ލީން ސްޓާޓްއަޕް މޯލްޑިވްސް ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފި

ސައިބަރޓެގް 23 ޖުލައި 2023

ދިރާގާއި ސްޕާކްހަބް އިން ކުރިއަށްގެންދިޔަ ލީން ސްޓާޓްއަޕް މޯލްޑިވްސް 2023 ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ހަރަކާތުގައި ރާއްޖޭގައި އިނޮވޭޝަނާއި ވިޔަފާރިކުރިއެރުވުމަށް ޓަކައި ލީން މެތަޑޮލޮޖީތައް ބޭނުންކުރާނެގޮތް ދަސްކުރުމަށް ޝައުގުވެރިވި 50 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

މި ވޯކްޝޮޕްގެ ބައިވެރިން ވަނީ ލީން މެތަޑޮލޮޖީގެ އުޞޫލުތައް އެމީހުންގެ މަސައްކަތުގެ އެކި ޕްރޮސެސްތަކާއި ސްޓާޓްއަޕްތަކަށް އެޕްލައި ކުރެވިދާނެ ގޮތުގެ އިލްމާއި ހުނަރު ހޯދާފައެވެ. މި ހަރަކާތުގެ ސަބަބުން ކަސްޓަމަރ ވެލިޑޭޝަން އާއި އެކްސްޕެރިމެންޓޭޝަން ގެ ޒަރިއްޔާއިން ބައިވެރިންގެ ޚިޔާލުތައް ދެނެގަތުމުގެ ތަފާތު ޕްލެޓްފޯމެއް ލިބިގެން ދިޔައިރު،އައިޓަރޭޓިވް ޑިވެލޮޕްމަންޓާއި ރެޕިޑް ޕްރޮޓޮޓައިޕިންގެ މުހިންމުކަން ދެނެގަނެވުނެވެ. މީގެ އިތުރުން ބައިވެރިންނަށް ޒަމާނީ ވަސީލަތްތަކާއި، އުސޫލުތައް ތައާރަފްކޮށް، ޕްރޮޓޯޓައިޕްތައް ހަލުވިކަމާއެކު ހަދާނެގޮތުގެ މަޢުލޫމާތު ފޯރުކޮށްދެވުނެވެ.

ލީން ސްޓާޓްއަޕް މޯލްޑިވްސް އަކީ ބައިވެރިންނަށް ވަރަށް ފޯރިގަދަ، އަދި ބޭނުންތެރި ތަޖުރިބާއަކަށް ވެގެން ދިޔަ އެވެ. ޓީމްތަކުގައި މަސައްކަތްކުރަމުން ދިޔަ ބައިވެރިންނަށް ތަފާތު އެކްސްޕެރިމެންޓޭޝަން ޓެކްނިކްތައް މެދުވެރިކޮށް އެމީހުންގެ ޚިޔާލުތައް ޓެސްޓްކޮށް ރިފައިން ކުރާނެ ގޮތުގެ މައުލޫމާތާއި އަމަލީ ތަޖުރިބާ ލިބުނެވެ. މީގެ އިތުރުން، ޕްރޮޑަކްޓްތަކާއި ޚިދުމަތްތައް ފަރުމާކުރެވިފައިވަނީ ބޭނުންކުރާ މީހުންނަށް ވިސްނައިގެންކަން ކަށަވަރުކުރުމަށް ކަސްޓަމަރުންގެ މުޢާމަލާތްތައް ހަރުދަނާގޮތެއްގައި ކުރިއަށް ގެންދިއުމުގެ މުހިންމު ހަރަކާތްތައްވެސް މި ޕްރޮގްރާމްގައި ކުރިޔަށް ގެންދެވުނެވެ.

ސްޕާކްހަބްގެ ޗީފް އޮޕަރޭޝަންސް އޮފިސަރު އައިޝަތު އަދުނާން ވިދާޅުވީ ލީން ސްޓާޓްއަޕް މޯލްޑިވްސް ވޯކްޝޮޕްގައި ލިބުނު ބޮޑު ތަރުހީބާއި ފާހަގަކޮށްލެވޭ ކުރިއެރުމެއް ފެނުމުން ވަރަށް އުފާވާ ކަމަށެވެ. "އަޅުގަނޑުމެންގެ އަމާޒަކީ އަބަދުވެސް ރާއްޖޭގައި އިނޮވޭޝަނާއި ސްޓާޓްއަޕް ކުރިއަރުވާ މާހައުލެއް ގާއިމުކުރުން. ބައިވެރިންގެ ފުރިހަމަ ޝައުގުވެރިކަން ފެނުމުން، ހަރުދަނާ ސްޓާޓްއަޕް އިކޯސިސްޓަމެއް އުފެއްދުމަށް ކުރާ މަސައްކަތުގެ މުހިންމުކަން ކަށަވަރުވެގެން ދެއެވެ."

"ވިޔަފާރީގެ ހުނަރު ތަރައްގީކުރުމަށް ހިއްވަރުދީ، ސްޓާޓްއަޕް ސަގާފަތް ބާރުވެރިކުރުވުމަށް އަޅުގަނޑުމެން އަބަދުވެސް އެއްބާރުލުން ދެމުން ދާނަން. އަޅުގަނޑުމެން އުންމީދު ކުރަނީ، ލީން ސްޓާޓްއަޕް މޯލްޑިވްސްގެ ބައިވެރިން ޕްރޮގްރާމުން ދަސްވި ކަންކަން، ކުރިއަށް އޮތް ތަނުގައި ސްޓާޓަޕްތަކާއި ވިޔަފާރިތަކުގައި ބޭނުންކުރަމުންގެންދާނެކަމަށް. އަޅުގަނޑުމެން މިތިބީ ތިޔަބޭފުޅުންނަށް އެއްބާރުލުން ދޭން"- ދިރާގު ސީސީއޯ އަލީ ރިޔާޒު ވިދާޅުވިއެވެ.

ލީން ސްޓާޓްއަޕް މޯލްޑިވްސް ވޯކްޝޮޕްގެ ބައިވެރިން ވަނީ މި ހަރަކާތުގެ ސަބަބުން އެކި މަސައްކަތްތަކުގައި އަދި ވިޔަފާރިވެރިކަމުގެ ދަތުރަށް ކުރާނެ ހެޔޮ އަސަރުތަކާ ބެހޭ ގޮތުން ޚިޔާލު ފާޅުކޮށްފައެވެ. މި ޕްރޮގްރާމްގެ ސަބަބުން ޕްރޮޑަކްޓާއި، ހިދުމަތް ފަރުމާކުރުމުގައި، ކަސްޓަމަރުނަށް ޚާއްސަ ވިސްނުމެއް ގެންގުޅުމުގެ މުހިންމުކަމަށް ލޯ ހުޅުވިގެން ދިޔަގޮތްވެސް ވަނީ ހިއްސާކޮށްފައެވެ. ދިރާގާއި ސްޕާކްހަބުން، ވިޔަފާރީގެ ހުނަރުތައް ތަރައްގީކުރުމަށް ހިތްވަރުދިނުމަށާއި ، ސްޓާޓްއަޕް ސަގާފަތެއް ބިނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ.

ސައިބަރޓެގް

ސައިބަރޓެގް

ޓެކްނޮލޮޖީ ދާއިރާގެ މަސައްކަތްތެރިއެއް. ޓެކޮނޮލޮޖީއިން ގެނުވާ ބައިބައިވުން ކުޑަކުރުމަށް މަސައްކަތްކުރަން.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.