ޖަވާބުގެ ދިވެހި ޖީޕީޓީގެ އަޖުމަ ބަލާލައިފިންތަ؟

ހިންދު ޢަލީ 17 އޭޕްރީލު 2023

ދާދި ފަހުން ރިލީޒްކުރި ޗެޓްޖީޕީޓީގެ އައު މޮޑެލް ބޭނުންކޮށްގެން ދިވެހި ބަހުގެ ޗެޓް ޖީޕީޓީ އެޕްލިކޭޝަނެއް ޖަވާބު ޕްރައިވެޓް ލިމިޓެޑުން ތައްޔާރުކޮށްފިއެވެ. ޖަވާބުގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކޮށްފައިވާ ޓްވީޓްގައިވާ ގޮތުން، މި އެޕްލިކޭޝަން ބޭނުންކުރަނީ އޯޕަންއޭއައިގެ އެންމެ ފަހުގެ މޮޑެލް ޖީޕީޓީ-4 އެވެ. އަދި އޯޕަން އޭއައިގެ ޗެޓްޖީޕީޓީ ފަދައިން މިއެޕްލިކޭޝަނުންވެސް ކުރީގައި ދައްކާފައިވާ ވާހަކަތައް ރައްކާކުރާނެއެވެ. އަދި އެވާހަކަތަކާއި ގުޅުވައިގެން އިތުރު ސުވާލު ކޮށް މުއާމަލާތްކުރެވޭނެއެވެ.


ދިވެހި ޖީޕީޓީ އެޕްލިކޭޝަނުގައި ދިވެހި ބަހުން ސުވާލެއް ނުވަތަ ޕްރޮމްޓެއް ދިނުމުން އެއަށް ދިވެހި ބަހުން ޖަވާބުދެނީއެވެ. ޖަވާބުން މައުލޫމާތު ދެއްވި ގޮތުގައި މި އެޕްލިކޭޝަން މަސައްކަތްކުރާ ގޮތަކީ އެޕް ބޭނުންކުރާ މީހާ ދިވެހިބަހުން ދޭ ޕްރޮމްޓު އިނގިރޭސި ބަހަށް ތަރުޖަމާކޮށް ޖީޕީޓީ މޮޑެލްއަށް ފޮނުވާލަނީއެވެ. އަދި އޭގެން ލިބޭ ޖަވާބު އަލުން ދިވެހިބަހަށް ތަރުޖަމާކޮށް ބޭނުންކުރާ މީހާއާއި ހަމައަށް ފޯރުކޮށްދެނީއެވެ.

ޖަވާބުން ފާހަގަކުރި ގޮތުގައި މިއެޕްލިކޭޝަންގައި ފުރަތަމަ ވާރޝަންގައި ބޭނުންކުރީ ޖީޕީޓީ 3.5 މޮޑެލްއެވެ. މިވަރޝަންގައި ބޭނުންކުރަނީ ދާދި ފަހުން ރިލީޒްކުރި ޖީޕީޓީ-4 މޮޑެލްއެވެ. ކުރީގެ ވަރޝަންއާއި ހިލާފަށް މިހާރުގެ ވަރޝަންގައި އެޕް ބޭނުންކުރާ ފަރާތުން ދައްކާފައިވާ ވާހަކަތައް ރައްކާކޮށް އެވާހަކަތަކަށް ބިނާކޮށް އިތުރު ސުވާލުކޮށް ޗެޓް ކުރެވޭނެއެވެ.

މިޕްލެޓްފޯމް އިތުރަށް ރަނގަޅުކުރުމަށް އެހީތެރިވުމުގެ ގޮތުން، އެޕްލިކޭޝަނުންދޭ ޖަވާބުގެ ތިރީގައިވާ ދެބަޓަން ބޭނުންކުރައްވައިގެން "ސައްހަކަމަށް" ނުވަތަ "ސައްހަ ނޫންކަމަށް" ފާހަގަކުރެއްވޭނެއެވެ. އަދި މީގެ އިތުރުން އެޕްލިކޭޝްގައި ބޭނުންކުރަނީ ގޫގުލް ޓްރާންސްލޭޓްކަމަށް ވާތީ ގޫގުލް ޓްރާންސްލޭޓް އެޕްގައި ދިވެހި ތަރުޖަމާތައް އިތުރަށް ރަނގަޅުކުރުމަށް ހުރިހާ ބޭފުޅުންނަށްވެސް އެހީތެރިވެވިދާނެކަމަށް ޖަވާބުން ފާހަގަކުރިއެވެ.

އެޕް އިތުރަށް ތަރައްގީކުރުމަށް ރާވާފައިވާ ކަންތައްތަކާމެދު ޖަވާބުން ވިދާޅުވީ މިހާރުވެސް އެޕް ބޭނުންކުރާ ފަރާތްތަކުން ދެއްވާ ފީޑްބެކަށް ބަލާފައި އިތުރަށް ތަރައްގީކުރުމުންދާކަމަށެވެ. އެހެން ނަމަވެސް ކުރިމަގާއި މެދު ސުވާލުތަކެއްވެސް އެބަހުރިކަމަށް ފާހަގަކުރެއްވިއެވެ. އެއީ ފަހުން ރިލީޒްކުރި ޖީޕީޓީ-4 އަކީ އޯޕަންއޭއައިގެ ޕްރީމިއަމް ޕެއިޑް ވަރޝަންއަކަށްވެފައި، މިހާރު ބޭންކް އޮފް މޯލްޑިވްސްގެ އުސޫލުތައް ހުރިގޮތުން އޯޕަންއޭއައިގެ އެއްވެސް ފައިސާގެ މުއާމަލާތެއް ރާއްޖޭގައި ނުކުރެވޭތީއެވެ.

މިފަދަ ދަތިތަކެއް ހުރުމުގެ ސަބަބުން ކުރިމަގުގައި ދިވެހި ޖީޕީޓީގެ ވެސް ހިލޭ ވަރޝަންއަކަށާއި ފައިސާދައްކައިގެން ބޭނުންކުރަން ޖެހޭ 2 ވަރޝަންއަކަށް ބަދަލުކުރަންވެސް ވިސްނަންޖެހިދާނެކަމަށް ޖަވާބުން ފާހަގަކުރެއްވިއެވެ.

ބައިނަލްއަގްވާމީ ޕޭމަންޓްތަކާއި ގުޅޭ މިފަދަ ކަންތައްތަކަކީ ދިވެހި ޑިވެލޮޕަރުންނަށް ދިމާވާ ދަތިތަކެއްކަން ފާހަގަކުރަމެވެ. މިއީ މިފަދަ ފަހުގެ އިނޮވޭޓިވް ޓެކްނޮލޮޖީތައް ތަރައްގީކުރުމަށާއި ބޭނުންކުރުމަށް ރާއްޖޭގައި ދިމާވާ އާންމު ހުރަހެކެވެ.

------------

ޖަވާބުގެ ޓްވީޓްގައި ލަފާދީފައިވާ ފަދައިން ބައެއް އާންމު ޕްރޮމްޓްތަކަށް ދިވެހި ޖީޕީޓީއިން ޖަވާބުދޭ ގޮތުގެ އަޖުމަ ބަލާލާނަމެވެ.

ދިވެހި ޖީޕީޓީ އެޕްލިކޭޝަން ލިންކު


ވަކި އުމުރުފުރާއަކަށް އަމާޒުކޮށް ވަކި މައުލޫއަކަށް ލިޔުން


ލިޔުމެއް ހުލާސާކުރުން

ވަކި މީހަކު ލިޔާ ގޮތަށް ލިޔުން


ދިވެހިރާއްޖެއާއި ގުޅޭ މައުލޫމާތު


އެންމެ ފަހުގެ މައުލޫމާތު ހޯދުން


މަތީގައި ހިމެނުނު މިސާލުތަކުގެ ތެރެއިން އާންމުކޮށް ގިނަ ސުވާލުތަކަށް ލިބޭ ޖަވާބު ވަރަށް ރަނގަޅެކެވެ. އެހެން ނަމަވެސް ބައެއް ސުވާލުތަކަށް ލިބޭ ޖަވާބުތަކަކީ އެކަށީގެންވާ ރަނގަޅު ޖަވާބުތަކެއް ނޫނެވެ. އެއީ އިނގިރޭސި ބަހުން ދިވެހި ބަހަށް ތަރުޖަމާ ކުރެވިގެން ލިބޭ ޖަވާބުތަކަކަށް ވާތީކަމަށް ލަފާކުރެވެއެވެ. އަދި އެޕުން ޖަވާބު ދެނީ ޖީޕީޓީ-4 ޑޭޓާ މޮޑެލް އެންމެ ފަހުން އަޕްޑޭޓްކުރި ތާރީހާއި ހަމައަށް ހުރި މައުލޫމާތުންނެވެ. އޭގެ އިތުރުން ޖަވާބު ލިބިމުގައި ލަސްކަމެއް ހުރިކަންވެސް ފާހަގަކުރެވެއެވެ. ޖަވާބު ކުންފުނިން މައުލޫމާތު ދެއްވި ގޮތުގައި އެއީ އޯޕަންއޭއައިގެ ޖީޕީޓީގެ އޭޕީއައި ބޭނުންކުރުމުގައި އަންނަ ލަސްތަކެއްކަމަށާއި އެފަރާތުގެ ފަހުގެ އަޕްޑޭޓްތައް އަންނަވަރަކުން އެކަން ރަނގަޅުވާނޭކަމަށް ލަފާކުރެއެވެ.

----------

ޖަވާބު ޕްރައިވެޓް ލިމިޓެޑްއަކީ ވެބްޑިޒައިނިންގ، ސޮފްޓްވެއަރ ޑިވެލޮޕްމަންޓް އަދި ގްރެފިކްސް ޑިޒައިން ފަދަ ގިނަ މަސައްކަތްތަކެއް ކުރާ މަޝްހޫރު ދިވެހި ޓެކް ކުންފުންޏެކެވެ. އަދި ޖަވާބުން ހިންގާ ޖަވާބު އެކަޑަމީއަކީ އެކިއެކި މައުލޫތަކަށް ތައްޔާރުކޮށްފައިވާ ކޯސްތައް އޮންލައިންކޮށް ފޯރުކޮށްދޭ ޕްލެޓްފޯމެކެވެ.


އިތުރަށް ކިޔާލުމަށް:

ގޫގުލް ޓްރާންސްލޭޓްގައި ދިވެހި ބަސް ހިމަނައިފި

ޗެޓްޖީޕީޓީގެ އައު މޮޑެލް ޖީޕީޓީ-4 ރިލީޒްކޮށްފި

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.