Download Logo
Copy Logo

ކަވަސާކީ

އަޑިގުޑަން ތަންތަނަށް ޚާއްޞަ ވެހިކަލެއް ކަވަސާކީން ނެރެނީ

އަޙްމަދު ދާއޫދު 17 ޑިސެމްބަރު 2025


އަޑިގުޑަން ސަރަޙައްދުތަކަށް ޚާއްޞަކޮށްގެން، ކަވާސާކީ ހެވީ އިންޑަސްޓްރީޒް އިން ޒަމާނީ އޮފް-ރޯޑް ވެހިކަލެއް ކަމަށްވާ "ކޯލިއޯ" (CORLEO) ވިޔަފާރީގެ އުސޫލުން ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވާކަން އިއުލާންކޮށްފި އެވެ. މިއީ 2025 ވަނަ އަހަރު އޮސާކާގައި ބޭއްވި ވޯލްޑް އެކްސްޕޯގައި ދައްކާލި، އަމިއްލަ މީހުންނަށް ދަތުރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ތަފާތު ވެހިކަލެކެވެ.

ކަވާސާކީގެ ރައީސްގެ ސީދާ ބެލުމުގެ ދަށުން އުފައްދާފައިވާ ޚާއްސަ ޓީމަކުން ކުރިއަށްގެންދާ މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ، 2030 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ ރިޔާޟްގައި ބާއްވާ އެކްސްޕޯގައި ސައިޓްތަކުގެ ތެރޭގައި ދަތުރުކުރުމަށް މި ވެހިކަލް ބޭނުންކުރުމެވެ. މީގެ އިތުރުން، 2035 ވަނަ އަހަރާ ހަމައަށް މި ވެހިކަލް އާންމު ވިޔަފާރީގެ ބާޒާރަށް ނެރުމަށްވެސް ކުންފުނިން ވަނީ ރާވާފައެވެ.

"ކޯލިއޯ" ނަމުގައި މި އުޅަނދު ފަރުމާކޮށްފައިވަނީ ހަތަރު ފައި ލީ ވެހިކަލެއްގެ ގޮތުގައެވެ. ކަވާސާކީގެ ރޮބޮޓިކްސް އަދި މޮޓޯސައިކަލް އުފެއްދުމުގެ ޓެކްނޮލޮޖީ އެއްކޮށްލައިގެން އުފައްދާ މި ވެހިކަލަކީ، އާދައިގެ ވެހިކަލްތަކަށް ނުދެވޭ ފަދަ އޮފް-ރޯޑް ނުވަތަ ޖަންގަލިތަކާއި ފަރުބަދަމަތީ ސަރަހައްދުތަކުގައި ފަސޭހަކަމާއެކު ދުއްވުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ.

މި ވެހިކަލްގައި ބޭނުންކޮށްފައިވާ ޚާއްސަ ސްވިންގް-އާމް މެކޭނިޒަމްގެ ސަބަބުން، އޭގެ ފަހަތު ފައިތައް ވަކިވަކިން މައްޗަށާއި ތިރިއަށް ހަރަކާތްކުރެވޭނެއެވެ. މިއީ ބިންގަނޑު އަޑިގުޑަން ސަރަހައްދުތަކުގައި ދުއްވާއިރު ލޮޅުންތައް ކުޑަކޮށް، ދުއްވާ މީހާއަށް ކުރިމަތި ފެންނަގޮތަށް ހަށިގަނޑު ހަމަހިފެހެއްޓުމަށް އެހީތެރިވެދޭނެ ނިޒާމެކެވެ.

އަސް ދުއްވާ ފަދައިން ހަށިގަނޑުގެ ބަރުދަން ބަދަލުކޮށްގެން ކޮންޓްރޯލް ކުރެވޭ މި ވެހިކަލްގައި، ފަރުބަދަތަކާއި ފެން ހުންނަ ތަންތަނުގައި ދަތުރުކުރުމަށް އެހީތެރިވެދޭނެ ފަންކްޝަންތައް ހިމެނެއެވެ. ތިމާވެއްޓާ ރައްޓެހި އުފެއްދުމެއްގެ ގޮތުން މި ވެހިކަލަށް ބާރު ފޯރުކޮށްދެނީ ހައިޑްރޮޖަން ބޭނުންކޮށްގެން ކަރަންޓު އުފައްދާ އިންޖީނަކުންނެވެ.

މި މަސައްކަތަކީ ފަރުބަދަތަކުގައި ހިނގާ އެކްސިޑެންޓްތައް މަދުކޮށް، އެފަދަ ތަންތަނަކީ ރައްކާތެރި މާހައުލަކަށް ހެދުމަށް ކަވާސާކީން ގެންގުޅޭ "ސޭފް އެޑްވެންޗަރ" ކޮންސެޕްޓްގެ ބައެކެވެ. މިގޮތުން މޫސުމާއި، ފިނިހޫނުމިނާއި، މަގުމަތީގެ ހާލަތު ދެނެގަނެ، ސްމާޓްފޯން މެދުވެރިކޮށް ރައްކާތެރި މަގުތައް ދައްކުވައިދޭ ނެވިގޭޝަން ސިސްޓަމެއް ތަރައްޤީކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން، 2027 ވަނަ އަހަރުގެ ނިޔަލަށް މި ވެހިކަލް ދުއްވުމުގެ ތަޖުރިބާ ލިބޭނެ ޚާއްސަ ސިމިއުލޭޓަރެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކަވާސާކީން ދަނީ ކުރަމުންނެވެ. މި ސިމިއުލޭޓަރުގެ ޒަރިއްޔާއިން ލިބޭ ޑޭޓާތައް ގޭމިންގ އަދި އީ-ސްޕޯޓްސް ދާއިރާގައި ބޭނުންކުރުމަށްވެސް ވަނީ ރާވާފައެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.