ޗެޓްޖީޕީޓީގެ ބެލެނިވެރި ކުންފުނި، އޯޕަންއޭއައިއިން ޓެސްޓްކުރަމުން ގެންދިޔަ އޭއައި އެޖެންޓްތަކެއް އެއަށް ކަނޑައަޅާފައިވާ ސޭންޑްބޮކްސްއިން ބޭރުވެ އަމިއްލައަށް އިންޓަނެޓް އެކްސެސް ހޯދާ، އެއަށްފަހު އެހެން ކުންފުންޏެއްގެ ސިސްޓަމް ހެކްކޮށްފައިވާ ކަމަށް އެކުންފުނިން އިއްޔެ ވަނީ ހާމަކޮށްފައެވެ.
އޯޕަންއޭއައިއިން ނެރުނު ރަސްމީ ބްލޮގް ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، އެކުންފުނިން ކުރިއަށްގެންދިޔަ ރައްކާތެރިކަމުގެ ރޫޓީން އިވެލުއޭޝަނެއްގައި، އެކުންފުނީގެ އެކްސްޕެރިމެންޓަލް އޭއައި އެޖެންޓްތަކެއް، އަމިއްލައަށް އިސްނެގުމަށް، އިންސާނެއްގެ އިރުޝާދަކާއި ނުލާ، ހަގިންގ ފޭސް ޕްލެޓްފޯމް ހެކުކޮށް، ސައިބަރ ހަމަލާއެއް ވަނީ ދީފައެވެ.
ހަގިންގ ފޭސް ޕްލެޓްފޯމަކީ މެޝިން ލަރނިންގ މޮޑެލްތަކާއި މޮޑެލްތައް ޓްރެއިން ކުރަން ބޭނުންކުރާ އެތައް ޑޭޓާސެޓްތަކެއް ހިމެނޭ ބޮޑު ރިޕޮސިޓަރީއެކެވެ. އޯޕަންއޭއައިގެ ބޮލްގް ޕޯސްޓްގައި ސިފަކޮށްފައިވާ ގޮތުން މިއީ އޭއައިގެ ތާރީހުގައި މީގެ ކުރިން ނުހިނގާ ބާވަތުގެ ކަމެކެވެ.
މިއީ އޭއައި ސިސްޓަމްތައް ޓެސްޓު ކުރުމުގެ މަރުހަލާގައި އެއަށް ކަނޑައަޅާފައިވާ ލިމިޓްތަކުން ބޭރުވި ފުރަތަމަ ފަހަރެއް ނޫނެވެ. އެހެން ނަމަވެސް މިއީ އިންސާނެއްގެ ކޮންޓްރޯލެއް ނުލާ އޭއައި ސިސްޓަމެއް އެހެން ޕްލެޓްފޯމެއް ހެކްކޮށް ސައިބަރ ހަމަލާއެއް ދިން ފުރަތަމަ ފަހަރެވެ.
މި ހާދިސާ ހިނގާފައިވަނީ 'ޖީޕީޓީ-5.6 ސޮލް' އަދި އެހެނިހެން އެޑްވާންސްޑް މޮޑެލްތައް ބޭނުންކޮށްގެން 'އެކްސްޕްލޮއިޓްޖިމް' ExploitGym ނަމަކަށް ކިޔުނު ސައިބަރ ސެކިޔުރިޓީ ބެންޗްމާކްތަކެއް ޓެސްޓްކުރަމުން ދަނިކޮންނެވެ. މިމޮޑެލްއަށް ހަވާލުކުރެވުނު މަސައްކަތް ފުރިހަމަ ކުރުމަށްޓަކައި އެއަށް ކަނޑައެޅިފައިވާ ސޭންޑްބޮކްސްއިން (ސަރަހައްދުން ނުވަތަ އިމުން) ބޭރަށް ނުކުމެ، އިންޓަރނެޓް އެކްސެސް ހޯދާ، ހަގިންގ ފޭސް ޕްލެޓްފޯމަށް ވަދެ، އޭގެ މަސައްކަތަށް ބޭނުންވާ ހައްލު ހޯދީއެވެ.
އޯޕަން އޭއައި އިން ހާމަކޮށްފައިވާ ގޮތުގައި މި އޭއައި އެޖެންޓުން ވަނީ އޯޕަންއޭއައިގެ ރިސަރޗް އެންވަޔަރަމަންޓާއި ހަގިންގ ފޭސްގެ ޕްރޮޑަކްޝަން އެންވަޔަރަމަންޓްގައި ހިމެނޭ ވަލްނަރަބިލިޓީ ތަކެއް (ބަލިކަށި ކަންތަކެއް) ބޭނުންކޮށްފައެވެ. އަދި އެޖެންޓާއި ހަވާލުކުރެވުނު މަސައްކަތުގެ ހައްލު ހޯދުމަށް ހަގިންގ ފޭސްގެ ޕްރޮޑަކްޝަން ޑޭޓާބޭސް ބޭނުންކޮށްފައެވެ.
