Download Logo
Copy Logo

ޗެޓްޖީޕީޓީ ހެލްތު: ސިއްހީ މައުލޫމާތު ފޯރުކޮށްދޭ ޑިޖިޓަލް ކޮންސަލްޓަންޓް

ހިންދު ޢަލީ 15 ޖެނުއަރީ 2026

އޯޕަންއޭއައި އިން ޗެޓްޖީޕީޓީ ހެލްތު ތައާރަފްކޮށްފިއެވެ. މިއީ ޗެޓްޖީޕީޓީ އިންޓެލިޖެންސް ބޭނުންކޮށްގެން، ސިއްހީ މައުލޫމާތަށް ހާއްސަކޮށްގެން ޗެޓްޖީޕީޓީގެ ތެރޭގައި ތަރައްގީކޮށްފައިވާ ހާއްސަ ބައެކެވެ.

މިއީ ސިއްހީ ކަންކަމާއި ބެހޭގޮތުން ސުވާލުކޮށް ޖަވާބު ހޯދުމަށް ބޭނުންކުރެވޭނެ ފީޗަރއެކެވެ. ޗެޓްޖީޕީޓީ ހެލްތު އުފައްދާފައިވަނީ، އަހަރުމެންގެ އަމިއްލަ ސިއްހީ މައުލޫމަތު ޗެޓްޖީޕީއަށް ކަނެކްޓްކޮށް އަހަރުމެންނަށް ޕާސަނަލައިޒް ވާގޮތަށް މައުލޫމާތު ހޯދޭނެ ގޮތަށެވެ. ޗެޓްޖީޕީޓީ ހެލްތުގައި މެޑިކަލް ރިކޯޑްތަކާއި، އެކި ފިޓްނެސް އެޕްތަކުގައި ރައްކާކޮށްފައިވާ ސިއްހީ މައުލޫމާތު ކަނެކްޓް ކުރެވޭނެއެވެ.

މިއެޕްލިކޭޝަންގެ އަމާޒަކީ އަހަރުމެންގެ އަމިއްލަ ސިއްހަތާ ގުޅުންހުރި މައުލޫމާތު ދެނެގަނެ، އެމައުލޫމާތުން ފެންނަ އެކިއެކި ޕެޓަރންތައް ފަހުމްވެ، ޑޮކްޓަރަށް ދެއްކުމުގެ ކުރިން މައުލޫމާތު އެއްކުރުން ކަމުގައި އޯޕަންއޭއައިއިން ބުނެއެވެ. މިއީ އެއްގޮތަކަށް ވެސް މެޑިކަލް ޕްރޮފެޝަނަލުންގެ ބަދަލުގައި ބަލިތައް ޑައިގްނޯސްކޮށް ނުވަތަ ފަރުވާ ފޯރުކޮށްދޭ އެއްޗެއް ނޫންކަމަށް ވެސް އެކުންފުނިން ފާހަގަކުރެއެވެ.

އޯޕަންއޭއައިއިން ހާމަކޮށްފައިވާ ގޮތުގައި ކޮންމެ ހަފްތާއަކު 230 މިލިއަނަށް ވުރެ ގިނަ މީހުން ޗެޓްޖީޕީޓީގައި ސިއްހަތާއި، ދުޅަހެޔޮކަމާއި ގުޅޭ ސުވާލުތައް ކުރެއެވެ. މިއީ ޗެޓްޖީޕީޓީއާއި ހަފްތާއަކު ކުރާ ސުވާލުގެ ޖުމްލަ އަދަދުގެ %5 އެވެ. މީގެ ކުރިން ސިއްހަތާއި ގުޅޭ މިހުރިހާ ސުވާލެއް ވެސް ހިމެނެނީ އަހަރުމެން ޗެޓްޖީޕީޓީއާއި ކުރާ އެހެން ސުވާލުތަކާއި އެކުގައެވެ. އޯޕަން އޭއައިއިން ބުނާ ގޮތުގައި ސިއްހަތާއި ގުޅޭ ސުވާލުތައް އެހެން ސުވާލުތަކާއި ވަކި ކުރުމުގެ ބޭނުމަކީ ސިއްހީ ސުވާލުތަކާއި މައުލޫމާތުގެ ރައްކާތެރިކަމަށް އިތުރު އަހައްމިއްޔަތުކަމެއް ދިނުމެވެ. ހެލްތު ޖީޕީޓީގެ ޕްރައިވަސީ ކޮންޓްރޯލް، އެޕްލިކޭޝަން ބޭނުންކުރާ މީހުންނަށް ދިނުމަށްޓަކައެވެ.

މިފީޗަރއާއި އެކު، ޗެޓްޖީޕީޓީގެ އާންމުބައިގައި ވެސް ސިއްހަތާ ގުޅުން ހުރި ވާހަކައެއް ދައްކަން ފަށައިފިނަމަ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޗެޓްޖީޕީޓީ ޕްލެޓްފޯމުން ހެލްތު ފީޗަރ ބޭނުންކުރުމަށް ލަފާދޭނެއެވެ.


ޗެޓްޖީޕީޓީ ހެލްތުގައި ހިމެނެނީ ކޯއްޗެއް؟

ޗެޓްޖީޕީޓީ ހެލްތަކީ ޗެޓްޖީޕީޓީގެ ތެރޭގައި ސިއްހަތާއި ގުޅޭ މައުލޫމާތައް ހާއްސަ ކުރެވޭ ހެލްތު ވޯކްސްޕޭސްއެކެވެ. މިއީ ހަމައެކަނި އަހަރުމެންގެ ސިއްހަތާއި ދުޅަހެޔޮކަމުގެ މައުލޫތަކަށް ފޯކަސްކުރާ އެއްޗެކެވެ.

މިބައި ހިމެނޭނީ އަހަރުމެން އާންމުކޮށް ޗެޓްޖީޕީޓީއާއި އެކު ކުރިއަށް ގެންދާ ޗެޓްތަކާއި ވަކިންނެވެ.

ބަލީގެ އަލާމާތްތަކާއި، މެޑިކަލް ރިޕޯޓްގައި ހިމެނޭ އެކިއެކި މައުލޫމާތާއި، މީހާގެ ލައިފްސްޓައިލާއި އަދި ޑޮކްޓަރަށް ދެއްކުމުގެ ކުރިން ތައްޔާރުވުމަށް އެކި މައުލޫމާތު ހޯދުމަށް ޗެޓްޖީޕީޓީ ހެލްތުގައި ސުވާލުކުރެވޭނެއެވެ.

އަހަރުމެން ބޭނުން ވެއްޖެ ނަމަ، އަހަރުމެންގެ މެޑިކަލް ރެކޯޑްގެ ޑޭޓާ، ނުވަތަ މިހާރު ބޭނުންކުރާ ވެލްނެސް، ހެލްތު އަދި ފިޓްނެސް އެޕްތަކުގައި ހިމެނޭ ޑޭޓާ ޖެޓްޖީޕީޓީ ހެލްތާއި ވަކިން ކަނެކްޓްކުރުމަށް އިޚްތިޔާރު ކުރެވިދާނެއެވެ. މިޑޭޓާތައް ބޭނުންކޮށްގެން ޗެޓްޖީޕީޓީ ހެލްތުން އަހަރުމެން ކުރާ ސުވާލުތަކުގެ ޖަވާބު، އަހަރުމެންނަށް ހާއްސަކޮށް، އަހަރުމެންގެ ސިއްހަތާއި ބޮޑަށް ގުޅުންހުރި ގޮތަކަށް ޕަރސަނަލައިޒް ކުރާނެއެވެ.


ޗެޓްޖޕީޓީ އުފައްދާފައިވަނީ ސިއްހީ ތަޖުރިބާކާރުންގެ އެހީއާއި އެކު

އޯޕަންއޭއައިއިން ހާމަކޮށްފައިވާ ގޮތުގައި ޗެޓްޖީޕީޓީ ހެލްތު ފަރުމާކޮށް ޑިވެލޮޕްކޮށްފައިވަނީ މެޑިކަލް ތަޖުރިބާކާރުންގެ އެހީއާއިއެކުގައެވެ. ޗެޓްޖީޕީޓީ ހެލްތު އުފެއްދުމުގައި ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި، 60 ގައުމަކަށް ނިސްބަތްވާ، ސިއްހީ އެތަށް ސްޕެޝަލްޓީއަކުން 260 އަށް ވުރެ ޑޮކްޓަރުންނާއި އެކު އެކުންފުނިން ވަނީ މަސައްކަތްކޮށްފައެވެ.

މިތަޖުރިބާކާރުންގެ އެހީގައި، މީހުން ކުރާ ސިއްހީ ސުވާލުތަކަށް ޗެޓްޖީޕީޓީއިން ދޭ ޖަވާބުތަކަކީ ރަނގަޅު ނުވަތަ ނުރަނގަޅު ޖަވާބުތަކެއްތޯ ވަނީ ކްލެސިފައިކޮށްފައެވެ. ޗެޓްޖީޕީޓީ ހެލްތު ފީޗަރ ތަމްރީނުކޮށްފައިވަނީ 30 އަށް ވުރެ ގިނަ ސިއްހަތާއި ގުޅޭ ޓޮޕިކްތަކަށް، ޗެޓްޖީޕީޓީއިން ދިން 600،000 އަށް ވުރެ ގިނަ ޖަވާބު ކްލެސިފައިކޮށްގެންނެވެ.

ޗެޓްޖީޕީޓީ ހެލްތުން މީހުންގެ ސުވާލުތަކަށް ޖަވާބު ދިނުމުގައި ބަލާނީ ވީހާވެސް ތިލަކޮށް، މީހުންނަށް ފަހުމްވާނޭހެން، ރައްކާތެރިކަމާއި، ބޭނުންތެރިކަމަށް ފޯކަސްކޮށް ޖަވާބު ދިނުމަށެވެ. އަދި ދޭޖަވާބުތަކުގައި ބޮޑަށް ބާރުއަޅާނީ އަހަރުމެންނަށް ޑޮކްޓަރަށް ނުގޮސް ކުރާނޭ ކަންތައްތަކެއް ކިޔާދިނުމުގެ ބަދަލުގައި ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ބާރުއެޅުމާއި، އެކަމަށް ތައްޔާރުވުމަށް ބޭނުންވާނެ މައުލޫމާތު މީހާއަށް ދިނުމަށެވެ.


ޗެޓްޖީޕީޓީ ހެލްތު ބޭނުންކުރަން ހަދަންޖެހެނީ ކިހިނެއް؟

ޗެޓްޖީޕީޓީ ހެލްތު ރޯލްއައުޓު ކުރުމަށް ހަމަޖެހިފައިވަނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ. ހުރިހާ ފަރާތްތަކަށް ބޭނުންކުރަން ޗެޓްޖީޕީޓީ ހެލްތު ފީޗަރ އަދި ހުޅުވައެއް ނުލައެވެ.

ޗެޓްޖީޕީޓީ ހެލްތު ބޭނުންކުރަން ބޭނުންވާ ފަރާތްތަކުން މިހާރު ވެއިޓްލިސްޓުގައި ޖެހެންވީއެވެ. ވެއިޓްލިސްޓުގައި ޖެހޭނެ ލިންކެއް އޮފިޝަލް ޗެޓްޖީޕީޓީ ޕޭޖުގައި ހިމެނިފައިވެއެވެ.

ޗެޓްޖީޕީޓީ ފްރީ، ގޯ، ޕްލަސް، އަދި ޕްރޯ ޕްލޭންތައް ބޭނުންކުރާ ފަރާތްތަކަށް އެކްސެސް ހޯދުމަށް ވެއިޓްލިސްޓުގައި ޖެހެވޭނެއެވެ. މިހާރު ބޭނުންކުރާ ޕްލޭންގެ އަގުގެ އިތުރުން ހެލްތު ފީޗަރ ބޭނުންކުރުމަކަށް އިތުރު ސަބްސްކްރިޕްޝަން ފީއެއް ނުނަގާނެއެވެ. އެހެން ނަމަވެސް މި ފީޗަރއަށް އެކްސެސް ލިބުން ބިނާވަނީ ވަކި ވަކި ސަރަހައްދުތަކަށް ރޯލްއައުޓް ކުރާ ޝެޑިއުލްއަށެވެ.

ހެލްތު ފީޗަރއަށް އެކްސެސް ލިބުމުން، ޗެޓްޖީޕީޓީގެ ވައަތް ފަރާތުން ފެންނަ މެނޫއިން ހެލްތަށް ހާއްސަކުރެވޭ ވަކި ބައެއް ފެންނާނެއެވެ. އަދި އެބައިގައި ހިމެނޭ އިތުރު އޮޕްޝަންތަކުން ހެލްތު ރިކޯޑްތަކަށް ކަނެކްޓް ކުރުމަށް ފުރުސަތު ލިބޭނެއެވެ. ދެން އެއަށް ފަހު އެމީހެއްގެ ރިކޯޑުތަކަށް ކަސްޓަމައިޒްޑް ޗެޓް ވަކިން ކުރެވޭނެއެވެ. މިހާތަނަށް، އެޕަލް ހެލްތު، މައިފިޓްނެސް ޕޭލް، ވެއިޓް ވޮޗަރސް، އޯލް ޓްރެއިލް، އިންސްޓަކާޓް އަދި ޕެލޮޓޯން ފަދަ ސިއްހަތާއި ވެލްނެސްއާއި ގުޅޭ މައުލޫމާތު ރައްކާކުރާ ޓޫލްތައް ވަނީ ޗެޓްޖީޕީޓީ ހެލްތާއި އިންޓަގްރޭޓްކޮށްފައެވެ.


ޗެޓްޖީޕީޓީ ހެލްތުގައި އަހަރުމެންގެ ރިކޯޑްތައް ރައްކާތެރިވާނެތަ؟

އޯޕަންއޭއައި އިން ހާމަކުރާގޮތުގައި އަހަރުމެންގެ ސިއްހަތާއި ގުޅޭ ރެކޯޑްތަކުގެ ޕްރައިވަސީއާއި ރައްކާތެރިކަމަކީ އެކުންފުނިން މިފީޗަރ ޑިވެލޮޕްކުރުމުގައި އެންމެ އިސްކަން ދިން ކަންތަކެވެ. ޗެޓްޖީޕީޓީއާއި އެކު ކުރެވޭ އެހެން ޗެޓްތަކާއި މިބައި ވަކިކުރީ ވެސް އެހެންވެއެވެ. އަދި މިބައިގައި ހިމެނޭ އެއްވެސް މައުލޫމާތެއް ޗެޓްޖީޕީޓީގެ މޮޑެލްތައް ތަމްރީނުކުރާކަށް ބޭނުމެއް ނުކުރާނެއެވެ.

އަހަރުމެންގެ ސިއްހަތާއި ގުޅޭ ރެކޯޑްތައް ޗެޓްޖީޕީޓީއާއި ހިއްސާކުރާނޭ މިންވަރެއް ކަނޑައަޅާނީ އަހަރުމެންނެވެ. އަދި އެމައުލޫމާތު ޗެޓްޖީޕީޓީއާއި ކަނެކްޓްކޮށް ޑިސްކަނެކްޓްކުރުމުގެ ބާރު އޮންނާނީ އަހަރުމެންގެ އަތުގައެވެ. މިފީޗަރގައި ހިމެނޭ ޗެޓްތައް ރައްކާތެރިކުރުމަށްޓަކައި އިތުރު ސެކިއުރިޓީ ކޮންޓްރޯލްތަކެއްވެސް ލެވިފައިވާނެކަމަށް އޯޕަންއޭއައިއިން ކަށަވަރުކޮށްދެއެވެ.


ސަމާލުކަން ދިނުން މުހިއްމު ކަންތައްތައް

މިފަދަ އައު އެޕްލިކޭޝަންތައް އުފެދިގެން އަންނަ ކޮންމެ ފަހަރަކުވެސް މިކުންފުނިތަކުން ވަރަށް އަހަރުމެންގެ އުންމީދުތައް އިތުރުކުރުވައެވެ. އެހެންނަމަވެސް އަހަރުމެންގެ އުންމީދުތައް ހަގީގަތަށް ތިރިކުރުމަކީ ވެސް ވަރަށް މުހިއްމުކަމެކެވެ. ހަގީގަތަކީ ޗެޓްޖީޕީޓަކީ %100 ރައްކާތެރި އެއްޗެއް ނޫނެވެ. ޗެޓްޖީޕީޓީއަކީ މީގެ ކުރިންވެސް ހެލޫސިނޭޝަން ފަދަ މައްސަލަތައް ފެނިފައިވާ، އަބަދުވެސް އިމްޕްރޫވްމަންޓް ބޭނުންވާ ޓޫލެކެވެ. ރަނގަޅު ޖަވާބު ދިން ނަމަވެސް ޖަވާބުގެ ކޮލިޓީވެސް މުހިއްމެވެ. ޖަވާބު އެންމެ ރަނގަޅަށް ލިބޭނީ ސުވާލުވެސް ރަނގަޅަށް ކުރެވިގެންނެވެ. ސުވާލާ ޖަވާބާއި ދޭތެރޭގައި އެތަށް ތަފްސީލެއް މަދުވެ، އެންމެ އެކަށީގެންވާ އައުޓްޕުޓް ނުފެނުމަކީ ގާތްކަމެކެވެ. އެހެން ކަމުން %100 އަށް މިއަށް ބަރޯސާ ވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

އިންޓަނެޓްގައި މީހުން ސިއްހީ މައުލޫމާތު ހޯދާ ވެބްއެމްޑީ ފަދަ ސައިޓްތަކަކީ ސްޓެޓިކް ސައިޓްތަކަކަށް ވުމުން މައުލޫމާތު އައުޓުޑޭޓްވުމުގެ މައްސަލަ ދިމާވެއެވެ. މިއާއި އަޅާބަލާފައި ޗެޓްޖީޕީޓީ ހެލްތުގައި ތަފާތުކަމަކީ، މީހާއަށް ކަސްޓަމައިޒްޑް ސުވާލުކުރުމާއި، ފޮލޯއަޕް ސުވާލު ކުރުމުގެ އިހްތިޔާރު ލިބުމެވެ.

ޗެޓްޖީޕީޓީ ހެލްތު ބޭނުންކުރުމުގައި އެންމެ ބުއްދިވެރި ގޮތަކީ ސިއްހީ މައުލޫމާތު ފޯރުކޮށްދޭ ކޮންސަލްޓަންޓެއްގެ ގޮތުގައި ބޭނުންކުރުމެވެ. އަދި މިކޮންސަލްޓަންޓަށް ގޯސް ހެދިދާނެކަމަށް ވިސްނައިގެން ލަފާ ހޯދުމެވެ. އަދި އެންމެ މުހިއްމުކަން ދޭންވީ ކަމަކީ ސިއްހީ ގޮތުން އަހަރުމެން ކަންބޮޑުވުންތަކާއި މެދު ވާހަކަ ދައްކާ، ލަފާ ހޯދުމުގައި އެންމެ އަސާސީ މަސްދަރަކީ ކަމާގުޅޭ ޑޮކްޓަރުންކަން ހަނދާން ބެހެއްޓުމެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.