ޓްވިޓަރގެ ދޫނި މަރާލާ އެކްސްއަކަށް ބަދަލުކޮށްލަނީ

ހިންދު ޢަލީ 24 ޖުލައި 2023

ޓްވިޓަރގެ ވެރިފަރާތް އަދި ސީޓީއޯ އެލޮން މަސްކް ވަނީ ޓްވިޓާ ޕްލެޓްފޯމްގެ އައިކޮނިކް ޓްރޭޑްމާކް، ނޫކުލައިގެ ދޫނި ލޯގޯގެ ބަދަލުގައި "އެކްސް" އަކުރު ޖަހަން ރާވާފައިވާކަން އިއުލާން ކޮށްފައެވެ. މީގެ އިތުރުން އެކްސް ލޯގޯއެއް ވެސް މިހާރު ވަނީ އާންމުކޮށްފައެވެ. އަދި އެކްސް.ކޮމް ޔޫއާރްއެލް ވެސް މިހާރު ޓްވިޓަރ ޕްލެޓްފޯމަށް ރިޑައިރެކްޓް ވާގޮތަށް ވަނީ ބަދަލުކޮށްފައެވެ.

ކުންފުނި ރީބްރޭންޑް ކުރަން ވިސްނާކަމަށް އެންމެ ފުރަތަމަ އިއުލާނުކުރީ އާދީއްތަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި މަސްކު ކުރި ޓްވީޓެއްގައެވެ. އެޓްވީޓްގައި އޭނާ ބުނެފައިވަނީ ވަރަށް އަވަހަށް ޓްވިޓަރގެ ދޫންޏަށް އަލްވަދާއު ކިޔާ ބްރޭންޑް ބަދަލުކުރާނެ ކަމަށެވެ. އަދި ހަމަ އެއާއި ވިދިގެން ކުރި ޓްރީޓެއްގައި އެކްސްއަށް ލޯގޯއެއް ހޯދުމަށް އެޕްލެޓްފޯމްގައި ހުޅުވާލާ، އެކަށީގެންވާ ލޯގޯއެއް ލިބިއްޖެނަމަ ހޯމަ ދުވަހު އެލޯގޯ ލައިވްކުރާނޭކަމަށް އޭނާ ބުންޏެވެ.

އޭގެ ފަހުން އޭނާ ވަނީ މިބަދަލު ގެންނަން އުޅޭކަމުގެ އިތުރު އެތަށް ވާހަކަތަކެއް އަމިއްލަ ޓްވިޓަރގައާއި އެހެން ފަރާތްތަކުގެ ޓްވީޓްގެ ޖަވާބުގައި ގޮތުގައި ލިޔެފައެވެ. އަދި ޓްވިޓަރ ސްޕޭސް ސެޝަންއެއްގައި ވެސް އޭނާ ވަނީ ޓްވިޓަރ ރީބްރޭންޑް ކުރާކަމަށް ބުނެފައެވެ. އަދި ބިލްޑިންގ ތަކުގައި މިހާރު ހުރި ޓްވިޓަރ ލޯގޯތައް ބްލޯޓޯޗް ބޭނުންކޮށްގެން ފޮހެލާނެކަމަށް ބުނެފައެވެ.

source: https://blog.interactiveschools.com/blog/the-evolution-of-twitter


ހަމަ އާދީއްތަ ދުވަހުގެ ރޭ މަސްކް، ޓްވިޓާގެ މުވައްޒަފުންނަށް ކުންފުނީގެ ލޯގޯ އެކްސްއަށް ބަދަލުވާނެކަމަށް އަންގާ އީމެއިލް އެއްވެސް ފޮނުވާފައިވާކަމަށް ހަބަރު ލިބެއެވެ. އަދި އެއީމެއިލްއަކީ ޓްވިޓަރގެ އީމެއިލް އެޑްރެސްއިން އޭނާ ފޮނުވާނެ އެންމެ ފަހު އީމެއިލްކަމަށް ވަނީ ބުނެފައެވެ. މިމައުލޫމާތު އާންމުކޮށްފައިވަނީ ޕްލެޓްފޯމަރ ނޫހުގެ މެނޭޖިންގ އެޑިޓަރ ލިޔެފައިވާ ތްރެޑް ޕޯސްޓެއްގައެވެ.


މަސްކު ވަނީ އެކްސްގެ އައު ލޯގޯވެސް ޓްވީޓްކޮށްފައެވެ. މިލޯގޯއަކީ މަސްކު ކުރި ޓްވީޓަށް ސޯޔަރ މެރިޓް ކުއޯޓް ޓްވީޓް ކޮށްފައިވާ ލޯގޯއެކެވެ. ޓްވިޓަރގެ ސީއީއޯ ލިންޑާ ޔަކަރީނޯ ވެސް ވަނީ އެލޯގޯ ޝެއަރކޮށްފައެވެ. މަސްކުގެ ޕްރޮފައިލް ފޮޓޯގައި ވެސް މިހާރު އިނީ އެލޯގޯއެވެ.

