ކާއިނާތުގެ ސިއްރުތަކަކީ އެތަކެއް ޒަމާނެއްވަންދެން އިންސާނުން ޝައުގުވެރިކަން ހިފަހައްޓާފައިވާ މަޢުލޫއެކެވެ. ފަލަކީ އިލްމުވެރިން ކާއިނާތާއި ފަޒާޔާއި ބެހޭ މަޢުލޫމާތު ހޯދުމަށް އެތަކެއް މަސައްކަތެއް ކުރަމުންދެއެވެ. ނަމަވެސް މި މަޢުލޫއަކީ ޖަވާބަށް ވުރެ އިތުރު ސުވާލު އުފައްދަމުންދާ މަޢުލޫއެކެވެ. މިގޮތުން މިދިޔައަހުރު ފަލަކީ އިލްމުވެރިން ވނީ މިފަދަ އައު ހޯދުމެއް ހޯދާފައެވެ. ޔޫޓާގެ ވެސްޓު ޑެސާޓުގައި ހަރުކުރެވިފައިވާ ޓެލެސްކޯޕް އެރޭއިންވަނީ އަދި މިހާތަނަށް ރެކޯޑުކުރެވިފައިވާ އެންމެ ހަކަތަ ބޮޑު ކޮސްމިކު ރޭއެއް 2021ގެ 27 މޭމަހުގައި ދުނިޔޭގެ ޖައްވުގައި ޖެހުނުތަން ރެކޯޑުކޮށް ފައެވެ. މި ގޮތުން މި ރޭގައި އެކުލެވިފައިވާ ޕާޓިކަލަށް އަމަޓެރަސޫ ޕާރޓިކަލުގެ ނަންދެވިފައިވެއެވެ. މިއީ ދުނިޔެއަށް ވެއްޓުނު ދެވަނަޔަށް އެންމެ ހަކަތަ ބޮޑު ޕާރޓިކަލްު ކަމަށް ބެލެވެއެވެ. ނަމަވެސް ފަލަކީ އިލްމުވެރިންނަށް މި ޕާޓިކަލް އައީ ކޮންތާކުންކަމެއް އަދިވެސް ނޭނގެއެވެ. މި ހޯދުން 23 ނޮވެމްބަރު 2023 ގައި ސައިންސް ޖާނަލްގައި ޝާއިއުކޮށްފައިވެއެވެ.
އަމަޓެރަސޫ ޕާރޓިކަލް ގައި 244 EeVގެ ހަކަތައެއް ހުރިކަމަށް ބެލެވޭއެވެ. މިޔަކީ ދުނިޔޭގެ އެންމެ ބޮޑު ފިޒިކްސް އެކްސްޕެރިމެންޓުކަމަށްވާ ލާޖު ހެޑްރޯން ކޮލައިޑަރުން ޕާރޓިކަލްތައް ޖެހުމުން އުފެދޭ ހަކަތައިގެ އެތައް މިލިއަން ގުނައެވެ. އެ ޕާރޓިކަލަށް ވުރެ ހަކަތަގިންކަމަށް ރެކޯޑުކޮށްފައިވަނީ ހަމައެކަނި 1991 ވަނަ އަހަރު ފެނުނު 'އޯ-މައި-ގޯޑް' ޕާރޓިކަލެވެ. މި ޕާރޓިކަލްގައި EeV 320 ހަކަތަ ހުރި ކަމަށް ރެކޯޑުކޮށްފައިވެއެވެ. މިފަދަ ހަކަތަ ބޮޑު ޕާޓިކަލްތައް ފެނުމަކި ވަރަށް ނާދިރުކަމެކެވެ. ނަމަވެސް މި ދެ ޕާޓިކަލް ވެސް ފެނިފައިވަނީ ޔޫޓާއިންނެވެ.
ޔޫޓާގައި މި ދެޕާޓިކަލްތައްވެސް ފެނުމުގެ ސަބަބެތަކެއް ވެއެވެ. މިގޮތުން ވައި ގައި ފެން މަދުވުމުގެ ސަބަބުން އަލްޓްރާވައިލެޓް އަލި ޖައްވުގައި ހުރި ފެނުން ނެގުމުގެ ފުރުސަތު މަދުވެއެވެ. މިއީ ޕާރޓިކަލްތައް ޑިޓެކްޓުކުރުމަށް ކޮންމެހެން މުހިންމު ކަމެކެވެ. ދެވަނަ ސަބަބަކީ އެސަރަހައްދުގައި އަލި "ޕޮލިއުޓުވާލެއް މަދުވުމެވެ. މި ސަރަހައްދުގެ އުޑުމަތި އަނދިރިވެ އަލި ރޭގަނޑު އަލި މަޑުވުމުގެ ސަބަބުން ކޮސްމިކް ރޭތައް މާ ރީތިކޮށްވެސް ފެނިގެން ދެއެވެ.
މި ގޮތުން ޔޫޓާގެ ހުޅަނގު ޑެސާޓުގައި 2008 ވަނަ އަހަރު ގާއިމްކުރި ޓެލެސްކޯޕް އެރޭގައި 1200 މީޓަރުގެ އުސްމިނުގައި 700 އަކަމީޓަރުގެ ބިމެއްގައި 507 ޑިޓެކްޓަރުވެއެވެ. މީގެ އިތުރުން، ކުރިއަށް އޮތްތަނުގައި 500 އާ ޑިޓެކްޓަރު އިތުރުކޮށް، މިއެރޭގެ ސަރަހައްދު 2900 އަކަކިލޯމީޓަރަށް ފުޅާކުރުމަށް މަސައްކަތްކުރިޔަށް އެބަދެއެވެ. އާޖެންޓީނާގައިވާ 3،000 ކިލޯމީޓަރުގެ ދިގުމިނުގައި 1،600 ޑިޓެކްޓަރުގެ ވިއުގާއެއްކަމަށްވާ ޕިއެރޭ އޮގަރ އޮބްޒަވޭޓަރީ އާއިއެކު މި އެރޭ މަސައްކަތްކޮށްފައި އަލްޓްރާހައި-އެނާޖީ ކޮސްމިކް ރޭސް ހޯދައި ދެނެގަތުމަށް އެހީތެރިވެއެވެ.
ނަމަވެސް އަމަޓެރަސޫ ޕާރޓިކަލްގެ ނަސްލު އަދި ދެނެގަނެވިފައެއް ނުވެއެވެ. މި ޕާޓިކަލްގެ ލަފާކުރެވޭ ޓްރެޖެކްޓަރީއަށް ބަލާއިރު، މިއީ 'ލޯކަލް ވޮއިޑުން' އުފެދިފައިވާ ކަމަށް ބެލެވެއެވެ. މިއީ މި ގެލެކްސީއާ ޖެހިގެން ހުންނަ ހުސް ކަމަށް ބެލެވޭ ސަރަހައްދެކެވެ. މިކަމުގެ ސަބަބުން މި ޕާރޓިކަލްގެ ޠަބީޢަތާއި އޭގެ އަސްލާމެދު އިތުރު ސުވާލުތަކެއް އުފެދެއެވެ.
ބައެއް ސައިންސްވެރިން އެ ޕާރޓިކަލަކީ ޕްރޮޓޮނެއްކަމަށް ލަފާކުރެއެވެ. އަނެއް ބަޔަކު ލަފާކުރާ ގޮތުގައި އެއީ ދަގަނޑު ނިއުކްލިއަސް ފަދަ ބަރު މާއްދާއެއްގެ ނިއުކްލިއަސްއެކެވެ.
އަމަޓެރާސޫގެ އަސްލާއި މެދުވެސް އެތަކެއް ސުވާލު އުފެދިފައިވެއެވެ. މިގޮތުން ފަލަކީ އިލްމުވެރިން ދެތިން ލަފާއެއްކޮށްފައިވެއެވެ. މީގެ ތެރޭގައި ސުޕަރމެސިވް ބްލެކްހޯލެއްގެ ކައިރީގައިވާ ތަރިތައް ހުންނަ ގެލެކްސީ އެއްގައި ހިނގާ ޓައިޑަލް ޑިސްރަޕްޝަން އިވެންޓަކުން ނިކުންނަ ގާމާ ރޭއެއް، ނުވަތަ ސުޕަރ ހެވީ ޑާކް މެޓަރ ގެ ޑީކޭއިން އުފެދިފައިވާ އެއްޗއް، ނުވަތަ ސްޓޭންޑަރޑް ފިޒިކްސަށް ނޭންގޭ އައު ޕާރޓިކަލެއެއް ފަދަ ލަފާތައް ހިމެނެއެވެ.
ނަމަވެސް މިކަމުގެ ޔަޤީން ޖަވާބެއް ލިބިފައި ނުވެއެވެ. މިކަންތައް ހައްލުކުރުމަށް ފަލަކީ އިލްމުވެރިން ދަނީ މަސައްކަތްކުރަމުންނެވެ. މި ގޮތުން TAx4 ގެ ނަން ދީފައިވާ އެކްސްޕެރިމެންޓެއް ރޭވިފައިވެއެވެ. މި އެކްސްޕެރިމަންޓުން މިހާރު ހުރި އެރޭގެ ނަތީޖާއަށް ވުރެ ހަތަރުގުނަ ސެންސިޓިވިޓީ އިތުރުވެފައިވެއެވެ. މީގެ އިތުރުން މިޔާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް އިތުރު މަސައްކަތްކުރުމަށް ވެސް ފަލަކީ އިލްމުވެރިން ހާމަކޮށްފައިވެއެވެ.
އަމަޓެރާސޫ ޕާޓިކަލުގެ ސަބަބުން ޖަވާބަށް ވުރެ ގިނަ ސުވާލު އުފެދިފައިވެއެވެ. މި ހޯދުމުގެ ސަބަބުން އަލްޓްރާ ހައި-އެނާޖީ ކޮސްމިކް ރޭތައް ހޯދައި ދެނެގަތުމަށް އިރުތު އިލްމާއި އުކުޅުތައް ބޭނުންވާކަން ފާހަގަކުރެވިފައިވެއެވެ. މިކަމުގެ ސަބަބުން ކައުނުގެ ކުރިން ފޮރުވިފައިވާ ބައެއް ސިއްރުތަކާއި ބެހޭގޮތުން އަޅުގަނޑުމެންނަށް އިތުރު އިލްމު ލިބިގެން ދެއެވެ. އަދި ފަލަކީ އިލްމު ތަރައްގީ ވެގެން ދިޔުމަށް އައު މަގުތަކެއް ފެނިގެން ދެއެވެ.
އިތުރަށް ކިޔާލުމަށް
ބްލެކް ހޯލް؛ މިއީ ކޯއްޗެއް ހެއްޔެވެ؟
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.