އިޒްރާއީލުގެ އަސްކަރިއްޔާގެ ޖާސޫސީ އިދާރާއިން ބޭނުންކުރާ މައިކްރޮސޮފްޓް ކްލައުޑް އަދި އޭއައިގެ ހިދުމަތްތައް ބޭނުންނުކުރެވޭ ގޮތަށް އެކުންފުނިން ބްލޮކް ކޮށްލައިފިއެވެ. މިއީ މިފަދަ ބޮޑު ކުންފުންޏެއްގެ ފަރާތުން މަދުން ނޫނީ ނުފެންނަ އާދަޔާ ހިލާފު ނިންމުމެކެވެ.
މައިކްރޮސޮފްޓުން ހާމަކުރި ގޮތުގައި އެކުންފުނިން މިނިންމުން ނިންމި ސަބަބަކީ އެހިދުމަތްތައް މެދުވެރިވެ، ގައްޒާއާއި ހުޅަނގު އައްސޭޭރީގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންގެ ފޯނު ކޯލުތައް އަޑުއަހާ ފާރަލާން ބޭނުންކުރާތީއެވެ.
އިޒްރާއީލުގެ އަސްކަރިއްޔާގެ ޖާސޫސީ އެޖެންސީ، ޔުނިޓް 8200 އިން، މައިކްރޮސޮފްޓް އެޒުއަރ ކްލައުޑް ޕްލެޓްފޯމް ބޭނުންކުރުމުގެ ޓަރމްސް އޮފް ސަރވިސްއާއި ހިލާފުވެފައިވާކަމަށް މައިކްރޮސޮފްޓުން މިދިޔަ ހަފްތާގެ ފަހުކޮޅު އިސްރާއީލުގެ އޮފިޝަލުންނަށް ވަނީ އަންގާވަފައެވެ. އަދި އެހިދުމަތްތައް ވަނީ ބްލޮކްކޮށްލާފައެވެ. އެއީ އެޒުއަރ ކްލައުޑްގައި އެތަށް ގިނަ އާންމުންނަކަށް ފާރަލާ އެމީހުންގެ މައުލޫމާތު ރައްކާކޮށްފައިވާތީ ކަމަށް އެކުންފުނިން ބުނެއެވެ.
މައިކްރޮސޮފްޓްގެ ވައިސް ޗެއާރ އަދި ރައީސް، ބްރެޑް ސްމިތް އެކުންފުނީގެ މުވައްޒަފުންނަށް ފޮނުވާފައިވާ އީމެއިލްއެއްގައި އޭނާ ބުނެފައިވަނީ އެކުންފުނިން އިސްރާއީލްގެ މިނިސްޓްރީ އޮފް ޑިފެންސަށް ފޯރުކޮށްދޭ ބައެއް ހިދުމަތްތައް ޑިސޭބަލްކޮށް ހުއްޓާލައިފިކަމަށާއި، "ގިނަ އަދަދެއްގެ އާންމުންނަށް ފާރަލާން އަހަރުމެން ޓެކްނޮލޮޖީއެއް ފޯރު ނުކޮށްދޭނެ" ކަމަށެވެ.
ހަގީގަތުގައި މައިކްރޮސޮފްޓްގެ މިނިންމުން ނިންމާފައިވަނީ 2 ސަބަބަކާއި ގުޅިގެންނެވެ. އެއް ސަބަބަކީ އިޒްރާއީލުގެ ޖާސޫސީ އިދާރާއިން ކުރާ ސަރވެއިލަންސްތަކުގައި މައިކްރޮސޮފްޓްގެ ދައުރާއި ގުޅިގެން އެކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ކުރާ ޕްރޮޓެސްޓްތަކާއި އިންވެސްޓަރުން ކުރާ ޕްރެޝަރާއި ގުޅިގެންނެވެ.
ދެވަނަ ސަބަބަކީ ދި ގާޑިއަން އާއި +972 މެގަޒިން އާއި ލޯކަލް ކޯލް ނަމަކަށް ކިޔުނު އޮންލައިން މެގަޒިންއެއް ގުޅިގެން ޝާއިއުކުރި ރިޕޯޓަކާއި ގުޅިގެންނެވެ. މިރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި 2021 ގައި މައިކްރޮސޮފްޓްގެ ޗީފް އެކްޒެކެޓިވް، ސަތްޔާ ނަޑެއްލާއާއި އިޒްރާއީލުގެ ޖާސޫސީ އިދާރާ ޔުނިޓް 8200 ގެ އޭރުގެ ކޮމާންޑަރ ޔޯސީ ސަރިއެލް އާއި ބައްދަލުކުރިއެވެ. މިބައްދަލުވުމުގައި މައިކްރޮސޮފްޓްއާއި ޔުނިޓު 8200 އާއި ގުޅިގެން ގިނަ އަދަދެއްގެ ޖާސޫސީ މައުލޫމާތުތަކެއް އެޒުއަރ ޕްލެޓްފޯމަށް ބަދަލުކުރުމުގެ ޕްލޭނެއް އެކުލަވާލި އެވެ.