އޯޕަން އޭއައިއިން ބުނާގޮތުގައި އެކުންފުންޏަށް ފެންނަން ހުރި ހެކިތަކުން ދައްކާގޮތުގައި މިއެޖެންޓުތަކުގެ މަސައްކަތް ބޮޑަށް ފޯކަސްކޮށްފައިވަނީ އެކްސްޕްލޮއިޓްޖިމް ބެންޗްމާކަށް ހައްލެއް ހޯދުމަށްޓަކައި އިންޓަނެޓްއަށް އެކްސެސް ވެވޭނެ ގޮތެއް ހޯދުމަށެވެ. އަދި ހައްލު ހޯދުމަށް ޓެސްޓް އެންވަޔަރަމަންޓްގައި ކަނޑައެޅިފައިވާ މިންތައް ފަހަނައަޅާ ގޮސްފައެވެ.
އޭއައި އެޖެންޓުން އިންޓަނެޓްއަށް އެކްސެސް ހޯދީ ސިސްޓަމްގައި އެކުލެވޭ ސޮފްޓްވެއަރއެއްގައި ހިމެނޭ 'ޒީރޯ-ޑޭ ވަލްނަރަބިލިޓީ'އެއް ހޯދައިގެންނެވެ. ޒީރޯ-ޑޭ ވަލްނަރަބިލިޓީއަކީ ސޮފްޓްވެއަރ އުފެއްދި ފަރާތްތަކަށް އަދި ނުފެންނަ އަދި ހައްލުހޯދާފައި ނުވާ، ސޮފްޓްވެއަރގައި ހިމެނޭ މައްސަލަތަކަށް ދެވޭ ނަމެކެވެ. މިމައްސަލަގެ ފައިދާ ނަގައިގެން އޭއައި އެޖެންޓުން ވަނީ ސިސްޓަމްގެ އެންމެ މަތީ ދަރަޖައިގެ އެކްސެސް ހޯދާފައެވެ. އަދި އޯޕަންއޭއައިގެ ރިސަރޗް ނެޓްވޯކް ތެރޭގައި އިންޓަނެޓަށް ކަނެކްޓްކޮށްފައިވާ މެޝިނަކާއި ހަމައަށް ވާސިލް ވެފައެވެ.
އަދި އިންޓަރނެޓަށް އެކްސެސް ލިބުމުން، އޭއައި އެޖެންޓް މަސައްކަތް ކުރީ އެކްސްޕްލޮއިޓްޖިމް ސައިބަރ ސެކިޔުރިޓީ ބެންޗަމާކަށް ބޭނުންވާ ހައްލު ހިމެނޭ ތަނެއް ހޯދުމަށެވެ. އެގޮތުން ހަގިން ފޭސް ޕްލެޓްފޯމްގައި ހިމެނޭ މޮޑެލްތަކާއި ޑޭޓާސެޓްތަކުން އޭގެ މަސައްކަތަށް ބޭނުންވާ ޖަވާބުތައް ވެސް ހިމެނިދާނެ ކަމަށް ނިންމާ އެޕްލެޓްފޯމް ހެކްކޮށް ބޭނުންވާ މައުލޫމާތު ހޯދީއެވެ.
އޯޕަންއޭއައިގެ ބްލޮގް ޕޯސްޓުގައި ހިމެނޭ މައުލޫމާތައް ބަލާ ތިލަކޮށް ބުނާކަމަށް ވާނަމަ، އޭއައި އެޖެންޓެއް ފޮއްޓަކަށްލާފައި، މައްސަލައެއް ހައްލުކުރުމަށް ހަވާލުކުރުމުން، އަމިއްލައަށް ހައްލު ހޯދުމުގެ ބަދަލުގައި، ފޮށި ފަޅާލާ، ޖަވާބު ހިމެނޭ އެހެން ތަނަކަށް ގަދަކަމުން ވަދަގަނެ، ޖަވާބު ހޯދީއެވެ.
ބައެއް ހަބަރުތަކުގައި މިހާދިސާ ސިފަކޮށްފައިވާ ގޮތުން މިހާދިސާގެ މިސާލަކީ، ދަރިވަރަކު އިމްތިހާނެއް ހެދުމަށް ކްލާސްރޫމަކަށް ލުމުން، އިމްތިހާނުގައި ހިމެނޭ ސުވާލުތަކުގެ ޖަވާބު އަމިއްލައަށް ނުހޯދާ، ޓީޗަރުގެ މޭޒުގެ ވަތްގަޑެއްގައި ތަޅުލާފައި އޮތް އިމްތިހާނު ކަރުދާހުގެ ޖަވާބުތައް ވަގަށް ނެގުން ފަދަ ކަމެކެވެ.
އެއްގޮތަކުން ބަލައިފިނަމަ، ޓެސްޓިންގ މަރުހަލާގެ ތެރެއިން މިފަދަ ކަމެއް ފާހަގަކުރެވުމަކީ ރަނގަޅު ކަމެކެވެ. އަދި އަވަސް ފުރުސަތެއްގައި މިކަން ފާހަގަ ކުރެވި، ހާދިސާ ހިނގާ ދިޔަ ގޮތުގެ ތަފްސީލު ލިބިފައިވުމަކީ ޕޮޒިޓިވް ނިޝާނެކެވެ. އަދި އޯޕަންއޭއައި އިން ދަނީ މިކަން ސީރިއަސް ހާދިސާއެއްގެ ގޮތުގައި ބަލާ، ފިޔަވަޅު އަޅަމުންނެވެ.
