އާޓިފިޝަލް އިންޓެލިޖެންސް(އޭއައި)ގެ އުފެއްދުންތަކާއި އަދި ސައިބަރ ސެކިއުރިޓީ ދާއިރާގެ މަސައްކަތްތަކަށް ޚާއްޞަވެފައިވާ ދިވެހި ޓެކްނޮލޮޖީ ކުންފުންޏެއް، ކަމުގައިވާ "އޮކްސިކާ"އަށް ބައިނަލް އަގުވާމީ ފެންވަރުގައި ބާއްވާ ކޮންފަރެންސެއްގައި ހުނަރު ދައްކާލުމުގެ ފުރުޞަތު ލިބިއްޖެއެވެ.
މިގޮތުން ދުނިޔޭގެ އެންމެ ނަން ހިނގާ ސްޓާޓްއަޕް ކޮންފަރެންސްތަކުގެ ތެރެއިން އެއް ކޮންފަރެންސް ކަމުގައިވާ ސްޓާޓަޕް ގްރައިންޑް ގްލޯބަލް ކޮންފަރެންސް 2025 ގައި ބައިވެރިވުމަށް ވަނީ ފުރުޞަތު ލިބިފައެވެ.
މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 28 އިން 29 އަށް އެމެރިކާގެ ސަން ފްރޭންސިސްކޯގައެވެ. ކޮންފަރެންސްގައި 5,000 އަށްވުރެ ގިނަ ފައުންޑަރުންނާއި، ވެންޗަރ ކެޕިޓަލިސްޓުންނާއި، ޓެކް ލީޑަރުން ބައިވެރިވާނެކަމަށް ލަފާކުރެވެއެވެ. މީގެއިތުރުން، 30 އަށްވުރެ ގިނަ ޤައުމުތަކުން 150 އަށްވުރެ ގިނަ ސްޓާޓަޕް ކުންފުނިތައް އެމީހުންގެ އީޖާދުތައް ދައްކާލާނެއެވެ.
"މި ކޮންފަރެންސްގައި ދިވެހިރާއްޖެ ތަމްސީލުކުރުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް، މިފުރުޞަތަކީ ހަމައެކަނި އަޅުގަނޑުމެންގެ ކުންފުންޏަށް ލިބޭ ފުރުޞަތެއް ނޫން، މިއީ އަންނަން އޮތް ޖީލުގެ ދިވެހި އީޖާދުތައް ކުރުމަށާއި، ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީއެއް އަޅުގަނޑުމެންގެ ކުޑަކުޑަ ޖަޒީރާ ޤައުމުން ވެސް އުފެދިދާނެކަން ދައްކާލުމަށް ލިބިގެންދާ ފުރުޞަތެއް." އޮކްސިކާ އަދި ސައިންޓެކްސްގެ ކޯ-ފައުންޑަރ އިސްމާޢީލް ކަލީމް (އިއްސޭ) ވިދާޅުވިއެވެ.
ސައިބަރ ސެކިއުރިޓީއާއި އޭއައި އީޖާދުތަކުގައި ވަރުގަދަ ބިންގަލެއް އަޅައި، އޮކްސިކާއިން ކުރިއަށް ދަނީ ސޮވްރިން، ސެކިއުރ އަދި ސްކޭލަބަލް ޓެކް ޙައްލުތަކަށް އަމާޒުކޮށްގެންނެވެ. އިއްސޭގެ ލީޑަރޝިޕްގެ ދަށުން، އެ ކުންފުނިން ދަނީ ދުނިޔޭގެ ގޮންޖެހުންތަކަށް ޓެކްނޮލޮޖީގެ ޙައްލުތައް ހޯދުމުގެ އިތުރުން ދިވެހި ސްޓާޓަޕްތަކުން ހޯދޭނެ ކާމިޔާބީތަކުގެ މިންގަނޑުތައް އަލުން އެކުލަވާލަމުންނެވެ.
ދިވެހިންގެ ޓެކް އިންޑަސްޓްރީގެ ކުރިއެރުން
މިއަހަރުގެ ކުރީކޮޅު ގަޠަރުގައި އޮތް ވެބްސަމިޓްގައި ދިވެހި ޓެކް ކުންފުނި ސިންޓެކްސްއިން ކާމިޔާބު ކަމާއެކު ރާއްޖެ ތަމްސީލުކުރުމަކަށްފަހު، މިފަހަރު އޮކްސިކާއިން ސިލިކޮން ވެލީގައި އެމީހުންގެ ހުނަރު ދައްކާލުމަކީ ދިވެހި ސްޓާޓަޕްތައް ދުނިޔޭގެ މަސްރަޙަށް ފައިހަމަކޮށް ނުކުންނަމުންދާކަން ދައްކުވައިދޭ ހެއްކެކެވެ.
ސިލިކަން ވެލީގައި ރާއްޖޭ ތަމްޞީލް ކުރާއިރު
ސިލިކަން ވެލީގައި އޮންނަ މި ކޮންފަރެންސްގައި ރާއްޖެ ތަމްޞީލްކުރާ ދިވެހި ކުންފުނި އޮކްސިކާއިން ދުނިޔޭގެ ޓެކް ދާއިރާއަށް ލޯބިކުރާ ފަރާތްތަކާއި، ފައުންޑަރުންނާއި އިންވެސްޓަރުން ގާތުގައި، ދިވެހިރާއްޖެއަކީ މިހާރު ޓެކްނޮލޮޖީއަށް އަހުލުވެރި ސްޓާޓްއަޕްތަކުގެ ކުރިއަރަމުން އަންނަ ހަބަކަށް ވެފައި، ޑިޖިޓަލް ޑިވެލޮޕްމަންޓް މެދުވެރިކޮށް އިންވެސްޓްމަންޓާއި އިގްތިސާދީ ޑައިވަރސިފިކޭޝަނަށް ބޮޑެތި ފުރުސަތުތަކެއް ތަނަވަސްކޮށްދެ ގައުމެއްކަން ސާބިތުކޮށްދޭނެއެވެ.
ރާއްޖޭގެ ލޯކަލް ސްޓާޓްއަޕެއް ސިލިކަން ވެލީގެ މެދުތެރެއަށް ގެންދިއުމަކީ، ދިވެހި ވިޔަފާރިވެރިންގެ އުންމީދާއި، ބައިނަލްއަޤްވާމީ ފުދުންތެރިކަން ރަމްޒުކޮށްދޭ ހިތްވަރުގަދަ ކުރިއެރުމެކެވެ.
ސްޓާޓަޕް ގްރައިންޑް ގްލޯބަލް ކޮންފަރެންސްއަކީ ދުނިޔޭގެ އެންމެ ކާމިޔާބު ސްޓާޓަޕްތަކުގެ ތެރެއިން ބައެއް ކުންފުނިތަކަށް މަގުފަހިކޮށްދީފައިވާ ކޮންފަރެންސެއްކަން ފާހަގަކޮށްލެވެއެވެ.
މިހަފްތާގައި ދުނިޔެ ސިލިކަން ވެލީއަށް ސަމާލުކަން ދޭއިރު، އޮކްސިކާގެ ބައިވެރިވުމަކީ ދިވެހި އީޖާދުކުރާ ފަރާތްތަކުގެ ހުނަރުވެރިކަމާއި، ޝައުގުވެރިކަމާއި، ކެރުންތެރިކަން އެމީހުންގެ އަމިއްލަ ސަރަހައްދުން ބޭރަށްގޮސް ހާމަކުރުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.