އެކްސް އިން ޒާތީ މައުލޫމާތު އެއްކުރުމުގެ ހުއްދައަށް އެދިއްޖެ

އަޙްމަދު ދާއޫދު 02 ސެޕްޓެމްބަރު 2023

އެއްވެސް މީހެއްގެ ޒާތީ މައުލޫމާތު ނެގުމާއި، އާއްމު ކުރުމާ ދެކޮޅަށް ވަކާލާތު ކުރައްވަމުން ގެންދަވާ މަހުޖަނު އީލޮން މަސްކްގެ އެކްސްގެ ތަޖްރިބާ ރަނގަޅުކޮށް ޔޫޒަރުންނަށް ބޭނުންވާ ގޮތަށް ފަރުމާތައް ބަދަލުކުރުމުގެ ބަހަނާގައި ޔޫޒަރުންގެ ޒާތީ މައުލޫމާތު ނެގުމުގެ ހުއްދައަށް އެދިއްޖެއެވެ.

އެކްސް އިން މިހާރު އަންނަނީ ބަޔޯމެޓްރިކް ޑޭޓާ އާއި ވަޒީފާގެ ތާރީހު އެއްކުރަން ފެށުމުގެ ހުއްދަ އަށް އެދެމުންނެވެ. އެގޮތުން ސޯޝަލް މީޑިއާ ނެޓްވޯކުން އެކްސް އިން މިހާރުވަނީ "ބަޔޯމެޓްރިކް އިންފޮމޭޝަން" އާއި "އެމްޕްލޯއިމަންޓް ހިސްޓްރީ" އަށް ބޭނުންވާ މައުލޫމާތުތައް ހިމެނުމަށް ޕްރައިވެސީ ޕޮލިސީ އަޕްޑޭޓްކޮށްފަ އެވެ.

އަޕްޑޭޓް ކޮށްފައިވާ ޕްރައިވެސީ ޕޮލިސީގައި ބުނެފައި ވަނީ ތިޔަ ބޭފުޅުންގެ ރުހުމުގެ މައްޗަށް ބިނާކޮށް، ސަލާމަތާއި ރައްކާތެރިކަމާއި އައިޑެންޓިފިކޭޝަން ގެ ބޭނުމަށް ބަޔޯމެޓްރިކް މައުލޫމާތު އެއްކޮށް ބޭނުންކުރެވިދާނެ ކަމަށެވެ.

"އެ މައުލޫމާތު ބޭނުންކޮށްގެން ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަށާއި، އެކްސް އަކީ އެންމެންނަށް ވެސް ރައްކާތެރި އަދި އިހުތިރާމް ކުރާ އަދި ތިޔަބޭފުޅުންނަށް މާ ބޮޑަށް ގުޅުން ހުރި އެއްޗެއް ކަމުގައި ހެދުމަށް އެހީތެރިވެދޭނެ،" އެ ކުންފުނިން ނެރުނު އައު ޕޮލިސީގައި ބުނެފައިވެއެވެ.

އެކްސް އައު ޕޮލިސީއަށް އަމަލުކުރަން ފަށާނީ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ.

އެކްސްއިން ޔޫޒަރުންގެ ޒާތީ މައުލޫމާތު ހޯދުމަށް އެދިފައިވާއިރު، މިދިޔަ ޖުލައި މަހުގެ ތެރޭގައި އެކްސް ކޯޕްގެ ޑޭޓާ ކަލެކްޝަން ޕްރެކްޓިސްތަކާ ގުޅިގެން އެމެރިކާގައި ހުށަހަޅާފައިވާ ކްލާސް އެކްޝަން ދައުވާގައި އެ ކުންފުނީގެ ނަން ހިމަނާފައިވެ އެވެ.

އެ ޕްލެޓްފޯމަށް އަޕްލޯޑްކުރާ ކޮންމެ ފޮޓޯއެއްގައި ޔޫޒަރުންގެ ބަޔޯމެޓްރިކް އައިޑެންޓިފައިތައް އެކްސް އިން ރައްކާކުރާ ކަމަށާއި، އެކަމަކު ޔޫޒަރުންނަށް އެކަށީގެންވާ ގޮތެއްގައި އަންގާފައި ނުވާ ކަމަށް ދައުވާގައި ވެ އެވެ.

އެކްސްއިން އެޕްލެޓްފޯމްގެ ޚިދުމަތްތަކާއި، އެކިއެކި ކަންކަން ބަދަލު ކުރަމުން އަންނައިރު، އެންމެފަހުން އީލޮން މަސްކް ބުނެފައިވަނީ އެޕްލެޓްފޯމަށް ވީޑިއޯ، އޯޑިއޯ ކޯލްގެ ޚިދުމަތް ތަޢާރަފް ކުރަން ނިންމާފައިވާ ކަމަށެވެ.

އެކްސްގައި މަސްކް ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެކްސްއިން އެ ޚިދުމަތްތައް ބޭނުންކުރުމުގައި ޔޫޒަރުންގެ އެއްވެސް ފޯން ނަމްބަރެއް ބޭނުން ނުވާނެކަމުގައެވެ.

ބިލިއަނަރު ބުނީ އެކްސް އަކީ ގްލޯބަލް އެޑްރެސް ފޮތެއްގެ ގޮތުގައި މަސައްކަތް ކުރާނެ ޕްލެޓްފޯމަކަށް ހަދާނެ ކަމަށާއި އެހެންނަމަވެސް ކޯލް ކުރަން ފޯނު ނަންބަރު ބޭނުން ނުވާނެ ކަމަށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.