އަޅުގަނޑުމެން ސްޕޭސްޓެކުގެ ވާހަކަ ދައްކަމުންދާއިރުގައި ބޮލަށް އެންމެކުރިން އަންނަނީ މަޝްހޫރު ޓެކް ކުންފުނިތަކުގެ ބާނީތަކާއި އެހެނިހެން މުއްސަނދިން ސްޕޭސްގައި ފަތުރުވެރިކަން ކުރުމާއި މާސްފަދައެހެން ގުރަހައަށް މީހުން އާބާދީކުރުމަށް ކުރަމުންދާ މަސައްކަތްތަކެވެ. ނަމަވެސް ސްޕޭސްޓެކުން މިއަށްވުރެ ގިނަކަންތަކަށް މަސައްކަތްކުރަމުންދެއެވެ. އަދި އަޅުގަނޑުމެންނަށް ފައިދާކުރަމުންވެސް ދެއެވެ.
ސްޕޭސްއިން ޑޭޓާ ޚިދުމަތުގެ ވާހަކަ އަޑުއިވުމުން ގިނަމީހުންގެ ބޮލަށް ސްޕޭސް-އެކްސްއިން ލިބޭ އިންޓަނެޓް ޚިދުމަތް އައިސްދާނެއެވެ. ނަމަވެސް މިބުނާ ޑޭޓާއަކީ މުއާމަލާތީ ނިޒާމުތަކުން ބޭނުންކުރާ ޑޭޓާއެއް އެކަންޏެއް ނޫނެވެ. ޖައްވުގައިވާ އެކިއެކި ސެޓަލައިޓުތަކާއި، ސެންސަރުތަކާއި އެހެނަސް އެކިއެކި ސާމާނުން އެއްކުރާ މައުލޫމާތަކީ ދުނިޔޭގައި ހުންނަ ވަރަށް ގިނަ މުއައްސަސާތަކަށް ބޭނުންތެރި މައުލޫމަތެވެ.
މިގަތުން ސަރުކާރުތަކާއި އަމިއްލަ ކުންފުނިތަކާއި ދިރާސާކުރާކުންފުނިތަކައް މި މައުލޫމާތު ވަރަށް އަގުހުރި އެއްޗަކަށް ވެގެންދެއެވެ. މިފަދަ މައުލޫމާތު މިހާރުދަނީ ތިމާވެށީގެ މޮނިޓަރކުރުމަށާއި ކާރިސާތަކަށް ރައްދުދިނުން ފަދަ ކަންކަމަށް ބޭނުންކުރަން ފަށާފައެވެ. މީގެ އިތުރުން، އަސްކަރީ މުވާސަލާތީ ކަންކަމާއި، ދަނޑުވެރިކަމަށް އެހީތެރިވުމަށާއި ސިނާއީ ބޭނުންތަކުގައިވެސް ސްޕޭސްްއިން ލިބޭ މައުލޫމާތު ބޭނުންކުރަމުންދެއެވެ. މީގެ ސަބަބުން ނިންމުންތައް ނިންމުމުގެ ނިޒާމު އިތުރަށް ވަރުގަދަވެ، ދުނިޔޭގެ އެކިއެކި ސިނާއަތްތައް ކުރިއެރުވުމަށް އެހީތެރިވެދެއެވެ.
ސެޓަލައިޓްތަކާއި ޕްރޯބްތައް ފޮނުވާލުމުގެ އިތުރުން ސްޕޭސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ޖައްވުގައި އެއްޗެހި މެނުފެކްޗަރ ކުރުންވެސް ދަނީ މީހުން ބަލަމުންނެވެ. މައިކްރޯގްރެވިޓީގައި ވެކިއުމްއެއްގެ ތެރގައި ދުނިޔޭގައި ނުކުރެވޭ ނުވަަތަކުރަން އުނދަގޫ އެއްޗެހިވެސް އުފެއްދުމުގެ ފުރުސަތު ހުޅުވެއެވެ. މިގޮތުން ދުނިޔޭގައި އުފެއްދޭ ވަރަށްވުރެ މާ ވަރުގަދަކޮށް އަދި ޑިއުރަބަލްކޮށް ދަނގަނޑު ކްރިސްޓަލްތައް އުފެއްދެއެވެ. މިކަމުގެ ސަބަބުން ބައެއް އެއްޗެހި މާ ފަސޭހައިން ކުޑަ ހަކަތަކޮޅަކުން ޖައްވުގައި އުފެއްދޭނެއެވެ.
އެޑިޓިވް މެނުފެކްޗަރިން ނުވަތަ 3ޑީ ޕްރިންޓިންނަކީ ޖައްވުގައި މިހާރުވެސް ވަރަށް ބޮޑަށް ކުރިއަރަމުންދާ ޓެކްނޮލަޖީއެކެވެ. މިގޮތުން މިޓްސުބުޝީ އިލެކްޓްރިކް ކޯޕަރޢޝަންނުން މިހާރު ދަނީ ސެޓަލައިޓުތަކުގެ އެންޓަނާ ޖައްވުގައި 3ޑީ ޕްރިންޓުކުރަމުންނެވެ. މިގޮތުން އެކިއެކި ކުންފުނިތަކުން ދަނީ ޖައްވުގައި ބޭނުންކުރަމުންދާ ސްޕޭސްކްރާފްޓާއި އޭގެ ބައިތަކައި އެހެނިހެން މިކަހަލަ އެއްޗެހި 3ޑީ ޕްރިންޓް ކުރަމުންނެވެ. މިކަމުގެ ސްބަބުން ހަރަދު ކުޑަވެ، އުފެއްދުމުގެ ޕްރޮސެސްތައް ސްޓްރީމްލައިން ވެގެންދެއެވެ.
ސްޕޭސްގައި ކުރަމުންދާ ދިރާސާތަކާއި މަސައްކަތްތަކުގ ސަބަބުން ދުނިޔެއަށް ގިނަގުން ފައިދާތަކެއް ކުރަމުންދެއެވެ. އިތުރު އައު ޓެކްނޮލަޖީތައް އުފެދި، ދިރާސާތަކައް އެހީވެ، މައުލޫމާތު ފެތުރުމަށް ފަސޭހަވެގެންދެއެވެ. އަދި ޖައްވުގައި ކުރުވޭ ދިރާސާތަކާއި ހޯދުންތައް ދުނިޔޭގައިވެސް ބޭނުންކުރެވެމުން ދެއެވެ. ސްޕޭސް އެކޮނޮމީއެކީ ވަރަށް ބޮޑޫ އަދި އަޅުގަނޑުމެންނަށް ގިނަ ގޮތްތަކަށް އަސަރުކުރާއެއްޗެކެވެ. ފަހަރެއްގައިމު މިރާއްޖެ އަށްވެސް މުސްތަޤުބަލުގައި މި އެކޮނޮމީގައި ބައިވެރި ވެވިދާނެތޯ؟
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.