ހަނޑޫ ދަނޑިއަކަށްވުރެ ކުޑަ، ލޭގެތެރެއަށް އިންޖެކްޝަން އަކުން ޖަހާލުވޭ ވަރުގެ ޕޭސްމޭކާއެއް ނޯތުވެސްޓަން ޔުނިވާސިޓީގެ އިންޖިނިޔަރުން އުފައްދާފައިވެއެވެ. މީގެ ސަބަބުން އިންވޭސިވް ސާޖަރީއަކާނުލާ ހިތުގެ ވިންދު ރެގިއުލޭޓް ކުރުމަށް ވަގުތީ ހައްލެއް ބަލިމީހުންނަށް ފޯރުކޮށްދެވޭނެއެވެ. މި ޕޭސްމޭކާ ހިތުގެ ވިންދު ރެގިއުލޭޓްކުރަނީ އަލީގެ އެހީގައެވެ. އަދި މީގެ ބޭނުންނިމުމުން އަމިއްލަޔަށް ވިރިގެންދެއެވެ.
މިވަގުތު ވަގުތީ ޕޭސްމޭކާ ހަރުކޮށް ނައްޓަނީ އޮޕަރޭޝަން ކޮށްގެންނެވެ. މިގޮތުން އިލެކްޓްރޯޑްތައް ހިތުގެ މަސްގަނޑަށް ފަހައި މޭގައި ބާރުދޭ ޑިވައިސްއަކަށް ވަޔަރުން ހަރުކޮށްފައިވެއެވެ. މި ޕޭސްމޭކަރުގެ ބޭނުން ނިމުމުން ވަޔަރުތައް ނައްޓާލަންޖެހެއެވެ. މީގެން ބައެއް ފަހަރާ އިންފެކްޓުވެ، ޓިޝޫތަކަށް ގެއްލުންލިބި، އަދި އެތެރެއިން ލޭއައުން ފަދަ ބޮޑެތި ނުރައްކާތައް ކުރިމަތިވެއެވެ. މިގޮތުން އެންމެ ކުރިން ހަނދުގައި ހިނގި މީހާކަމަށްވާ ނީލް އާމްސްޓްރަންގް ވެސް މަރުވީ 2012 ވަނަ އަހަރު ޕޭސްމޭކަރުގެ ވަޔަރސް ނަގަންމ ކުރި ސާޖަރީއަށް ފަހު ދިމާވި ކޮމްޕްލިކޭޝަންތަކެއްގެ ސަބަބުން އެތެރެއަށް ލޭއައުމުންނެވެ. މި އާ ޕޭސްމޭކަރުގެ ރަނގަޅުކަމަކީ މިފަދަ ނުރައްކާތަކުން އެއްކައިރިވެ، އޯޕަން ހާޓް ސާޖަރީއެއްނުކޮށް އިންޖެކްޝަންއެއްގެ ޒަރިއްޔާއިން ޕޭސްމޭކަރެއް ލެވޭނެކަމެވެ
އެންމެ 1.8 މިލިމީޓަރުގެ ފުޅާމިނާއި 1 މިލިމީޓަރުގެ ބޯމިނާއި 3.5 މިލިމީޓަރުގެ ދިގުމިން ހުންނަ މި ޑިވައިސް ހަންގަނޑުން ކުޑަކުޑަ ތަންކޮޅެއް ކަނޑާލާފައި އިންޖެކްޓް ކޮށްލައިގެން ހަށިގަނޑުތެރެއަށް ލެވޭނެއެވެ. މި ޕޭސްމޭކާ މަސައްކަތް ކުރަނީ އިންސާނުންގެ ހަށިގަނޑުގައު ގުދުރަތީގޮތުން ހިނގާ ބަޔޯފްލޫއިޑްސް ބޭނުންކޮށްގެން ކަރަންޓް އުފައްދައިގެން ކަމަށްވުމުން ބޭރުގެ ބެޓެރީތަކާއި ވަޔަރުގެ ބޭނުމެއްނުވެއެވެ. މިކަމުގެ ސަބަބުން މި ޑިވައިސްގެ ބޭނުންވާ ބައިތައްމަދުވެ، ލައްވާ ނެއްޓުމުން ހަށިގަނޑަށް ދިމާވެދާނެ ގެއްލުންތަކުން ރައްކާތެރިވެއެވެ. މީގެއިތުރން، މި ޑިވައިސް ފަރުމާކޮށްފައިވަނީ މީގެ މަގުސަދު ފުރިހަމަ ކުރުމަށްފަހު އަމިއްލަޔަށް ހަށިގަނޑުގެ ތެރެއަށް ގިރާއިގެން ދާގޮތަށެވެ.
މި ޕޭސްމޭކަރ މަސައްކަތްކުރަނީ ބަލިމީހާގެ މޭމަތީގައި އަޅާ މަޑު، ވައިލެސް ޕެޗެކާ އެއްކޮށެވެ. މި ޕެޗުން ހިތުގެ ވިންދު މެދުނުކެނޑި ބަލާ، ހިތުގެ ތެޅުމުގައި ބަދަލެއް ފާހަގަ ކުރެވުމުން، އިންފްރާރެޑް އަލި މެދުވެރިކޮށް ސިގްނަލެއް ޕޭސްމޭކަރ އެކްޓިވޭޓްކުރުމަށް ފޮނުވައި ވިންދު އަލުން ހަމަޔަކަށް ގެނެސްދެއެވެ. މި ޑިވައިސް މިވަގުތު އޮތީ އޭގެ ޅަފަތުގައި ކަމަށްވީއިރު، މިހާރުވެސް މީދާ، ކުއްތާ، އޫރާއި، އިންސާނާގެ ހިތުގެ ޓިޝޫތަކުގައި މި ޑިވައިސްގެ ބޭނުންތެރިކަން ވަނީ ޓެސްޓްކޮށްފައިވެއެވެ.
މި ޑިވައިސް އުފެއްދުމުގެ މައިގަނޑު އެއް މަގުސަދަކީ ކުޑަކުދިންގެ ހިތުގައި ދިމާވާ މައްސަލަތަކަށް ފަރުވާދިނުމަށް ވަގުތީ ޕޭސްމޭކަރ ހެދުމުގެ ބޭޏުމުގައެވެ. ގާތްގަނޑަކަށް %1 ކުދިން އުފަންވަނީ އުފަންވުމުގައި ހިތުގެ މައްސްލަ ދިމާވެފައިވެއެވެ. މި ކަމުގެ ސަބަބުން ހިތް ހަމަޔަކަށް އެޅުމަށްޓަކައި ވަގުތީ ޕޭސްމޭކަރ ސާޖަރީއަށްފަހު ހިތުގައި އަޅުވައި ވިންދު ހަމަޔަކަށް އަޅައެވެ. މި އަލަށް ތައާރަފުކުރެވޭ ކުޑަކުޑަ ޕޭސްމޭކަރުގެ ސަބަބުން ސާޖަރީއަކާނުލައި ބޭނުން ނިމުމުން އަމިއްލަޔަށް ގިރުމުގެ ސަބަބުން ކުޑަކުދިންނަށް މުސްތަގުބަލުގައި ކުރާ އަސަރު ކުޑަވާގޮތަކަށް ހިތުގެ ވިންދު ވަގުތީގޮތުން ރެގިއުލޭޓުކުރެވެއެވެ.
މި ދިރާސާއާއި ބެހޭ އިތުރު މައުމލޫމާތު ނޭޗަރގައި ޝާއިރުކޮށްފައިވެއެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.