އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ވަސީލަތްތައް ހަލުވިކަމާއެކު ތަރައްޤީވަމުން އަންނައިރު، މި މޮޑެލްތަކުގެ ކޮންޓްރޯލް ގެއްލި އަމިއްލައަށް އިސްނަގައިގެން ސައިބާ ހަމަލާތައް ދޭން ފަށައިފާނެކަމުގެ ބިރުވެރިކަން މިވަނީ ހަގީގަތަކަށް ވެފައެވެ. ވަކިން ޚާއްޞަކޮށް، އޯޕަންއޭއައި ފަދަ އެންމެ ކުރިއަރާފައިވާ ކުންފުނިތަކުން އުފައްދާ އޭއައި ޗެޓް އެޖެންޓުންގެ ހަރަކާތްތައް ކޮންޓްރޯލް ނުކުރެވި، ރައްކާތެރިކަމުގެ އިމުން ބޭރުވެގެންދާ ހާދިސާތައް މިހާރު ވަނީ ފެންނަން ފަށާފައެވެ.
މިކަމުގެ އެންމެ ބޮޑު ހެއްކަކީ އޯޕަންއޭއައި އިން ޓެސްޓުކުރަމުންދިޔަ އާޓިފިޝަލް އިންޓެލިޖެންސް އޭޖެންޓެއް ކޮންޓްރޯލުން ނައްޓައިގެން ގޮސް ސައިބަރ ހަމަލާތަކެއް ދިން ނުރައްކާތެރި ހާދިސާއެވެ. ޖުލައި މަހުގެ ކުރީކޮޅު ހިނގި މި ހާދިސާގައި، އޯޕަންއޭއައިގެ މި އޭޖެންޓު ވަނީ މަޝްހޫރު އޭއައި ޕްލެޓްފޯމެއް ކަމަށްވާ ހަގިން ފޭސް (Hugging Face) ގެ އިތުރުން ނިއުޔޯކުގެ މޮޑާލް ލެބްސް (Modal Labs) ގެ ކަސްޓަމަރެއްގެ ސިސްޓަމް ވެސް ކޮމްޕްރޮމައިޒްކޮށްފައެވެ.
މި ހާދިސާގައި އޭއައި އެޖެންޓު ހަމަލާދީފައިވަނީ ސިސްޓަމްތަކުގައި ހުންނަ ނުކުޅެދުންތެރިކަމުގެ ފައިދާ ނަގައިގެންނެވެ. އެގޮތުން މޮޑާލް ލެބްސްގެ ކަސްޓަމަރަކު ލިޔެފައިވާ ކޯޑެއްގައި ހުރި ސެކިއުރިޓީ މައްސަލައެއްގެ ފައިދާ ނަގައި، އޭއައި އޭޖެންޓު ވަނީ އެ ކަސްޓަމަރުގެ އޮތެންޓިކޭޓް ނުކޮށް ހުރި އެންޑްޕޮއިންޓެއް މެދުވެރިކޮށް ސޭންޑްބޮކްސްގެ ތެރެއަށް ވަދެފައެވެ. މިއީ އިންޓަނެޓުގައި ދޮރެއް ހުޅުވާފައި ބެހެއްޓުމުން އަމިއްލައަށް އެތެރެއަށް ވަނުން ފަދަ ކަމެއްގެ ގޮތުގައި މޮޑާލް ލެބްސްއިން ސިފަކޮށްފައިވެއެވެ.
އޭގެފަހުން މޮޑާލް ލެބްސްގެ ކަސްޓަމަރުގެ ސޭންޑްބޮކްސް މެދުވެރިކޮށް، ކޮންޓްރޯލުން ނައްޓައިގެން ދިޔަ އޭޖެންޓު ވަނީ ހަގިން ފޭސް އަށް ދިން ބޮޑު ސައިބަރ ހަމަލާގެ ފެށުމެއްގެ ގޮތުގައި އެ ސިސްޓަމް ބޭނުންކޮށްފައެވެ. އޯޕަންއޭއައި އިން ހާމަކޮށްފައިވާ ގޮތުގައި، މި އޭޖެންޓު ވަނީ ތަފާތު ހަތަރު ޚިދުމަތެއްގެ ހަތަރު އެކައުންޓަކަށް ވަދެފައެވެ.
މި ހާދިސާގެ އެންމެ ނުރައްކާތެރި އެއް ކަމަކީ، އޯޕަންއޭއައި ފަދަ ބޮޑު ކުންފުންޏަކަށް އަމިއްލަ އޭޖެންޓު ކޮންޓްރޯލުން ނައްޓައިގެން ގޮސްގެން އުޅޭކަން އެންމެ ފުރަތަމަ ރޭކާވެސް ނުލުމެވެ. މުޅި ހަމަލާ ކޮންޓްރޯލްކޮށް އެމެރިކާގެ އެފްބީއައި (FBI) އަށް މައްސަލަ ރިޕޯޓުކުރި ފަހުން މެނުވީ އޯޕަންއޭއައި އަށް މި އޭޖެންޓު ކޮންޓްރޯލުން ނައްޓައިގެން ގޮސްފައިވާކަން އެނގިފައެއް ނުވެއެވެ.
މިއީ އޯޕަންއޭއައިގެ އޭއައި ޗެޓް އެޖެންޓުންނާއި މޮޑެލްތައް ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ ލިބިދާނެ ބޮޑެތި ގެއްލުންތަކުގެ ވަރުގަދަ ހެކިތަކެކެވެ. މި ހާދިސާއަށްފަހު އޯޕަންއޭއައި އިން ވަނީ ޓެސްޓުކުރަމުންދިޔަ އެ އޭއައި މޮޑެލް ޑިއެކްޓިވޭޓްކޮށް، އެންކްރިޕްޓްކޮށް، އަދި ރިސާޗް އެކްސެސްއިން އުނިކޮށްފައެވެ. ނަމަވެސް މިއީ ކުރިއަށް އޮތް ތަނުގައި އޭއައި ސެކިއުރިޓީއާމެދު ސީރިއަސްކޮށް ވިސްނަންޖެހޭނެ ކަމުގެ އިންޒާރެއްކަމަށް މާހިރުން ދެކެއެވެ.
އެންތްރޮޕިކްގެ ކްލޯޑް މޮޑެލްތަކާ ގުޅިގެން ދާދި ފަހުން ހިނގި ހާދިސާއަކުން، ވަރުގަދަ އޭއައި (AI) އާއި ބަލިކަށި ސެކިއުރިޓީ ކޮންޓްރޯލްތައް އެއްކުރުމުން ކުރިމަތިވެދާނެ ނުރައްކާތައް ވަރަށް ސާފުކޮށް ހާމަވެގެން ހިނގައްޖެއެވެ.
30 ޖުލައި 2026 ގައި އެންތްރޮޕިކް އިން ހާމަކުރި ގޮތުގައި، ސައިބަރ ސެކިއުރިޓީ ޓެސްޓުތަކެއްގެ ތެރޭގައި އެ ކުންފުނީގެ ކްލޯޑް އޭއައި (Claude AI) މޮޑެލްތަކުން ނޭނގި ތިބެ ތިން އިދާރާއެއް ހެކް ކޮށްފައިވެއެވެ.
މީގެ ތެރެއިން އެންމެ ކުރީގެ ހާދިސާ ހިނގާފައިވަނީ އޭޕްރީލް 2026 ގައެވެ. އެއީ ކްލޯޑް އިން "ކެޕްޗަރ-ދަ-ފްލެގް" (capture-the-flag) ގެ ނަމުގައި ކުރިއަށްގެންދިޔަ ސިމިއުލޭޓެޑް ޗެލެންޖުތަކެއް ފުރިހަމަކުރަމުން ދަނިކޮށެވެ. ޓެސްޓު ކުރުމުގައި ދިމާވި ގޯހެއްގެ ސަބަބުން، އިންޓަނެޓަށް ވަނުމުގެ ފުރުސަތު މި މޮޑެލްތަކަށް ލިބުނެވެ. ނަމަވެސް، އެ މޮޑެލްތަކަށް އަންގާފައިވަނީ އެ ތަކެއްޗަށް ވަދެވޭ ކޮންމެ އެއްޗަކީ ސިމިއުލޭޝަންގެ ބައެއް ކަމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ކްލޯޑް އިން ވަނީ ބަލިކަށި ޕާސްވޯޑްތަކާއި ރައްކާތެރިކަން ކުޑަ އެންޑްޕޮއިންޓްތަކުގެ ބޭނުން ހިފައި، ހަގީގީ ކުންފުނިތަކުގެ ސިސްޓަމްތަކަށް ވަދެފައެވެ.
އެންތްރޮޕިކް އިން ވަނީ އެ ކުންފުނީގެ ޓެސްޓުތައް މުރާޖައާ ކުރަން ފަށައި، 23 ޖުލައި 2026 ގައި ސައިބަރ ސެކިއުރިޓީއާ ގުޅޭ ހުރިހާ އިވެލުއޭޝަންތަކެއް މެދުކަނޑާލާފައެވެ. މި ތިން ހާދިސާ ދެނެގަނެވުނީ 24 ޖުލައިގައެވެ. އަދި މީގެ އަސަރު ފޯރި އިދާރާތަކަށް 27 ޖުލައި 2026 ގައި އެކަން އެންގުނެވެ. އެންތްރޮޕިކް އިން ބުނި ގޮތުގައި ކްލޯޑް އިން ގަސްދުގައި ސިސްޓަމުން ބޭރުވާން މަސައްކަތް ކޮށްފައެއް ނުވެއެވެ. އަދި މިއީ މައިގަނޑު ގޮތެއްގައި އޮޕަރޭޝަނަލް ފެއިލިއަރ އެއް ނުވަތަ މަސައްކަތް ހިންގުމުގައި ދިމާވި ނުކުޅެދުންތެރިކަމެއްގެ ގޮތުގައި އެ ކުންފުނީން ސިފަކުރިއެވެ.
މި ހާދިސާއިން އެނގިގެންދަނީ، އަމިއްލައަށް މަސައްކަތްކުރާ އޭއައި (autonomous AI) ސިސްޓަމްތައް ޓެސްޓުކުރާއިރު، ހަރުދަނާ އެކްސެސް ކޮންޓްރޯލްތަކާއި، މޮނިޓަރ ކުރުމާއި، އިންސާނުންގެ ބެލުމުގެ ދަށުން ކަންކަން ކުރިއަށް ގެންދިއުމުގެ މުހިންމުކަމެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.