ދުނިޔޭގެ އެންމެ މަގުބޫލު އެއް އެޕް ކަމަށްވާ ޓިކްޓޮކް ވަރަށް އަވަހަށް އެމެރިކާގައި މަނާވެދާނެ ކަމުގެ ހަބަރުތައް މިހަފްތާގެ ތެރޭގައި އިވެންފަށައިފިއެވެ. އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޓިކްޓޮކްގެ ބެލެނިވެރި ކުންފުނި ބައިޓްޑާންސްގެ މައްޗަށް ކުންފުނި ވިއްކާލުމަށް ނުވަތަ އެމެރިކާގައި އެއެޕް އެއްކޮށް މަނާކުރުމަށް މަޖުބޫރު ކުރާ ބިލެއް ފާސްކޮށްފައެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖްލީހުން މިގޮތަށް ބިލް ހުށަހެޅި ސަބަބަކީ ޓިކްޓޮކް މެދުވެރިވެ ޗައިނާގެ ކުންފުނިން އެޕް ބޭނުންކުރާ މީހުންނަށް ޖާސޫސު ކުރާކަމަށް ތުހުމަތުކޮށްފައެވެ.
އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ގާނޫނުގައި ބައިޓްޑާންސްއަށް މައިގަނޑު ގޮތެއްގައި ވަނީ ދެ އޮޕްޝަނެއް ދީފައެވެ. ޓިކްޓޮކް ވިއްކާލުން ނުވަތަ އެމެރިކާގައި އެޕް މަނާކުރުމެވެ. ބައިޓްޑާންސްއިން ކުންފުނީގެ ހިއްސާ ވިއްކަން އިހްތިޔާރު ކޮށްފިނަމަ އެމެރިކާގައި ޓިކްޓޮކްގެ ހިދުމަތް ދެމިއޮންނާނެއެވެ. އެހެން ނަމަވެސް މިހެން މިކަން ވާނީ އެޕްލެޓްފޯމަކީ އެމެރިކާއާއި ދެކޮޅު ފަރާތަކުން ކޮންޓްރޯލް ނުކުރާ އެޕެއްކަން އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ކަނޑައެޅުމަށް ފަހުގައެވެ.
މިބިލުގައި ބައިޓްޑާންސްއިން ޓިކްޓޮކްގެ މަޝްހޫރު އެލްގޮރިދަމްގެ ކޮންޓްރޯލް ދޫކޮށްލަން ޖެހޭނެކަމަށް ވެސް ކަނޑައަޅާފައިވެއެވެ. މިއެލްގޮރިދަމްއަކީ އެޕް ބޭނުންކުރާ ފަރާތްތަކުގެ އިހްތިޔާރުގެ މައްޗަށް އެފަރާތްތަކުގެ ކޮންޓެންޓް ކަނޑައެޅޭ އެލްގޮރިދަމްއެކެވެ.
މިބިލުގައި ކަނޑައެޅިފައިވާ ކުރު މުއްދަތުގެ ތެރޭގައި ބައިޓްޑާންސަށް ޓިކްޓޮކް ވިއްކުމަކީ ގޮންޖެހުމެއްކަމެއް ތަޖުރިބާކާރުން ބުނެއެވެ. ބިލުގައިވާ ގޮތުން ބައިޓްޑާންސަށް ހިއްސާތައް ވިއްކާލުމަށް ލިބޭނީ 6 މަސް ދުވަހަށް ވުރެވެސް ކުރު މުއްދަތެކެވެ.
އެ ކުންފުނިން އެޕް ނުވިއްކަން އިހްތިޔާރު ކޮށްފިނަމަ، އެޕް ސްޓޯރުތަކުން ޓިކްޓޮކް ޑައުންލޯޑް ކުރުން މަނާ ވެގެން ދާނެކަމަށް ބިލުގައިވެއެވެ. އަދި އެޕް ވިއްކާ އެއްވެސް މާކެޓްޕްލޭއެއްގައި ޓިކްޓޮކް ޑައުންލޯޑް ކުރެވެން ހުރެއްޖެނަމަ އެ އެޕް ސްޓޯރެއްގެ މައްޗަށް، ޑައުންލޯޑް ކުރާ ކޮންމެ ޔޫސަރަކަށް 5000 ޑޮލަރުގެ މަގުން ޖޫރިމަނާ ކުރާނެއެވެ. މީގެ އިތުރުން އެޕް އިންސްޓޯލްކޮށް ނުވަތަ ބްރައުޒަރ މެދުވެރިވެ ބޭނުންކުރުމަށް މަގުފަހިކޮށްދޭ އައިއެސްޕީތަކުގެ މައްޗަށް ކޮންމެ ޔޫސަރަކަށް 500 ޑޮލަރުގެ ނިސްބަތުން ޖޫރިމަނާކުރާނެއެވެ.
އެގައުމުގެ ސިޔާސީ ފަރާތްތަކާއި، ގާނޫނު ހަދާ އިދާރާތަކާއި، ޤާނޫނު ތަންފީޒުކުރާ ފަރާތްތަކާއި އިންޓެލިޖެންސް އިދާރާތަކުން އެއެޕް ޗައިނާއާއި ގުޅިފައިވާތީ ކަންބޮޑުވުންތައް ފާޅުކުރާތާ ގިނަ ދުވަސްތަކެއް ވަނީވެފައެވެ.
މިއެޕާއި ގުޅިގެން އެމެރިކާގެ އެންމެ ބޮޑަށް ބިރުގަންނަ ކަމަކީ ޗައިނާގެ ސަރުކާރުގެ އަމުރަށް، އެޕް ބޭނުންކުރާ އެމެރިކާގެ 170 މިލިއަން މީހުންގެ ޑޭޓާ ހަވާލުކުރަން ބައިޓްޑާންސްއަށް މަޖުބޫރުވެދާނެތީ އެވެ. މީގެ ފަހަތުގައިވާ ސަބަބަކީ ޗައިނާގެ ބައެއް ނޭޝަނަލް ސެކިޔުރިޓީ ގާނޫނުތަކުން އެގައުމުގެ ކުންފުނިތަކުގެ މައްޗަށް މީހުންގެ މައުލޫމާތު އެއްކުރުމަށް މަޖުބޫރުކުރާތީއެވެ. ބައިޓްޑާންސްއަކީ ވެސް ޗައިނާގެ ކުންފުންޏެއް ކަމަށްވާތީ މިގާނޫނުތަކުގެ ދަށުން ޗައިނާ ސަރުކާރުން ޔޫސަރުންގެ މައުލޫމާތު އެއްކޮށް ބޭނުންކުރުމުގެ ޗާންސް އެބައޮތެވެ.
މިއެޕްލިކޭޝަން ޓޫލަކަށް ހަދައިގެން ޗައިނާގެ ސަރުކާރުން ޖާސޫސުކުރާކަމުގެ ތުހުމަތު ޓިކްޓޮކުން އަބަދުވެސް ދޮގުކުރެއެވެ. އެއްވެސް ޔޫޒަރެއްގެ ޑޭޓާ ޗައިނާގެ ސަރުކާރުގެ އެއްވެސް އިދާރާއަކާއި ދުވަހަކުވެސް ހިއްސާ ނުކުރާ ކަމަށާއި އެކަމަށް އެދުނު ނަމަވެސް އެކަން ނުކުރާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. މިއަދާ ހަމައަށް އެމެރިކާ ސަރުކާރުން ޓިކްޓޮކުގެ މައްޗަށް މިތުހުމަތު ކުރާ ކަންކަމަށް އެއްވެސް ހެއްކެއް ފޯރުކޮށްދީފައެއް ނުވާކަމަށް އެކުންފުނިން ބުނެއެވެ.
ޗައިނާއާ ބެހޭ ނުރަނގަޅު ކޮންޓެންޓްތައް ޓިކްޓޮކުން ސެންސަރު ކުރާކަމަށް ބުނެ ވެސް އެމެރިކާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަން ވެސް ޓިކްޓޮކުން ދޮގު ކުރެ އެވެ.
އެމެރިކާގެ ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސްގެ އޮފީހުން ހޯމަ ދުވަހު ނެރުނު ރިޕޯޓެއްގައި ފާހަކޮށްފައިވާ ގޮތުން، އެމެރިކާގެ ފަހުގެ އިންތިހާބުތަކަށް ޗައިނާ ސަރުކާރުން ނުފޫޒު ފޯރުވުމަށް ޓިކްޓޮކް ބޭނުންކޮށްފައިވެއެވެ.
ހައުސްގައި ކުރެވުނު ބަހުސްގައި ގިނަ ފަރާތްތަކުން ފާހަގަކުރި ގޮތުގައި ޓިކްޓޮކް ބޭނުންކުރުމާއި އެމެރިކާގެ ރައްޔިތުންގެ ޑޭޓާއިން ނާޖާއިޒް ފައިދާތަކެއް ޗައިނާ ސަރުކާރުން ނެގުމަކީ އެމެރިކާއަށް އޮތް ބިރުވެރިކަމެކެވެ. މިބިލާއި ދެކޮޅަށް ވާހަކަ ދެއްވި ބައެއް ފަރާތްތަކުން ފާހަގަ ކުރިގޮތުގައި މިބިލުން ރައްޔިތުންގެ މިނިވަންކަމުގެ ހައްގަށް އަރައިގަނެ، އެމެރިކާގެ ސަރުކާރުން އަދި ރައީސް، ރައްޔިތުންގެ ފޯނުތަކަށް އިންސްޓޯލް ކުރާ އެޕަށް ދަންދެން ކޮންޓްރޯލް ކުރުމަކީ ކަންބޮޑު ވާންޖެހޭ ކަމެއް ކަމުގައި ފާހަގަކުރިއެވެ. ހައުސް އޮފް ރެޕްރެސެންޓޭޓިވްގެ މެޖޯރިޓީ ވޯޓުން މިހާރު ބިލް ވަނީ ފާސްވެފައެވެ. އެހެން ނަމަވެސް އަދި އެމެރިކާގައި ޓިކްޓޮކް މަނާ ވީކީ ނޫނެވެ. ދެން އޮންނާނެ މަރުހަލާއަކީ ސެނެޓުން ފާސްކުރުމެވެ. ސެނެޓުން މިބިލް ފާސްކޮށް ރައީސް ސޮއި ކުރާ ހިސާބުން ގާނޫނަކަށްވާނެއެވެ.
ސެނެޓާއި ހިސާބުން ދެން ވާނީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެއެވެ. މީގެ ކުރިންވެސް ޓިކްޓޮކް މަނާ ކުރުމަށް އަމާޒު ހިފާފައިވާ ބައެއް ބިލްތައް ސެނެޓާއި ހިސާބުގައި ވަނީ ހުއްޓިފައެވެ. ސެނެޓާއި ހިސާބުން އެބިލް ފާސްވެއްޖެނަމަ ބިލުގައި ސޮއި ކުރާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ބުނެފައެވެ.
ބިލު ހުރިހާ މަރުހަލާއަކުން ފާސްވާ ހިސާބުން ބައިޓްޑާންސްއަށް ޓިކްޓޮކް ވިއްކުމަށް 165 ދުވަހުގެ މުއްދަތެއް ލިބިގެންދާނެއެވެ. އެހެން ނަމަވެސް މިމުއްދަތުގައި އެކުންފުންޏަށް އަދި އެކަމާއި ގޮންޖަހާ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ލިބޭނެއެވެ.
ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި އެޕް މަނާކޮށްފި ހާލަތެއްގައި ވާޗުއަލް ޕްރައިވެޓް ނެޓްވޯކް ނުވަތަ ވީޕީއެން މެދުވެރިކޮށް އެޕް ބޭނުން ކުރަމުން ގެންދެވިދާނެ އެވެ.
ވިޔަފާރިކުރުމަށް ޓިކްޓޮކަށް ބަރޯސާވެ ބޭނުންކުރާ ފަރާތްތަކުން ދަނީ މިކަމާއި ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ. އާމްދަނީ ހޯދުމަށް ޓިކްޓޮކް ބޭނުންކުރާ ބައެއް އިންފްލުއެންސަރސްއިން މިހާރު އެމެރިކާގެ ވޮޝިންޓަނަށް އައިސް މިބިލާ ދެކޮޅަށް ލޮބީކުރާ ފަރާތްތަކާއި ބައިވެރިވެ ދަނީ މުޒާހިރާކުރަމުންނެވެ. ޓިކްޓޮކް ބޭނުންކުރާ އާންމު ޔޫސަރުންވެސް ދަނީ މި"ޓިކްޓޮކް ޝަޓްޑައުން" ހުއްޓުވުމަށް އެމީހެއްގެ ދާއިރާގެ މަންދޫބުންނަށް ޕެޓިޝަން ހުށަހެޅުމަށް ގޮވާލަމުންނެވެ.
ބައެއް ފަރާތްތަކުން ހިޔާލު ފާޅުކުރިގޮތުގައި އެމެރިކާގެ ބައެއް ކުންފުނިތަކުން އުފައްދާ ބޭނުންކުރާ އެޕްތަކުގައިވެސް ޑޭޓާ ސެކިޔުރިޓީގެ ކަންބޮޑުވުންތައް އެބަހުއްޓެވެ. އެހެން ކަމުން އެއްކޮށް ޓިކްޓޮކް މަނާކުރުމުގެ ފަހަތުގައި އެހެން ސޯޝަލް މީޑިޔާ ކުންފުނިތަކުގެ ނުފޫޒެއް އޮތުންވެސް އެއީ ވެދާނެކަމެއްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
ޓިކްޓޮކް ކުންފުނިން ބުނަމުންދަނީ އެމެރިކާގެ ސަރުކާރުން ރާވަމުން އަންނަނީ މިޕްލެޓްފޯމް އެއްކޮށް މަނާ ކުރުމަށްކަމަށެވެ. އަދި މީގެ ސަބަބުން މިލިއަނެއްހާ ވިޔަފާރިތަކަށް ގެއްލުން ލިބި، މުޅި ގައުމުގައި އަދަދު ނުކުރެވޭހާ ގިނަ އުފެއްދުންތެރިންގެ ދިރިއުޅުން ހަލާކުކޮށް، ފަންނާނުންގެ އުފެއްދުންތަކަށް ލިބޭ ކޮންސިއުމަރުން އެއްކޮށް ނެތިކޮށްލާނެ ކަމެކެވެ.
އިތުރަށް ކިޔާލުމަށް
ޓިކްޓޮކްގެ ސީއީއޯ ޗޫ އެމެރިކާ ކޮންގްރެސްގައި ހެކިބަސް ދިނުން
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް