ރައީސް ޑރ. މުއިއްޒުގެ އުއްމީދީ ޓެކްނޮލޮޖީ ސިޔާސަތު

ހިންދު ޢަލީ 10 ނޮވެމްބަރު 2023

ޓެކްނޮލޮޖީއަކީ މިއަދުގެ ދުނިޔޭގައި saއަހަރުމެން ކުރާ ހުރިހާ ކަމަކާއި ގުޅިފައިވާ އެއްޗެކެވެ. ގައުމެއް ތަރައްގީކުރުމުގައި ވެސް ޓެކްނޮލޮޖީގެ ބޮޑު ރޯލެއް ހިމެނެއެވެ. ޓެކްނޮލޮޖީއިން ގައުމު ކުރިއަރުވަން ބޭނުންވާނެ އީޖާދީ ތަކެތި އުފެއްދުމާއި ގައުމުގެ ހިންގުމާއި މަސައްކަތްތައް ހަރުދަނާކުރުމަށާއި ގައުމުގެ އެތެރެއާއި ބޭރުގެ ގުޅުންތައް ބަދަހިކުރުމަށް މަގުފަހިކޮށްދެއެވެ. ރާއްޖޭގައި ހާއްސަކޮށް ޓެކްނޮލޮޖީގެ އެޕްލިކޭޝަންތަކުން ފައިދާވާނެ ދާއިރާތަކާއި ހައްލުކުރަންޖެހޭ ބޮޑެތި މައްސަލަތައް އެބަހުއްޓެވެ. މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށި ރައްކާކުރުމާއި، ދެމެހެއްޓެނިވި ތަރައްގީއާއި، އަންނަން އޮތް ޖީލުތައް ގްލޯބަލް ސިޓިޒަންސްތަކަކަށް ހެދުމަށް ތައުލީމީ ނިޒާމް ތަރައްގީކުރުމާއި، ސަރުކާރުގެ ހިދުމަތް ދިނުން ޒަމާނީކުރުން ފަދަ ކަންތައްތަކަކީ ޓެކްނޮލޮޖީގެ އެހީގައި ތަރައްގީކުރުމަށް ހުޅުވިފައިވާ ދާއިރާތަކެވެ.

ރާއްޖޭގެ ރިޔާސީ އިންތިހާބު ނިމި، މިހާރު މިވަނީ އައު ސަރުކާރުގެ އައު ދައުރެއް ފަށާފައެވެ. މިވަގުތަކީ އައު އުއްމީދުތަކަކާއި އެކު އައު ސަރުކާރުން ޓެކްނޮލޮޖީ ދާއިރާ ކުރިއެރުވުމަށް ވިސްނާފައިވާ ޕްލޭންތަކަށް ބަލާލުން އެންމެ ރަނގަޅު ވަގުތުކަމުގައި ދެކެމެވެ. ކެމްޕެއިން ތެރޭގައި ދެއްކި އެކި އެކި ކުލަކުލައިގެ ހުވަފެންތަކުން އައިސީޓީއާއި ޓެކްނޮލޮޖީ ދާއިރާއިން ގައުމުގައި ޖެހޭނޭ ކުލަތަކަކީ ކޮބާތޯ ބަލާލަން ގިނަ ރައްޔިތުން، ހާއްސަކޮށް ޒުވާނުން ބޭނުންވާނެކަމަށް ލަފާކުރަމެވެ. މިދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި މިދާއިރާ ކުރިއަރުވަން ތިބި ބަޔަކަށް ވެސް މިއީ ޝައުގުވެރިވާނެ ކަމެއްކަމުގައި ދެކެމެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން ކެމްޕެއިން ދުވަސްވަރުގައި ޝާއިޢުކޮށްފައިވާ މެނިފެސްޓޯގައި ވަރަށް ތަފްސީލުކޮށް އެކިއެކި ދާއިރާތަކަށް ނުވަތަ ރައްޔިތުންގެ އެކި ގްރޫޕްތަކަށް ޓާގެޓްކޮށް ލިޔެފައިވާ ގިނަ ވައުދުތަކެއް އެބަހުއްޓެވެ. 19 ޗެޕްޓަރަކަށް ބަހާލެވިފައިވާ މި މެނިފެސްޓޯގައި ޓެކްނޮލޮޖީއާއި ޑިޖިޓައިޒޭޝަންގެ ނަމުގައި ހިމެނޭ ޗެޕްޓަރުގައި ޖުމްލަ 16 ވައުދެއް ހިމެނިފައިވެއެވެ. މީގެ ތެރެއިން ބައެއް ވައުދުތަކަކީ ޒުވާނުންނާއި ގުޅޭ އަދި މިދާއިރާގައި އަންހެނުން ކުރިއެރުވުމާއި ގުޅުންހުރި، ނުވަތަ ގެދޮރުވެރިކަމާއި ފަންނުވެރިކަމުގެ ދާއިރާގެ އިތުރުން ސަރުކާރު ހިންގުން ހަރުދަނާކުރުމާއިވެސް ގުޅުން ހުރި ވައުދުތަކެކެވެ.

