ސޯޝަލް މީޑިއާ އަކީ އަހަރުމެންގެ އޮންލައިން ދުނިޔޭގެ މުހިއްމު ބައެކެވެ. ސޯޝަލް މީޑިއާއިން ވަނީ އަހަރުމެން އެކަކު އަނެކަކާއި މުއާމަލާތް ކުރާ ގޮތް ބަދަލުކޮށްލާފައެވެ. އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް ސޯޝަލް މީޑިއާގެ ބާވަތްތައް ދެނެގަންނަން އުނދަގުލެއް ނުވާނެކަން ޔަގީނެވެ. އެހެންނަމަވެސް ސޯޝަލް މީޑިއާއާއި ބެހޭ ގޮތުން ވާހަކަ ދައްކާ އިރު އެންމެ ފުރަތަމަ ކަމަކަށް އޭގެ މާނަ ދެނެގަތުން މުހިއްމު ކަމަށް ދެކެމެވެ. ސޯޝަލް މީޑިއާގެ މާނަ ހޯދުމަށް ގޫގުލްކޮށްލައިފިނަމަ، އަދަދު ނުކުރެވޭހާ ގިނަ ޖަވާބު ލިބޭނެއެވެ. ލިބުނު ޖަވާބުތަކަށް ބަލައިލާ ޖުމްލަކޮށް ސޯޝަލް މީޑިއާ މާނަ ކުރެވެނީ ތިރީގައިވާ ފަދައިންނެވެ.
ހިސްޓްރީ ކޯޕަރޭޓިވް ޑޮޓް ކޮމް ވެބްސައިޓުގައިވާ އާޓިކަލްއެއްގައި ވާގޮތުން ސޯޝަލް މީޑިއާ އަކީ އޮންލައިންކޮށް ތަފާތު ގޮތްގޮތަށް މުވާސަލާތުކުރުމަށް މީހުން އުފައްދާ ނެޓްވޯރކްތަކަށް ނުވަތަ ކޮމިޔުނިޓީތަކަށް ނުވަތަ ޕްލެޓްފޯމްތަކަށް ކިޔާ ނަމެކެވެ. މިފަދަ ޕްލެޓްފޯމްތައް އުފައްދާ ބޭނުންކުރަނީ މީހުން އަމިއްލައަށް އުފައްދާ މައުލޫމާތާއި ހިޔާލާއި މެސެޖާއި ވީޑިއޯ ފަދަ ކޮންޓެންޓްތައް އެކަކު އަނެކަކާއި ހިއްސާކުރުމަށެވެ. މީގެން ދޭހަވާ އެއްކަމަކީ ސޯޝަލް މީޑިއާ އުފެދިގެން އައީ އިންޓަނެޓް އުފެދި އާންމުވުމަށް ފަހުގައެވެ. އަދި ސޯޝަލް މީޑިއާ ބިނާވަނީ އޭގައި ބައިވެރިވާ މީހުން އަމިއްލައަށް އުފައްދާ ކޮންޓެންޓުގެ މައްޗަށެވެ.
ސޯޝަލް މީޑިއާގެ ތާރީހަށް ބަލާލައިފިނަމަ އެންމެ ފުރަތަމަ މިފަދައިން އުފެއްދި ނެޓްވޯކަކީ ސިކްސް ޑިގްރީސް ކިޔާ ޕްލެޓްފޯމެކެވެ. ސޯޝަލް މީޑިއާ މި ބަސް ފުަރަތަމަ ފަހަރަށް ބޭނުންކުރެވުނީ މިނެޓްވޯކިންގ ސައިޓާއި ގުޅުވައިގެންނެވެ. ސިކްސް ޑިގްރީސް އުފެދުނީ 1997 ވަނަ އަހަރުއެވެ. ގާތްގަނޑަކަށް 3 އަހަރު ވަންދެން ބޭނުންކުރެވުނު މިޕްލެޓްފޯމް އުމުރުން ކުރު ނަމަވެސް މީގެ ފަހުން އުފެދުނު ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބިނާވެފައިވަނީ މިޕްލެޓްފޯމްގެ ކޮންސެޕްޓްގެ މައްޗަށެވެ. މި ޕްލެޓްފޯމަށް ސިކްސް ޑިގްރީސް އޭ ކިޔުނީ "ސިކްސް ޑިގްރީ އޮފް ސެޕަރޭޝަން" ތިއަރީއަށް ބިނާކޮށްފައެވެ. މިއީ ދުނިޔޭގައި އުޅޭ ކޮންމެ ދެމީހެއް، އެންމެ ގިނަވެގެން 6 މީހުންގެ ޗެއިންއަކުން އެކަކު އަނެކަކާއި ގުޅިގެން ދާނެކަމަށް ބުނާ ކޮންސެޕްޓެކެވެ.
މިޕްލެޓްފޯމްގައި އީމެއިލް އެޑްރެސް ބޭނުންކޮށްގެން ސައިންއަޕްކޮށް، އަމިއްލަ ޕްރޮފައިލެއް އުފައްދާ، ރައްޓެހިންނާއި ކަނެކްޓްކުރުން ފަދަ ފީޗަރސްތައް ހިމެނުނެވެ. މިޕްލެޓްފޯމް ގާތްގަނޑަކަށް 3.5 މިލިއަން މީހުން ބޭނުންކުރިއެވެ. މިޕްލެޓްފޯމް އުފެއްދީ އެންޑްރޫ ވެއިންރިޗްއެވެ. ޔޫތުސްޓްރީމް މީޑިއާ ނެޓްވޯކްސް އިން 1999 ވަނަ އަހަރު 125 މިލިއަން ޑޮލަރަށް މިޕްލެޓްފޯމް ގަތް ނަމަވެސް އޭގެ އެންމެ އަހަރެއްހާ ދުވަސް ފަހުން ޕްލެޓެފޯމް ބޭނުންކުރުން ހުއްޓާލިއެވެ.
