އަލްގޭ މެދުވެރިކޮށް ވިޓަމިންބީ 12 އުފެއްދުން

އަޝްނާ ރަޝީދު 07 އޭޕްރީލު 2025

ވިޓަމިން ބީ12 އަކީ ދުޅަހެޔޮ ސިއްހަތަކަށް މުހިންމު އެއްޗެކެވެ. ނަމަވެސް މިއީ ދުނިޔޭގެ އެތައް ބިލިޔަން މީހުންފެ ހަށިގަނޑުގައި މަދުވެފައިވާ އެއްޗެކެވެ. އާންމުކޮށް ޖަނަވާރުންގެ ފަރާތުން ހޯދާ މި ވިޓަމިންގެ އެކްޓިވް ވައްތަރު މިހާރު ހޯދޭނެ އެހެން ނިޒާމެއް އިލްމުވެރިން އީޖާދުކޮށްފިއެވެ. މަހާއި ކިރުން އާންމުކޮށް ހޯދާ މި ވިޓަމިން ހޯދޭނެ ކާބަން ނިއުޓްރަލް ނިޒާމެއް ހޯދައި ކުރި ދިރާސާގައި ޑިސްކަވަރ ފުޑް ޖާނަލްގައި ރިޗްމަން ޔުނިވާސިޓީން ޝާއިއުކޮށްފައިވެއެވެ.

ރިޗްމަން ޔުނިވާސިޓީގެ އަވީރަމް ސަސްޓެއިނަބިލިޓީ އެންޑް ކްލައިމެޓް ޕްރޮގްރާމްގެ ފައުންޑަރު އަދި އެކަޑަމިކް ޑިރެކްޓަރު ޑރ. އަސަފް ޓޒާޗޯ ވަނީ މަހާއެއްވަރަށް އެކްޓިވް ވިޓަމިން ބީ12 ސްޕައިރުލީނާ ކިޔާ އެލްގޭއެއްގައި އުފެއްދޭގޮތަށް ބަޔޯއިންޖިނިޔަރުކޮށްފައެވެ. މިޔަކީ ގުދުރަތީގޮތުން ސްޕައިރޫލިނާގައި ބަޔޯއެވޭލަބަލް ފޯމަކަށް ނުވިއިރު، މި އީޖާދީގެ ސަބަބުން މަހުގެ ބަދަލުގައި ވިޓަމިން ބީ12 ހޯދޭނެ ސިއްހަތަށް ރަނގަޅު ގޮތެއް ހުޅުވިގެންދެއެވެ.

ވިޓަމިން ބީ12 މަދުވުމުގެ ސަބަބުން މުޅި ދުނިޔޭގައި ބިލިއަނަކަށް ވުރެ ގިނަ މީހުންނަށް އަސަރު ކުރެއެވެ. މި ހާލަތުގެ ސަބަބުން ނިއުރޯލޮޖިކަލް އަދި ޑިވެލޮޕްމަންޓްގެ ބޮޑެތި މައްސަލަތައް ކުރިމަތިވެދާއިރު، މި ވަގުތު މަސް ނުވަތަ ކިރުގެ އެހީގައި މި ވިޓަމިން ހޯދަންޖެހެއެވެ. މިގޮތުން who އިން އާންމުކޮށް ދުވާލެއްގެ މަތިން ގާތްގަނޑަކަށް 2.4 μg/day ކެއުން ލަފާކޮށްފައިވެއެވެ. ނަމަވެސް މި ވިޓަމިން އާންމުކޮށް ލިބެނީ ހަމައެކަނި ޖަނަވާރުން މެދުވެރިކޮށް ވުމުން ގިނަ މައްސަލުތަކާއި ދިމާވެއެވެ. ބައެއް ފަރާތްތަކުން އެކިއެކި ސަބަބުތަކާ ހެދި ޖަނަވާރުންގެ ފަރާތުން އަންނަ އެއްޗެހި ކެއުމާއި ދުރުހެލި ވާއިރު އަދި މި މާއްދާ ހޯދުމަށް ޖަނަވާރުންނަށް ބަރޯސާވުމުގެ ސަބަބުން މި މާއްދާ ހޯދުމަށް ބައެއް ފަރާތްތަކަށް ދަތިތަކާއި ކުރިމަތި ލައެވެ. މި އީޖާދީގެ ސަބަބުން ތިމާވަށްޓާއި އަހުލުވެރި ދެމެހެއްޓެނިވި ހައްލެއް ހޯދައިދެއެވެ.

އައިސްލޭންޑް، ޑެންމާކް، އޮސްޓްރިއާ، އަދި އިސްރާއީލުގެ ސައިންސްވެރިން ހިމެނޭ މި ރިސާޗް ޓީމުން މަސައްކަތްކޮށްފައިވަނީ އައިސްލޭންޑްގެ ވެކްސާ ޓެކްނޮލޮޖީސް އިން އުފައްދާފައިވާ ފޮޓޯބަޔޯރިއެކްޓަރ ސިސްޓަމުން ވިޓަމިން ބީ12 އުފައްދާގޮތް ތަހުގީގުކުރުމަށެވެ. މި ނިޒާމުގައި ފޮޓޯނިކް މެނޭޖްމަންޓް ބޭނުންކޮށްގެން ސްޕައިރޫލިނާ އިންދައިގެން އެކްޓިވް ވިޓަމިން ބީ12ގެ އިތުރުން ސިއްހަތަށް ރަނގަޅު އެންޓިއޮކްސިޑެންޓް އަދި އެންޓި-އިންފްލެމެޓަރީ ޕްރޮޕަޓީސް ފަދަތަކެތިވެސް އެކުލެވޭކަމަށް ބުނެވެއެވެ. މިގޮތުން މި އަލްގޭގެ 100 ގުރާމުގައި 1.64 μg އެކްޓިވް ވިޓަމިން ބީ12 ހުރެއެވެ. މިޔަކީ ގެރިމަހުން ލިބޭވަރާއި ގާތްކުރާ އަދަދެކެވެ.

ދުނިޔޭގެ އާބާދީ އިތުރުވެ، ދެމެހެއްޓެނިވިގޮތުގައި ކާބޯތަކެތި އިތުރުވާ ޑިމާންޑްއާއި އެއްވަރަށް ފޯރުކޮށްދިނުމަށް ސްޕައިރޫލިނާ ފަދަ އެހެނިހެން އީޖާދީތައް ދުޅަހެޔޮ ސިއްހަތައް ބޭނުންވާ މާއްދާތައް ފޯރުކޮށްދިނުމަށް މުސްތަގުބަލުގައި މުހިންމު ދައުރެއް އަދާކުރާނެކަމަށް ބެލެވެއެވެ. މިވަގުތު ބެކްޓީރިޔާ އަދި އެހެނިހެން މަހުލޫގުންތައް މެދުވެރިކޮށް މިފަދަ މިހިންމު މާއްދާތައް އުފައްދަމުންދާއިރު، ބައެއް ފަރާތްތަކުންނަށް މިގޮތައް މިހާރު ލިބެންހުރި ސިންތަސައިޒްކޮށް ހަދާ ބައެއް މާއްދާތައް ހަށިގަނޑަށް ނަގައިގަތުމަށް ދަތިތަކާކުރިމަތިވެއެވެ. މިގޮތުން ކުރާ އިތުރު ދިރާސާތަކަކީ މި މައްސަލަ ހައްލުކުރުމަށް އެޅެވޭނެ މުހިންމު ފިޔަވަޅެކެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.