ގަރލްސް ޓު ކޯޑް ޕްރޮގްރާމް މިފަހަރު ހއ.ދިއްދޫއަށް

ގަރލްސް ޓު ކޯޑް'ގެ ފަސްވަނަ ޕްރޮގްރާމް ހއ. ދިއްދޫގައި ބޭއްވުމަށް ރަޖިސްޓްރޭޝަންއަށް ހުޅުވާލައިފިއެވެ.

ގަރލްސް ޓު ކޯޑް ޕްރޮގަރާމަކީ ދިރާގާއި ވިމެން ޓެކް މޯލްޑިވްސް އިސްނަގައިގެން، އަންހެން ކުދިންނަށް ކޯޑުކުރަން ދަސްކޮށް ދިނުމަށް ހިންގާ ޕްރޮގްރާމެކެވެ. އަދި މީގެ މައިގަނޑު މަޤްސަދަކީ އަންހެން ކުދިންގެ މެދުގައި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އުފައްދައި، ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމެވެ. އެގޮތުން ޕްރޮގްރާމްގެ ބައިވެރިންނަށް ކޯޑިންގ އާއި ޑިޖިޓަލް ހުނަރުތައް ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ އިތުރުން، ރަށްރަށުގެ މުޖުތަމައުތަކުގެ މެދުގައި މިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަކީވެސް މި ޕްރޮގްރާމްގެ މުހިންމު އަމާޒެކެވެ.

'ގަރލްސް ޓު ކޯޑް' ޕްރޮގްރާމް ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ކޯޑިންގެ އިލްމާއި އެ އިލްމް ބޭނުންކުރާނެ ގޮތުގެ އިތުރުން ވެބްޕޭޖް އަދި މިނީ ގޭމްސް ފަދަ ތަފާތު ޓެކްނޮލޮޖީ ހައްލުތައް ފަރުމާކުރުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ.ގަރލްސްޓު ކޯޑު ޕްރޮގްރާމްގެ ގިނަ ސެޝަންތައް ކުރިޔަށް ގެންދަނީ އޮންލައިންކޮށެވެ. މީގެއިތުރުން ހއ.ދިއްދޫގައި ބައެއް ސެޝަންތައް ކުރިޔަށް ގެންދާނެއެވެ. މިފަހަރުގެ ޕްރޮގްރާމްގައި މައިގަނޑުގޮތެއްގައި ކިޔަވައިދޭނީ ޕައިތަން ޕްރޮގްރާމިން ލެންގުއޭޖްއެވެ.

ހއ. ދިއްދޫއިން މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ އަންހެން ކުދިންނަށް މިއަހަރުގެ ޕްރޮގްރާމަށް 28 މެއި 2024 ގެ ކުރިން އޮންލައިން ފޯމް https://bit.ly/4aMNRqp މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި ޕްރޮގްރާމްގެ ކްލާސްތައް ކުރިއަށް ދާނީ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށެވެ. އުމުރުން 10 އަހަރާއި 13 އަހަރާ ދެމެދުގެ މިޑްލް އަދި ސެކަންޑަރީ ސްކޫލް ލެވެލްގެ އަންހެން ކުދިންނަށް ޕްރޮގްރާމްގައި ބައިވެރިވުމަށް ފޯމް ހުށަހެޅޭނެއެވެ. ހިލޭ ބައިވެރިވުމަށް ހުޅުވާލާފައިވާ މިކޯހުގައި މީގެ ކުރިން ކޯޑިންގެ މައުލޫމާތު ނެތް ބައިވެރިންނަށް އިސްކަން ދޭނެއެވެ.

މިއީ 'ގަރލްސް ޓު ކޯޑް' ސީރީޒްގެ ފަސްވަނަ ޕްރޮގްރާމެވެ. މީގެ އެންމެ ފުރަތަމަ ޕްރޮގްރާމް ބޭއްވުނީ ފުވައްމުލައް ސިޓީގައި 2019ވަނަ އަހަރުގައެވެ. އަދި ދެ ވަނަ ޕްރޮގްރާމް ތިނަދޫ ސިޓީގައި ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމްގެ ތިންވަނަ އަދި ހަތަރުވަނަ ސީރީޒް ކުރިއަށް ގެންގޮސަފައިވަނީ ކުޅުދުއްފުށީ ސިޓީ އަދި ލާމު އަތޮޅުގައެވެ.

އިތުރަށް ކިޔާލުމަށް:

ގަރލްސް ޓު ކޯޑު ޕްރޮގްރާމް ލާމު އަތޮޅުގައި ފަށައިފި



ވިމެން އިން ޓެކް މޯލްޑިވްސް

ވިމެން އިން ޓެކް މޯލްޑިވްސް

ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވައި މިދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް އަންގައިދީ ހޭލުންތެރިކުރުވައި، އީޖާދީ އުފެއްދުންތައް އިތުރުކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.