ވޭޕުކުރުމުގެ ސަބަބުން ކޮމްޕިއުޓަރަށް ގެއްލުންލިބޭ

އަޝްނާ ރަޝީދު 02 ނޮވެމްބަރު 2023

ފާއިތުވެގެން ދިޔަ އަހަރުތަކުގައި ދުނިޔޭގެ ގިނަބަޔަކު ދަނީ ދުންފަތުގެ އިސްތިއުމާލުގެ ބަދުލުގައި ސިއްހަތައް ގެއްލުންކުރާލެއް ނިސްބަތުން ކުޑަ އެއްޗެއްގެ ގޮތުގައި ބަލާ ވޭޕުކުރަން ފަށާފައެވެ. މި ގޮތުން، ގިނައަދަދެއްގެ ޅަކުދިންނާއި ޒުވާނުން ވޭޕްކުރަމުން ދާއިރު، މިކަމުގެ ސަބަބުން ސިއްހަތަށް ދިމާވާ މައްސަލަތަކުގެ ސަބަބުން ވަރަށް ގިނަ ބަޔަކު މިކަމާ ދެކޮޅަށް ވާހަކަ ދައްކައެވެ. ނަމަވެސް ވޭޕުކުރުމުން ދިމާވާ އެހެން މައްސަލައެއްވެއެވެ. އެއީ އޭގެން ކޮމްޕިއުޓަރާއި ގޭމިންގު ކޮންސޯލަށް ލިބޭގެއްލުމެވެ.

ވޭޕިންނަކީ ކޮބައިތޯ؟ ވޭޕަކީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ބަދަލުގައި ބޭނުންކުރަން ހަދާފައިވާ އީޖާދީއެކެވެ. މި އީޖާދީއަކީ ދުންފަތުގެ އިސްތިއުމާލުކުރުމަށްވުރެ ސިއަހަތަށް ރަނގަޅު ގޮތެއްކަމުގައި ބުނެވޭ ކަމެއްކަމުގައިވިޔަސް، މިއީ ސިއްހަތަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާ އެއްޗެކޭ ނުބުނެވޭނެވެ.

ވޭޕުކުރުމަކީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ބަދަލުގައި ވަރަށް ގިނަ ބަޔަކު ކުރަން ފަށާފައިވާ ކަމެކެވެ. މީގެން ކުރިން ދިމާވެފައިވާ ވަރަށް ގިނަ މައްސަލަތަކެއް ހައްލުވެގެން ދިޔަސް، މީހުން ވޭޕުކުރާގޮތުން އެހެން މައްސަލަތަކެއް އުފެދިގެން އާދެއެވެ. ވޭޕުކުރުމުގެ ސަބަބުން ކޮމްޕިއުޓަރާއި ގޭމިންގ ކޮންސޯލުތަކަށް ގެއްލުންކުރެއެވެ. މިއީ މީގެ ކުރިން އެކްސްބޮކްސް ފަދަ ކުންފުނިތަކުން މީހުންނަށް ހަނދާން ކޮށްދީފައިވާ ކަމެކެވެ. މިއީ މީގެ ކުރިން ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކަށް ވެސް ދިމާވާ މައްސަލައެއް ކަމުގައި ވީނަމަވެސް، މި މައްސަލަ ދިމާވާގޮތާއިމެދު ކުދިކުދި ތަފާތުތަކެއްވެއެވެ.

ދުންފަތާއި ހިލާފަށް ވޭޕުކުރުމުން ނުކުންނަ ދުމަކީ އާންމުގޮތެއްގައި އެރަސޯލެވެ. މި ވޭޕަރުގެ ތިކިތައް ކޮންޑެންސުވުމުން ރެސިޑިއު އެއް އުފެދިގެން ކޮމްޕިއުޓަރާއި ކޮންސޯލުގެ އެތެރޭގައި އުފެދިގެން އާދެއެވެ. މި ރެސިޑިއު އަކީ ވޭޕުއެކުލެވިގެންވާ މާއްދާތައް އެއްވެގެން އަންނަ ތަތްލަވާ ރެސިޑިއުއެކެވެ. މީގެ ސަބަބުން މި ރެސިޑިއު ގިނަވާ ވަރަކަށް އިލެކްޓްރޯނިކްސް ސާމާނުގެ އެތެރެއަށް ގެއްލުންތަކެއް ދިމާވެއެވެ. މިގޮތުން އެތެރޭފައި ހުންމަ ބައެއް ސެންސެޓިވް ތަންތަންކޮޅަށްވެސް ބައެއް ފަހަރާ ފެތުރި، އަދި ފިނިކުރުމުގެ ނިޒާމަށް ބުރޫއަރާ މިފަދަ އެތައް ނޭދެވޭ އަސަރުކުރެއެވެ. މީގެ ސަބަބުން ހާޑުވެއާ ހަލާކުވެ، ޕާފޯމަންސް ދަށްވެގެންދެއެވެ.

މިޔަކީ ކޮމްޕިއުޓަރު ފަދަ އެހެން އިލެކްޓްރޯނިކު ސާމާނު ކައިރީގައި ވޭޕުކުރާ ހުރިހާ އެންމެންނަށް ދިމާވާ މައްސަލައެއްނޫނެވެ. ނަމަވެސް ބަންދުކޮށްފައިހުންނަ، ހިއުމިޑު އަދި ވެންޓިލޭޝަން ސަކަރާތްތަންތަނުގައި ވޭޕުކުރާ މީހުންގެ އިލެކްޓްރޯނިކް މުދަށް ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. މިއީ މީގެ ކުރިން ދުންފަތުގެ އިސްތިއުމާލުކުރާމިހުންނަށްވެސް ދިމާވި މައްސަލައެކެވެ. މި މައްސަލައިގެ އެންމެ ފަސޭހަ ހައްލަކީ ބަންދުކޮށްފައި ހުންނަ ތަންތަނުގައްޔާއި އިލްކްޓްރޯނިކު ސާމާނު ކައިރީގައި ވޭޕުނުކުރުމެވެ. އަދި އިލެކްޓްރޯނިކު ސާމާނަކައިރީގައި ވޭޕުކުރާނަމަ، ގަވައިދުން އެތެރެ ސާފުކޮށް ބެލެހެއްޓުމެވެ.

ވޭޕުކުރުމަކީ އޭގެ ސަބަބުން ކޮމްޕިއުޓަރާއި އިލެކްޓްރޯނިކު ސާމާނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެކެވެ. އަދި ވޭޕުކުރަން ބޭނުންކުރާ ވޭޕް ޑިވައިސްތައް މެދުވެރިކޮށް ކޮމްޕިއުޓަރަށް މެލްވެއާރ ވެސް ވަދެދާނެވެ. އެހެންކަމުން އެންމެ ރައްކާތެރި ގޮތަކީ ކޮމްޕިއުޓަރާއި މިފަދަ އެހެން އިލެކްޓްރޯނިކު ސާމާނާއި ވޭޕުކުރުން ދުރުކުރުމެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.