ސިކްސް ޑިގްރީސްއަށް ފަހު ދެން އުފެދުނު ސޯޝަލް މީޑިއާ ޕްލެޓްފޯމަކީ ފްރެންޑްސްޓަރއެވެ. 2002 ވަނަ އަހަރު އުފެއްދި މިސޯޝަލް މީޑިއާ ނެޓްވޯކްގައިވެސް، އީމެއިލް އެޑްރެސް ބޭނުންކޮށްގެން ސައިންއަޕްކުރުމާއި، "ފްރެންޑުން" ހޯދައި، ޕާސަނަލް ނެޓްވޯކެއްގެ ބައެއްގެ ގޮތުގައި ސޭވް ކުރުމުގެ ފީޗަރ ހިމެނުނެވެ. މިޕްލެޓްފޯމުގައި ވީޑިއޯތަކާއި ފޮޓޯތަކާއި މެސެޖުތައް އެހެން ޔޫޒަރުންނާއި ހިއްސާ ކުރެވެއެވެ. އަދި "ފްރެންޑުން"ގެ ޕްރޮފައިލްތަކަށް ކޮމެންޓްވެސް ކުރެވެއެވެ. ޕްރެންޑްސްޓަރ ލޯންޗުކުރި ފަހުން ކުރު މުއްދަތެއްގެ ތެރޭގައި 3 މިލިއަން ޔޫސަރުން ސައިންއަޕް ކުރިއެވެ. އަދި މިޕްލެޓްފޯމްގެ ޔޫސަރުންގެ އަދަދު 100 މިލިއަންއަށް ވުރެ ގިނަވިއެވެ. 2011 ވަނަ އަހަރު މިޕްލެޓްފޯމް ގޭމިންސް ސައިޓެއްގެ ގޮތުގައި ރީބްރޭންޑް ކުރެވުނެވެ. އެހެން ނަމަވެސް ވާދަވެރި އެހެން ޕްލެޓްފޯމްތަކާއި އެއް މިންވަރަށް ހިފަހައްޓާ ނުލެވި 2015 ވަނަ އަހަރު މިޕްލެޓްފޯމްގެ ހިދުމަތް ހުއްޓާލިއެވެ.
މިހާތަނަށް އުފެއްދުނު ސޯޝަލް މީޑިއާ ސައިޓްތަކުގެ ތެރެއިން އެންމެ ގިނަ ދުވަހު ހިފަހައްޓާލެވިފައިވާ ޕްލެޓްފޯމަކީ ލިންކްޑްއިން އެވެ. ލިންކްޑްއިން ރަސްމީކޮށް ލޯންޗުކުރީ 2003 ވަނަ އަހަރުއެވެ. މިޕްލެޓްފޯމަކީ ފެށުނީއްސުރެވެސް ޕްރޮފެޝަނަލް ނެޓްވޯކިންގއަށް ފޯކަސްކޮށްގެން ޕްރޮފެޝަނަލް އަދި އެޑިޔުކޭޝަނަލް ކޮންޓެކްޓްތައް ގުޅުވައިދޭ ސައިޓެކެވެ. މިއަދުވެސް ލިންކްޑްއިން ހިމެނެނީ ހަމަ މިފަދައިންނެވެ. މިވަގުތު ލިންކްޑްއިންގައި ރަޖިސްޓަރކޮށްގެން ބޭނުންކުރާ 900 މިލިއަނަށް ވުރެ ގިނަ ޔޫސަރުން ހިމެނެއެވެ.
ހަމަ 2003 ވަނަ އަހަރު ދެން އުފެނު ސޯޝަލް މީޑިއާ ޕްލެޓްފޯމަކީ މައިސްޕޭސްއެވެ. މައިސްޕޭސް ފުރަތަމަ ފެށުނީ ފައިލް ސްޓޯރޭޖް ޕްލެޓްފޯމެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ވަރަށް އަވަހަށް އޮންލައިން ސޯޝަލް ނެޓްވޯކަކަށް ބަދަލުވެ އޭގެ މަގުބޫލުކަން އިތުރުވެގެން ދިޔައެވެ. މި ޕްލެޓްފޯމްގެ މަގުބޫލުކަން އިތުރުވެގެން ދިޔުމުގެ ސަބަބުން 2005 ގައި ޔޫކޭގެ ނިއުސް ކޯރއިން 580 މިލިއަން ޑޮލަރަށް އެޕްލެޓްފޯމް ގަތެވެ. އަދި 2006 ވަނަ އަހަރު ގޫގުލްވެސް ފަހަނައަޅާ، އެންމެ ގިނަ މީހުން ބޭނުންކުރާ ޕްލެޓްފޯމަށް މައިސްޕޭސް ވެގެން ދިޔައެވެ. 2004 ވަނަ އަހަރުން ފެށިގެން ފޭސްބުކް އުފެދުނު ނަމަވެސް 2008 ވަނަ އަހަރާއި ހަމައަށް މައިސްޕޭސްގެ މަގްބޫލުކަން ހުރީ ވަރަށް ކުރީގައެވެ. އެހެން ނަމަވެސް 2008 ވަނަ އަހަރުން ފެށިގެން ފޭސްބުކް ކުރިއަރައިގެން ދިޔައެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި މައިސްޕޭސްގެ ވެއްޓުމުގެ ސަބަބުތަކުގެ ތެރޭގައި ފޭސްބުކްގެ އިތުރުން މައިސްޕޭސް ޕްލެޓްފޯމްގައި އިޝްތިހާރުތައް އިންތިހާއަށް ގިނަވުމާއި، ބޭނުންކުރަން އުނދަގޫވުން ހިމެނެއެވެ.
2000ގެ އަހަރުތަކުގައި އުފެދުނު ފޭސްބުކް، ޓްވިޓާ، އަދި ލިންކްޑްއިން ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވަނީ މީހުން އޮންލައިންކޮށް، އަމިއްލަ އަދި ޕްރޮފެޝަނަލް މުއާމަލާތް ކުރާގޮތް މުޅިން ބަދަލުކޮށްލާފައެވެ. މިޕްލެޓްފޯމްތައް އުފެއްދުމުގެ ބޭނުމެއް ކަމުގައި ވަނީ ވަރޗުއަލް ގުޅުންތައް ބަދަހި ކުރުމާއި އަމިއްލަ ފަރާތްތަކުގެ ދިރިއުޅުމުގެ ހަބަރުތަކާއި ހިޔާލުތަކާއި ތަޖުރިބާތައް ދުނިޔޭގެ ލެވެލްގައި ހިއްސާކުރުމެވެ. ސޯޝަލް މީޑިއާގެ ސަބަބުން ވަކި ވަކިން ތިބި މީހުންގެ މެދުގައިވާ ދުރުމިން ކުޑަކޮށްދިނެވެ. މިޕްލެޓްފޯމްތައް ވެގެން ދިޔައީ ދުރުގައި ތިބި މީހުން އެކަކު އަނެކަކާއި ގާތްކޮށްދޭން ކުރިއަށް އެޅި ބޮޑު ފިޔަވަޅަކަށެވެ.
އެންމެ ކުރިން އުފެދުނު ޓެކްސްޓާއި ފޮޓޯގެ މައްޗަށް ބިނާވި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް އިތުރަށް ކުރިއެރުން ލިބިގެން ދިޔައީ އިންސްޓަގްރާމް އާއި ޔޫޓިއުބް ފަދަ ވިޝުއަލް ކޮންޓެންޓް ހިއްސާކުރާ ޕްލެޓްފޯމްތައް ތައާރަފްވި ހިސާބުންނެވެ. ސޯޝަލް މީޑިއާގެ ސަބަބުން ޑިޖިޓަލް ދުނިޔޭގައި އަހަރުމެންގެ މުޖުތަމަޢުތަކަށާއި ސަގާފަތަށާއި މުވާސަލާތީ ހަރަކާތްތަކާއި އެކަކު އަނެކަކާއި ކަނެކްޓް ކުރާގޮތްތަކަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ.
އެހެން ނަމަވެސް މިޕްލެޓްފޯމްތައް އުފެދުނުތާ އެތަށް އަހަރުތަކެއް ފަހުން މިހާރު މަންޒަރު ދަނީ ބަދަލުވަމުންނެވެ.
އެއް ޒަމާނެއްގައި ސޯޝަލް މީޑިއާއަކީ ވަރަށް މޮޅު ހިޔާލެކޭ ހީވި ނަމަވެސް މިހާރު މިކަމާމެދު ގިނަ ބައެއްގެ ހިޔާލު ދަނީ ބަދަލުވަމުންނެވެ. ފޭސްބުކްއާއި އިންސްޓަގްރާމް އިން އަހަރުމެން ގާތް ކޮށްދޭނެކަމަށް އޭރު ސިފަކޮށްދިން ނަމަވެސް މިހާރު ފެންނަނީ އޭރުގެ މަންޒަރެއް ނޫނެވެ. ސޯޝަލް މީޑިއާގައި އެތަށް މައްސަލައެއް އެބަހުއްޓެވެ. އޭރު އަހަރުމެން ހީކުރިހާ މޮޅު އެއްޗަކަށް މިޕްލެޓްފޯމްތައް މިހާރު ނުވެއެވެ.
އިންޓަރނެޓް ބޭނުންކުރާ ގޮތްތައް ދިރާސާކުރާ ގްލޯބަލް ވެބް އިންޑެކްސް (ޖީ.ޑަބްލިޔު.އައި) އިން ޖޫން 2023 ގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައި ބުނާގޮތުން، 2022 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ލެވެލްގައި ދުވާލަކު އެވްރެޖްކޮށް މީހުން ސޯޝަލް މީޑިއާގައި ހޭދަކުރާ ވަގުތު ވަނީ ދަށްވެފައެވެ. ޖުމްލަކޮށް ސޯޝަލް މީޑިއާ ބޭނުންކުރާ ވަގުތު ދަށްވި ނަމަވެސް، ޓިކްޓޮކް ފަދަ ފަހުގެ ސޯޝަލް މީޑިއާ އެޕްތަކުގެ މަގުބޫލުކަން 2023 ވަނަ އަހަރު ވެސް ދަނީ އިތުރުވަމުންނެވެ.
ފާއިތުވި ދިހަ އަހަރަށް ވުރެ ގިނަ ދުވަހުގެ މުއްދަތަކަށް ފޭސްބުކް، އިންސްޓަގްރާމް، އަދި ޓްވިޓާ ފަދަ ސޯޝަލް މީޑިއާ އަކީ މީހުން އެއްބަޔަކު އަނެއްބަޔަކާ ކަނެކްޓް ކުރުމަށް ބޭނުންކުރެވުނު މަގްބޫލު ޕްލެޓްފޯމްތަކެއް ކަމުގައިވީނަމަވެސް، މިޓްރެންޑް މިހާރު ވަނީ ދަށަށް ޖެހިލާފައެވެ. މިހެން ދިމާވާ ސަބަބަކީ މިޕްލެޓްފޯމްތައް އުފެއްދުމުގެ އަސްލު މަގްސަދު މިހާރު ބަދަލުވެފައިވާތީއެވެ. މީހުން އެކަކު އަނެކަކާއި ކަނެކްޓް ކުރާ ތަނެއްކަމުގައި ވުމުގެ ބަދަލުގައި މިހާރު މިޕްލެޓްފޯމަތައް ބަދަލުވެފައިވަނީ މުނިފޫހިފިލުވުމުގެ ޗެނަލްތަކަކަށެވެ. ޕްލެޓްފޯމްތައް އުފައްދާ ފަރާތްތަކުގެ ވިސްނުން ބަދަލުވެފައިވަނީ ފައިދާ ހޯދުމަށާއި ވީހާވެސް އަވަހަކަށް ޕްލެޓްފޯމް ފުޅާކުރުންކަމަށް ވާތީ، މިއެޕްލިކޭޝަންތައް ބޭނުންކުރާ މީހުން ދަނީ ޕްލެޓްފޯމްތަކަށް ބީރައްޓެހިވަމުންނެވެ. އިޝްތިހާރުތަކާއި ޕެއިޑް ކޮންޓެންޓް ގިނަވެ ބައެއް ޕްލެޓްފޯމްތައް ދަނީ މަސްހުނިވަމުންނެވެ.
މިހާރަކަށް އައިސް މީހުން އިހްތިޔާރު ކުރަނީ ބީރައްޓެހި 300 "ފްރެންޑުން" ގެންގުޅުމަށްވުރެ، ދަންނަ ގާތް މީހުންގެ ގްރޫޕްތަކެއް އުފައްދާ އެފަދަ ގްރޫޕްތަކުގައި އެކްޓިވްވުމެވެ. މިހާރުގެ ޒުވާނުން ބޮޑަށް އިހްތިޔާރު ކުރަނީ މިފަދަ ކުދި ޗެޓް ގްރޫޕްތަކެވެ. ދިރިއުޅުމުގައި ކުރާ ހުރިހާ ކަމެއް ނުދަންނަ އެތަށް ބަޔަކަށް ހިއްސާ ކުރުމަށް ވުރެ، އަހަރުމެން މިހާރު އިހްތިޔާރު ކުރަނީ އާއިލާއާއި ދަންނަ ރައްޓެހިންގެ ކުޑަ ގްރޫޕަކަށް ހިއްސާކުރުމަށެވެ. މިފަދަ ކުޑަ ގްރޫޕްތަކުގައި އުޅޭއިރު، ކުރީބައިގައި ބޮޑެތި ޕްލޭންކޮށް، ބްރޭންޑްކުރެވިފައިވާ ކޮންޓެންޓްތައް އުފައްދަން ވިސްނާކަށް ނުޖެހެއެވެ. ކުޑަ ގްރޫޕްތަކުގައި، ގާތް ރައްޓެހިންނާއި އާއިލާއާއެކު ލިބިދޭ އާދައިގެ ހިތްގައިމު މާހައުލު މިހާރު މީހުން އިހްތިޔާރު ކުރެއެވެ.
މަޝްހޫރު ބޮޑެތި ޕްލެޓްފޯމްތަކުން ލިބޭ ގިނަ ފީޗަރސްތަކާއި މެދު މީހުން މިހާރު ވަނީ މާޔޫސްވެފައެވެ. މިފަދަ ޕްލެޓްފޯމްތަކުގައި އުފެދިފައިވާ ހުސްކަން ފިލުވުމަށްޓަކައި އަލަށް ތައާރަފްވާ އެކިއެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މީހުން މިހާރު ބޭނުންކުރެއެވެ. އަލަށް ތައާރަފްވާ ބައެއް ޕްލެޓްފޯމްތަކުގެ އަމާޒަކީ ކުރިން ބޮޑެތި ޕްލެޓްފޯމްތަކުން ފޯރުކޮށްދިން ފަސޭހަކަން ފޯރުކޮށްދިނުމެވެ. އަދި އިޝްތިހާރު ތަކާއި މަސްހުނިވެފައިވާ، މާ ބިޒީ، ކަންތައްގަނޑު ބޮޑު މާހައުލު ނައްތާލާ، އެކަކު އަނެކަކާއި ކަނެކްޓް ކުރުމުގެ ފުރުސަތު އަލުން އަނބުރާ ގެނައުމެވެ.
މިދެންނެވުނު އައު އެއްވެސް ޕްލެޓްފޯމަކުން މިހާތަނަށް ކުރީގެ، ބޮޑެތި ނެޓްވޯކްތަކުގެ ސައިޒާއި ވާދަ ނުކުރެވުނު ނަމަވެސް، މިޕްލެޓްފޯމްތަކަކީ އުއްމީދީ ސައިޓްތަކެއްކަމަށް ގަބޫލުކުރެވެއެވެ. މީހުން މިހާރު ވަނީ ބޮޑެތި، އެޑިކްޓިވް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި މެދު ފޫހި ވެފައެވެ. އަސްލު ހަގީގީ އިޖުތިމާއީ ގުޅުން މިފަދަ ޕްލެޓްފޯމްތަކަކުން ފޯރުކޮށްނުދޭކަން މިހާރު މީހުންނަށް އިހްސާސްވެއެވެ. އަލަށް އުފެދެމުން އަންނަ ސޯޝަލް ޗެނަލްތަކަކީ ބޮޑެތި ނެޓްވޯރކްތަކަށް ވުރެ ރަނގަޅު ދުޅަހެޔޮ ގުޅުން ތަކެއް ބަދަހި ކޮށްދޭނެ މާހައުލުތަކަކަށް ވުން އެކަށީގެންވެއެވެ.
ސޯޝަލް މީޑިއާގެ މުސްތަގުބަލާ މެދު ކޮންމެ ގޮތަކަށް ވިސްނާލިޔަސް، ބޮޑު ޕްލެޓްފޯމްތައް ނިމުމަކަށް އަންނަ ކަމުގެ އިހްސާސް މިހާރު ގިނަ ބަޔަކަށް ކުރެވޭނެއެވެ. އެހެން ނޫންނަމަ މިއީ މިދެންނެވުނު ބޮޑެތި ޕްލެޓްފޯމްތައް އައު ޒަމާނަކަށް ދަތުރު ކުރަން ލިބޭ ރަނގަޅު ޗާންސަކަށްވެސް ވެދާނެއެވެ. ބޮޑެތި ޕްލެޓްފޯމްތައް ކުދި ކުދި ބައިތަކަށް ބްރޭކްވުން މިއީ ދެން ފެންނާނެކަމަށް ލަފާ ކުރެވޭ ބޮޑު ބަދަލެކެވެ.
ފޭސްބުކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އެންމެ ކުރިން މާކެޓް ކުރެވުނީ "އެންމެ ގުޅުވައިދޭ" ޕްލެޓްފޯމެއްގެ ގޮތުގައި ކަމަށް ނަމަވެސް މިހާރު މިފަދަ ބޮޑެތި ހުރިހާ ޕްލެޓްފޯމްތަކެއްގެ މިހާރުގެ ވިސްނުންހުރީ ފައިދާ ހޯދާނެ، މީހުންގެ އެންގޭޖްމަންޓް އިތުރު ކުރާނެ މޮޅެތި ގޮތްތައް ހޯދުމެވެ.
އިންޓަރނެޓާއި މުޖުތަމައާއި ގުޅޭ ދިރާސާ ކުރާ ހަވާޑް ޔުނިވަރސިޓީގެ ފެކަލްޓީ އެސޯސިއޭޓް ބެން ގްރޮސަރ ބުނާގޮތުގައި ފަހުގެ ދިރާސާތަކުން ހާމަވާ ގޮތުގައި މިފަދަ ބޮޑެތި ކުންފުނިތަކުގެ މަގުސަދު މިހާރު ވަނީ މުޅިން ބަދަލުވެފައެވެ. މިކުންފުނިތަކުގެ މިހާރުގެ އަމާޒަކީ މީހުން އެމީހުންގެ ޕްލެޓްފޯމްތަކުަގައި ގިނަވަގުތު ހޭދަ ކުރާނެ ގޮތްތައް ހޯދުމާއި އެކުންފުނިތަކުގެ ޕްރޮފިޓް ބޮޑު ކުރާނެގޮތްތައް ހޯދުމެވެ. އަދި ސޯޝަލް މީޑިއާގެ ސަބަބުން މީހުންނަށް ކުރާ އަސަރުތައް ވަރަށް ރަނގަޅަށް މިހާރު ދިރާސާކުރެވެމުން އެބަދެއެވެ.
ފަހުގެ ދިރާސާއަކުން ދައްކާގޮތުގައި ބައެއް މީހުން އެމީހުން (ހާއްސަކޮށް ޒުވާނުން) ފިޒިކަލްކޮށް ހުންނަގޮތާމެދު ހިތްހަމަނުޖެހުމާއި އެކަމާއި ގުޅިގެން މީހުންގެ ކެއިންބުއިމުގެ އާދަތަކަށް އަސަރުކުރާ އެއް ސަބަބަކީ ސޯޝަލް މީޑިއާގެ ނުފޫޒެވެ.
މިހާރުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މީހުން ހިއްސާކުރާ އެކިއެކި ކަންތައްތަކާއިމެދު، ބަލަން ތިބޭ މީހުން ވަކި ފަރާތަކަށް ޖެހުމަށް މަޖުބޫރު ކުރުވައެވެ. އަސްލު ހަގީގަތުގައި މީހުންގެ ހިޔާލަކީ އެހާ ފަސޭހައިން ކަޅާއި ހުދަށް އެކަނި ފައްތާ ނުލެވޭނެ އެއްޗެކެވެ. އިންސާނުންނަކީ ތަބީއީ ގޮތުން ކަންތައްތަކާއި މެދު ވިސްނާއިރު މިއަށްވުރެ ފުންކޮށް ވިސްނާ ބައެކެވެ. އެހެން ކަމުން މީހުން ސޯޝަލް މީޑިއާގައި އުޅެނީ އާންމު ތަބީއަތާއި ހިލާފަށް ކަމަށް ދިރާސާ ކުރާ މީހުން ބުނެއެވެ. ދަ އެޓްލާންޓިކްގައިވާ އާޓިކަލްއެއްގައި ބުނާގޮތުންނަމަ އަސްލު އިންސާނުންނަކީ ގުތުރަތީ އަދި ތަބީއީ ގޮތުން އާންމުކޮށް މިހާ ވާހަކަތައް ދައްކާ ބައެއް ނޫނެވެ. އަދި ހާއްސަކޮށް އެތަށް ހާސް ބައެއްގެ ކުރިމަތީގައި އެމީހުންގެ ހިޔާލުތައް އާންމުކޮށް ހިއްސާ ކުރާ ބައެއް ނޫނެވެ. އެހެންކަމުން ސޯޝަލް މީޑިއާގައި މީހުން ހިއްސާކުރާ ކަންތައްތަކަކީ ހަގީގަތަކަށް ވުމަށް ވުރެ، ވަކި މީހަކު ނުވަތަ ގިނަ ބަޔަކު އަޑުއަހަން ބޭނުންވާ ކަންތައްތަކަށް ވުންގާތެވެ. އެއްބަޔަކު މިގޮތަށް މުއާމަލާތު ކުރާއިރު، ދެން ބާކީ ތިބި މީހުން ސޯޝަލް މީޑިއާގައި އުޅުނު ނަމަވެސް އެއްވެސް ގޮތަކަށް މުއާމަލާތެއް ނުކުރެއެވެ.
ގިނަބަޔަކު ސޯޝަލް މީޑިއާގައި އުޅެނީ މިގޮތަށެވެ. ބޮޑެތި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ތިބެނީ ކުޅިބަލާ ބައެއްގެ ގޮތުގައެވެ. ވާހަކަ ދައްކާ، ހިޔާލު ހިއްސާ ކުރާ މީހުންގެ ވާހަކަތައް ކިޔާށެވެ. ނުވަތަ އަޑުއަހާށެވެ. އެއްޗެއް ބުނާނީ އޭގެ ތެރެއިން މަދު ބައެކެވެ. މިހެން ވާންޖެހޭ އެއް ސަބަބަކީ މިޕްލެޓްފޯމްތަކުގައި ކަންތައްތައް ވަމުންގޮތް ފެނި އެގޮތް ބޭނުންނުވުމެވެ. އެއްބަޔަކު ސޯޝަލް މީޑިއާގައި އުޅުމުގެ މަގުސަދަކީ އެމީހުން އުފައްދާ ކޮންޓެންޓްތަކަށް އެހެން މީހުންގެ "ލައިކް" ހޯދުމެވެ. އަދި އެތަކެތި ޝެއަރކުރުވުމެވެ. މިޕްލެޓްފޯމްތަކަކީ މިހާރު އެއްވެސް އޮއްޓަރެއް ނެތް އެތަކެއް ކޮންޓެންޓްތަކެއް ޝެއަރ ކުރާތަކަނަށް ވަނީ ވެފައެވެ. ކުރިން ބުނެވުނު، މީހުން އެކަކު އަނެކަކާއި ގުޅުވައިދޭ ތަނެއް ނޫނެވެ.
އެހެން ކަމުން މިހާރު ގިނަ ބަޔަކު ހޯދަނީ ކްލޯސް ގްރޫޕްތައް ހަދާ މުއާމަލާތު ކުރެވޭނެ ގޮތްތަކެއް ފޯރުކޮށްދޭނެ ޕްލެޓްފޯމްތަކެކެވެ. ފަހަކަށް އައިސް ތައާރަފްވި ޑިސްކޯޑް، ބްލޫސްކައި، ތްރެޑްސް ފަދަ ޕްލެޓްފޯމަތަކަށް މީހުން ރަޖިސްޓްރީވީ އެފަދަ ސިފަތައް ހިމެނިދާނެކަމުގެ އުންމީދުގައެވެ. އެހެން ނަމަވެސް މިޕްލެޓްފޯމްތައްވެސް މަޑުމަޑުން ހަމަ ކުރީގެ ބޮޑެތި ޕްލެޓްފޯމްތައް ފަދައިން ބަދަލުވެއްޖެއެވެ. ފޭސްބުކްއިން ފެށިގެން އިންސްޓަގްރާމަށް، ސްނެޕްޗެޓުން ފެށިގެން ޓިކްޓޮކަށް، ކޮންމެ ޕްލެޓްފޯމެއްވެސް ބަދަލުވަނީ ހަމަ މިގޮތަށެވެ. ދެން އެހެންވީމާ ސޯޝަލް މީޑިއާގެ މުސްތަގްބަލު އޮތީ ކިހިނެއްހެއްޔެވެ؟
ޔުނިވަރސިޓީ އޮފް މެސަޗޫސެޓްސް އެމްހަރސްޓްގައި ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރގެ ދާއިރާއިން ރިސާރޗްކުރާ ފަރާތެއްކަމަށްވާ ރާޖެންދްރަ-ނިކޯލުޗީ ބުނާގޮތުން، ކުރިމަގުގައި ސޯޝަލް މީޑިއާގެ ފެންނާނީ މިހާރަށްވުރެ ޕްރައިވެޓް ކުދި ޕްލެޓްފޯމްތަކެއްގެ ގޮތުގައެވެ.
މިއަހަރުގެ ކުރީކޮޅު ރާޖެންދްރަ-ނިކޯލުޗީއާއި އިތުރު އެހެން ދިރާސާވެރިންތަކެއް ޝާއިއުކޮށްފައިވާ ރިސަރޗް ކަރުދާހެއްގައި ތަސައްވަރުކޮށްފައިވަނީ ސޯޝަލް މީޑިއާ "ޕްލޫރިވަރސް" އަކަށް ބަދަލުވާނެކަމަށެވެ. ޕްލޫރަލް ނުވަތަ ގިނަ ޕްލެޓްފޯމްތައް ހިމެނޭ ގޮތަށް އުފެދޭނެ މި "ޔުނިވަރސް" ގައި އެކުލެވޭނީ މިހާރު ހުރި ޕްލެޓްފޯމްތަކާއި އޭގެ އިތުރުން ކުދި އޮންލައިން ޕްލެޓްފޯމްތަކެކެވެ. މިދެންނެވުނު ކުދި އޮންލައިން ޕްލެޓްފޯމްތައް ވާނީ އެކިއެކި މައުލޫތަކުގެ މައްޗަށް ވާހަކަދެކެވޭނެ، އެކި ޝައުގުވެރިކަމަށް ހާއްސަކުރެވޭ ބައިވަރު ޕްލެޓްފޯމްތަކަކަށެވެ. ޕްލޫރިވަރސް ވެގެންދާނީ މިދެންނެވުނު ބައިތައް ހިމެނޭ އިކޯސިސްޓަމަކަށެވެ.
އެއްގޮތަކަށް ބުނާނަމަ މިހާރުވެސް އަހަރުމެން މިދަނީ ޕްލޫރިވަރސް ތަޖުރިބާ ކުރަމުންނެވެ. އަހަރުމެން ކޮންމެ މީހަކުވެސް ހައެއްކަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މިހާރުވެސް ހަރަކާތްތެރިވެއެވެ. މީގެ ކޮންމެ އެއްޗެއް ބޭނުންކުރަނީ ވަކި ވަކިން އެކި މަގުސަދުގައެވެ. ލިންކްޑްއިން އަދި ޓްވިޓަރ ފަދަ ޕަބްލިކް ޕްލެޓްފޯމްތައް އަހަރުމެން ބޭނުންކުރަނީ ވަރަށް ފަރުވާތެރިކަމާއެކު ތައްޔާރުކޮށްފައިވާ ކޮންޓެންޓް ހިއްސާކުރަން ނުވަތަ އަހަރުމެންނާއި އަހަރުމެން ކުރާ މަސައްކަތާއި ބެހޭ ބައެއް މައުލޫމާތު ހިއްސާކުރާށެވެ. ހަމަ މިއާއެކުއެކުހެން އަހަރުމެންގެ ޕްރައިވެޓް މުއާމަލާތްތައް ކުރުމަށް ކުދި ގްރޫޕްތައް އެކުލަވާލާ، ޗެޓްކުރެވޭ ޕްލެޓްފޯމްތައް ބޭނުންކުރެއެވެ. މިސާލަކަށް ވައިބަރ، ވަޓްސްއެޕް، ޓެލެގްރާމްފަދަ އެޕްތަކެވެ. މިޕްލެޓްފޯމްތަކުގައި ވަކި ހާއްސަ މައުލޫތަކަށް ޝައުގުވެރިވާ ގްރޫޕްތައް ނުވަތަ ވަކި ތަނަކަށް ނިސްބަތްވާ ގްރޫޕްތައް ހަދައިގެން އަހަރުމެން ސޯޝަލައިޒްކުރަމެވެ. މިވަގުތައް މިގޮތް އެންމެ ރަނގަޅު ނަމަވެސް މިއީ އަދި އެންމެ އެކަށޭނެ ސޮލިޔުޝަންއެއް ނޫނެވެ.
ފްލިޕްބޯޑްގެ ސީއީއޯ މައިކް މެކިއު ބުނާގޮތުގައި ދެން އަންނަ ބޮޑު، ސޯޝަލް ޕްލެޓްފޯމެއްގައި، މިހާރުގެ މަޝްހޫރު ބޮޑެތި ޕްލެޓްފޯމްތަކުން ލިއްބައިދޭ ގިނަބަޔަކަށް އެކްސެސްކުރެވުމުގެ ބާރާއި ކުދިކުދި ޕްރައިވެޓް ނެޓްވޯކްތަކުން ފޯރުކޮށްދޭ ރައްކާތެރިކަމުގެ ފީޗަރސްތައް ހިމެނެންޖެހެއެވެ. އޭނާ ގަބޫލުކުރާގޮތުގައި މިކަންކަން އެކުލެވޭ އެންމެ ޕްލެޓްފޯމެއްގެ ބަދަލުގައި އެކި ޕްލެޓްފޯމްތަކުގެ ނެޓްވޯކެއް އެކުލެވުން މުހިއްމެވެ. އެއީ ބޭނުންކުރާ ފަރާތްތައް ބޭނުންވާ ގޮތަކަށް ކަސްޓަމައިޒް ކުރެވުމަކީ މުހިއްމުކަމަކަށް ވާތީއެވެ. އެންމެ އެދެވޭ ގޮތަކީ މިހާރު ހުރި ސޯޝަލް ޕްލެޓްފޯމްތަކުގައި ހުރި އަމިއްލަ ޕްރޮފައިލްތައް ނުގެއްލި ބޭނުންކުރެވޭ ފަދަ ނެޓްވޯކެއް އުފެދުމެވެ. އަދި ހުރިހާ އެޕްތައް އެއްކޮށް ގުޅުވައިގެން ބޭނުންކުރެވުންވެސް މުހިއްމެވެ. އެއް އެޕްގައި ޕޯސްޓެއްކޮށްފި ނަމަ ނެޓްވޯކުގައި ހިމެނޭ އަނެއް އެޕް މެދުވެރިވެ ރައްޓެހިންނަށް ފޯސްޓުތައް ބަލާލެވޭ އަދި ކޮމެންޓްކޮށްލެވޭ ނެޓްވޯކަކަށް ވާންޖެހެއެވެ.
މިހާރު ބޭނުންކުރާ ފޭސްބުކް ފަދަ ބޮޑެތި ޕްލެޓްފޯމަތަކަކީ އެތަކެތި އުފައްދާ ބަޔަކު ކޮންޓްރޯލް ކުރާ، ނުރައްކާތެރި ބައެއް ފީޗަރސްތައް އެކުލެވޭ ޕްލެޓްފޯމްތަކެކެވެ. އޭގެ ބަދަލުގައި ކުރިން ދެންނެވުނު ފަދަ ހުޅުވާލެވިފައިވާ ޑީސެންޓްރަލައިޒްޑް ޕްލެޓްފޯމެއްގައި ލިބޭނެ ފައިދާއަކީ އެއްބަޔަކަށް އޮންނަ ކޮންޓްރޯލް ނެތުމެވެ. ފޭސްބުކްގެ ޕޮލިސީތަކާއި ގަވާއިދުތަކަށް ތަބާވެ، "ފޭސްބުކް ސިޓީ" އެއްގައި ދިރިއުޅުމަށް ވުރެ ޑީސެންޓްރަލައިޒްޑް ޕްލެޓްފޯމެއްގައި އެމީހަކު އަމިއްލައަށް ބޭނުންވާ ސޯޝަލް މީޑިއާ ތަޖުރިބާއެއް އަމިއްލައަށް އުފެއްދުމުގެ އިހްތިޔާރު ލިބިގެންދާނެއެވެ. އެމީހަކު އަމިއްލައަށް އިހްތިޔާރު ކުރާ ކޮންޓެންޓްތައް ފެންނަ ގޮތަށް ކަސްޓަމައިޒް ކުރެވޭނެއެވެ. އަދި އެމީހެއް އަމިއްލަ އިހްތިޔާރު ކުރާ ކޮމިޔުނިޓީތަކާއި މައުލޫތަކަށް އެކަނި ސަބްސްކްރައިބްކުރުމުގެ މިނިވަންކަން ލިބޭނެއެވެ.
އެހެން ނަމަވެސް ދެރަ ކަމަކީ އަދި މިދެންނެވުނު ފީޗަރސްތައް އެކުލެވޭ ނެޓްވޯކެއް ނެތްކަމެވެ. ހުރިހާބޮޑެތި ސޯޝަލް ޕްލެޓްފޯމްތައް އެއްކޮށް މަސައްކަތް ކުރާނެ ފަދަ ނުވަތަ އެފަދަ ޕްލެޓްފޯމްތައް ރިޕްލޭސް ކުރެވޭ ވަރުގެ އެކޯސިސްޓަމެއް އަދި ނެތެވެ. ހުރިހާ ޕްލެޓްފޯމެއް ގުޅުވާލާ، ހުރިހާ ޔޫސަރުން އެއްތަނަކަށް ގެނައުމަށް މަސައްކަތްތަކެއް ކުރެވުނު ނަމަވެސް އަދި މިމަސައްކަތް ވަނީ ކާމިޔާބު ނުވެފައެވެ. މިފަދަ އިކޯސިސްޓަމެއް އުފެއްދި އޭގެ ހުރި ފައިދާތައް އެނގިއްޖެނަމަ ހުރިހާ ބޮޑެތި ސޯޝަލް ޕްލެޓްފޯމްތައް އެއްތަނަކަށް ޖަމާވުމުގެ ޗާންސް އެބައޮތެވެ.
މޮޒިއްލާގެ ޗީފް ޕްރޮޑަކްޓް އޮފިސަރ މޮޒިއްލާ ބްލޮގްގައި މިކަމާމެދު ބުނެފައިވާ އެއްޗެއް މިވަގުތު ފާހަގަކޮށްލާނަމެވެ. "ސޯޝަލް މީޑިއާގެ މަގުސަދަކީ މީހާ ހުރި ލޮކޭޝަނަކަށް ނުބަލާ، މީހުންގެ މެދުގައިވާ ހުރަސްތައް ނައްތާލާ، އައު ހިޔާލުތަކާއި ހަބަރުތަކާއި މައުލޫމާތު ހިއްސާކުރުމަށް މަގުފަހިކޮށްދީ އެކަކު އަނެކަކާއި ގުޅުވައިދިނުމެވެ. އެހެން ނަމަވެސް މިހާރު ހުރި އެއްވެސް ޕްލެޓްފޯމްތަކުން މިދެންނެވުނު ކަންތައްތައް މަގުސަދާ އެއްގޮތަކަށް ފޯރުކޮށެއް ނުދެވެއެވެ."
އޭނާ ބުނާގޮތުން މިހާރުގެ ޕްލެޓްފޯމްތަކުގެ މައްސަލައަކީ މާ ގިނަ ފީޗަރސްތައް އެއް އެޕަކަށް ފައްތަން މަސައްކަތްކޮށް މާގިނަ ކަންތައްތައް އެއްފަހަރާ ކުރަން އުޅުމެވެ. މިފީޗަރސްތައް ވަކިވަކިކޮށްލާ، ކޮންމެ ފީޗަރއެއް ވަކިން ހިމަނައިފިނަމަ، ކޮންމެ ފީޗަރއެއް އޭގެ އަމިއްލަ ކޮންޓެކްސްޓެއްގައި ކުރިއަރާނެއެވެ. އަމިއްލަ ޕްރައިވެޓް ގުޅުންތައް ވަކިން ބަދަހިކޮށް، އަދި ވަކިން ސިޔާސީ ނުވަތަ ސޯޝަލް މައްސަލަތަކުގައި ހިޔާލުފާޅުވެކުރެވޭނެއެވެ. މިދެކަންތައް އެއްކޮށްނުލާ ދެބައި ވަކިން ކުރެވޭނެއެވެ.
މިހާރުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ދެން ހިމެނޭ އަނެއް މައްސަލައަކީ އެބޭނުންކުރާ މީހުންނަށް އޮންނަ ކޮންޓްރޯލް ކުޑަވުމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ސޯޝަލް މީޑިއާ އޯވަރލޯޑްވުމަކީ މީހުންނަށް ސްޓްރެސް ނުވަތަ ހާސްކަން އިތުރު ކުރާކަމެކެވެ. ވަރުބަލިވުމާއި އަދި ނިދި މަދުވުން ފަދަ ކަންކަން ދިމާވަން މެދުވެރިވާ ކަމެކެވެ. އެމީހަކަށް ފެންނަ ތަކެތި ކޮންޓްރޯލް ކުރުމުގެ ބާރު އެމީހަކަށް ލިބިއްޖެނަމަ ކޮންމެ މީހެއްގެ ސޯޝަލް މީޑިއާ ތަޖުރިބާ އެމީހަކު އެންމެ ބޭނުންވާ ބޭނުންވާގޮތަކަށް ބަދަލުކުރެވޭނެއެވެ. އެލްގޮރިދަމްތަކުގެ ޝިކާރައަކަށް ނުވެ ގެއްލުން ދެނިވި ޕޯސްޓަތަކުން ސަލާމަތް ވުމުގެ ބާރު ލިބޭނެއެވެ. ކުރިން ދެންނެވުނުހެން ދެބައި ވަކިން ހިމެނޭ އިކޯސިސްޓަމެއްގައި އެމީހެއްގެ މައުލޫމާތު އެމީހަކަށް ކޮންޓްރޯލް ކުރެވޭނެއެވެ. އަދި ވަކި ވައްތަރެއްގެ ޕޯސްޓްތައް އެކަނި ފެންނަން ބޭނުން މީހަކަށް އެކަން ކޮންޓްރޯލްކޮށް އެމީހެއްގެ ޕޯސްޓްތައް ފެންނަ ފަރާތްތައް ކޮންޓްރޯލް ކުރެވޭނެއެވެ. އެހެން ނަމަވެސް ވަކި ހާއްސަ ކަންތައްތަކަށް މަސައްކަތް ކުރަން ބޭނުންވާ އެކްޓިވިސްޓުންނަށް ހަމަ އެމީހުންގެ މެސެޖުތައް މިލިއަން މީހުނަށް ފޯރުކޮށްދިނުމުގެ ބާރުވެސް ހަމަ އެފަދައިން ލިބޭނެއެވެ.
މުސްތަގުބަލަކީ ލަފާކުރަން ދަތިއެއްޗެކެވެ. ހާއްސަކޮށް ހިޓްވާނެ ނުވަތަ ފެއިލްވާނެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި އޭގައި ހިމެނޭ ވައިރަލް ވާނޭ ކޮންޓެންޓްތައް ދެނެގަތުމަކީ އުނދަގޫކަމެކެވެ. އެހެން ނަމަވެސް އެއްބަޔަކު ކޮންޓްރޯލްކުރާ ބޮޑެތި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ރޫޅާލާ، ސޯޝަލް މީޑިއާގެ ތަޖުރިބާ ބަދަލުކުރަން މިހާރު ވެސް މާލަސްވެއްޖެއެވެ. މިކަމާ ވިސްނާލާ އަމިއްލައަށް މިދަންނަވާ ސުވާލުތައް ކޮށްލާށެވެ. އަހަރުމެންނަށް މުހިއްމުވަނީ އަހަރުމެން ނަގާފައިވާ އިރުއޮއްސޭ މަންޒަރު ހިމެނޭ ފޮޓޯތަކުގައި ޑަޒަނެއްހާ ހޭޝްޓެގް ޖަހައިގެން ނުވެސް ދަންނަ ބަޔަކަށް ހިއްސާކޮށް ވައިރަލްކުރުން ހެއްޔެވެ؟ ނޫނީ އަހަރުމެން މިހާރު ބޭނުންވަނީ ދުޅަހެޔޮ ގުޅުންތަކެއް ގާއިމްކުރަން އެހީތެރިވެދޭނެ ސޯޝަލް މީޑިއާއެއްހެއްޔެވެ؟
ދެން އަންނަން އޮތް ސޯޝަލް ޕްލެޓްފޯމެއްގައި ވާނީ ކިހިނެއް ކަމެއް އެއްވެސް މީހަކަށް އަދި ނޭނގެއެވެ. އެހެންނަމަވެސް އެކަން ހާމަވާންދެން އޮތް ގޮތަކީ މިހާރު ތަޖުރިބާ ކުރާ ފަދައިން ވަކި ވަކިން ބޭނުންތަކަށް އެކިއެކި ޕްލެޓްފޯމްތައް ބޭނުންކުރަމުން ދިޔުމެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް