ޓްވިޓަރގެ ދޫނި ލޯގޯ އެނބުރި އައިސްދާނެތަ؟

ހިންދު ޢަލީ 11 ޑިސެމްބަރު 2025

ޓްވިޓަރ ރީބްރޭންޑްކޮށް "އެކްސް" އަށް ބަދަލު ކުރުމުގެ ކުރިން ޓްވިޓަރ މަޝްހޫރުވި ނޫކުލައިގެ ދޫނި ލޯގޯއާއި "ޓްވިޓަރ" އަދި "ޓްވީޓް" މިނަންތަކުގެ ހައްގުތައް އަނބުރާ ހޯދުމަށް އެމެރިކާގެ ސްޓާޓްއަޕްއަކުން އެމެރިކާގެ ޕޭޓެންޓް އެންޑް ޓްރޭޑްމާކް އޮފީސް (ޔޫއެސްޕީޓީއޯ) އަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މި ޕެޓިޝަން ހުށަހެޅި ސްޓާރޓްއަޕް ކުންފުންޏަށް ކިޔަނީ "އޮޕަރޭޝަން ބްލޫބަރޑް"އެވެ. އެސްޓާރޓްއަޕް މިޕެޓިޝަން ހުށަހެޅީ، އީލޯން މަސްކް ޓްވިޓަރ ގަތުމަށް ފަހު، ކުރީގައި ބޭނުންކުރި އެޕްގެ ނަމާއި ލޯގޯ "ދޫކޮށްލާފައިވާ" ކަމަށް ބުނެއެވެ.

މިޕެޓިޝަން ހުށަހަޅާފައިވަނީ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ. އޮޕަރޭޝަން ބްލޫބަރޑްއިން ބޭނުންވަނީ އެކްސްއާއި ވާދަކުރާނެ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް އުފައްދާ، އެޕްލެޓްފޯމުގައި "ޓްވިޓަރ" އާއި "ޓްވީޓް" ބޭނުން ކުރުމުގެ ހުއްދަ ދިނުމަށެވެ. އެކުންފުނިން ރަޖިސްޓަރ ކުރުމަށް ބޭނުންވާ އައު ޕްލެޓްފޯމަކީ "ޓްވިޓަރ.ނިއު"އެވެ.

މިޕެޓިޝަންގެ މަސައްކަތުގައި އިސްކޮށް އުޅެނީ މީގެ ކުރިން ޓްވިޓަރގައި މަސައްކަތްކުރި އެކުންފުނީގެ ޓްރޭޑްމާކް ލޯޔަރު ސްޓީވަން ކޯޓްސް އެވެ. އޭނާ އަކީ މިހާރު އޮޕްރޭޝަން ބްލޫބަރޑް ސްޓާރޓްއަޕްގެ ލޯޔަރެވެ.

އޭނާ ދައުވާކުރާ ގޮތުގައި އެކްސް ކޯޕަރޭޝަނުން ޓްވިޓަރ ގަތުމަށް ފަހު ކުރީގައި ބޭނުންކުރި ބްރޭންޑް އެކުންފުނީގެ ހިދުމަތްތަކާއި މާކެޓިންގ އަދި ޑޮމެއިން އިން "ނައްތާލީ" އެވެ. އެހެން ކަމުން އެކްސް ކޯޕަރޭޝަނުން ކުރީގައި ބޭނުންކުރި އެތަކެތި ދޫކޮށްލީއެވެ.

އޮކްޓޯބަރ 2022 ގައި އިލޯން މަސްކް ޓްވިޓަރ ގަތުމަށް ފަހު، އޭނާ ބޭނުންވީ އެޕްލެޓްފޯމް އޭނާ ކުރިން ވިސްނާފައިވާ "ހުރިހާ ކަމެއް ހިމެނޭ، އެވްރިތިންގް އެޕް" އަށް ބަދަލުކުރާށެވެ. އެގޮތުން އޭނާގެ މިލްކުވެރިކަމުގައި އޮތް އެކްސް.ކޮމް ޑޮމެއިންއަށް ޓްވިޓަރ ބަދަލުކުރީއެވެ. އަދި އެކްސް ކޯޕަރޭޝަންގެ ނަމުގައި ކުންފުންޏެއް އުފައްދާ ޓްވިޓަރ އެކުންފުނީގެ ދަަށަށް މަރޖްކުރީއެވެ.

އަދި ޖުލައި 2023 ގައި ޓްވިޓަރ ޕްލެޓްފޯމް "އެކްސް" އަށް ރީބްރޭންޑް ކުރިއެވެ. އެގޮތުން ނޫކުލައިގެ ދޫނި ލޯގޯގެ ބަދަލުގައި އެކްސް އަކުރެއް ލޯގޯގެ ގޮތުގައި ބޭނުންކުރަން ފެށިއެވެ. އަދި އެއަށް ފަހު މޯބައިލް އެޕްވެސް އަޕްޑޭޓްކޮށް، އައު ނަން ދައްކުވައިދޭ ގޮތަށް އެޕްގެ އައިކަންއާއި ރަސްމީ ހެންޑްލްތަކާއި ބްރޭންޑިންގ ބަދަލުކުރިއެވެ. އީލޯން މަސްކު ބޭނުންވީ އެޕްލެޓްފޯމް މައިކްރޯ ބްލޮގިންގ ޕްލެޓްފޯމަކުން އެއަށް ވުރެ ފުޅާ ހިދުމަތްތަކެއް ފޯރުކޮށްދޭނެ މަލްޓިޕާޕަސް "ސުޕަރ-އެޕް" އަކަށް ބަދަލުކުރާށެވެ.

އޮޕަރޭޝަން ބްލޫބަރޑްއިން ކުރާ ދައުވާއަކީ، އެކްސް ކޯޕަރޭޝަނުން އެޕް ރީބްރޭންޑް ކުރުމަށް ފަހު ޓްވިޓަރގެ ނަމާއި ދޫނި ލޯގޯ ބޭނުންނުކޮށް ދޫކޮށްލާފައިވާ ކަމަށެވެ. އަދި ކުރީގެ ލޯގޯ އިތުރަށް ބޭނުންކުރަން ނުވިސްނާ ކަމަށްވެސް ބުނެ ހެކީގެ ގޮތުގައި އީލޯން މަސްކު 23 ޖުލައި 2023 ގައި ޓްވިޓާ ބްރޭންޑަށާއި އަދި "މަޑުމަޑުން ... ހުރިހާ ދޫނިތަކަކަށް" އަލްވަދާއު ކިޔާ ކޮށްފައިވާ ޓްވީޓެއް ވަނީ ހުށަހަޅާފައެވެ.

އަދި މީގެ އިތުން ޓްވިޓަރ.ކޮމް ޑޮމެއިން ނަން ވެސް ނައްތާލާ، އެކްސް.ކޮމް ޑޮމެއިންއަށް ރީޑައިރެކްޓް ކުރުމާއި ޕްލެޓްފޯމް މާކެޓް ކުރުމުގައި ވެސް މިހާރު ކުރީގެ ނަން ބޭނުން ނުކުރާކަމީ އެމީހުންގެ ޕެޓިޝަނަށް ބާރު ލިބޭ ކަމެއް ކަމުގައި ފާހަަގަކޮށްފައިވެއެވެ.

މިކަމަށް އެކްސްއިން އާންމުކޮށް އަދި އެއްވެސް ބަހެއް ނުބުނެއެވެ. އަދި މިޕެޓިޝަނާއި ދެކޮޅަށް ކުރާނެ ކަމެއް އިއުލާނެއް ވެސް ނުކުރެއެވެ. އެހެން ނަމަވެސް ލީގަލް ތަޖުރިބާކާރުން ބުނާ ގޮތުގައި އެކްސް ކުންފުނިން 2023ގައި ޓްރޭޑްމާކް ރަޖިސްޓްރޭޝަން އައު ކޮށްފައިވުމަކީ އެކުންފުނިން ގާނޫނީ ގޮތުން ޓްރޭޑްމާކް ދަމަހައްޓަން ކޮށްފައިވާ ކަމެއްގެ ގޮތުގައި އެކުންފުންޏަށް ދައުވާ ކުރެވިދާނެއެވެ.

މީގެ އިތުރުން އެކްސްއަށް "ރެޒިޑިއުއަލް ގުޑްވިލް" ދައުވާ ކުރެވިދާނެ ޖާގަވެސް އެބައޮތްކަމަށް ތަޖުރިބާކާރުން ފާހަގަ ކުރެއެވެ. އެއީ ދޫނި ލޯގޯ އާއި "ޓްވިޓަރ" ނަން ބޭނުން ކުރުން ހުއްޓާލި ނަމަވެސް ގިނަ ޔޫޒަރުން އަދިވެސް އެކްސް ޕްލެޓްފޯމަށް "ޓްވިޓަރ" ގެ ނަމުން މުހާތަބުކުރާތީއާއި، ޕްލެޓްފޯމްގައި ޖަހާ ޕޯސްޓްތަކަށް "ޓްވީޓް" ކިޔާތީއާއި، އަދިވެސް ގިނަ ޔޫޒަރުން އެކްސް އެޕް ހުޅުވުމަށް ޓްވިޓަރ.ކޮމް ޔޫއާރްއެލް ބޭނުންކުރާތީ އެވެ. މިގޮތުން އަދިވެސް ޕްލެޓްފޯމް ބޭނުންކުރާ މީހުން އެކްސް އެޕް ދެނެގަތުމަށްޓަކައި "ޓްވިޓަރ" އާއި "ޓްވީޓް" ބޭނުންކުރާތީ އެކްސްއާއި ޓްވިޓަރ އާއި ދެމެދު މެދުނުކެނޑޭ ގުޅުމެއް އޮތްކަމަށް ޓްރޭޑްމާކް ގާނޫނުން ކަނޑައެޅިދާނެއެވެ. މިކަމުގެ ސަބަބުން އޮޕަރޭޝަން ބްލޫބަރޑް އިން ކުރާ އެތަކެތި "ދޫކޮށްލުމުގެ" ހުއްޖަތް ބަލިކަށިކޮށްލައެވެ.

އޮޕަރޭޝަން ބްލޫބާޑްގެ މިޕެޓިޝަނަށް އެމެރިކާގެ ޓްރޭޑްމާކް އިދާރާއިން ނިންމާ ނިންމުން ވެގެން ދާނީ މުހިއްމު ނިންމުމަކަށެވެ. މިއީ ޓްރޭޑްމާކް ރިޓަޔަރ ކުރުމަށް ފަހު ގާނޫނުން ބްރޭންޑެއް ހިމާޔަތް ކުރާ މިންވަރު ދެނެގަނެވޭނެ ޕެޓިޝަނެކެވެ. މިނިންމުމަކީ ކުރިއަށް އޮތްތަނުގައި ލެގަސީ ބްރޭންޑް ނަންތަކާއި ގުޅޭ މައްސަލަތައް ބައްޓަން ކުރާނޭ މުހިއްމު ނިންމުމަކަށް ވާނެއެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.