ދިވެހިރާއްޖެ އާއި އިންޑިއާ އާއި ދެމެދު ފަސޭހަ އަދި ރައްކާތެރި ކަމާއެކު ފައިސާގެ މުޢާމަލާތްތައް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި އިންޑިއާގެ އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އާއި ދެމެދު އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފައެވެ. މި އެއްބަސްވުމާއެކު ދިވެހިރާއްޖޭގެ ޕޭމެންޓް ސިސްޓަމް 'ފަވަރ' އާއި، އިންޑިއާގެ ކާމިޔާބު ޑިޖިޓަލް ޕޭމެންޓް ނެޓްވޯކް 'ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި)'ގުޅުވާލާނެއެވެ.
މި ޓެކްނޮލޮޖީގެ ގުޅުމަކީ ދެ ގައުމުގެ ޕޭމަންޓް އިންފްރާސްޓްރަކްޗަރ އިންޓަގްރޭޓްކޮށް، ސީމްލެސް އަދި ރިއަލް-ޓައިމް މުއާމަލާތްތަކަށް މަގުފަހިކުރާނެ އިންގިލާބީ ފިޔަވަޅެކެވެ.
މި ޓެކްނޮލޮޖީގެ ގުޅުވުން ތަންފީޒުކުރެވޭނީ ދެ ފިޔަވައްސަކަށެވެ. 2026 ވަނަ އަހަރުގެ ކުރީކޮޅު ފެށުމަށް ހަމަޖެހިފައިވާ ފުރަތަމަ ފިޔަވަހީގައި، ދެ ގައުމުގެ ފަރުދުންނަށް ސީދާ އެއްބަޔަކު އަނެއް ބައެއްގެ އެކައުންޓަށް ވަގުތުން ފައިސާ ފޮނުވޭނެއެވެ.
ދެވަނަ ފިޔަވަހީގައި، އިންޓައޮޕަރަބަލް ކިއުއާރު ކޯޑް ޓެކްނޮލޮޖީ ބޭނުންކޮށްގެން ވިޔަފާރިތަކަށް ފައިސާ ދެއްކުމުގެ ޚިދުމަތް ތައާރަފްކުރެވޭނެއެވެ. މީގެ މާނައަކީ ރާއްޖެއިން އިންޑިއާއަށް ދާ ފަތުރުވެރިންނަށާއި، އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އަމިއްލަ ޕޭމަންޓް އެޕްލިކޭޝަން ބޭނުންކޮށްގެން ފަސޭހަކަމާއެކު ފައިސާ ދެއްކޭނެއެވެ.
މި އިންޓަގްރޭޝަނަކީ ރާއްޖޭގެ ޑިޖިޓަލް ޕޭމަންޓް އިކޯސިސްޓަމް ހަރުދަނާކުރުމަށް އެމްއެމްއޭއިން ކުރިއަށްގެންދާ ބިޔަ މަޝްރޫއެއްގެ ބައެކެވެ.
މި މަޝްރޫއުގެ ދަށުން، 'ޕޭމަންޓް މޯލްޑިވްސް' ގެ ނަމުގައި ގައުމީ ޕޭމަންޓް ނިޒާމު ހިންގާނެ ވަކި ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މީގެ އިތުރުން، އެންމެ މުހިންމު އެއް މަސައްކަތަކީ 'ނޭޝަނަލް ކިއުއާރު ކޯޑް ސްޓޭންޑަޑެއް' ގާއިމުކުރުމެވެ. މި ސްޓޭންޑަޑުގެ ސަބަބުން، އެއް ކިއުއާރު ކޯޑެއް ބޭނުންކޮށްގެން، ކޮންމެ ބޭންކެއްގެ ނުވަތަ ވޮލެޓެއްގެ އެޕްލިކޭޝަނަކުންވެސް ފައިސާ ދެއްކޭނެ ގޮތް ހަމަޖެހި، ޕޭމަންޓް ޓެކްނޮލޮޖީ ބޭނުންކުރުން އިތުރަށް ފަސޭހަވެގެންދާނެއެވެ. ޤައުމީ ޕޭމަންޓް ސިސްޓަމް ވަކި ކުންފުންޏެއްގެ ދަށުން ޒަމާނާއި އެއްގޮތަށް ތަރައްޤީކުރުމުގެ މި މޮޑެލްއަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި (ކެނެޑާ، ޖޯޑަން، އިންޑިއާ، ތައިލޭންޑް އަދި ސައުދީ އަރަބިޔާ) ކާމިޔާބުކަމާއެކު ތަންފީޒުކޮށްފައިވާ މޮޑެލްއެކެވެ.
މިފަދަ އިންޤިލާބީ ޓެކްނޮލޮޖީއެއް ތަޢާރަފްކުރުމުގެ އަސްލު މަޤްޞަދަކީ، ފައިސާގެ މުޢާމަލާތްތަކަކީ އަވަސް، ރައްކާތެރި، އަދި ޚަރަދު ކުޑަ ކަމަކަށް ހެދުމެވެ. މިއީ ނަގުދު ފައިސާ ބޭނުންކުރުން މަދުކޮށް، 'ކޭޝް-ލައިޓް' އިޤްތިޞާދަކަށް ރާއްޖެ ގެންދިއުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
މި ޕޭމަންޓް ނިޒާމު ގުޅުވާލުމުގެ މަސައްކަތް ރަސްމީކޮށް ފެށުމުގެ ގޮތުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއާއި އިންޑިއާގެ ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އާ ދެމެދު ވަނީ 10 އޮގަސްޓް 2024 ގައި ފަހުމުނާމާއެއްގައި ސޮއިކުރެވިފައެވެ.
އިތުރަށް ކިޔާލުމަށް
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.