕެއް ވަކިވަކިންނެވެ. އަދި ބޭނުންވާ ކަމެއްކޮށް ނިމި ނަތީޖާ ލިބޭނީ ދިން އިރުޝާދުގެ ހުރިހާ ސްޓެޕެއް ނިމުނީމައެވެ. އެއީ ރެސިޕީއެއް ބަލައިގެން އެއްޗެއް ކެއްކުން ފަދަ ކަމެކެވެ. ބޭނުންވާ ނަތީޖާ ލިބޭނީ ރެސިޕީގެ ހުރިހާ ސްޓެޕެއް ރަނގަޅަށް ނިމުނީމައެވެ.

މިއާއި ހިލާފަށް މެޝިން ލަރނިންގ އަކީ ކޮންމެ ކަމެއް ކުރަން ބޭނުންވާ ހުރިހާ އިރުޝާދު ވަކި ވަކިން ނުދީ، ކޮމްޕިޔުޓަރު (ނުވަތަ މެޝިން) އަމިއްލައަށް ކަންތައް ކުރަންވާ ގޮތް ދަސްކުރުމަށް ފުރުސަތުދޭ ބާވަތުގެ ޕްރޮގްރާމިންގއެކެވެ. މެޝިން ލަރނިންގގައި އަަހަރުމެން ކޮމްޕިޔުޓަރަށް ދައްކަނީ މިސާލުތަކެކެވެ. މިސާލުތަކަށް ބަލާ ކޮމްޕިޔުޓަރު އަމިއްލައަށް "ވިސްނަނީ" އެވެ.

މިސާލަކަށް އެކި އެކި ޖަނަވާރުގެ ފޮޓޯ ދައްކާފައި އެއަށް ކިޔާ ނަން މެޝިނަށް ބުނެދެނީއެވެ. ދެން ވަކި ވަކި ފޮޓޯ ދެއްކީމާ ކޮމްޕިޔުޓަރ އަމިއްލައަށް އެއީ ކޮން ވައްތަރެއްގެ ޖަނަވާރެއްތޯ ދެނެގަންނަނީއެވެ. ގިނަ މިސާލުތައް ދެއްކި ވަރަކަށް ކޮމްޕިޔުޓަރ ބޮޑަށް ތޫނުފިލިވެއެވެ. މިސާލުތަކުން ދަސްވާވަރަކަށް ކަންކަން ކުރުމަށް މޮޅުވެގެންދެއެވެ. އަދި ދަސްވެފައިވާ އެއްޗަކަށް ބަލައި ކަންކަން ލަފާކޮށް ނުވަތަ ނިންމުންތައް ނިންމައެވެ.

މެޝިން ލާނިން ބިނާވެފައިވަނީ ކޮމްޕިޔުޓަރ ސިސްޓަމަކަށް ހުރިހާ އިރުޝާދު ވަކިން ނުދީ މަސައްކަތެއް ކުރަން ދަސްކޮށްދެވޭނެ ވިސްނުމުގެ މައްޗަށެވެ. މިހާރަކަށް އައިސް ވަރަށް ގިނަ ދާއިރާތަކުގެ ގިނަ އެޕްލިކޭޝަންތަކެއް ތައްޔާރު ކުރެވިފައިވަނީ މެޝިން ލަރނިންގ ބޭނުންކޮށްގެންނެވެ. މީގެ ތެރޭގައި މާލީ ދާއިރާ، ސިއްހީ ދާއިރާ، އަދި ދަތުރުފަތުރުގެ ދާއިރާގެ އެކިއެކި އެޕްލިކޭޝަން ހިމެނެއެވެ. ވަރަށް ގިނަ އަދަދުން ޑޭޓާ އާއި މައުލޫމާތު ޖަމާކޮށް، އެޑޭޓާ ބޭނުންކޮށްގެން އޮޓޮމެޓިކުން ނިންމުންތައް ނިންމަން ނުވަތަ ކަންކަން ލަފާކުރުން ބޭނުންކުރާ އެޕްލިކޭޝަންތަކުގައި މެޝިން ލަރިނިންގ ވަރަށް ގިނައިން ބޭނުންކުރެވެއެވެ.

މެޝިން ލަރނިންގ އަކީ މިހާރު ވަރަށް ބާރުގަދަ ޓޫލަކަށް ވަނީ ވެފައެވެ. މި ޓެކްނޮލޮޖީއަކީ ފޮޓޯއާއި، ޓެކްޓާއި އަޑު ފަދަ ގިނަ ބާވަތް ބާވަތުގެ ޑޭޓާ އިން ވަރަށް ގިނަ އެކިއެކި މައްސަލަތައް ހައްލުކުރެވޭ ޓެކްނޮލޮޖީއަކަށް މިހާރު ވަނީވެފައެވެ.


މެޝިން ލަރނިންގ ކޮންސެޕްޓް އެންމެ ފުރަތަމަ ތައާރަފް ވެފައިވަނީ 1950-1960 ހިސާބުން ފެށިގެންނެވެ. ޑޭޓާގެ މައްޗަށް ބިނާކޮށް އަމިއްލައަށް ދަސްކޮށް އަމިއްލަ ނިންމުންތައް ނިންމާފަދަ މެޝިން އުފެއްދުމުގެ ހިޔާލު ފުރަތަމަ ގެނެސްފައިވަނީ އަރތަރ ސެމުއެލް އާއި ފްރޭންކް ރޯސެންބްލެޓް ފަދަ ސައިންޓިސްޓުންނެވެ.

1956 ގައި އަރތަރ ސެމުއެލް އުފެއްދި ޗެކަރސް ކުޅޭ ޕްރޮގްރާމަކީ މިގޮތަށް މެޝިން ލަރނިންގ ބޭނުން ކުރެވުނު ފުރަތަަމަ ޕްރޮގްރާމެވެ. އެއީ ޗެކަރސް މެޗުތަށް ކުޅެމުން، އެމެޗުތަކުގެ ޑޭޓާ ބޭނުންކޮށްގެން އިތުރަށް ދަސްކުރެވޭގޮތަށް ތައްޔާރުކުރި ޕްރޮގްރާމެކެވެ.

އަދި 1957 ގައި ފްރޭންކް ރޯސެންބްލެޓް ތައްޔާރުކުރި ޕަރސެޕްޓްރޯންއަކީ މެޝިން ލަރނިންގ ބޭނުންކުރެވުނު ފާހަގަކުރެވޭ މަސައްކަތެކެވެ. މިއީ ވެސް މިސާލުތަކެއް ދިނުމުން ދަސްކޮށް އިންސާނެއްގެ ސިކުނޑި މަސައްކަތް ކުރާ ފަދައިން ޖަވާބު ލަފާކުރާގޮތަށް މޮޑެލް ކުރެވުނު ޕްރޮގްރާމެކެވެ.

އޭގެ ފަހުން މެޝިން ލަރނިން ވަނީ އެލްގޮރިދަމްތަކާއި މޮޑެލްތައް ބޭނުންކޮށްގެން އެތަކެއް ގޮތަކަށް ބަދަލުވެ ކުރިއަރާފައެވެ. މިދާއިރާ މަޝްހޫރުވެ ކުރިއަރާފައިވަނީ ޕްރޮސެނިންގ ކެޕޭސިޓީ މަތި ކޮމްޕިޔުޓަރ އުފެއްދި، ބޮޑެތި ޑޭޓާސެޓްތައް ތައާރަފްވި ހިސާބުން 2000 ގެ އަހަރު ތަކުގައެވެ.

މެޝިން ލަރނިންއަކީ އާޓިފިޝަލް އިންޓެލިޖެންސްގެ ބާވަތެކެވެ. މެޝިން ލަރނިންގ ޕްރޮގްރާމްތަކުގައި އުފައްދަނީ އަލްގޮރިދަމްތަކާއި މޮޑެލްތަކެވެ. ދެން މިމޮޑެލްތަކަށް ބޭނުންވާ ޑޭޓާ އާއި މައުލޫމާތުގެ ފީޑްކުރަނީއެވެ. އިންސާނުން ވެސް ކުރާ އެކި ކަންތައްތަކުން އެތަށް ތަޖުރިބާތަކެއްކޮށް ދަސްކުރާ ފަދައިން ކޮމްޕިޔުޓަރުވެސް މިޑޭޓާތަކުން ތަޖުރިބާ ލިބިގަނެ ދަސްކުރަނީއެވެ. ޑޭޓާގައި ހުރި އެއްގޮތަކަމާއި ތަފާތުތަކާއި އެކަތި އަނެއްކަޗާއި ގުޅޭގޮތް ކޮމްޕިޔުޓަރ ދަސްކުރަނީއެވެ.

މިގޮތަށް ދަސްކުރުމުގެ އެކި ބާވަތުގެ މޮޑެލް ހިމެނެއެވެ.

ސުޕަވައިސްކޮށްގެން ދަސްކުރާ މޮޑެލް - މިބާވަތުގައި މޮޑެލްއަށް ދަސްކޮށްދެނީ ލޭބަލްކޮށްފައިވާ ޑޭޓާ ބޭނުންކޮށްގެނެވެ. މިގޮތަށް ބޭނުން ކުރާ ކޮންމެ ޑޭޓާއަކަށް ނަމެއް ދީފައިވާނެއެވެ. މީގެ މިސާލަކީ ޖަނަވާރުގެ ފޮޓޯއާއި އެއަށް ކިޔާ ނަންތަކާއެކީގައި ހިމެނޭ ޑޭޓާއެވެ. މިފަދަ ޕްރޮގްރާމަކަށް އައު ފޮޓޯއެއް ދިނުމުން ކުރިން ދަސްކުރަން ބޭނުންކުރި ޑޭޓާއަށް ބިނާކޮށް ފޮޓޯގައި ހިމެނޭ އެއްޗެއްގެ ނަމެއް ލަފާކުރަނީއެވެ.

ސުޕަވައިސްނުކޮށް ދަސްކުރާ މޮޑެލް - މިބާވަތުގެ މޮޑެލްއަށް ދަސްކޮށްދޭނީ ލޭބަލް ނުކުރާ ޑޭޓާ ބޭނުންކޮށްގެންނެވެ. މިސާލަކަށް ހުސް ޖަނަވާރުގެ ފޮޓޯތައް، އެހެންނަމަވެސް އެތަކެތީގެ ނަން ނުހިމަނާނެއެވެ. މިފަދަ ޕްރޮގްރާމަކުން ދަސްކުރި ޑޭޓާތަކުން އެއްގޮތް ކަންތައްތަކާއި ތަފާތު ކަންތައްތަކަށް ބިނާކޮށް އެކިގޮތްގޮތަށް ގްރޫޕްކުރާނީއެވެ. މިސާލަކަށް ދޫނިތައް، ކަންފަތް ހުރި ޖަނަވާރު، މިފަދަ ގޮތްގޮތުން ޕެޓަރންތަކެއް ދެނެގަންނާނީއެވެ. ދެން އެއަށްފަހު އައު ފޮޓޮއެއް ދެއްކުމުން އެޕެޓަރން ބޭނުންކޮށްގެން އެއްގޮތް އެއްޗެހިތަކެއް ހޯދާނީއެވެ.

ރީއެންފޯސްކޮށް ދަސްކުރާ މޮޑެލް - މިފަދަ މޮޑެލްތަކުގައި ދަސްކޮށްދެނީ ޕޮސިޓިވް ނުވަތަ ނެގަޓިވް ނަތީޖާއަށް ބިނާކޮށެވެ. މިފަދަ މޮޑެލްއަކަށް ފުރަތަމަ ރަނގަޅު ނަތީޖާއަކީ އަދި ނުރަނގަޅު ނަތީޖާއަކީ ކޮބާކަމެއް ނޭގެއެވެ. އެހެން ނަމަވެސް ޕްރޮގްރާމުން ކަނޑައެޅިފައިވާ ގޮތަށް މަސައްކަތް ނިންމާލާފައި ކޮންމެވެސް ނަތީޖާއެއް ދިނުމުން ފީޑްބެކްގޮތުގައި ނަތީޖާ ރަނގަޅުތޯ ނުވަތަ ނޫންތޯ ބުނެދެނީއެވެ. މިފަދަ މޮޑެލް ދަސްކުރަނީ މިފީޑްބެކް ޑޭޓާ ބޭނުން ކޮށްގެންނެވެ. އަދި ގިނައިން ފީޑްބެކް ލިބޭވަރަކުން އިތުރަށް ދަސްކޮށް އެންމެ ރަނގަޅު ނަތީޖާއެއް ނެރެއެވެ.


މެޝިން ލަރނިންގެ މުހިއްމު 5 ސިފަ

މެޝިން ލާނިން އަކީ ފާއިތުވި އަހަރުތަކުގައި ޓެކްނޮލޮޖީ ދާއިރާގެ އެންމެ މުހިންމު އެއް ކުރިއެރުމަށް ވެފައިވާއިރު، ވަރަށް ގިނަ ސިނާއަތްތަކާއި އެޕްލިކޭޝަންތަށް ވަނީ މެޝިން ލަރނިންގގެ ސަބަބުން ކުރިއަރާފައެވެ. މެޝިންލަރނިންގެ އެންމެ މުހިއްމު 5 ސިފައަކީ

ކުރިއަށް ލަފާކުރުން - މެޝިން ލަރނިންގ މޮޑެލްތަކުގައި ޑޭޓާ ބޭނުންކޮށްގެން ކުރިއަށް ވާންހުރި ކަންތައްތައް ލަފާކުރެވެއެވެ. މީގެ އެންމެ ރަނގަޅު އެއް މިސާލަކީ މޫސުމް ލަފާކުރުމެވެ. މޫސުމާ ބެހޭ އެކިއެކި މައުލޫމާތަށް ބިނާކޮށް މޫސުމް ލަފާކުރަން މިފަދަ މޮޑެލް ބޭނުންކުރެއެވެ.

މަސައްކަތް އޮޓޮމޭޓްކުރުން - މެޝިން ލަރނިން މޮޑެލްތައް ބޭނުންކޮށްގެން ޑޭޓާގައި ހުރި އެއްގޮތްކަންކަން ދެނެގަތުން އޮޓޮމޭޓްކުރެވެއެވެ. އިންސާނަކަށް ކުރެވޭވަރަށް ވުރެ އަވަސްކޮށް ގިނަ ޑޭޓާތަކެއް އެނަލައިޒްކޮށް ޕެޓަރންތައް ދެނެގަނެވެއެވެ.

ސްކޭލްކުރުން - މެޝިން ލަރނިންގ ޕްރޮގްރާމްތަކަކީ މާސިންގާ ބޮޑެތި ޑޭޓާސެޓް އެނަލައިކުރަން އެންމެ އެކަށީގެންވާ ޕްރޮގްރާމްތަކެވެ. މީގެ ސަބަބުން ކުންފުނިތަކުގެ ޑޭޓާސެޓް އަހަރުން އަހަރަށް ބޮޑު ވަމުންދާ ވަރަކަށް ބިޒްނަސް ފުޅާކުރުމަށް ބޭނުންވާ ނިންމުންތައް، ޑޭޓާއަށް ބިނާކޮށް ނިންމުމަށް މެޝިން ލަރނިންގ ބޭނުންކުރެވެއެވެ.

ޖެނެރަލައިޒްކުރުން - މެޝިން ލަރނިންގ އެލްގޮރިދަމްތަކުން ޑޭޓާގައި ހިމެނޭ އެއްގޮތްކަން ވަރަށް ފަސޭހައިން ދެނެގަނެވެއެވެ. ކުރިން ޓްރެއިން ކުރި މޮޑެލްގައި ބޭނުންކުރި ޑޭޓާއާއި އެއްގޮތަކަށްވެސް ގުޅުމެއް ނެތް ނަމަވެސް ކުރިން ބޭނުންކުރި މޮޑެލްއެއް ބޭނުންކޮށްގެން އަލަށް އެއްކުރެވޭ ޑޭޓާތަކެއް އެނަލައިޒްކޮށް އޭގެން ޕެޓަރން ދެނެގަނެވެއެވެ.

އެޑެޕްޓްކުރުން - އައު ޑޭޓާ ލިބޭ ވަރަކުން މެޝިން ލަރނިންގ މޮޑެލްތައް އަބަދުވެސް ބަދަލުކޮށް އެޑެޕްޓްކުރެއެވެ. މިކަމުގެ ސަބަބުން އެލްގޮރިދަމްތަކުން ލިބޭ ނަތީޖާ ދުވަހެއް ދުވަހަކަށް ރަނގަޅުކޮށް މޮޑެލްގެ ޕަރފޯމަންސް ވަރުގަދަ ކުރެވެއެވެ.


މެޝިން ލަރނިންގ މުސްތަގްބަލު

ކުރިއަށް އުފައްދަން ހުރި ކޮމްޕިޔުޓަރުގެ ޕްރޮސެސިންގ ބާރު އިތުރުވާ ވަރަކުން އަދި އެކިއެކި ބޭނުމުގައި އެއްކުރެވޭ ޑޭޓާސެޓްތައް އިތުރުވާ ވަރަކުން މެޝިން ލަރނިންގގެ މުސްތަގްބަލު އޮތީ ހަމަ ކުރިއަށެވެ.

މިޓެކްނޮލޮޖީގައި ކުރިއަށް އަންނާނެ ކަމަށް ލަފާކުރާ ބައެއް ޓްރެންޑަތަކަކީ،

އޮޓޮމޭޝަން މިހާރަށް ވުރެ އިތުރުކުރެވުން - މީގެ މާނައަކީ މިހާރަށް ވުރެވެސް ގިނަ އެކިއެކި ކަންތައްތައް މެޝިން ލަރނިންގ ބޭނުންކޮށްގެން އޮޓޮމޭޓްކުރެވޭނެކަމެވެ.

އިތުރަށް ޕަރސަނަލައިޒްޑް ތަޖުރިބާކުރުން - ކޮންމެ މީހެއްގެ އިހްތިޔާރަށް އަދި ތަޖުރިބާއަށް ބިނާކޮށް ނަތީޖާ ނެރުމުގެ ގާބިލިއްޔަތު ހުރި އެލްގޮރިދަމްތަކާއި މޮޑެލްތައް މުސްތަގުބަލުގައި ފެންނާނެއެވެ.

ލަފާކުރުމާއި ނަތީޖާ ނެރުމުގެ ބާރު އިތުރަށް ރަނގަޅުވުން - މެޝިން ލަރނިންގ އެލްގޮރިދަމްތައް ތަރައްގީ ވާވަރަކަށް އޭގެން ނަތީޖާ ނެރުމާއި ލަފާކުރުމުގެ ގާބިލިއްޔަތު އިތުރަށް ރަނގަޅުވާނެއެވެ. އަދި މިކަމުގެ ސަބަބުން ވިޔަފާރިތަކަށް ފައިދާހުރި ނިންމުންތައް ނިންމަން ފަސޭހަވާނެއެވެ.

އޭއައިގެ ބޭނުންކުރުމުގެ އަހްލާގީ މިންގަނޑު ރަނގަޅުވުން - މެޝިން ލަރނިންގ ޕްރޮގްރާމްތައް އާންމު ވާވަރަކުން މިފަދަ ޓެކްނޮލޮޖީ ޒިންމާދާރު ގޮތުގައި ބޭނުންކުރުން ރަނގަޅު ކުރެވޭނެއެވެ. އަދި ޑޭޓާ އެނަލައިޒްކުރުމުގައި ހުރި ވަކި ފަރާތަކަށް ޖެހުން (ބައެސް) ކުޑަ ކުރެވި، މައުލޫމާތުގެ ރައްކާތެރިކަން އިތުރުކުރެވޭނެއެވެ.

އިތުރު ދާއިރާތަކުގައި މެޝިން ލަރނިންގ ބޭނުންކުރުން - މުސްތަގްބަލުގައި މިހާރު މެޝިން ލަނިންގ ބޭނުންނުކުރާ ދާއިރާތަކުގައި ބޭނުންކުރެވޭނެކަމަށް ލަފާކުރެވެއެވެ. އަދި ގިނަ ދާއިރާތައް ގުޅުވާލުމަށް މިޓެކްނޮލޮޖީ ބޭނުންކުރެވި ދާއިރާތައް ކުރިއެރުވޭނެއެވެ. މިގޮތުން ނިއުރޯސައިންސް އަދި ބައޮލޮޖީ ދާއިރާގެ އައު ހޯދުންތަކަާއި ކުރިއެރުންތައް ހޯދުމަށް ބޭނުންކުރެވޭނެ ކަމަށް ބެލެވެއެވެ.

ކޮންމެއަކަސް މެޝިން ލަރނިންގގެ މުސްތަގްބަލް ފެންނަނީ ވަރަށް އުންމީދީ ގޮތަކަށެވެ. އަދި ގިނަ ދާއިރާތަކެއް މެޝިން ލަރނިންގ އެޕލްިކޭޝަންތަކުން އިތުރަށް ކުރިއަރާނެކަމަށް ލަފާކުރެވެއެވެ.

އިތުރަށް ކިޔާލުމަށް

މެޝިނަކަށް ވިސްނޭނެތަ؟


ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.