އާޓިފިޝަލް އިންޓެލިޖެންސްގެ ރޮނގުން މުޅި ދުނިޔެ ވާދަކުރަމުންދާ ހިނދު ޗައިނާއިންވަނީ ދުނިޔޭގެ ފެންވަރުގައި އޭއައިގައި ކުރީ ސަފަށް އަރާފައެވެ. ޑީޕްސީކް އަދި އަލީބބާ ފަދަ ކުންފުނިތަކުގެ އޭއައި ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ވެފައިވާއިރު، ޗައިނާގެ ސްޓާޓްއަޕް މޮނިކާއިން ވަނީ އޭއައި އޭޖެންޓްތަކަށް އިނގިލާބެއް ގެނެސްފައެވެ.މި ކުންފުނި ބުނާގޮތުގައި، އެމީހުން ތައާރަފުކޮށްފައިވާ މަނޫސްއަކީ ދުނިޔޭގެ އެންމެފުރަތަމަ އެއްކޮށް އޮޓޮނޮމިކް އޭއައި އޭޖެންޓެކެވެ. އާންމުކޮށް ބޭނުންކުރާ ޗެޓްބޮޓްތަކާ ތަފާތުކޮށް، މަނޫސްއިން އިންސާނުންގެ އެންމެ ކުޑަ އިންޕުޓަކުން އުނދަގޫ މަސައްކަތްތައް ކުރެވޭނެކަމަށް ބުނެވެއެވެ.
މަނޫސް އުފެއްދާފައިވަނީ ބަޓަރފްލައި އިފެކްޓް ކިޔާ ކުންފުންޏެއްގެ ސަބްސިޑަރީއެއް ކަމަށްވާ މޮނިކާ ޗައިނާގެ ސްޓާޓްއަޕް އަކުންނެވެ. މި އޭޖަންޓުގެ ނަން 'މަނޫސް'ގެެ މުރާދަކީ ލެޓިން ލަފުޒެއްކަމަށްވާ 'މެންސް އެޓް މަނަސް' ކަމަށް ބުނެވެ އެވެ. މި ލަފުޒުގެ ގެ މާނައަކީ 'ސިކުނޑިއާއި އަތް' ކަމަށް ހާމަކޮށްފައިވެއެވެ.
މަނޫސް ފަރުމާކޮށްފައިވަނީ އާނމުވެފައިވާ އޭއައި ޗެޓްބޮޓްތަކަށް ވުރެ ގިނަ ކަންތައްތަކެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާގޮތަށެވެ. މިގޮތުން ވެބްސައިޓްތައް އުފެއްދުމުން ފެށިގެން ޑޭޓާ އެނަލައިޒު ކުރުމާއި ވިޔަފާރީގެ ވޯކްފްލޯތައް ބެލެހެއްޓުން ފަދަ މަސައްކަތްތައް އަމިއްލަޔަށް ހެދެއެވެ. އޯޕަންއޭއައިގެ ޗެޓްޖީޕީޓީ ފަދަ ޗެޓްބޮޓްތަކާ ހިލާފަށް، ހުރިހާ މަސައްކަތެއް އޮޓޯނޯމަސްކޮށް ކޮށްފައި ޔޫޒަރުން ލޮގްއައުޓުކުރުމަށް ފަހުވެސް އެފަރާތްތަކުގެ މަސައްކަތް ފުރިހަމަ ކުރެއެވެ.
މަނޫސްގެ މަސައްކަތްތައް ކުރަނީ ކްލޯޑް 3.5 އަދި އަލީބާބާގެ ކިއުވެން މޮޑެލްތަކުގެ މައްޗަށް ބިނާކޮށްފައިވާ އޭއައި މޮޑަލްތަކެއްގެ މަތީގައެވެ. ވަކިވަކި އޭޖަންޓުތަކުގެ މައްޗަށް ބިނާވެފައިވާ މި އޭއައި އެކިއެކި މަސައްކަތް ފަސޭހަކަމާއެކު ކުރުމަށްޓަކައި 29 ޓީލާއި އޯޕަންސޯސް ސޮފްޓްވެއާއި އިންޓަގްރޭޓުކޮށްފައިވެއެވެ.
އެހެން މޮޅެތި އޭއައި އޭޖެންޓުތައް ފަހަކަށް އައިސް ތައާރަފުކޮށްފައި ވިޔަސް މަނޫސް ވަނީ މިހާތަނަށް ނެރެފައިވާ އެހެން އޭއައި އޭޖެންޓުތަކާއި ތަފާތުކޮށް ކަންކަން ހާސިލުކޮށްފައެވެ. އޯޕަންއޭއައި ނެރެފައިވާ ޗެޓްޖީޕީޓީ ޕްރޯގެ "އޮޕަރޭޓަރ" މެދުވެރިކޮށް ބައެއް މަސެއްކަތްތައް އޮޓޯމެޓިކުކޮށް ކުރެވުނަސް، އޮޕަރޭޓަރ މަސައްކަތްކުރަނީ ހަމައެކަނި ބްރައުޒަރުގައެވެ. މިޔާ ހިލާފަށް، މަނޫސް ކްލައުޑުގައި މަސައްކަތްކުރުމުގެ ސަބަބުން ޔޫޒަރުން ކޮމްޕިއުޓަރު ނިވާލާފައިވެސް އެ މަސައްކަތް ބެކްގްރައުންޑުގައި ކްލައުޑުގައި ނިންމާލެވެއެވެ.
މަނޫސް މިވަގުތުވީ އިންވައިޓް-އޮންލީ ބީޓާ ޕްރޮގްރާމްގެ މަރުހަލާގައެވެ. މަނޫސްގެ އެކްސެސް ކޯޑުތައް ލިމިޓްކުރުމުގެ ސަބަބުން ކަޅު ބާޒާރުގައި Xianyu ފަދަ ޕްލެޓްފޯމްތަކުގައި އެކްސެސް ކޯޑްތައް 6،900 $ އަލުން ވިއްކަމުން ދިޔައެވެ. މިވަގުތު އެ ޕްލެޓްފޯމުގައި މަނޫސްގެ ވާހަކަދެއްކުން މަނާކޮށްފައ ިވީނަމަވެސް، މިކަމުގެ ސަބަބުން ގިނަ ފަރާތްތަކުން ވަނީ މަނޫސްއަށް ފާޑުކިޔާފައެވެ. މަނޫސް ޓީމުން މިކަން ދިފާއުކޮށް، ސާވަރުގެ ކެޕޭސިޓީގެ ލިމިޓޭޝަންތަކާއި ހީކުރިވަރަށްވުރެ ޑިމާންޑް ބޮޑުވުމުގެ ސަބަބުން މި އެޖަންޓަށްދެވޭ އެކްސެސް މަދުކަން ފާހަގަކޮށްފައެވެ. މަނޫސް ހާމަކޮށްފައިވާ ފަދައިން، އެ މީހުންގެ ސާވަރުގެ ކެޕޭސިޓީވީ ހަމައެކަނި މަނޫސްގެ ފީޗަރތައް ދައްކާލަދީ، ޑިމޮންސްޓްރޭޝަން ފެންވަރުގައެވެ. މިވަގުތު ދައްކާލަދިނުމުގެ ގޮތުން މަދު ފަރާތްތަކަށް ހިލޭ މި އޭޖަންޓް ބޭނުންކުރެވުނަސް، މުސްތަޤުބަލުގައި މަނޫސް ޓީމުން ކުޑަ ފީއެއް ކޮންމެ މަހަކު ނަގަން ނިންމާފައިވެއެވެ. މިގޮތުން ކުރިއަށް އޮތްތަނުގައި މަނޫސް ޓީމުން އެކްސެސް ފުޅާކޮށް މި އޭޖަންޓު އިތުރަށް ފުރިހަމަކުރާނެކަމަށް ބުނެފައިވެޔެވެ.
މި އޭޖަންޓް ބޭނުންކޮށްފައިވާ ފަރާތްތަކުން ވަނީ މި އޭޖަންޓާއިމެދު ހިޔާލުތަފާތުވުންތަކެއް ހާމަކޮށްފައެވެ. ހަގިންގ ފޭސް ބުނާގޮތުން މިއީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ވަރުގަދަ އެއް އޭއައި އޭޖެންޓެކެވެ. މިގޮތުން ހަގިންގ ފޭސްގެ ހެޑް އޮފް ޕްރޮޑަކްޓް ވިކްޓޯ މުސްޓާ Xގައި ކުރި ޕޯސްޓެއގައި މިއީ މިހާތަނަށް ބެލި އެންމ 'އިމްޕްރެސިވް' އޭއައި ޓޫލްކަމަށް ބުނެފައެވެ.
ޓެކް ލިޔުންތެރިޔާ ރޯވާން ޗެއުންގް ލިންކްޑްއިން ޕޯސްޓެއްގައި މަނޫސް ބޭނުންކޮށްގެން އެކިއެކި މަސައްކަތްތައް ހަވާލުކުރުމުން ވަރަށް ފުރިހމަކަމާއެކު އެ މަސައްކަތްތައް ނިންމާލިއެވެ.
މިޔާ ހިލާފަށް، ފްރަންސޭސިވިލާތުގެ އޭއައި ލެބް ޕްލެލްއަސްގެ ކޯ ފައުންޑަރ އެލެގްޒެންޑަރ ޑޯރިއާ، ޕްރޮފެސަރު އަދި ރިސާޗަރު ދޭރިޔާ އުނޫތުމާޒް އަދި ޓެކް ކްރަންޗުންވަނީ މި އޭޖަންޓު ބޭނުންކުރުމުގެ ތެރޭގައި އަދި މައްސަލަތަކާއި ދިމާވާކަން ފާހަގަކޮށް، ބައެއް ކަންތައް ކުރުމަށް ގިނޭރުނަގާ އަދި ބައެއް ފަހަރާ އެ މަސައްކަތްތައް އެއްގޮތަކަށްވެސް ނުކުރެވި ދާކަން ފާހަގަކޮށްފައިވެއެވެ.
މިވަގުތު މަނޫސުން ވަނީ އާންމުކޮށް ހުޅުވާލާފައިވާ އޯޕަންމަނޫސް ކިޔާ އޯޕަންސޯސް އޯލްޓަނޭޓިވް އެއްވެސް ދޫކޮށްފައެވެ. އޯޕަންމެނަސްއިން މަނޫސް ގެ ފީޗަރޮތައް ހިލޭ ބޭނުންކުރެވި، އެ ޕްރޮޖެކްޓުން ޔޫޒަރުންނަށް ލޯކަލްކޮށ އަމިއްލަ މެޝީނުގައި އޭއައި އޭޖެންޓެއް ބޭނުންވާ ކޮންމެ މޮޑެލްއަކާ ހިންގޭނީ ގޮތެއް ފޯރުކޮށްދެއެވެ. އެކްސެސް ކޯޑެއް ބޭނުންވާ މަނޫސްއާއި ހިލާފަށް އޯޕަންމެނަސްގައި ބޭނުންވަނީ ހަމައެކަނި ކޯޑް ކްލޯންކޮށް އެލްއެލްއެމް އެޕީއައި ކޮންފިގްރޭޓް ކުރަންށެވެ. އޯޕަންމަނޫސްވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދާ ގިޓްހަބްގައި ގާތްގަނޑަކަށް 25،000 ތަރި އެއްކޮށްފައެވެ. މުސްތަޤުބލުގއި ވެބް ބެސްޓް އެކްސެސްއާއި އޮޕްޓިމައިޒްޑް ކޮންފިގްރޭޝަންތައް ތައާރަފުކުރުމަށްވަނީ ނިންމާފައެވެ.
މަނޫސް އިން އޭއައި އޭޖެންޓުތަކަށް އިނގިލާބެއް ގނެސްފައިވާއިރު، ޗައިނާއިން އޭއައިގެ ރޮނގުގެ ކުރީސަފުގައި ވާކަން މިފަދަ އީޖާދީތަކުގެ ސަބަބުން ފާހަގަ ވެގެންދެއެވެ. މޮނިކާ، ޑީޕްސީކް އަދި އަލީބބާ ފަދަ ޗައިނާގެ ކުންފުނިތަކުން އޭއައި ކުރިއރުވަމުން ދާއިރު، ވިލާތުން މި ރޮނގަށް ފޯރުވޭ ނުފޫޒަށް އެހެން ބަރެއް ހާމަވެގެންދެއެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.