އައިސީޓީ ދާއިރާއާއި އެހެނިހެން ދާއިރާގައި ވެސް ހަރަކާތްތެރިވާ ދިވެހި ވިޔަފާރިވެރިން ބާރުވެރިކުރުވުމުން ފެށިގެން އެމީހުންގެ ވިޔަފާރިތައް ބައިނަލްއަގްވާމީ މާކެޓްތަކަށް ފުޅާ ކުރެވޭނެ ތަސައްވުރާއި ގުޅޭ ވައުދުތަކާއި ޑިޖިޓަލް ދުނިޔެއަށް އަހުލުވެރި ޒުވާނުން އުފެއްދުމުން ފެށިގެން ސަރުކާރުގެ ހިދުމަތްތައް ޒަމާނީކުރުމާއި ގުޅޭ ވައުދުތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނެއެވެ. ޓެކް މެނިފެސްޓޯގައި ހިމެނޭ ކޮންމެ ނުކުތާއަކީ ރާއްޖޭ ކުރިއަރާފައިވާ މުސްތަގްބަލަކަށް ދަތުރުކުރުމާއި ރައްކާތެރިކަމާއި އެކު ތަރައްގީ ގެނައުމުގައި ގުޅިފައިވާ ކަންކަމެވެ. މެނިފެސްޓޯގައި ހިމެނޭ ވައުދުތައް ހަގީގަތަކަށް ހެދުމަށް ކުރާ ދަތުރު ފެށޭއިރު މިވަޢުދުތައް ތަފްސީލްކޮށް ބަލައިލާ، އޭގައި ހުރި ފުރުސަތުތަކާއި، ކަންބޮޑުވުންތަކާއި، އަޑީގައި ހުރި ގޮންޖެހުންތަކަށް ފާޑުކިޔުންތެރި ނަޒަރަކުން ބަލާލުން މުހިންމެވެ.


1. އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ރައްޔިތުން އިގްތިސާދީ ގޮތުން ބާރުވެރިކުރުވުން

ރައީސް ޑރ. މުއިއްޒުގެ ޓެކް މެނިފެސްޓޯގައި ހިމެނޭ މުހިއްމު އެއްކަމަކީ ރައްޔިތުން (ހާއްސަކޮށް ޒުވާނުން) ކުރާ އަމިއްލަ ވިޔަފާރި ކުރިއެރުވުމަށް އެހީތެރިވެދިނުމާއި މިދާއިރާގައި ރައްޔިތުން ބާރުވެރިކުރުވުމަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ. މިީގެތެރޭގައި ވިޔަފާރި ކުރުމަށް ފަސޭހަ މާހައުލެއް ގާއިމްކުރުމާއި ވިޔަފާރި ކުރާ ފަރާތްތަކުގެ ވިޔަފާރިތައް ދުނިޔޭގެ ލެވެލްއަށް ފުޅާކުރުމަށް މަގު ތަނަވަސްކޮށްދިނުން ހިމެނެއެވެ.

އަމިއްލަ އުފެއްދުންތައް ނުވަތަ ހިދުމަތްތައް ފުޅާ އޯޑިއަންސްއަކަށް ހުޅުވާލުމަށް ދުނިޔޭގެ މަޝްހޫރު އެކިއެކި ޕްލެޓްފޯމްތަކުގައި ދިވެހިންގެ އުފެއްދުންތައް ހިމެނުމަށް މަގުފަހިކޮށްދޭނެ ކަމަށް ވައުދުވެފައި އެބައޮތެވެ. މިގޮތުން ފާހަގަކޮށްފައިވަނީ ބައިނަލްއަގްވާމީ އީކޮމާރސް ޕްލެޓްފޯމްތައް ކަމަށްވާ އެމޭޒަން، އީބޭ، ޝޮޕިފައި، ޝޮޕީ އަދި ލަޒާޑާ ފަދަ ޕްލެޓްފޯމްތަކުގައި ސެލަރ އެކައުންޓްތައް ހުޅުވޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

އަދި މީގެ އިތުރުން އޮން-ޑިމާންޑް މަސައްކަތްތައް ކުރާ ފަރާތްތަކާއި ފްރީލާންސަރުންނަށް މާކެޓް ފުޅާކުރުމަށްޓަކައި ބައިނަލްއަގްވާމީ ޕްލެޓްފޯމްތައް ކަމަށްވާ ފައިވަރ، އަޕްވާރކް، ފްރީލާންސަރ، ގުރޫ އަދި ޕީޕަލްއަވަރ ފަދަ ޕްލެޓްފޯމްތަކުގައި ސެލަރ އެކައުންޓް ހުޅުވޭނޭގޮތް ހަމަޖައްސައިދިނުންވެސް ރައީސް ޑރ. މުއިއްޒުގެ ވައުދުތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ. މިވައުދުތައް ހަގީގަތަކަށް ވެއްޖެނަމަ ދިވެހި ވިޔަފާރި ކުންފުނިތަކުގެ އިތުރުން ފްރީލާންސްކޮށް މަސައްކަތް ކުރާ ފަރާތްތަކަށް ވަރަށް ބޮޑު އެހީތެރިކަމަކަށް ވާނެއެވެ.

މިކަންތައްތަކަކީ ދިވެހިންގެ ވިޔަފާރިތައް ފުޅާކުރުމުގެ އިތުރުން ގައުމުގެ އިގްތިސާދީ ފައިދާ އިތުރުކޮށްދޭނޭ އަދި ދިވެހި ވިޔަފާރިވެރިންގެ މެދުގައި ވާދަވެރިކަމާއި އިނޮވޭޝަން އިތުރުކުރުމުގެ މާހައުލެއް އުފެއްދިދާނެ ކަންތައްތަކެވެ.

އާންމުގޮތެއްގައި މިފަދައިން ވިޔަފާރި ކުރުމަށް އޮންނަ ދަތިކަމަކީ އީކޮމަރސްއަށް ހާއްސަ ނުވަތަ މަސައްކަތަށް ހާއްސަ އޮންލައިން ޕްލެޓްފޯމްތަކުގައި ސެލަރ އެކައުންޓް ނުހެދުމެއް ނޫނެވެ. އީބޭ، އެމޭޒަން، އެޓްސީ، ފްރީލާންސަރ، އަޕްވޯކް ފަދަ ގިނަ ޕްލެޓްފޯމްތަކުގައި ރާއްޖޭގެ ލޮކޭޝަންގައި ހުރުމަކުން އެކައުންޓް ހުޅުވުމުގައި ހުރަހެއް ނެތެވެ. އެހެން ނަމަވެސް ދިވެހި އެންޓަޕްރެނުއަރސްއަށް ކުރިމަތިވާ ގޮންޖެހުމަކީ ފައިސާއާއި ގުޅުން ހުރި ބައިތަކެވެ. މަސައްކަތެއް ކުރުމަށް ފަހު ނުވަތަ އެއްޗެއް ވިއްކުމަށް ފަހު ފައިސާ ލިބިގަތުމަށް އޮތް ހުރަހެވެ.

ކުރިން ދެންނެވުނު އީކޮމަރސް އަދި ޕްރީލާންސްކޮށް ސަރވިސް ދިނުމަށް ބޭނުންކުރާ އޮންލައިން ޕްލެޓްފޯމްތަކުގައި ފައިސާ ލިބޭނެ ގޮތްތަކުގެ ތެރޭގައި ހިމެނެނީ ޕޭޕެލް ނުވަތަ އެހެން ވެސް ޑިޖިޓަލް ވޮލެޓެއް މެދުވެރިވެއެވެ. ބައެއް ޕްލެޓްފޯމްތަކުގައި ޑައިރެކްޓް އެކައުންޓް ޓްރާސްފަރ އޮޕްޝަން ވެސް ހިމެނެއެވެ. އެހެން ނަމަވެސް ރާއްޖޭގައި ހުޅުވާފައިވާ އެކައުންޓްތަކަށް މިފަދަ އޮޕްޝަންތައް ބޭނުމެއް ނުކުރެވެއެވެ.

މިދެންނެވުނު މައްސަލައަށް ހައްލެއްކަމަށް ބެލެވޭ އިތުރު ވައުދެއްވެސް މިސަރުކާރުގެ މެނިފެސްޓޯގައި ހިމެނެއެވެ. މިކަމާއި ގުޅުވައިގެން ގެނެސްފައިވާ ވައުދުގައި ބުނަނީ އިންޓަރނެޓް މެދުވެރިކޮށް ވިޔަފާރި ކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން އޮންލައިން ޕޭމަންޓް ސިސްޓަމްތައް ކަމަށްވާ ޕޭޕަލް، ޕެއޮނިއާ، ސްޓްރައިޕް، ސްކްރިލް އަދި ނެޓެއްލާ ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފައިސާ ލިބުން ފަސޭހަގޮތުގައި ކުރެވޭނެ ގޮތް ހަޖައްސައިދޭނެ ކަމަށެވެ.

ކުރީގެ ސަރުކާރުންވެސް މިފަދަ ޕްލެޓްފޯމްތައް ގެނެއުމުގެ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އޮންލައިން ޕޭމަންޓް ސިސްޓަމްތައް ރާއްޖޭގައި ބޭނުންކުރުމުގައި އޮންނަ ގާނޫނީ އުނިކަން ފޫބެއްދުމަށްޓަކައި ބައެއް ގާނޫނުތައްވެސް މިހާރު ވަނީ ފާސްކޮށްފައެވެ. އިންޓަރނޭޝަނަލް ޑިޖިޓަލް ޕޭމަންޓް ނިޒާމްތައް ރާއްޖޭގައި ބޭނުން ނުކުރެވޭ ސަބަބަކީ ހަމައެކަނި ގާނޫނީ އުނިކަމެއް ނޫނެވެ. މީގެ އިތުރުން ފައިނޭޝިއަލް އިދާރާތަކުން މިކަމަށް އޮތް ހުރަސްތައް ދެނެގަނެ އެހުރަސްތައް ނައްތާލުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރުން މުހިއްމެވެ. އަދި ރާއްޖެ ފަދަ އެހެން ގައުމުތަކުގައި މިކަހަލަ މައްސަލަތަކަށް ހައްލުހޯދާފައިވާ ގޮތްތައް ދިރާސާކޮށް އޯލްޓަނޭޓް ސޮލިޔުޝަންތަކެއްވެސް ހޯދުމަށް މަސައްކަތް ކުރެވިދާނެއެވެ. އަލަށް އައި ސަރުކާރުން އައު ގޮތްތަކަކަށް މިކަމަށް ވިސްނާ މައްސަލައިގެ ހައްލު ހޯދުމަށް މަސައްކަތް ކުރެވިދާނެއެވެ. އެހެން ކަމަށް ވެއްޖެނަމަ މިމައްސަލަގައި ދިވެހި ވިޔަފާރިވެރިންނަށް ފައިދާހުރި ރަނގަޅު ހައްލެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ.

މީގެ އިތުރުން އިންޓަރނޭޝަނަލް ޑިޖިޓަލް ޕޭމަންޓް ނިޒާމްތައް ތައާރަފް ކުރުމާއި ގުޅިގެން ކުރީ ސަރުކާރުން ކުރި މަސައްކަތްތަކާއި ކަން ހިނގާގޮތުގެ ޓްރާންސްޕޭރެންސީ ދަށްކަން ފާހަގަ ކޮށްލާނަމެވެ. އެހެން ކަމުން އައު ސަރުކާރުން މިކަމުގައި ކުރާ ކަންތައްތައް ހާމަކަން ބޮޑުގޮތެއްގައި ކުރުން މުހިއްމުކަމުގައި ދެކެމެވެ. އަދި މިމަސައްކަތުން އަސަރުކުރާނެ އާންމުންނާއި ވިޔަފާރިވެރިން މިކަމުގައި ބައިވެރިކޮށް މައުލޫމާތު ހިއްސާކުރުން ވެސް މުހިއްމެވެ. އަހަރަކު އެއްފަހަރު ޕޯޑިއަމް އަރާ ބުނާ ވާހަކައަކަށް ނުވާ ގޮތަކަށް ހާމަކަން ބޮޑު ގޮތެއްގައި މިކަން ހިއްސާ ކުރާކަމަށްވާނަމަ މިސަރުކާރުގެ މަސައްކަތާމެދު އާންމުންގެ އިތުބާރު ބޮޑުވާނެއެވެ.

2. އައިސީޓީ ތައުލީމާއި ހުނަރު އިތުރުކުރުމުގެ ފުރުސަތު ހޯދައިދިނުން

ކޯޑިންގގެ ދާއިރާއިން ދުނިޔޭގެ ބާޒާރުގައި ދިވެހި ޒުވާނުން ކުރިއަށް ދިއުމަށްޓަކައި ބޭނުންވާ ހުނަރާއި ފުރުސަތު ތަނަވަސް ކޮށްދިނުމަށްޓަކައި މަރުކަޒެއް ގާއިމްކުރުންވެސް އައު ސަރުކާރުގެ މެނިފެސްޓޯގައި ހިމެނެއެވެ. މިކަމާއި ބެހޭ އިތުރު ތަފްސީލެއް މެނިފެސްޓޯގައި ހިމަނާފައެއް ނުވެއެވެ. ރާއްޖޭގެ މަތީ ތައުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގައި މިހާރު ހިނގާ ބައެއް އައިޓީ ޕްރޮގްރާމްތަކުގައި ކޯޑިންގެ މޮޑިއުލްތައް ހިމެނެއެވެ. އަދި އަމިއްލަ ބައެއް ފަރާތްތަކުން މިހާރު އަދި މީގެ ކުރިންވެސް ކޯޑިންގ ޕްރޮގްރާމްތައް ފިޒިކަލްކޮށް އަދި އޮންލައިންކޮށް ކުރިއަށް ގެންދެއެވެ. ބައެއް ޖަމިއްޔާތަކުން ހިލޭ ސާބަހަށް ވެސް ކޯޑިންގ ޕްރޮގްރާމްތައް ހިންގައެވެ.

ސަރުކާރުގެ މިވައުދު ފުއްދުމުގައި މިމަސައްކަތް ކުރާ އަމިއްލަ ފަރާތްތަކުގެ އެހީތެރިކަން ހޯދިދާނެއެވެ. މިއީ މިހާރު ބައެއް ފަރާތްތަކުން ވިޔަފާރިއަށް ކުރާ މަސައްކަތްތައް ކަން ދެނެގަނެ އެފަރާތްތަކުގެ މާކެޓް ނުގެއްލޭނެ ގޮތަކަށް މިކަން ކުރުން މުހިއްމެވެ. ސަރުކާރުން މި ފަދަކަންތައް ކުރިއަށް ގެންދާ ގޮތުން މީގެ ކުރިން ވެސް އަމިއްލަ ފަރާތްތަކުން ކުރާ ވިޔަފާރިތައް ވަނީ ހުއްޓިފައެވެ. ކޯޑިންގ ކްލާސްތަކާއި ކްލަބްތައް ހިންގުމަށް ސަރުކާރުން ވަދެއްޖެނަމަ އެކަން މިހާރު ކުރާ ބަޔަކަށް ޗެލެންޖަކަށް ވާނެކަން ޔަގީނެވެ.

ކޯޑިންގ ކިޔަވާ ދިނުމަށް ސެންޓަރެއް ސަރުކާރުން އުފެއްދުމުގެ ބޭރުން މިހުނަރު ދަރިވަރުންނަށް އުނގަންނައި ދިނުމަށް ސަރުކާރުން ކުރެވިދާނެ އެހެން ކަންތައްތައްވެސް އެބަހުރިއެވެ. އެންމެ ދަށް ގްރޭޑްތަކުން ފެށިގެންވެސް ސްކޫލް ލެވެލްގައި މިހުނަރު އުގަންނައި ދިނުމާއި މިކަމަށް އެންމެ ކުޑައިރުއްސުރެ ޝައުގުވެރިކަން އުފެއްދުމެވެ. މީގެ އެތަށް އަހަރުތަކެއް ކުރިން ކޮމްޕިޔުޓަރ ސައިންސާއި ކޯޑިންގ ކްލާސްތައް ސްކޫލް ލެވެލްގައި ވެސް ކުރިއަށް ގެންދެވުނެވެ. އެހެން ނަމަވެސް މިހާރު މިކަންވަނީ ހުއްޓާލާފައެވެ. މިކަން ކުރީ ޕްރައިވެޓް ފަރާތްތައް ބައިވެރިވާ ގޮތަށެވެ.

މީގެ އިތުރުން ރާއްޖެތެރޭގެ ސްކޫލަތަކަށް ތަފާތުކުރުމެއް ނެތި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި، ހުރިހާ ދަރިވަރުންނަށް މިހުނަރު ތައާރަފްކުރުން ވަރަށް މުހިއްމުކަމުގައި ދެކެމެވެ. މިހުނަރަކީ މިޒަމާނުގައި ކޮންމެ ދާއިރާއަކުން ކުރިއަށް ދިޔަ ނަމަވެސް ދަރިވަރުންނަށް މުހިއްމު ހުނަރެކެވެ. މުސްތަގުބަލުގައި ރާއްޖޭގެ ލެވެލްގައި ބޭނުންވާ މިންވަރަށް އެކަނި ނަމަވެސް މިހުނަރު ހުރި ދިވެހިން އުފެއްދުން އެއީ ރާއްޖެއަށްވެސް އަދި މިހުނަރު ލިބޭ ފަރާތަށްވެސް ފައިދާ ވާނެކަމެއްކަމުގައި ވާތީއެވެ.

3. އައިސީޓީ ދާއިރާގައި އަންހެނުންނަށް އޮތް ފުރުސަތުތައް އިތުރުކުރުން

ރައީސް ޑރ. މުއިއްޒުގެ މެނިފެސްޓޯގައި އައި.ޓީ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ ޢަދަދު އިތުރުކުރުމަށްޓަކައި ވިމެން އިން ޓެކްނޮލޮޖީ (ވިޓް) ގެ ނަމުގައި ޤައުމީ ޙަރަކާތެއް ހިންގުންވެސް ހިމެނެއެވެ. މީގެ ތެރޭގައި މިކަމަށް ކުރެވޭ އިންވެސްޓްމަންޓް އިތުރުކުރުމާއި، އަންހެނުންގެ މެދުގައި ޓެކް ހުނަރު އިތުރުކުރުން ހިމެނިފައިވެއެވެ. މިވައުދަކީ މީގެ ކުރީ ސަރުކާރުންވެސް ފާހަގަކޮށް ކުރަން ރޭވި ކަމެކެވެ. ކުރީގެ މަސައްކަތާއި މިވައުދާއި ދެމެދުގައިވާ ތަފާތަކީ ކުރީގައި ފާހަގަކޮށްފައިވަނީ ސްޓެމްގެ ހުރިހާ ދާއިރާއެކެވެ. މިފަހަރު މިއޮތީ އައިޓީ އެކަންޏެވެ.

ކުރީގެ ސަރުކާރުން މިމަގުސަދުގައި މަސައްކަތް ކުރުމަށްޓަކައި ވަރކިންގ ގްރޫޕެއް އެކުލަވާލާ އެކިއެކި ހަރަކާތްތައް ހިންގުމަށް ރޭވިއެވެ. އެހެން ނަމަވެސް ވަރކިންގ ގްރޫޕް އުފެއްދުނުކަން އެކަންޏެވެ. ނަމަކަށް އުފެއްދި މިގްރޫޕުން ޕެނަލް ޑިސްކަޝަން އެއް ކުރިއަށް ގެންދިޔުން ނޫން ކަމެއް ފެންނާކަށް ނެތެވެ. އައު ސަރުކާރުން ކުރަން މިއުޅޭ މަސައްކަތް މިފަދައިން "ވައިވެގެން" ނުދާނެ ކަމަށް އުންމީދުކުރަމެވެ.

ސައިންސާއި ޓެކް ދާއިރާގައި އަންހެނުންގެ ކުރިއެރުވުމަށް މިހާރު އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ވިމެން އިން ޓެކް މޯލްޑިވްސް (ވިމެންއިންޓެކްއެމްވީ) އިން ގިނަ މަސައްކަތްތަކެއް ކުރެއެވެ. މިޖަމްއިއްޔާއިން ކުރީގެ ސަރުކާރާއި ގުޅިގެން ވެސް ގިނަ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ. މިހާރުގެ ސަރުކާރުން ހަމަ އެމަގުސަދުގައި މަސައްކަތް ކުރާ އިރު ނަތީޖާ ދައްކާފައިވާ މިފަދަ ޖަމްއިއްޔާތަކުގެ ބައިވެރި ވުމާއެކު މަސައްކަތް ކުރެވިދާނެ ކަމަށް ދެކެމެވެ.

4. އީ-ގަވަރމަންޓް ނުވަތަ ސަރުކާރުގެ ހިދުމަތްތައް ޑިޖިޓައިޒްކުރުން

ސަރުކާރުން ރައްޔިތުންނަށް ދޭ ހިދުމަތްތައް ޒަމާނީކޮށް ޑިޖިޓަލައިޒްކުރުމާއި ގުޅޭ އެކިއެކި ވައުދުތަކެއް ރައީސް ޑރ. މުއިއްޒުގެ މެނިފެސްޓޯގައި ހިމެނެއެވެ. އޭގެ ތެރޭގައި ސަރުކާރުގެ ހުރިހާ އިދާރާއެއްގެ ކައުންޓަރު ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް ގެނައުމާއި، ސަރުކާރުގެ ހިދުމަތްތަކާއި ގުޅޭގޮތުން ސެންޓްރަލް ކޯލް ސެންޓަރެއް ހެދުމާއި، ސަރުކާރުގެ ހުރިހާ އޮފީސްތަކެއް 'ޕޭޕަރލެސް' ކޮށް ހިންގޭނެ ފެންވަރަށް އޮފީސްތަކުގެ ލިޔެކިޔުންތައް ޑިޖިޓަލައިޒްކޮށް، އޮފީސް ހިންގުމަށް ބޭނުންވާނެ އެންމެހާ ޕްރޮގްރާމުތަކާއި ސޮފްޓްވެއަރތަކާއި އިންޓަރފޭސްތައް ޤާއިމުކުރާނެކަމަށް ބުނެފައި އެބައޮތެވެ.

ސަރުކާރުގެ ހިދުމަތްތައް ޑިޖިޓައިޒް ކުރުމުގެ މަސައްކަތްތަކެއް މީގެ ކުރީ ސަރުކާރުތަކުންވެސް ވަނީ ކޮށްފައެވެ. ކުރީގެ ސަރުކާރުން މިކަން ކުރުމަށްޓަކައި ވަންގަވް ފަދަ ހިދުމަތްތައް ވަނީ ޑިވެލޮޕްކޮށްފައެވެ. ގިނަ ބަޔަކު ހިޔާލުފާޅު ކުރާ ގޮތުގައި ކުރީގެ މަސައްކަތްތަކުގެ ހުރި ގޮންޖެހުމަކީ މެންޑޭޓް ފުށުއަރާ ގިނަ އިދާރާތަކެއް ހުރުމެވެ. އެންމެ ކުރިން މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީއަކާއި ފަހުން މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޗް އެންޑް ޓެކްނޮލޮޖީއާއި އެންސީއައިޓީއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން އައި ޓްރޭޑްނެޓާއި ރައީސް އޮފީހުގެ ދަށުން ސަރުކާރުގެ އައިޓީ ކަންތައްތައް ބެލެހެއްޓުމަށް ހަވާލުކުރެވުނު ސީޓީއޯއެއް އުފައްދާ އެކި އެކި ބައިތައް ބައިވައިވެ އެއްބަޔަކު އަނެއްބަޔަކާއި ގުޅުމެއް ނެތުމަކީ އޭރު ދިމާވި ގޮންޖެހުމެކެވެ.

މިހެން ސްޓްރަކްޗަރ ކުރުމުގެ ސަބަބުން އެއް އިދާރާ އަނެއް އިދާރާއިން ވަކިވަކިން މިކަން ކުރަންއުޅުނީ ވާދައަށް މުބާރާތެއް ފަދައިންނެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރުގެ ހިދުމަތްތަކަށް އެދުމަށް ސެންޓްރަލް ނިޒާމެއް އަދިވެސް ހަމެނުޖެހުމާއި ހިދުމަތްތަކުގައި އެއްގޮތްކަމެއް ނެތުމުގެ ސަބަބުން ބައެއް ހިދުމަތްތައް އޮންލައިންވުމުގެ ފަސޭހަ ލިބުނު ނަމަވެސް ރައްޔިތުންނަށް އެދޭ މިންވަރަށް އަދި ރާއްޖޭގެ ކޭޕެބިލިޓީސް ހިމެނޭ ލެވެލްއަށް އަދިވެސް މިކަން ތަރައްގީއެއް ނުވެއެވެ.

އައު ސަރުކާރުން މިދެންނެވުނު ބައިތައް ވަކިވަކިން އޮޕަރޭޓް ކުރުމުގެ ބަދަލުގައި ސެންޓްރަލް އިދާރާއަކަށް މިކަން ހަވާލުކޮށް މިހާރު ހުރި ސޮލިއުޝަންތަކުގެ އެއް ނިޒާމަކަށް ފައްތާ އިތުރަށް ފަސޭހަތަކެއް ގެނައުމުގެ ވިސްނުން ގެންގުޅޭނެކަމަށް އުންމީދުކުރަމެވެ.

މިހާރުގެ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ސަރުކާރުގެ ހިދުމަތްތައް ޑިޖިޓައިޒް ކުރުމާއި ގުޅޭ ގޮތުން ޖެނެރަލްކޮށް ހުރިހާ ހިދުމަތަށް ނިސްބަތްވާގޮތަށް ބުނެފައި ވީނަމަވެސް، މަގުތަކާއި ގުޅޭ ހިދުމަތްތައް ލިބިގަންނާނޭ ޑިޖިޓަލް ޕްލެޓްފޯމެއް ޤާއިމުކުރާ ވާހަކަ ވަކިން ފާހަގަކޮށްފައި އެބައޮތެވެ. ހާއްސަކޮށް ވަކިން މިކަންތައް ހިމެނިފައިވަނީ މީގެ ކުރިން މާލޭ މޭޔަރުގެ ހައިސިއްޔަތުން މާލޭ ސިޓީ ކައުންސިލުގެ މެންޑޭޓުގައި ޑރ. މުއިއްޒު ކުރަން ވިސްނަވާފައިވާ ކަންތައްތައް ކަމަށް ވުން އެކަށީގެންވެއެވެ.

5. އޮންލައިން ހިދުމަތް ފޯރުކުރުމުގައި ފަހުގެ އިނޮވޭޓިވް ޓެކްނޮލޮޖީ ބޭނުންކުރުން

އެކި އެކި އައު ޓެކްނޮލޮޖީތައް ރާއްޖެއަށް ތައާރަފްކުރުމާއި ގުޅޭ ވައުދުތަކެއްވެސް ރައީސް ޑރ. މުއިއްޒުގެ ވައުދުތަކުގެ ތެރޭގައި ހިމެނެއެވެ. އޭއައި ބޭނުންކޮށްގެން މާލޭގެ ޓްރެފިކް ނިޒާމް ޑިޖިޓަލައިޒްކުރާ ވާހަކައާއި ސަރުކާރުގެ ހިންގުން ޒަމާނީކޮށް ހަލުވިކުރުމަށްޓަކައި އޭއައި ބޭނުންކުރާ ވާހަކައާއި ބްލެކޮޗެއިން ޓެކްނޮލޮޖީގެ ބޭނުން ކުރުމަށް ކުރަންޖެހޭ ދިރާސާ ކުރުމުގެ ވާހަކަ މީގެ ތެރޭގައި ހިމެނެއެވެ.

އޭއައި އަކީ މިހާރު މެއިންސްޓްރީމް ވަމުންދާ އެކިއެކި މަސައްކަތްތަކުގައި ބޭނުންކުރުން އިތުރުވެފައިވާ ޓެކްނޮލޮޖީއެކެވެ. ފަހުގެ ހަބަރުތަކަށް ބަލާލައިފިނަމަ ބައިނަލްއަގްވާމީ ގިނަ ކުންފުނިތަކުގައި އޭއައިގެ ބޭނުންކުރަމުންދާ މިންވަރު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ފައިސާއާއި ގުޅޭ މަސައްކަތްތަކުން ފެށިގެން ޑިޒައިންއާއި ޕްރޮޖެކްޓް މެނޭޖްމަންޓާއި މިހެން ގޮސް ކުންފުނިތަކުގައި ކުރާ ހުރިހާ މަސައްކަތްތަކަށް މިހާރު އެކިއެކި އޭއައި އެޕްލިކޭޝަންތައް ބޭނުންކުރެއެވެ. އަދި ސަރުކާރުގެ އެކި ހިދުމަތްތަކަށް ވެސް ބައެއް ގައުމުތަކުން އޭއައި ބޭނުންކުރަން ވަނީ ފަށާފައެވެ. އީގަވަރމަންޓްގެ ހިދުމަތްތައް އެންމެ ފުރަތަމަ ފެށި ޑެންމާރކް، ޔޫކޭ، އެސްޓޯނިއާ، ސިންގަޕޫރު، އޮސްޓްރޭލިޔާ، ނިއުޒީލެންޑް ފަދަ ގައުމުތަކުން އެސަރުކާރުތަކުން މިހާރު ދޭ އޮންލައިން ހިދުމަތްތަކުގެ އެކި ބައިތަކުގައި އޭއައި ހިމަނާ ހިދުމަތްތައް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތްތައް ކުރެއެވެ. (ބީސީޖީ، 2020)

ރާއްޖޭގައިވެސް އަދި އެހެން ގައުމުތަކުގައިވެސް އޭއައި ބޭނުންކުރުމުގައި ދިމާވެދާނެ ގޮންޖެހުންތަކެއް އެބަހުރިއެވެ.

- އެއްކަމަކަށް އޭއައި ރެގުލޭޓްކުރުމަކީ އުނދަގޫކަމެކެވެ. އެހެން ކަމުން ރަނގަޅަށް އޭއައި ބޭނުންކުރުމަށްޓަކައި ގާނޫނީ ނިޒާމް ހަރުދަނާ ކުރަންޖެހެއެވެ. އޭއައި އެޕްލިކޭޝަންތައް ބޭނުންކުރުމުގެ ކުރިން މިކަމުގެ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކްސްޕަރޓުންގެ އެހީ ހޯދަން ޖެހެއެވެ.

- ސަރުކާރުން ނިންމާ ނިންމުންތަކަކީ ހުރިހާ ރައްޔިތުންނަށް އަސަރުކުރާނެ ކަންތައްތައް ކަމުން އޭއައި އެޕްލިކޭޝަން އުފެއްދުމުގައާއި މިކަމާގުޅޭ ގާނޫނު ގަވާއިދު އެކުލަވާލުމުގައި ޓްރާންސްޕޭރެންޓް ވާނެޖެހެއެވެ.

- ސަރުކާރުން ބޭނުންކުރާ އޭއައި ސިސްޓަމްތަކަކީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި އޮންނަންޖެހޭނެ ތަކެއްޗެވެ. މިހާރު ބޭނުންކުރެވޭ ގިނަ އޭއައި އެޕްލިކޭޝަންތަކަކީ ޕްރައިވެޓް ކުންފުނިތަކުން އުފައްދާ ފައިދާ ހޯދުމަށް ވިއްކާ ތަކެތި ކަމުން، ރައްޔިތުންގެ މައުލޫމާތާއި ޑޭޓާ އެކުލެވޭ އެޕްލިކޭޝަންތަކުގައި ތަރޑް ޕާޓީއަކަށް ކޮންޓްރޯލް ނުދާނެ ގޮތަކަށް ވިސްނަން ޖެހެއެވެ. މިއީ ހަމައެކަނި އޭއައި އެޕްލިކޭޝަންތައް ބޭނުންކުރުމުގައި ދިމާވާ މައްސަލައެއް ނޫނެވެ. ކުރީގެ ސަރުކާރުން ޑިޖިޓަލް އައިޑީގައި ހިމެނޭ ރައްޔިތު މީހާ ދެނެގަތުމަށް ބޭނުންކުރާ ފޭސް ރިކޮގްނިޝަން ފަންކްޝަނުން ރާއްޖޭއިން ބޭރުގެ ކުންފުންޏަކުން ދިވެހި ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާކުރުމާމެދު ދާދި ފަހުން ވަނީ ސަރުކާރަށް ރައްޔިތުންގެ ފާޑުކިޔުން އަމާޒުވެފައެވެ.

- އޭއައި އަދި ބްލޮކްޗެއިން ނުވަތަ އެހެން ފަހުގެ ޓެކްނޮލޮޖީ ވިޔަސް ސަރުކާރުގައި ހާއްސަކޮށް ބޭނުންކުރާ އެޕްލިކޭޝަންތަކުގައި މީހުންގެ މައުލޫމާތުގެ ރައްކާތެރިކަމާއި، ޓްރާންސްޕޭރެންސީއާއި ސެކިޔުރިޓީއާއި ދޭތެރޭގައި ވިސްނުން ވަރަށް މުހިއްމެވެ. އަދި އޭއައި ބޭނުންކުރާނަމަ ވަކި ފަރާތަކަށް ޖެހުން (ބައެސް) ފަދަ މައްސަލަތައް ނުހިމެނުމާއި އެޕްލިކޭޝަންތަކުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ރިސްކުތައް ކުޑަކުރެވެންވާނެއެވެ.

ސަރުކާރުގެ 14 ހަފްތާ ޕްލޭންގެ ޓެކް މަސައްކަތް

ރައީސް ޑރ. މުއިއްޒުގެ 14 ހަފްތާގެ ޕްލޭންގެ ތެރޭގައިވެސް މިދާއިރާއިން ކުރާނެ ބައެއް ކަންތައް ވަނީ މިހާރު ހިމަނާފައެވެ. އެއީ؛

- ކޯޑިންގ ހުނަރު ތަރައްގީކުރުމަށް ފުރުސަތުތައް ހޯދޭނެ ހާއްސަ ޕްލޭނެއް އެކުލަވާލުން

- އޮންލައިން ޕޭމަންޓް ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ލިބިގަތުމަށް ހުރި ގާނޫނު ހުރަސްތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ފެށުން

- އީކޮމަރސް އަދި އޮންލައިން ސަރވިސް ޕްލެޓްފޯމްތަކުން ވިޔަފާރިކުރުމާއި އާމްދަނީ ހޯދުމުގެ ފުރުސަތު ހޯދުމުގެ މަސައްކަތް ފެށުން

އައު ސަރުކާރުގެ ޓެކްނޮލޮޖީ ޕޯޓްފޯލިއޯ

ނޮވެމްބަރޔ 17 ވީ ހުކުރު ދުވަހު ޑރ. މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރެއްވުމަށްފަހު، އައު ސަރުކާރުގެ މިނިސްޓްރީތައް ކަނޑައަޅުއްވާ، މިނިސްޓަރުންވެސް ވަނީ އައްޔަންކުރައްވާފައެވެ. ޓެކްނޮލޮޖީގެ ޕޯޓްފޯލިއޯ ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ހޯމްލެންޑް ސެކިޔުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށުން މިނިސްޓަރ ޢަލީ އިހުސާނުއާއެވެ. މިގޮތުން ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) މިހާރު ހިމެނެނީ މިމިނިސްޓްރީގެ ދަށުގައެވެ. އެހެންކަމުން ލަފާކުރެވޭގޮތުގައި މިއާޓިކަލްގައި ފާހަގަކުރެވުނު ކަންތައްތައް ތަންފީޒުކުރާނީ އެންސީއައިޓީއިންނެވެ.

ކޮންމެ ސަރުކާރެއްވެސް އަލަށް އަންނަ އިރު ފެންނާނީ ވަރަށް އުންމީދީކޮންނެވެ. މިފަހަރުގެ އައު ސަރުކާރުގެ މިޕްލޭންތައް ވެސް ފުރިހަމަ ވާނެކަމަށް އަހަރުމެން އުންމީދުކުރަމެވެ. އަދި މިކަންތައް ކުރިއަށް ދާމިންވަރު ރައްޔިތުންގެ ތެރެއިން ބަޔަކު ފާރަވެރިވެ ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތް ކުރާނެކަމަށް ވެސް އުންމީދުކުރަމެވެ.


އިތުރަށް ކިޔާލުމަށް:

ރާއްޖޭގައި އައިސީޓީ ސިޔާސީކުރުން މުހިންމު ވަނީބާ؟

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.