އަދި ޒީރޯ-ޑޭ ވަލްނަރަބިލިޓީ ހިމެނޭ ސޮފްޓްވެއަރ އުފެއްދި ފަރާތްތަކަށް އެ މައްސަލަ މިހާރު ހިއްސާކޮށްފައިވާ ކަމަށްވެއެވެ. އަދި މީގެ އިތުރުން މިހާދިސާއިން އެކުންފުނީގެ ޓެސްޓިންގ އެންވަޔަރަމަންޓުގައި އިތުރަށް އިސްލާހު ކުރަންވީ ކަންތައްތަކާއި، އޭއައި މޮޑެލްއަށް ގެންނަންޖެހޭ ބަދަލުތައް ވެސް ދެނެގަނެވިފައިވާކަމަށް އޯޕަންއޭއައި އިން ބުނެއެވެ.
އޯޕަންއޭއައި އިން ބުނާ ގޮތުގައި އޭއައި އޭޖެންޓްތައް ޓެސްޓުކުރުމުގައި މިހާރަށް ވުރެ ހަރުކަށި ފިޔަވަޅުތަކެއް އަޅާނެއެވެ. މިހާރު އިސްކަމެއް ދޭނީ ރިސަރޗް ކުރެވޭ ހަލުވިމިން އަވަސްކުރުމުގެ ބަދަލުގައި އޭއައި އޭޖެންޓަށް އިތުރު ހަރުކަށި އެހެން ނަމަވެސް ރައްކާތެރިކަން އިތުރުކުރެވޭނެ ފިޔަވަޅުތަކެއް އެޅުމަށް ކަމަށް އެކުންފުނިން ހާމަކުރެއެވެ.
އެހެން ނަމަވެސް އެކުންފުނިން ހަގީގަތުގައި މިގޮތަށް ކަންތައްތައް ބަދަލުކުރާނެތޯ ނުވަތަ ނޫންތޯ ދެނެގަނެވޭނީ ކުންފުނީގެ ބަހާއި އަމަލާއި ދިމާވާ މިންވަރެއް ފެނުނީމައެވެ. މިވަގުތަކީ އޭއައި އުފެއްދުމާއި ކުރިއެރުވުމުގެ ރޭހުގައި އޯޕަންއޭއައި އެންތްރޮޕިކް ފަދަ ކުންފުނިތަކާއި ވަރަށް ވާދަވެރިންކަން ބޮޑު ވަގުތެކެވެ.
މިހާދިސާއާއި ގުޅިގެން ހަގިންގ ފޭސްއިން ރައްދު ދީފައިވަނީ ވަރަށް ޕޮސިޓިވްކޮށްނެވެ. އޯޕަންއޭއައި އިން ދިމާވި މައްސަލަ ތަފްސީލާއެކު ހާމަކޮށްފައިވާ ކަމަށާއި، އެކުންފުންޏާއި އެކު މި ހާދިސާގައި ފާހަގަވި ވަލްނަރަބިލިޓީތައް ހައްލުކުރުމަށް މަސައްކަތް ކުރާކަމަށް ހަގިންގ ފޭސްއިން ބުނެފައިވެއެވެ. އަދި މައްސަލަ އާންމުކުރުމުގެ ކުރިން އެޕްލެޓްފޯމްގައި ހުރި މައްސަލަތައް ޕެޗްކޮށްފައިވާ ކަމަށް ވެސް ހާމަކުރިއެވެ. އަދި އެޕްލެޓްފޯމް ބޭނުންކުރާ އެއްވެސް ފަރާތެއްގެ މައުލޫމާތަކަށް އަދި ޕްލެޓްފޯމްގައ ހިމެނޭ އެއްވެސް މޮޑެލްއަކަށް ގެއްލުމެއް ނުލިބޭކަމަށް ފާހަގަކުރިއެވެ.
ހަގިންގ ފޭސްގެ ސީއީއޯ ކްލެމޯން ޑަލާންޖް ފާހަގަކުރި ގޮތުގައި، މިއީ މިފަދަ ގޮތަކަށް ހިނގި ފުރަތަމަ ހާދިސާ ކަމަށް ވާއިރު، އޭއައިގެ ރައްކާތެރިކަމަކީ ހަމައެކަނި އެންމެ ކުންފުންޏަކުން ސިއްރިއްޔާތުގައި ތިބެގެން ހައްލުކުރެވޭނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، އޭއައި ސިސްޓަމްތަކުގެ ރައްކާތެރިކަން ކަށަވަރުކުރެވޭނީ ސައިބަރ ސެކިޔުރިޓީ މަސައްކަތްކުރާ އެންމެންނަށް އޭއައި ވަސީލަތްތައް ފޯރުކޮށްދީގެން، އެންމެން ގުޅިގެން މަސައްކަތްކޮށްގެންކަމަށް އޭނާ ބުނެއެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް