Download Logo
Copy Logo

ފޮނި، އިންސިއުލިންއަށް އަސަރު ނުކުރާ ހަކުރެއް ސައިންސްވެރިން ހޯދައިފި

އަޝްނާ ރަޝީދު 09 އޭޕްރީލު 2024

ދުނިޔޭގެ ގިނަބަޔަކު ފޮނިއެއްޗެހި ކާހިއްވެއެވެ. ނަމަވެސް، ފަލަވުމާއި، ޕްރެޝަރުގެ މައްސަލަތަކާއި، ހަކުރުބަލިތައް ފަދަ ބަލިތައް ޖެހުމާއި ހަކުރު ގިނައިން ކެއުމުގެ ސަބަބުން ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރުގެ ސަބަބުން ފޮނި އެއްޗހި ކެއުމަށް ހުރަސް އަޅައެވެ. އާންމުކޮށް ކާ ސުކްރޯސް ހަކުރުގެ ބަދަލުގައި އެތަކެއް އާޓިފިޝަލް ސްވީޓްނާސް ތާރަފުކޮށްފައިވާ އިރު، މި ފަދަ ސްވީޓްނަރު ފަދަ ތަކެއްޗަކީ ސިއްހަތައް ނޭދެވޭ އަސަރުކުރާ މާއްދާތަކެކެވެ. މިގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިފަދަ އާޓިފިޝަލް ސްވީޓްނާސްތަކުން ހަކުރުބަލިޖެހުމުގެ ފުރުސަތު ބޮޑުކޮށް، ޑީއެންއޭއަށް ގެއްލުންދީ، ފަރުމެއަށް ނޭދެވޭ އަސަރުކޮށް، ގޮހޮރަށް ނޭދެވޭއަސަރުތައް ފަދަ ގެއްލުންތައް އިންސާނުންނަށް ކުރާތީވެ މިފަދަ ހަކުރުތައް ބޭނުން ނުކުރުމަށް 2023 އަހަރުގައި ގޮވާލާފައިވެއެވެ. މިކަމުގެ ހައްލުގައި ދިރާސާވެރިން ގުދުރަތީ ގޮރުން ލިބޭ ހަކުރުތައް ހޯދުމަށް މަސައްކަތްކުރެއެވެ.

މިގޮތުން ދިރާސާވެރިން ޓެގަޓޯސް އުފެއްދުމަށް އާ ބަޔޮލޮޖިކަލް ގޮތެއް އުފައްދައިފިއެވެ. ޓެގަޓޯސްއަކީ ސުކްރޯޒްގެ ރަހައާއި ކެއްކުމުގެ ގިނަ ސިފަތައް ހުންނަ، ކެލޮރީސް މަދު އަދި ލޭގެ ހަކުރަށް ކުޑަ އަސަރު ކުރާ، މަދުން ފެންނަ ގުދުރަތީ ހަކުރެކރވެ. މި ހޯދުންތައް ސެލް ރިޕޯޓްސް ފިޒިކަލް ސައިންސްގައި ދާދިފަހުން ޝާއިރުކޮށްފައިވެއެވެ. މި ހޯދުންތަކުގެ އަަލީގައި ކާތަކެތީގައި ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރު ކުޑަވާ ހަކުރެއް ބޭނުންކުރުމުގެ މަގު ތަނަވަސްވެގެން ދެއެވެ.

ޓެގަޓޯސްއަކީ އާންމުކޮށް ކައި އުޅޭ ސުކޮރޯސް ހަކުރުގެ ގާތްގަނޑަކަށް %92 ފޮނިކަން ހުންނަ، އެކަމަކު އޭގެ ހަމައެކަނި ތިންބައިކުޅަ އެއްބައި ކެލޮރީ އެކުލެވިގެންވާ މާއްދާއެކެވެ. މިކަމުގެ ސަބަބުން ސުކްރޯޒް، ގްލޫކޯޒް އަދި ގިނަ އާޓިފިޝަލް ސްވީޓެނަރސްއާއި ހިލާފަށް ލޭގައި ގހަކުރާއި އިންސިއުލިންގެ މިންވަރު މި ހަުކުރުގެ ސަބަބުން އިތުރުވާ ވަރު ކުޑަވެއެވެ. އެހެން ކަމުން މި ހަކުރު ހަކުރުބަލި ހުންނަ މީހުންނާއި ލޯ ގްލައިސެމިކް އިންޑެކްސް ހުންނަ ކާނާއަށް ޝައުގުވެރިކަން ހުންނަ ފަރާތަތަކަށް މި ހަކުރު އެކަށީގެންދެއެވެ.

ކުރީގައި ޓެގަޓޯސް ކާއެއްޗެހީގައި ބޭނުންކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވީ މި މާއްދާއަކީ ގުދުރަތީގޮތުން ވަރަށް މަދުން ލިބެންހުންނަ، އުފައްދަން އަގުބޮޑު އަދި އިންއެފިޝަންޓް މާއްދާއަކަށްވާތީއެވެ. ނަމަވެސް ޓުފްޓްސް ޔުނިވަރސިޓީ ވަނީ އެމެރިކާގެ މަނުސް ބަޔޯއާއި އިންޑިޔާގެ ކޭކެޓް އެންޒައިމެޓިކާއި ގުޅިގެން ގްލޫކޯސް ބަޔޮލޮޖިކަލް ނިޒާމެއް މއދުވެރިކޮށް ޓެގަޓޯސްއަށް ބަދަލުކުރާނެ އައު ނިޒާމެއް އީޖާދުކޮށްފައެވެ.

ދިރާސާވެރިން މިކަން ހާސިލުކޮށްފައިވަނީ އެސްޗެރިޗިއާ ކޮލައި ބެކްޓީރިއާއަށް ސްލައިމް މޮލްޑުންނަގާފައިވާ ގެލެކްޓޯސް-1-ފޮސްފޭޓް-ސެލެކްޓިވް ފޮސްފޭޓޭޒް (Gal1P) އިނޖިނިޔަރުކޮށްގެންނެވެ. މި އެންޒައިމްގެ ސަބަބުން ގުދުރަތީގޮރުން ގެލެކްޓޯޒް އާންމުކޮށް މެޓަބޮލައިޒްކުރާ މަގު ބަދަލުކުރެއެވެ. މީގެސަބަބުން ގްލޫކޯސް ބޭނުންކޮށްގެން ގެލެކްޓޯޒް އުފައްދާ، ޓެގަޓޯސް އުފައްދާ ފަސޭހަ ނިޒާމެއް ހުޅިވިގެންދެއެވެ. ގެލެކްޓޯޒްއަކީ ޓެގަޓޯސް ހެދުމަށް ކޮމޭޝަލްކޮށް އާންމުކޮށް ބޭނުންކުރާ ފީޑްސްޓޮކެވެ. މި ނިޒާމު ބޭނުންކޮށްގެން ދިރާސާވެރިންނަށް %95 ޓެގަޓޯސް ޔީލްޑް ހޯދިފައިވެއެވެ. މިއަކީ އާންމުކޮށް ޓެގަޓޯސް ހެދުމަށް ބޭނުންކުރާ ނިޒާމުތަކުން ލިބޭ %40 އާއި %77 ދެމެދުގެ ޔީލްޑާއި ބަލާފައި ނިސްބަތުން ބޮޑު އަދަދެކެވެ.