ގާޑިއަންގެ މިރިޕޯޓަށް ރައްދު ދިނުމަށް މައިކްރޮސޮފްޓްއިން ވަނީ ކުންފުނިން ބޭރުގެ ފަރާތެއް މެދުވެރިވެ އަވަސް ތަހުގީގެއް ހިންގާފައެވެ. އެއީ ޔުނިޓް 8200 އާއި އެކުންފުންޏާއި އޮންނަ ގުޅުން މުރާޖައާ ކުރުމަށްޓަކައެވެ. އަދި ޔުނިޓް 8200 އަށް ފޯރުކޮށްދީފައިވާ މައިކްރޮސްފްޓް ކްލައުޑްގެ ބައެއް ހިދުމަތްތައް ކެންސަލް ކުރުމަށް ނިންމީ މިތަހުގީގުން ހޯދުނު ބައެއް ނަތީޖާތަކާއި ގުޅުވައިގެންނެވެ.
ގާޑިއަންއިން ހާމަކޮށްފައިވާ ރިޕޯޓާއި މައިކްރޮސޮފްޓްގެ ތަހުގީގުން ހާމަވި ގޮތުގައި އިޒްރާއީލުގެ އަސްކަރިއްޔާގެ ޖާސޫސީ އެޖެންސީއިން ބޭނުންކުރާ ވަރުގަދަ ސަރވެއިލަންސް ސިސްޓަމަކަށް ބޭނުންކުރާ ގިނަ އަދަދެއްގެ ޑޭޓާ ރައްކާކުރަނީ މައިކްރޮސޮފްޓް ކްލައުޑްގައެވެ.
- މިސިސްޓަމުން އެތަށް މިލިއަން ފަލަސްތީނު ރައްޔިތުންގެ ފޯނުކޯލްތައް އަޑުއަހާ، މުވާސަލާތީ ގިނަ މައުލޫމާތުތަކެއް ރައްކާކުރެއެވެ.
- މިސަރވެއިލަންސް ސިސްޓަމަކީ 2022 ވަނަ އަހަރުން ފެށިގެން ބޭނުންކުރާ ސިސްޓަމެކެވެ.
- މިސިސްޓަމުން ގަޑިއަކު އެއް މިލިއަން ފޯންކޯލު އަޑުއަހާ ޕްރޮސެސް ކުރެއެވެ.
- މިސަވައިލެންސް ސިސްޓަމްގައި 8،000 އަށް ވުރެ ގިނަ ޓެރަބައިޓްގެ ޑޭޓާ އެއްކުރެވިފައިވެއެވެ.
- މިސިސްޓަމަށް ބޭނުންކުރާ ޑޭޓާ ރައްކާކޮށްފައިވަނީ ނެދަރލެންޑްސް އަދި އަޔަރލެންޑްގައި ހުންނަ މައިކްރޮސޮފްޓްގެ ޑޭޓާ ސެންޓަރުތަކުގައެވެ.
- މިސިސްޓަމްގައި ރައްކާކުރާ މައުލޫމާތު ބޭނުންކޮށްގެން އިޒްރާއީލުގެ ޖާސޫސީ އިދާރާއިން ވައިގެ ހަމަލާތައް ރޭވުމާއި، ހަމަލާ ދޭނެ ޓާގެޓްތައް ދެނެގަތުމާއި، އަމިއްލަ ފަރުދުން ހައްޔަރުކުރުމަށާއި ބްލެކްމެއިލް ކުރުމަށް ބޭނުންކުރެއެވެ.
- މިސިސްޓަމަކީ ވަކި މީހަކަށް ނުބަލާ ފަލަސްތީނުގެ ވަރަށް ގިނަ ރައްޔިތުންގެ ކޯލްތަކައް އަޑުއެހުމަށް ބޭނުންކުރާ ސިސްޓަމެކެވެ. މީގައި އެމީހަކީ އިޒްރާއީލުގެ ރައްކާތެރިކަމަށް ނުރައްކާ ވެދާނެ މީހެއްތޯ ނޫންތޯ ނުބަލައެވެ.
