އިތުރު ފީޗަރތަކަކާއި އެކު ދިވެހި-ޖީޕީޓީ އައުކޮށްލައިފި

ހިންދު ޢަލީ 21 އޯގަސްޓު 2024

ޓެކްނޮލޮޖީގެ އެހީގައި ދިވެހި ބަސް ކުރިއެރުވުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދިވެހި ޓެކް ކުންފުނި ޖަވާބުގެ ދިވެހި ޖީޕީޓީ އެޕްލިކޭޝަންއަށް އިތުރު ގިނަ ފީޗަރސްތަކެއް ތައާރަފްކޮށްފިއެވެ.

ދިވެހި ޖީޕީޓީ އެޕްލިކޭޝަންއަކީ ދިވެހި ބަހުން ސުވާލެއް ކުރުމުން ނުވަތަ ޕްރޮމްޓެއް ދިނުމުން އެއަށް ދިވެހި ބަހުން ޖަވާބުދޭ އެޕްލިކޭޝަނެކެވެ. މިއެޕްލިކޭޝަން ބޭނުންކުރަނީ އޯޕަންއޭއައިގެ ލެންޖުއޭޖް މޮޑެލް ޖީޕީޓީ-4 އާއި އެންތްރޮޕިކްގެ އެންމެ ފަހުގެ އޭއައި މޮޑެލް ކްލޯޑް 3.5 ސޮނެޓް އެވެ.

މިއެޕްލިކޭޝަންގެ ކުރީގެ ވަރޝަންގައި ހިމެނުނީ ޗެޓްޖީޕީޓީގައި ހިމެނޭ ފަދަ ޕްރޮމްޓެއް ފޯރުކޮށްދިނުމުން އެދެވުނު ޕްރޮޕްޓްގައި އެދޭ މައުލޫމާތު ދިނުން ނުވަތަ ލިޔުންތަކެއް ދިވެހި ބަހުން ފޯރުކޮށްދޭ ބައެކެވެ. މިދިޔަ ޖުލައި މަސް ތެރޭގައި ރިލީޒްކުރެވުނު މިއެޕްލިކޭޝަންގެ ފަހުގެ ވަރޝަންގައި އިތުރު އެތައް ގިނަ ފީޗަރސްތަކެއް ހިމެނިފައިވެއެވެ.

ދިވެހި ޖީޕީޓީ އެޕްލިކޭޝަން ބޭނުންކުރަން ފެއްޓުމަށްޓަކައި އެންމެ ފުރަތަމަ ޖެހެނީ ލޮގިން ކުރާށެވެ. ލޮގިން ކުރުމަށް އީމެއިލް އެޑްރެހެއް ބޭނުންކޮށްގެން ރަޖިސްޓަރ ކޮށްލަންޖެހެއެވެ. މީގެ އިތުރުން ގޫގުލް ނުވަތަ ފޭސްބުކް އެކައުންޓް ބޭނުންކޮށްގެން ލޮގިން ވުމުގެ ފުރުސަތު ވެސް ލިބެއެވެ. ލޮގިންކޮށްލުމުން ފެންނަނީ އެޕްލިކޭޝަނުން ލިބޭ ފީޗަރސްތަކެވެ.

އެޕްލިކޭޝަންގައި ހިމެނޭ އެކި ފީޗަރސްތަކާ ބެހޭ މައުލޫމާތު މިއާޓިކަލްގައި ހިއްސާކުރުމަށްޓަކައި އެބައިތައް ކޮންމެވެސް ވަރަކަށް އަޖުމަބަލާލާ ޓެސްޓްކޮށްލީމެވެ.

1. ލިޔުމެއް އުފެއްދުން

މިބައިގައި އެކި ބާވަތުގެ ލިޔުންތައް އުފެއްދުމުގެ ފީޗަރ ހިމެނިފައިވެއެވެ. މީގެ ތެރޭގައި ސިޓީ، ހަބަރު، މަޒުމޫނު، އެގްރީމެންޓް، ވާހަކަ، ސްޕީޗް، ޅެން، ޕްރޮޕޯސަލް، ރައިވަރު އަދި އެހެނިހެން ލިޔުންތައް ހިމެނެއެވެ. މިފީޗަރ ޓެސްޓްކުރުމަށްޓަކައި ސިޓީއެއް އަދި ވާހަކައެއް ލިޔުމަށް އެޕްލިކޭޝަންއަށް ޕްރޮމްޓު ދިނީމެވެ.

ދެބާވަތުގެ ލިޔުން ވެސް އުފެއްދުމަށް މާގިނައިރުތަކެއް ހޭދައެއް ނުވެއެވެ. އަދި އުފެއްދުނު ސިޓީ އާއި ވާހަކަ އުފެދިފައިވަނީ ދެވިފައިވާ ޕްރޮމްޓުން އެދިފައިވާ ގޮތަށެވެ. ޖުމްލަތައް އެކުލަވާލުމާއި އިބާރާތް ކުރުންވެސް ފުދޭ ވަރަކަށް ރަނގަޅެވެ. އެހެން ނަމަވެސް ދިވެހި ބަހުގެ ހަމަތަކުގެ ބައެއް މައްސަލަ ފާހަގަވިއެވެ.

މިއީ އަމިއްލައަށް މިފަދަ ލިޔުމެއް ތައްޔާރުކުރުމަށް ފުރަތަމަ ފިޔަވަޅަކަށް ވަރަށް ފައިދާ ހުރި ލިޔުންތަކެކެވެ. މިބައިގައި އުފެދޭ ލިޔުންތައް ނަގައިގެން އިތުރަށް ރަނގަޅުކޮށްލާ އިސްލާހުކޮށްލާކަށް އުނދަގުލެއް ނުވާނެއެވެ. މިފަދަ ލިޔުމެއް ތައްޔާރުކުރަން ފަށަން ދަތިވާ ފަރާތްތަކަށް މިއީ ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެއެވެ.

2. ލިޔުމުގެ އިބާރާތް އިސްލާހުކުރުން

މިބައި ޓެސްޓުކޮށްލުމަށްޓަކައި ކުރިން ލިޔެފައިވާ ދިވެހި އާޓިކަލްއެއްގެ ބައެއް އެޕްލިކޭޝަންގެ މިފީޗަރ ހިމެނޭ ބައިގައި ހިއްސާކުރީމެވެ. ފާހަގަކުރެވުނު ގޮތުގައި މިބައިގައި ކޮންމެވެސް މިންވަރަކަށް އިބާރާތްތައް ރީތިކޮށްލާ، އިސްލާހުކޮށްލައެވެ. އަދި އިމްލާ ކުށެއް ހުރި ނަމަ އެކަން ރަނގަޅު ކޮށްލައެވެ.


3. ލިޔުން ހުލާސާކުރުން

މިކަމަށް ކަނޑައެޅިފައިވާ ބަޔަށް ދިވެހި ބަހުން ލިޔެފައިވާ ދިގު ޕެރެގްރާފެއްގެ ލިޔުމެއް ދިނުމުން، ފަސޭހައިން ފަހުމްވާ ފަދައިން ލިޔުން ހުލާސާކޮށްލައެވެ. ޕެރެގްރާފްގައި ހިމެނޭ މުހިއްމު ބައިތައް ނުކުތާތަކެއްގެ ގޮތުގައި ލިސްޓުކޮށްލައެވެ. ލިޔުމުގައި ހިމެނޭ އެންމެ މުހިއްމު ޕޮއިންޓްތައް ވަރަށް ރަނގަޅަށް ހުލާސާ ކުރެވިފައިވާކަން ފާހަގަކުރަމެވެ.


4. ލިޔުން ތަޖުރަމާކުރުން

އެޕްލިކޭޝަންގެ މިބަޔަށް ކްލިކްކޮށް ކަނޑައެޅިފައިވާ ބަޔަށް އިނގިރޭސި ބަހުން ލިޔެފައިވާ ލިޔުމެއް ދިނުމުން ވަރަށް ފަސޭހައިން ދިވެހި ބަހަށް ތަރުޖަމާކޮށްލެވެއެވެ. އަދި ހަމަ މިފަދައިން ދިވެހިން އިނގިރޭސިއަށް ވެސް ބަދަލުކޮށްލާކަށް އުނދަގުލެއް ނޫނެވެ.


5. މައުލޫމާތު ހޯދުމާއި ދިރާސާ ކުރުން

އެޕްލިކޭޝަންގެ ކުރީގެ ވަރޝަންގައި ވެސް މައުލޫމާތު ހޯދުމަށްޓަކައި އެކި ސުވާލުކޮށް ޖަވާބު ހޯދެއެވެ. އެހެން ކަމުން މިބަޔަށް އިތުރު ކުރިއެރުމެއް އައިސްފައިވޭތޯ ބެލުމަށް ކުރީގެ ވަރޝަންއަށް ވެސް ކުރި ސުވާލު އަނެއްކާ މިބައިގައި ތަކުރާރުކޮށްލީމެވެ. މިހާރު ސުވާލަށް ލިބޭ ޖަވާބު އަދާހަމަ ކަމަށާއި ކުރި ސުވާލާއި ގުޅޭ އިތުރު މައުލޫމާތު ލިބޭކަން ފާހަގަ ކުރެވުނެވެ.

މަތީގައި ފާހަގަކުރެވިފައިވާ ހުރިހާ ބައެއްގައިވެސް އަހަރުމެން ފުރަތަމަ ފޮނުވާ ޕްރޮމްޓާއެކު ލިބޭ ޖަވާބާއި ގުޅުވާ އިތުރަށް އެޕްލިކޭޝަންނާއި ޗެޓްކޮށް ލިޔުންތައް އިސްލާހުކޮށް އިތުރަށް ރަނގަޅުކުރުމަށް ފުރުސަތު ލިބެއެވެ.

މިހާރު މިއެޕްލިކޭޝަނަށް ގެނެވިފައިވާ ކުރިއެރުމާއި އެކު އެޕްލިކޭޝަން ބޭނުންކުރުމުގެ އެހެން ކަންތައްތަކެއް ވެސް ވަނީ ބަދަލު ކުރެވިފައެވެ. މީގެ ތެރެއިން އެންމެ ފާހަގަ ކުރެވުނު އެއް ކަމަކީ އެޕްލިކޭޝަން ހިލޭ ބޭނުންކުރެވޭނެ މިންވަރު ލިމިޓް ކުރެވިފައިވާ ކަމެވެ. މިހާރު އެޕްލިކޭޝަންގައި މަހަކު ކުރެވެނީ 5 ސުވާލެވެ. 5 ސުވާލު ހަމަވުމުން އެޕްލިކޭޝަންގައި އެކަން އަންގައިދޭ މެސެޖެއް ފެނެއެވެ. އިތުރު ސުވާލުތައް ކުރަން ބޭނުންނަމަ އެއްވެސް ލިމިޓެއް ނެތި ސުވާލު ކުރުމުގެ ބާރު ލިބޭގޮތަށް އެކި އަދަދަށް ދުވަސް ގަނެވެއެވެ. ޕްރިމިއަމް ޕްލޭންތަކުގެ ތެރޭގައި 1 ދުވަހަށް، ނުވަތަ 1 ހަފްތާ، ނުވަތަ 1 މަސް ދުވަހުގެ ޕްލޭން ހިމެނެއެވެ. މީގެން ކޮންމެ ޕްލޭނެއް ވިއްކާ އަގުތައް އެޕްލިކޭޝަންގައި ހިމެނިފައިވެއެވެ. ޕެކޭޖް ގަނެލާ އޮންލައިންކޮށް ފައިސާ ދައްކާލުމުގެ އެހީއަކަށް ދިވެހި-ޖީޕިޓީ އެޕްލިކޭޝަން ވަނީ ބީއެމްއެލް ޕޭމަންޓް ގޭޓްވޭއާއި އިންޓަރގްރޭޓް ކުރެވިފައެވެ.

މިފަދަ ބޭނުންތެރި އެޕްލިކޭޝަނަކާއި އަޅާބަލާފައި އަދި ދުވަސް ގަނެފައި އެއްވެސް ލިމިޓެއް ނެތް ގޮތަށް ސުވާލު ކުރެވޭ ކަމަށްވާތީ ދުވަސް ގަތުމުގެ އަގުތައް ވަރަށް ރަނގަޅުކަމަށް ފާހަގަކުރަމެވެ. އެޕްލިކޭޝަންގައި ހިމެނޭ ލިޔުން އުފެއްދޭ ލިމިޓާއި އެކު އަޅުގަނޑަށް ހުރިހާ ބާވަތެއް ޓެސްޓުކޮށް ނުލެވުނު ނަމަވެސް ތިޔަ ބޭފުޅުން ވެސް އެޕްލިކޭޝަންގެ އަޖުމަ ބަލާލުން ރަނގަޅެވެ.

އެޕްލިކޭޝަންގައި ހިމެނޭ ލިޔުން ތަރުޖަމާ ކުރުމާއި ލިޔުން ހުލާސާ ކުރުމުގައި އަހަރުމެންނަށް ހުށަހެޅޭ ލިޔުންތަކުގެ ދިގުމިން 1500 ކެރެކްޓަރއަށް ވަނީ ލިމިޓްކުރެވިފައެވެ. އެހެން ކަމުން ދިގު ލިޔުމެއް ތަޖުރަމާ ކުރުން ނުވަތަ ހުލާސާ ކުރުމަށް ދަތިކަމެއް ހުރިކަން ފާހަގަކުރަމެވެ.

ޖަވާބުން ހާމަކުރިގޮތުގައި މިއެޕްލިކޭޝަންގެ މަގުސަދަކީ ރާއްޖޭގެ އާންމުންނާއި ހަމައަށް އޭއައިގެ ކުރިއެރުންތައް ގެނެސްދިނުމެވެ. އަދި ޓެކްނޮލޮޖީގެ އެހީގައި ބަސްކުރިއެރުވުމެވެ. ދިވެހި ޖީޕީޓީގެ ސަބަބުން ދިވެހި ބަސް ބޭނުންކުރާ ޑިޖިޓަލް ޕްރޮޑަކްޓްސްތައް އިތުރުވެ ޒަމާނީ ވަސީލަތްތަކުގައި ދިވެހި ބަސް ބޭނުންކުރުން އިތުރު ވެގެންދާނެ ކަމަށް އުންމީދުކުރާކަމަށް ޖަބާވުގެ ސީއީއޯ މުހައްމަދު ޖައިލަމް ހާމަކުރެއެވެ.

ޖަވާބުން ފާހަގަކުރި ގޮތުގައި ދިވެހި ޖީޕީޓީ އިތުރަށް ތަރައްގީކުރުމުގެ ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އަލަށް ތައާރަފް ކުރުމަށް ޕްލޭން ކުރެވޭ ފީޗަރސްތަކުގެ ތެރެއިން ދިވެހި ލިޔުން އަޑަށް އަދި ދައްކާ ވާހަކައިން ލިޔުމަށް ބަދަލުކުރުމުގެ ފީޗަރ ވަރަށް އަވަހަށް ތައާރަފްކުރެވިގެންދާނެއެވެ. މީގެ އިތުރުން ދިވެހިން ލިޔެފައިވާ ލިޔުންތައް ސްކޭންކޮށް ޑިޖިޓަލައިޒްކުރުމުގެ ފީޗަރވެސް އެޕްލިކޭޝަންއަށް އިތުރު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ޖަވާބުން އުފައްދާފައިވާ ދިވެހި ޖީޕީޓީ އެޕާއި އިތުރު އެހެން އުފެއްދުންތަކުން ހާމަވަނީ އެކުންފުނިން ޓެކްނޮލޮޖީގެ ދާއިރާގައި ދިވެހިންނަށާއި ދިވެހިބަހަށް ކުރިއެރުވުމަށް ކުރާ ހިދުމަތެވެ. މިހާރު ތައާރަފް ކުރެވުނު އައު ފީޗަރސްތަކާއެކު އެޕް އިތުރަށް ބޭނުންތެރިވެގެން ދާނެކަން ކަށަވަރެވެ. އެޕްގެ ފީޗަރސްތައް އަމިއްލަފުޅަށް ތަޖުރިބާ ކޮށްލުމަށް ދިވެހި ޖީޕީޓީ ލިންކަށް ވަޑައިގަންނަވާށެވެ. އަދި އެޕްލިކޭޝަންގައި އިތުރަށް ރަނގަޅު ކުރެވިދާނެ ކަންތައްތަކާއި މެދު ހިޔާލު ފާޅުކުރައްވާށެވެ.

އެޕްލިކޭޝަން ބޭނުންކުރާނެ ގޮތުގެ ޑެމޯއެއް


އިތުރަށް ކިޔާލުމަށް

ޖަވާބުގެ ދިވެހި ޖީޕީޓީގެ އަޖުމަ ބަލާލައިފިންތަ؟


ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.