މީސްމީޑިއާ މިހާރު އޮތީ ކޮން ހާލެއްގަ؟

ޝުޖާޢަތު ރަޝީދު 22 ސެޕްޓެމްބަރު 2023

މިއަހަރު މިހާތަނަށް އައި އިރު ގިނަ ބޮޑެތި ބަދަލުތަކެއް މީސްމީޑިއާ ޕްލެޓްފޯމްތަކަށް އައިކަން އެންމެނަށްވެސް ފާހަގަ ކުރެވިގެން ހިނގައްޖެއެވެ.

އިންސްޓަގްރާމްގެ ތްރެޑްސް އެޕްއާއި، ޓްވިޓާގެ ރީބްރޭންޑިން އެކްސްއަށް ބަދަލުވުމާއި އަދި އެހެނިހެން ކަންތައް މީގައި ހިމެނެއެވެ.

މިފަދަ ބޮޑެތި ބަދަލުތަކާއި އެކުވެސް ބައެއް މީހުންގެ ނަޒަރުގައި މީސްމީޑިއާ މިހާރު އޮތީ މަރުވެފައެވެ. ނަމަވެސް މިއީ ކުށްހީއަކަށް ވެދާނެކަމަށް ގިނަ ހަބަރާއި ރިޕޯޓުތަކުން ބުނެއެވެ. އަދި މިއީ ދޮގު މަޢުލޫމާތު ފަތުރާ މީހުން ސޯޝަލް މީޑިއާގައި އަނބުރަމުންދާ ވާހަކަ ތަކެއްކަން މިފަދަ ރިޕޯޓްތަކުން ހާމަވާން އެބަ ހުއްޓެވެ.

ޑިޖިޓަލް 2023 ގެ ގްލޯބަލް އޯވާވިއު ރިޕޯޓުން ހާމަ ކުރާ ގޮތުގައި ކޮންމެ ދުވަހަކު މީސްމީޑިއާ ބޭނުންކުރާ މީހުންގެ އަދަދު ދަނީ އެތައް ގުނައެއް އިތުރުވަމުންނެވެ.

މިއަހަރުގެ އެންމެ ގިނަ މީހުން ބޭނުންކުރާ ޕްލެޓްފޯމްތަކުގެ ތެރޭގައި އެތަކެއް މީސްމީޑިއާ ޕްލެޓްފޯމްތަކެއް ހިމެނެއެވެ. މީގެ ތެރޭގައި މެޓަ ފޭސްބުކް، ޔޫޓިއުބް، ވަޓްސްއެޕް، އިންސްޓަގްރާމް ހިމެނެއެވެ.

މިދިޔަ އަހަރާއި އަޅާ ކިޔާނަމަ މީސްމީޑިއާ ޕްލެޓްފޯމްތަކާއި އެޕްތައް ބޭނުންކުރާ މީހުންނާއި ބޭނުންކުރާ މިންވަރު މިވަނީ އިތުރުވެފައެވެ. ނަމަވެސް އެންމެ ގިނައިން ބޭނުންކުރާ 10 އެޕް އަދިވެސް މިވަނީ ހަމަ މި މަޝްހޫރު ކަންމަތީގައެވެ. މީގެ ތެރޭގައި ޔޫޓިއުބް އެއްވަނައިގައި އޮތްއިރު، ދެވަނައިގައި ގޫގަލް، ދެން ގޫގަލް ކްރޯމްއާއި ފޭސްބުކް ހިމެނެއެވެ.

ދެން އެންމެ ގިނައިން މީހުން ބޭނުން ކުރާ ޓިކްޓޮކް މި ލިސްޓުގައި 6 ވަނަ ނަގާފައިވެއެވެ.

މިގޮތަށް ތަފާސް ހިސާބަށް ބެލިކަމުގައި ވިޔަސް ކިހާވަރަކަށް މީހުން މީސްމީޑިއާ އެޕްތަކާއި ޕްލެޓްފޯމްތަކުގައި ވަގުތު ހޭދަ ކުރޭތޯ ބެލުމުން އަދިވެސް މީސްމީޑިއާގެ މަޝްހޫރުކަން ފާހަގަވެއެވެ. މި ޑިޖިޓަލް ރިޕޯޓުން ދައްކާ ގޮތުގައި ޔޫޓިއުބްގައި އެވްރެޖްކޮށް 23 ގަޑިއިރާއި 9 މިނެޓު މީހުން ހޭދަ ކުރެއެވެ. އަދި ފޭސްބުކްގައި 19 ގަޑިއިރާއި 43 މިނެޓު ހޭދަ ކުރާކަން ފާހަގަކުރެވެއެވެ.

ފޯބްސްގައި ހިމަނާފައިވާ ރިޕޯޓުތަކާއި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 53 އިންސައްތަ މީހުން އެމެރިކާއަށް އެކަނި ބެލިޔަސް ފޭސްބުކް ބޭނުން ކުރެއެވެ. މުޅި ދުނިޔެއަށް ބަލާލާއިރު މިއަދަދު 2.9 މިލިއަނަށް އަރައެވެ.

އެހެންކަމުން ފާހަގަވަނީ އަދިވެސް މީސްމީޑިއާ ބޭނުންކުރާ މީހުންގެ އަދަދު ދުވަހެއް ދުވަހެއް އިތުރުވަމުން ދާކަމެވެ. އަދި މީގެ އިތުރުން ތަފާތު އެހެނިހެން ޕްލެޓްފޯމްތައް އާންމުންގެ މެދުގައި މިއަހަރު މިވަނީ މަޝްހޫރުވެފައެވެ. މީގެ ތެރޭގައި އާޓިފިޝަލް އިންޓަލިޖަންސް ޕްލެޓްފޯމްތައް ފާހަގަ ކުރެވެއެވެ.

ހަމަ މިއަހަރު މީސްމީޑިއާގައި މުހިންމު މާކެޓިން އެކަނި ދެއްކުމާއި ބެލުން ފަދަ އުކުޅުތަކާއި، ދޮގު މަޢުލޫމާތާއި ޙަބަރު ފެތުރުން ހުއްޓުވުމަށް ކޮންމެ ޕްލެޓްފޯމަކުން ކުރަމުން އަންނަ މަސައްކަތް ފާހަގަ ކުރެވެއެވެ.

އިތުރަށް ކިޔާލުމަށް:

މީސްމީޑިޔާގެ ސަބަބުން ވިސްނުން ކޮށިވޭތަ؟

އެކްސް އިން ޒާތީ މައުލޫމާތު އެއްކުރުމުގެ ހުއްދައަށް އެދިއްޖެ


ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.