ކޭލި: ދައްކާވާހަކަ ބަހުންބަހަށް ކަރުދާހަށް ތިލަކޮށްދޭނެ!

އަޙްމަދު ދާއޫދު 02 މާރިޗު 2024

އަދުގެ ދުނިޔޭގައި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީގެ ބޭނުން އެއްދުވަހުން އަނެއްދުވަހަށް އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެކިއެކި ކަންކަމަށް މިދަނީ ނުހަނުބޮޑަށް ބޭނުން ހިފެމުންނެވެ. އެކަމަކާ ގުޅޭ ސޮފްޓްވެއަރއެއް އުފެއްދުމަށްފަހު ތަމްރީންކޮށް އޭގެ ފަސޭހަތައް މިދަނީ ހޯދަމުންނެވެ. އެކިމީހުން އެކި ލެވެލްގައެވެ.

މިއަދު މިވަނީ އެފަދަ ފުރިހަމަ އަދި ބޭނުންތެރި ސޮފްޓްވެއަރައެއް އަނެއްކާވެސް ސަތޭކަޕަސަންޓް ދިވެހިކުންފުންޏަކުން އުފައްދާފައެވެ. އަޅުގަނޑުމެން ދައްކާ ވާހަކަތައް ހައިރާންކުރުވަނިވި ހަލުވި މިނެއްގައި ސައްހަކަމާއި އެކު ކަރުދާހަށް ނުވަތަ ލިޔުމަށް ތިލަކޮށްދޭ ޤާބިލް ސޮފްޓްވެއާރއެއް "ކޭލި" ނަމުގައި މިވަނީ އުފައްދާފައެވެ.

ކޭލި ސޮފްޓްވެއަރއަކީ ޝަރުޢީ ކޯޓުތަކުގައި ބޭއްވޭ ޝަރީޢަތުގެ އަޑުއެހުންތަކުގެ ބަޔާންތައް އަކުރުން އަކުރަށް ވީހައިވެސް އަވަސް ސްޕީޑެއްގައި ލިޔެގެން، ކޯޓުތަކުން އާންމުނަށް ފޯރުކޮށްދޭ އިންސާފު ލިބިދިނުމުގައި، ބަޔާންތައް އަތުން ލިޔުމުން މެދިވެރިވާ ލަސްކަން، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އަވަސްގޮތެއްގައި ފޯރުކޮށްދިނުމުގެ މަޤްޞަދުގައި އުފެއްދި ސޮފްޓްވެއަރއެކެވެ.

މި ސޮފްޓްއަރ ޑިވެލޮޕްކޮށްފައިވަނީ އިންޓެލިއަރ ޕާޓްނާރޝިޕްގެ ފަރާތުންނެވެ. އިންޓެލިއާ ޕާޓްނަރޝިޕްގެ ޓީމުގައި، މެނޭޖިންގ ޕާޓްނަރ ނާއިލް ޢަބްދުއްރަޙްމާންގެ އިތުރުން ޑިވެލޮޕަރ މުޙައްމަދު ދާރިސް، ޑިވެލޮޕަރ މުޙައްމަދު ޖިނާސް އަދި ޑިވެލޮޕަރ ޝަހުޒާ ޢަބްދުލް ކަރީމް ހިމެނެއެވެ. އަދި މި ޓީމަކީ %100 ދިވެހީންކަން އުފަލާއި އެކު ފާހަގަކޮށްލަން ޖެހެއެވެ.

މިހާރު އެވަރެޖްގޮތެއްގައި 30 މިނެޓުގެ އަޑުއެހުމެއް ލިޔުމުގައި 2 ގަޑިއެއްހާއިރު ކޯޓުތަކުގެ މުވައްޒަފުން ހޭދަކުރެއެވެ. ނަމަވެސް ކޭލި ސޮފްޓްވެއަރ ބޭނުންކޮށްގެން އެވަގުތު 3 މިނެޓް ނުވަތަ އެއަށްވުރެންވެސް ކުޑަކުރެވޭނެކަމަށް އެނގިފައިވެއެވެ. އަދި މިހާތަނަށް މި ސޮފްޓްވެއަރގެ ލޭންގްއޭޖް މޮޑެލް ޓްރެއިންކުރެވިފައިވާ މިންވަރުންވެސް ލިޔުމުގެ އެކިއުރެސީ %90 އަށްވުރެންވެސް މަތިކަން ފާހަގަކުރެވެއެވެ. އަދި ކުރިއަށްއޮތްތަނުގައި ޝަރުޢީ ހުރިހައި ކޯޓެއްގެ އަޑުއެހުން ލިޔުމުގައި މި ސޮފްޓްވެއަރ ބޭނުންކުރެވި އެކިއުރެސީ މިހާރަށްވުރެން ރަނގަޅުކުރެވޭނެ ކަމުގެ ޔަގީންކަން ބޮޑެއެވެ. އަދި މުސްތަޤުބަލުގައި ޝަރީޢަތުގެ އަޑުއެހުމުގެ އިތުރުންވެސް ކޯޓުތަކުގެ ކޮމިޓީތަކުގެ ޔައުމިއްޔާ ލިޔުންފަދަ ކަންކަމުގައިވެސް ކޭލި ސޮފްޓްވެއަރ ބޭނުންކުރިވިގެންދާނެއެވެ.

ޖުޑީޝަރީގެ އަމާޒަކީ މިފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ކައިރި މުސްތަޤްބަލުގައި ޝަރުޢީދާއިރާއަށް ތާޢަރަފުކުރުމާއި އެކު ޢަދުލުއިންސާފުގެ ސްޕީޑް ބޮޑުތަނުން އަވަސްކޮށް، ރައްޔިތުން ހިތްހަމަޖެހޭފަދަ މަތީފެންވަރުގެ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމުގައި ދިވެހިރާއްޖޭގެ ޖުޑީސަރީން މައުލޫމާތު ދެއްވައެވެ.

ސައްހަ އަދި ހަރުދަނާ ސްޕީޗް-ޓު-ޓެކްސްޓް ސޮފްޓްވެއާއެއް އުފެއްދުމަކީ މުހިންމު ދާއިރާތަކުން ކުރިއެރުމާއި އެކްސެސިބިލިޓީ އަށް މަގުފަހިކުރުމުގެ ވަރަށް ބޮޑު ފުރުސަތެކެވެ. މިބާވަތުގެ ޖެނެރޭޓިވް ރައިޓިންގ ޓެކްނޮލޮޖީގެ ސަބަބުން ޤާނޫނީ ޢަދުލުއިންޞާފާއި، މީޑިއާއާއި، ކޮންފަރެންސް ވިޔަފާރިތަކާއި، ލޮލުގެ ފެނުމުގެ ނުވަތަ މޮޓޯ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ އެސިސްޓިވް އެޕްލިކޭޝަންތައް ފަދަ ޞިނާޢަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

މިފަދަ ސޮފްޓްވެއާރ އެއްގެ ސަބަބުން މަސައްކަތުގެ ވަގުތާއި، ޚަރަދު އެތައްގޮތަކުން ސޭވްކުރެވި އުފެއްދުންތެރިކަން އިތުރުވެގެން ދެއެވެ.

އެންމެ މުހިންމު ކަމަކީ، ސްޕީޗް-ޓު-ޓެކްސްޓް ސޮފްޓްވެއާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މުވާސަލާތީ ހުރަސްތައް ނައްތާލުމަށް މަގުފަހިކޮށްދޭ ސޮފްޓްވެއާއަކަށް ވުމެވެ.

ސްޕީޗްޓެކްސް ފަދަ އިނޮވޭޝަންތަކުން އިންސާނީ ތަޖުރިބާ ފުޅާ ދާއިރާއެއްގައި ކުރިއެރުވުމަށް އޭއައިގެ އުއްމީދީ ވައުދު ފުއްދައިދޭއިރު، އޮޓޮމެޓިކް ސްޕީޗް ރިކޮގްނިޝަން އިތުރަށް ތަރައްޤީކުރުމަކީ ޢިލްމާއި އޯގާތެރިކަމަށް އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމެކެވެ.

އިތުރަށް ކިޔާލުމަށް

ދިވެހި.އޭއައި އިން ދިވެހިބަހާއި ޓެކްނޮލޮޖީ ގުޅުވާލައިފި

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.