މޯލްޑިވްސް ޔޫތު ހެކަތޯން ފަށައިފި

ހިންދު ޢަލީ 03 މާރިޗު 2024

ޒުވާނުންނާއި އަންހެނުންނަށް ކުރިމަތިވާ އެކި އެކި މައްސަލަތަކަށް އީޖާދީ ހައްލު ހޯދުމަށް ބާރުއެޅުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް އިންފޮމޭޝަން އެންޑް އާރްޓްސް އިން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ މޯލްޑިވްސް ޔޫތު ހެކަތޯން "ޔޫތުހެކްއެމްވީ" ފަށައިފިއެވެ. މިހެކަތޯންއަކީ މިސަރުކާރުގެ ހަފްތާ 14ގެ ތެރޭގައި ހިމެނޭ ފަންނިއްޔާތުގައި އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމާއި ކޯޑިންގެ ދާއިރާގައި ދިވެހި ޒުވާނުން ކުރިއަށް ދިޔުމަށް ބޭނުންވާ ހުނަރުތައް އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.

މި ހެކަތޯންގެ ފެއްޓުނީ ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތަކަށް ފަހުގައެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން އެވެ.

ޔޫތުހެކްއެމްވީގައި އީޖާދީ އުފެއްދުންތައް ބިނާކުރުމަށް އަމާޒުކުރެވިފައިވަނީ 3 ދާއިރާއަކަށެވެ. އެއީ

1. މެންޓަލް ހެލްތު: ނަފުސާނީ ދުޅަހެޔޮކަމާއި ސިއްހަތަށް އަމާޒުކޮށްގެން ޓެކްނޮލޮޖީ ބޭނުން ކޮށްގެން އިނޮވޭޓިވް ސޮލިއުޝަންތަކެއް އުފެއްދުން

2. އިނޮވޭޓިވް މާކެޓްޕްލޭސް: ޑިޖިޓަލް ގާބިލުކަން އިތުރުކޮށް، ވިޔަފާރީގެ ކުރިއެރުމަށް މަގުފަހިކޮށްދޭ އީ-ކޮމާސް ސޮލިޔުޝަންތައް އެކުލަވާލުން.

3. ކްރިއޭޓަރ އިކޮނޮމީ: ޓެކްނޮލޮޖީއާއި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ކޮންޓެންޓް އުފައްދާ ފަރާތްތަކުން އެތަކެތި ހަރުދަނާ ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިވާނޭ އަދި ޖިސްމާނީ ދުޅަހެޔޮކަމާއި، ވިސްނުންތެރިކަމާއި، ނަފްސާނީ ދުޅަހެޔޮކަމަށް ހައްލުހޯދައިދޭ އިނޮވޭޓިވް އެޕްތަކެއް އުފެއްދުން.

މި ހެކަތޯންގެ މެއިން ޕާޓްނަރަކީ އުރީދޫ މޯލްޑިވްސްއެވެ. އަދި އިތުރު ޕާޓްނަރުންގެ ގޮތުގައި މާސްޓަރކާޑް، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ރާއްޖެއޮންލައިން (އާރް.އޯ.އެލް) ހިމެނެއެވެ. ހެކަތޯންގެ ޓެކްނިކަލް ފެސިލިޓޭޝަންދީ ހެކަތޯން އިންތިޒާމްތައް ހަމަޖައްސަނީ ސްޕާރކްހަބް އިންނެވެ.

މި ހެކަތޯންގައި ޖުމްލަ 42 ޒުވާނުން ބައިވެރިވެފައިވެއެވެ. 10 ޓީމެއްގެ މައްޗަށް އެކުލެވޭ މިބައިވެރިންގެ ތެރޭގައި 29 ފިރިހެން ބައިވެރިންނާއި 13 އަންހެން ބައިވެރިން ހިމެނެއެވެ.

ހެކަތޯންގައި ބައިވެރިވެފައިވާ ޓީމްތައް

1. ޓީމް މާޓިސް - މެންޓަލް ހެލްތު ޗެލެންޖުގެ ދަށުން މެންޓަލް ހެލްތު މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ އެޕެއް

2. ޓީމް ހަފްލާ.އެމްވީ - އިނޮވޭޓިވް މާކެޓްޕްލޭސް ޗެލެންޖުގެ ދަށުން ޑިޖިޓަލްކޮށް ކޮންޓެންޓް އުފައްދާ ފަރާތްތައް ގުޅުވައިދޭ ޕްލެޓްފޯމެއް

3. ޓީމް ސެރެނިޓީ - މެންޓަލް ހެލްތު ޗެލެންޖުގެ ދަށުން މެންޓަލް ހެލްތު މައްސަލަތައް ކުރިމަތިވާ ފަރާތްތަކަށް ތެރަޕިސްޓުންނާއި ގުޅުވައިދެވޭނެ އެޕެއް

4. ޓީމް ރިޔާ - މެންޓަލް ހެލްތު ޗެލެންޖުގެ ދަށުން މެންޓަލް ހެލްތު މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ އެޕެއް

5. ޓީމް ކޮކޮނަޓް ކޯޑަރސް - އިނޮވޭޓިވް މާކެޓްޕްލޭސް ޗެލެންޖުގެ ދަށުން ދިވެހި އުފެއްދުންތައް ހިއްސާކޮށް ވިޔަފާރި ކުރެވޭނެ ޕްލެޓްފޯމެއް

6. ޓީމް ފަންނުވެރިން - އިނޮވޭޓިވް މާކެޓްޕްލޭސް ޗެލެންޖުގެ ދަށުން ޕްރޮފެޝަނަލް މަސައްކަތްތެރިންގެ ހިދުމަތްތައް ހިއްސާކޮށް ވިޔަފާރި ކުރެވޭނެ ޕްލެޓްފޯމެއް

7. ޓީމް ބްރައިޓް މައިންޑްސް އެޑިޔުކޭޝަން - މެންޓަލް ހެލްތު ޗެލެންޖުގެ ދަށުން ކުޑަކުދިންނަށް އުނގެނުމުގެ ތެރެއިން ނަފްސާނީ ދުޅަހެޔޮކަން ދަސްކޮށްދޭނޭ ސްޓަޑީ އެޕެއް

8. ޓީމް ކްރިއޭޓަރ ހަބް - ކްރިއޭޓަރ އިކޮނޮމީ ޗެލެންޖުގެ ދަށުން ޑިޖިޓަލް އުފެއްދުންތެރިންނަށް ވިޔާފާރިކުރުމަށް އެހީތެރިވެދޭނެ އެޕެއް

9. ޓީމް ވީޝޮޕް - އިނޮވޭޓިވް މާކެޓްޕްލޭސް ޗެލެންޖުގެ ދަށުން އޮންލައިން ވިޔަފާރިތައް ހިންގާ ފަރާތްތަކަށް އެހީތެރިވެދޭނެ ޕްލެޓްފޯމެއް

10 ޓީމް ޔުނިފައިޑް މާކެޓް ޕްލޭސް - އިނޮވޭޓިވް މާކެޓްޕްލޭސް ޗެލެންޖުގެ ދަށުން އޮންލައިން ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ސްޓޯރޭޖް މެނޭޖްކުރެވޭނެ ޕްލެޓްފޯމެއް


2 ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މި ހެކަތޯންއަކީ 30 ގަޑި އިރަށް ކުރިއަށްދާ ހަރަކާތެކެވެ. މިހެކަތޯން ކުރިއަށްދާއިރު ބައިވެރިންނަށް އެހީތެރިވުމުގެ ގޮތުން މެންޓަރުންގެ ގޮތުގައި ޓެކްނޮލޮޖީ ދާއިރާގައި ރާއްޖޭގެ ފުންނާބު އުސް ބޭފުޅުން ހަރަކާތްތެރިވާނެއެވެ. އަދި ހުށަހަޅާ އީޖާދީ ހިޔާލުތައް ޖަޖުކުރުމުގެ ގޮތުން ޖަޖުންގެ ގޮތުގައި ހަރަކާތްތެރިވާނީ ކަނޑައެޅިފައިވާ ޗެލެންޖުތަކުގެ ދާއިރާއިން ތަޖުރިބާކާރު ބޭފުޅުންނެވެ.

މި ހެކަތޯންއިން އެއްވަނައަށް ދާ ފަރާތަކަށް 100،000 ރުފިޔާގެ އިނާމެއް ހުށަހެޅިފައިވެއެވެ.

އިތުރަށް ކިޔާލުމަށް:

މޯލްޑިވްސް ޔޫތު ހެކަތޯން އިފްތިތާހުކޮށްފި


ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.