ދިރާސާތަކުން ޓެގަޓޯސްގެ އެހެން ފައިދާތަކެއްވެސް ފާހަގަކޮށްފައިވެއެވެ. ކުރިން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި ޓެގަޓޯޒްއަކީ އެހެން ހަކުރުތަކާއި ހިލާފަށް ދަތުގައި ކެވިޓީ އުފެދާ އަނގައިގައި ހުންނަ ބެކްޓީރިއާ ގިނަނުކުރާ މާއްދާއެކެވެ. މީގެ އިތުރުން މި ހަކުރުން އަނގައިގައި އުޅޭ ބައެއް މައިކްރޯބްތައް މަދުވެސްކުރާކަމަށް ބައެއް ދިރާސާތަކުން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން ޓޭގަޓޯޒް އިންސާނާގެ ހަށިގަނޑުގައި ހަޖަމުކުރަނީ އާންމު ހަކުރުތަކާއި ހިލާފަށް ކޮޑަ ގޮހޮރުގައެވެ. މިގޮތުން ކުޑަ ގޮހޮރުގައި ޓޭގަޓޯޒްގެ ކުޑަބައެއް ހަށިގަނޑަށް އެބްޒޯބްވެ، ގިނަބަޔެއް ގޮހޮރުގެ ބެކްޓީރިއާ ފާމެންޓްކޮށްގެންދެއެވެ. މީގެ ނަތީޖާއަށް ވެގެންދަނީ ޓެގަޓޯސް ކެއުމުންމުން ޕްލާސްމާ ގްލޫކޯޒްއާއި އިންސިއުލިން އިތުރުވާވަރު އާންމު ހަކުރުތަކަށްވުރެ ކުޑަވެއެވެ. މިކަމުގެ ސަބަބުން ޓޭގަޓޯޒް ހަކުރުބަލީ ފަދަ ހާލަތްތައް ޖެހިފައިވާ މީހުންނަށް ވަރަށް ފައިދާހުރި އެއްޗަކަށްވެއެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުންއާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ޓަގަޓޯޒް ޖެނެރަލީ ރިކޮގްނިޒްޑް އެސް ސޭފް (ޖީއާރުއޭއެސް) ގޮތުގައި ގިންތިކޮށްފައިވެއެވެ. މީގެމާނައަކީ މިހަކުރަކީ ގިނަބަޔަކަށް ކާން އެކަށީގެންވާ މާއްދާއެކެވެ. ނަމަވެސް ޓެގަޓޯޒްއަކީ ހުރިހާ އެންމެންނަށް ގުޅޭ އެއްޗެއް ނޫނެވެ. ޓެގަޓޯޒް ހަށިގަނޑުގައި މެޓަބޮލައިޒްކުރަނީ ފްރަކްޓޯޒް މެޓަބޮލައިޒް ކުރާގޮތަށެވެ. މިކަމުގެ ސަބަބުން ފްރަކްޓޯޒް އިންޓޮލަރެންސް ހުންނަ ފަރާތްތަކަށް ޓެގަޓޯޒް ނުގުޅެއެވެ. މިފަދަ ފަރާތްތަކަށް ޓެގަޓޯޒް ކެއުމުން ގޭސްޓްރޯއިންޓެސްޓިނަލް ރިއެކްޝަންތައް ކުރިމަތިވެދާނެއެވެ.

2032 ގައި ދުނިޔޭގެ ޓެގަޓޯސްގެ މާކެޓް ގާތްގަނޑަކަށް 250$ މިލިއަން ކަމަށް އަންދާޒާކުރެވެއެވެ. ނަމަވެސް މިވަގުތު ޓެގަޓޯސް އިންޑަސްޓްރިއަލްކޮށް އުފައްދާނެ އެފިޝަންޓްއަދި އަގުހެޔޮގޮތެެއް ނެތެވެ. ދިރާސާވެރިން މި ޕްރޮސެސް އިންޑަސްޓްރިއަލް ސްކޭލްގައި ބޭނުންކުރެވޭގޮތް ހެދިއްޖެނަމަ، މިކަން ވެގެންދާނީ އާންމުކޮށް ބޭނުންކުރެވޭ ހަކުރުތަކަށްއޮތް ސިއްހަތަށް ރަނގަޅު ބަދަލަކަށެވެ. މިކަންތައް ހާސިލްކުރުމަށްޓަކައި ޓެގަޓޯސް އޮޕްޓިމައިޒްކުރުމުގެ މަސައްކަތް ދިރާސާވެރިން އެބަ ކުރިއަށް ގެނދެއެވެ.



އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.