ޗައިނާއިން ހިއުމަނޮއިޑް ރޮބޮޓްތައް މާސްކޮށް އުފެއްދުމުގެ ޕްލޭނެއް

ހުސެއިން އާރިފް 10 ނޮވެމްބަރު 2023

ޗައިނާއިން ވަނީ ހިއުމަނޮއިޑް ރޮބޮޓްތައް މާސްކޮށް އުފެއްދުމުގެ އުއްމީދީ ޕްލޭންތައް ހާމަކޮށްފައެވެ. ޗައިނާގެ މިނިސްޓްރީ އޮފް އިންޑަސްޓްރީ އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން މިދިޔަ ހަފުތާގައި ޝާއިއުކުރި ބްލޫޕްރިންޓް ޑޮކިއުމެންޓެއްގައި ބުނެފައި ވަނީ މި ރޮބޮޓްތަކުގެ ސަބަބުން "ދުނިޔެ އަލުން ބައްޓަން ކުރާނެ" ކަމަށެވެ.

އެމްއައިއައިޓީން ބުނެފައިވަނީ 2025 ވަނަ އަހަރު އަންނަންވާއިރަށް މި އުފެއްދުން "އެޑްވާންސް ލެވެލް" އަކަށް ގޮސް މާސް ޕްރޮޑިއުސް ކުރެވޭނެ ކަމަށެވެ. އެ އިދާރާއިން މިހެން ބަޔާން ކޮށްފައިވަނީ އެ މުވައްސަސާގެ މަގުޗާޓުގައި ހިމަނާފައިވާ ތަރައްގީގެ ލަނޑުދަނޑިތަކުގަ އެވެ.

"ކޮމްޕިއުޓަރާއި ސްމާޓްފޯނާއި އިލެކްޓްރޯނިކް އުޅަނދުތަކަށް ފަހު އެ ތަކެތީގެ މައްޗައް ކުރިހޯދާ އުފެއްދުމަކަށް ވެގެންދާނެ ކަމަށް ބެލެވޭ،" ލިޔުމުގެ ތަރުޖަމާގައި ވެއެވެ.

ޗައިނާގެ ސްޓާޓްއަޕް ފޯރިއާ އިންޓެލިޖެންސް އިން ބުނީ މި އަހަރު ނިމުމުގެ ކުރިން އެ ކުންފުނީގެ ޖީއާރް-1 ހިއުމަނޮއިޑް ރޮބޮޓް މާސްކޮށް އުފައްދަން ފަށާނެ ކަމަށެވެ. ޝަންހާއީގައި ޤާއިމްވެފައިވާ އެ ކުންފުނިން ބުނީ 2024 ވަނަ އަހަރު އަންނައިރު 50 ކިލޯގްރާމް އުފުއްލައިގެން ގަޑިއަކު 5 ކިލޯމީޓަރުގެ ދުވެލީގައި އެއްގަޑިއިރު ދަތުރުކުރުމުގެ ގާބިލްކަން ރޮބޮޓްތަކަށް ފޯރުކޮށްދެވޭނެ ކަމަށް އުއްމީދު ކުރެވޭކަމަށެވެ.

ހިއުމަނޮއިޑް-ރޮބޮޓް އުފައްދާ ހަމައެކަނި ކުންފުންޏަކީ މިއީއެއްނޫނެވެ. އެމެރިކާގެ އެޖިލިޓީ ރޮބޮޓިކްސް އިން މި އަހަރު ފަހުކޮޅު އޮރެގަންގައި ރޮބޮޓް ފެކްޓްރީއެއް ހުޅުވަން ތައްޔާރުވަމުން އަންނައިރު، އެ ކުންފުނީގެ ބައިޕެޑަލް ރޮބޮޓްތަކުގެ ތެރެއިން ހިނގާލުމާއި ކްރައުޗިން އަދި ޕެކޭޖްތައް އުފުލުން ފަދަ އިންސާނުންގެ ހަރަކާތްތައް ނަކަލުކުރެވޭނެ އެތައް ސަތޭކަ ބައިޕެޑަލް ރޮބޮޓްތަކެއް އުފެއްދުމަށް ވަނީ ނިންމައިފަ އެވެ.

އެމެޒޯން އިން ސިއެޓަލް ކައިރީގައި ހުންނަ ރިސާޗް އެންޑް ޑިވެލޮޕްމަންޓް ސެންޓަރެއްގައި އެޖިލިޓީ ރޮބޮޓިކްސްގެ ޑިޖިޓް ރޮބޮޓް ޓެސްޓު ކުރަމުން ދަނީ އެ ކުންފުނީގެ ގުދަންތައް އޮޓޮމޭޓް ކުރުމަށް ބޭނުންކުރެވިދާނެ ގޮތް ބެލުމަށެވެ. އެހެން ނަމަވެސް މިއީ ހަމައެކަނި އަދި ޕައިލެޓް މަރުހަލާގައި އޮތް ޕްރޮޖެކްޓްއެކެވެ.

އެޖިލިޓީ ރޮބޮޓިކްސްގެ ސީއީއޯ ޑޭމިއަން ޝެލްޓަން އިންސައިޑާއަށް ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި ޑިޖިޓް ޑިޕްލޮއިމަންޓްތައް މަޑުމަޑުން އިތުރުވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. "އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މާސް އިންޓަގްރޭޝަން އެންމެ ފަހުން އަންނާނެ، އެކަމަކު ބައިޕެޑަލް ރޮބޮޓަކީ އަދިވެސް ވަރަށް އާ މަރުހަލާއެއް،" އޭނާ ވިދާޅުވި އެވެ.

އެލަން މަސްކް 2021 ވަނަ އަހަރު ހާމަކުރި ފަދައިން ޓެސްލާ އިން ވެސް އަންނަނީ އޮޕްޓިމަސް ނުވަތަ ޓެސްލާ ބޮޓްގެ ނަމުގައި އަމިއްލަ ހިއުމަނޮއިޑް ރޮބޮޓެއް އުފައްދަމުންނެވެ. ނަމަވެސް މާސް ޕްރޮޑަކްޝަނަށް ތައްޔާރުވުމުގެ ކުރިން އަދިވެސް ވަރަށް ދިގު ރާސްތާއެއް އެބައޮތެވެ. 2022 ވަނަ އަހަރު ޓެސްލާ އޭއައި ޑޭ އިވެންޓެއްގައި މަސްކް ވިދާޅުވީ މިއީ ސްޓޭޖަށް އެރިއިރު "އެއްވެސް ސަޕޯޓަކާ ނުލައި" ޕްރޮޓޮޓައިޕް ހިނގާފައި ދިޔަ ފުރަތަމަ ފަހަރު ކަމަށެވެ.

އިތުރަށް ކިޔާލުމަށް : އެޖިލިޓީ ރޮބޮޓިކްސް އިން އަހަރަކު 10000 ރޮބޮޓް އުފައްދަނީ

ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.