މައިކްރޮސޮފްޓުން ވަނީ އިންޓަނެޓްގައި ފެތުރޭ އެންމެ އާންމު އަދި ދިގުދެމިގެންދާ އެއް ނުރައްކަލުން ކަމަށްވާ މެލްވެއަރ ސްކޭއާވޭއާއަށް ހައްލެއް ތަޢާރަފުކުރުމުގެ މަސައްކަތް ފަށާފައެވެ. ޔޫޒަރުން މި ނުރައްކަލުން ރައްކާތެރިކުރުމުގެ މަގުސަދުގައި އެޖް ބްރައުޒާގައި ތަޢާރަފުކުރާ "ސްކެއާވޭއާ ބްލޮކަރ" ގެ ނަމުގައި އުފައްދާފައިވާ މި އައު ފީޗަރަކީ މެޝިން ލާނިންގ އާއި ކޮމްޕިއުޓަރ ވިޝަން ބޭނުންކޮށްގެން ގެއްލުން ހުރި ސޮފްޓްވެއާ ޑައުންލޯޑް ކުރުމަށް ނުވަތަ ކޮންމެހެން ބޭނުން ނުވާ ހިދުމަތްތަކަށް ފައިސާ ދެއްކުމަށް އޮޅުވާލާ ގޯސް ސްކޭމްތައް ދެނެގަނެ އެކަން ހުއްޓުވާ ފީޗަރެކެވެ.
އެތަކެއް އަަހަރެއް ވަންދެން އިންޓަނެޓްގައި ފެތުރިފައިވާ އޮންލައިން ސްކޭމްގެ ވައްތަރެއް ކަމަށްވާ ސްކެއާވެއާ އަކީ ޔޫޒަރުން ހާސްކުރުވައި، އަދި އެ ޔޫޒަރުންގެ ޑިވައިސްތަކަށް ވަނުމުގެ ހުއްދަ އޮޅުވާލައިގެން ހޯދާ ސްކޭމްތަކެކެވެ. މި ގޮތުން އެންމެ މަޝްޙޫރު އެއް ސްކެއާވެއާ އެޓޭކަކީ ޔޫޒަރެއްގެ ކޮމްޕިއުޓަރުގައި މެލްވެއާ ޖެހިފައިވާ ކަމަށް ބުނާ ފޭކް އެލާޓެއް ދައްކާ އެޓޭކެކެވެ. ކުރިން ފާހަގަކޮށްފައިވާ ފަދައިން، މި އެޓޭކުގެ އަމާޒަކީ މި ސްކޭމުގައި ޖެހިފައިވާ މީހުންގެ ޑިވައިސްތަކަށް މެލްވެއަރ ޑައުންލޯޑްކޮށް ނުވަތަ ޔޫޒަރުން ލައްވާ ބޭނުންނުވާ ސޮފްޓުވެއަރ ގަނުވާ، ނުވަތަ ޓެކް ސަޕޯޓްގެ ނަމުގައި އެޔޫޒަރުންގެ ސިސްޓަމުތަކަށް އެކްސެސް ނެގުމެވެ.
މިފަދަ ސްކޭމް ތަކުގެ ސަބަބުން އެތައް ބިލިޔަނެއްހާ ޑޮލަރު މިކަމުގެ ޝިކާރަވެފައި ފަރާތްތަކުގެ އަތުން އިންޓަނެޓް ތައާރަފުވީއްސުރެ ގެއްލިފައިވެއެވެ. މިގޮތުން އުމުރުން ދުވަސްވެފައިވާ މީހުންނާއި އެފަދަ ނާޒުކު ފަރާތްތަކަށް މިކަމުން ލިބޭ ގެއްލުން ފާހަގަ ކުރެވެއެވެ. ހަމަ މިދިޔަ އަހަރު ދެ ޓެކް ސަޕޯޓް ކުންފުންޏަކަށް ވަނީ އުމުރުން ދުވަސްވީ މީހުންގެ އަތުން ބޭނުންނުވާ ޓެކް ސަޕޯޓު ހިދުމަތް ގަތުމަށް މި ފަދަ ވަސީލަތްތަކުން އޮޅުވާލުމުން އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަން (އެފްޓީސީ) އާ އެކު 26 މިލިއަން ޑޮލަރުގެ ސެޓްލްމަންޓެއް ދައްކަން ޖެހިފައެވެ.
މައިކްރޮސޮފްޓުގެ ޑިފެންޑަރ ސްމާޓްސްކްރީން މިހާރުވެސް ޔޫޒަރުންނަށް ކޮންމެވެސް ވަރަކަށް ރައްކާތެރިކަން ފޯރުކޮށްދެއެވެ. ނަމަވެސް މި އައު ފީޗަރުން އެއަށްވުރެ ފުރިހަމަ ރައްކާތެރިކަމެއް ދެއެވެ. މިގޮތުން މި ޓޫލުން އޭއައި މެދުވެރިކޮށް ސްކެއާވޭއާ އެޓޭކުތައް ފާހަގަކޮށް، ރިޕޯޓުކުރައެވެ.
މި ޓޫލް ވަކިން ހާއްސަކޮށް އަމާޒުކޮށްފައިވަނީ ފުލް ސްކްރީން މޯޑުގައި ހުޅުވަން މަސައްކަތްކުރާ ވައްތަރުގެ ސްކެއާވެއާ އެޓޭކުތަކަށެވެ. މެޝިން ލާނިންގ އާއި ކޮމްޕިއުޓަރ ވިޝަންގެ އެހީގައި މައިކްރޮސޮފްޓުގެ މިއައު އުކުޅު ކުރިން ދިމާވެފައިވާ އެތައް ހާސް ސްކޭމް މިސާލުތަކެއް ބޭނުންކޮށްގެން ތަމްރީނުކޮށްފައިވުމުން، ވަގުތުން މިފަދަ ނުރައްކާތައް ދެނެގަތުމުގެ ޤާބިލުކަން ލިބިފައިވެއެވެ. މި ގޮތުން ނުބައި ސައިޓެއް ފުލް ސްކްރީނުކޮށް ހުޅުވަން މަސައްކަތް ކުރުމުން، މި ސްކޭއާވޭ ބްލޮކަރގެ މަސައްކަތް އޮޓޮމެޓިކުކޮށް ފަށައެވެ. ފުލް ސްކްރީން މޯޑުން އަމިއްލަޔަށް ނުކުމެވޭގޮތް ހަދައިދީ، ސްކޭމާއި ގުޅުންހުރި އޯޑިއޯތައް ހުއްޓުވައި، ޔޫޒަރުންނަށް މި އެޓޭކާބެހޭ އިންޒާރެއް ހިއްސާކުރެއެވެ. މި މައުލޫމާތު ހިއްސާކުރުމަށްފަހު ޔޫޒަރުން މި ޕޭޖު ލެއްޕުމަށް ނުވަތަ ކުރިއަށް ދިޔުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. މި ކަމުގެ ސަބަބުން މި ސްކޭމްތަކުގެ ވަބާގައި ޖެހުމުގެ ނުރައްކާވާ ފަރާތްތަކަށް އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެއެވެ.
މި ފީޗަރގެ ޕްރިވިއު މޯޑު އެންމެ ފަހުގެ އެޑްޖް ވޭޝަނުން ލިބިގެންދާނެއެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.