ލޯގޯއަށް އައި މިބަދަލާއި ގުޅިގެން މަސްކަށް ސަޕޯޓްކުރާ ބައެއް ފަރާތްތަކުން މިއީ ރަނގަޅު ބަދަލެއްކަމަށް ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް ގިނަދުވަސްތަކެއް ވަންދެން މިޕްލެޓްފޯމް ބޭނުންކުރަމުން އަންނަ ބައެއް ފަރާތްތަކުން ދަނީ މިބަދަލަށް ފާޑުކިޔަމުންނެވެ. އަދި ބައެއް ފަރާތްތަކުން ބުނަމުންދަނީ ލޯގޯ ބަދަލުވި ނަމަވެސް އެޕަށް ކިޔާނީ ޓްވިޓަރ ކަމަށެވެ.


ލޯގޯއާއި ޔޫއާރްއެލް ބަދަލުކުރުމަކީ މިދިޔަ އަހަރު މަސްކް އެކުންފުނި ގަތުމަށްފަހު ގެނެވުނު އެންމެ ބޮޑު ބަދަލެވެ. މިއީ މިޕްލެޓްފޯމަށް އިތުރު ބޮޑު ބަދަލުތަކެއް އައުމުގެ އިޝާރާތެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ފަހަރެއްގައި މިއީ މަސްކްގެ ތަސައްވަރު ކުރަމުންދާ ސުޕަރ އެޕްގެ ގޮތުގައި ޓްވިޓަރ ބަދަލުކޮށްލާނެ ކަމުގެ ފެށުންކަމުގައި ވެދާނެއެވެ. މިފަދަ ސުޕަރ އެޕެއްގައި އޮންލައިން ބޭންކިން އިން ފެށިގެން ވީޑިއޯ މެސެޖިން އާއި ހަމައަށް ތަފާތު ފީޗަރސްތައް ހިމެނޭނެކަމަށް އޭނާ ތަސައްވުރުކުރެއެވެ.

މިކަން އިތުރަށް ސަޕޯޓްކުރާ ކަމަކީ ޓްވިޓަރގެ ސީއީއޯ ލިންޑާ ޔަކަރީނޯ ކޮށްފައިވާ ޓްވީޓަގައި "އެކްސްއަކީ ހުރިހާ ކަމެއް ޑިލިވަރ ކުރާނޭ ޕްލެޓްފޯމެއް" ކަމަށް ބުނެފައިވާތީއެވެ.

މަސްކްވަނީ ޓްވިޓަރގެ ނަން އެކްސް އަށް ބަދަލުކުރަން ވިސްނާކަމަށް މިދިޔަ އަހަރުވެސް ބުނެފައެވެ. އޭނާ އެކުންފުނި ގަންނަން ވިސްނި ހިސާބުން ކޮށްފައިވާ ޓްވީޓެއްގައި ޓްވިޓަރ ގަތުމަކީ "ހުރިހާ ކަމެއް ހިމެނޭ އެކްސް އެޕް" އުފެއްދުމަށް އަންނާނެ އަވަސްކަމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

މީގެ 20 އަހަރަށް ވުރެން ކުރިން ފެށިގެންވެސް އީލޯން މަސްކްއާއި ގުޅުންހުރި އެކި އެކި ކުންފުންޏާއި އެޕްތަކުގައި އެކްސް އަކުރަކީ އޭނާ އާންމުކޮށް ބޭނުންކުރާ އަކުރެކެވެ. މިގޮތުން 1999 ގައި މަސްކާއި ހެރިސް ފްރިކަރއާއި ކްރިސްޓޮފަރ ޕޭން އަދި އެޑް ހޯ އުފެއްދި އެކްސް.ކޮމް އަކީ އޮންލައިން ޑައިރެކްޓް ބޭންކިންގ ޕްލެޓްފޯމެކެވެ. 2000 ވަނަ އަހަރު މިޕްލެޓްފޯމް ބަދަލުވެގެން ދިޔައީ ޕޭޕޭލްއަށެވެ. އެކްސް.ކޮމް އަކީ ޕޭޕޭލްގެ އޮރިޖިނަލް ނަމެވެ.

މީގެ އިތުރުން މަސްކު އުފައްދާފައިވާ ސްޕޭސްކްރާފްޓް އަދި ސެޓަލައިޓް ކޮމިޔުނިކޭޝަން ކުންފުނީގެ ނަމަކީ ސްޕޭސް އެކްސްއެވެ. އަދި މަސްކުގެ ޓެސްލާ ކުންފުނީގެ އެސްޔޫވީ ކާރުގެ 2 މޮޑެލް ތެރެއިން އެންމެ ވަރުގަދަ މޮޑެލްއަށް ކިޔައީ މޮޑެލް އެކްސްއެވެ. އަދި މިއަހަރުގެ މާރޗްމަހު މަސްކު އުފައްދާފައިވާ އޭއައި ކުންފުންޏަށް ކިޔަނީ އެކްސް.އޭއައި އެވެ. އޭގެ އިތުރުން ކުރިން ދެންނެވުނު ފަދައިން އޭނާ ޓްވިޓަރ ކުންފުނި ގަތުމުގެ ކުރިން ބުނި، ހުރިހާ ކަމެއް ހިމެނޭ އެކްސް އެޕް ފާހަގަކޮށްލަމެވެ.


ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.