މި ނިންމުމަކީ މަދުން ނޫނީ ނުފެންނަ އާދަޔާ ހިލާފު ނިންމުމެކެވެ. ޓެކްނޮލޮޖީ ކުންފުނިތަކުން ގިނަ ފަހަރަށް ސަރުކާރުތަކުގެ މަސައްކަތްތަކާއި ނިންމުންތަކާއި ދެކޮޅަށް އެއްޗެއް ބުނުމަކީ ނާދިރުކަމެކެވެ. ހާއްސަކޮށް އެމެރިކާގެ ކުންފުންޏަކުން އިސްރާއީލު ފަދަ އެމެރިކާގެ ގާތް ގައުމަކާއި ދެކޮޅަށް ކުރިމަތިލާން ޖެހިލުންވެއެވެ. އެހެންނަމަވެސް މައިކްރޮސޮފްޓްގެ މިފިޔަވަޅާއެކު ވިޔަފާރީގެ އެއްބަސްވުންތަކާއި އެތިކަލް ޒިންމާއާއި ވަކިކޮށް އެދޭތެރޭގައި އޮންނަ ވިސްނުން ބަދަލުކުރަން ޖެހޭކަން ހާމަވެގެންދެއެވެ.
މިއީ އެހެން ޓެކް ކުންފުނިތަކަށް ނަމޫނާ ސެޓްކުރާ ނިންމުމަކަށް ވެގެންދެއެވެ. އެއީ އިންސާނީ ހައްގުތަކަށްޓަކައި ބޮޑު ޓެކް ކުންފުންޏަކުން ގައުމެއްގެ އަސްކަރިއްޔާއަކާއި ދެކޮޅަށް ނިންމި ނިންމުކަމަކަށްވާތީއެވެ. އަދި ވަކިފަރާތަކަށް ނުޖެހުމުގެ ސްޓޭޓަސް ކުއޯއަށް ގޮންޖަހާ ކަމަކަށްވާތީއެވެ. މީގެ ސަބަބުން މިފަދަ ހިދުމަތްތައް ފޯރުކޮށްދޭ އެހެން ކުންފުނިތަކުގެ ހިދުމަތްތައް ހުއްޓުވުމަށް ކުރެވޭ ޕްރެޝަރަކަށްވެސް ވެގެން ދިޔުމުގެ ޗާންސްބޮޑެވެ. އަދި އެފަދަ ކުންފުނިތަކުގެ ހިދުމަތް ބޭނުންކުރުމަށް ކަނޑައަޅާފައި ހުންނަ ޓަރމްސް އޮފް ސަރވިސް އިތުރަށް ތަންފީޒުކުރުމަށް އެޅޭނެ ބާރެކެވެ.
މައިކްރޮސޮފްޓްގެ މިފިޔަވަޅަކުން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހަމަނުޖެހުންތަކާއި ގުޅުވައިގެން މިހާރު ވެސް ކުރިއަށް ގެންދާ މާސް ސަރވޭލަންސް ނިމުމަކަށް ނާންނާނެއެވެ. އެހެން ނަމަވެސް މިއީ ޓެކްނޮލޮޖީ ކުންފުނިތަކުން އެމީހުންގެ ޕްލެޓްފޯމްތައް މެދުވެރިވެ ނުރަނގަޅު ބޭނުން ކުރާނަމަ ފިޔަވަޅު އެޅިދާނެކަމުގެ ހެޔޮ ފާލެކެވެ. އަދި ޒިންމާދާރު ގޮތުގައި ހިދުމަތްތައް ބޭނުންކުރުމަށް ހަނދާންކޮށްދެވޭ ދިނުމެކެވެ.
މައިކްރޮސޮފްޓްގެ މިނިންމުމާއި ގުޅިގެން ޔުނިޓް 8200 އިން ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އެމީހުން ބޭނުންކުރާ ސިސްޓަމްގެ ޑޭޓާތައް މިހާރު ވަނީ އެމޭޒަން ވެބް ސަރވިސަސް (އޭޑަބްލިޔުއެސް) އަށް ބަދަލުކޮށްފައެވެ. އަދި ކުރިއެކޭ އެއްފަދައިން އަދިވެސް އެމީހުންގެ އަމިއްލަ އިންފްރާސްޓަކްޗަރ މެދުވެރިވެ ސަރވެއިލަންސް ސިސްޓަމްތައް އަދިވެސް ދަނީ އޮޕްރޭޓްކުރަމުންނެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް