ފޮޓޯ: ވިންޑްވާޑް
އީރާނާއި އިސްރާއީލާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، މެދުއިރުމަތީގެ ގަލްފު ސަރަޙައްދުގެ ޖީޕީއެސް (ގްލޯބަލް ޕޮޒިޝަނިންގ ސިސްޓަމް) ސިގްނަލްތަކަށް ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މީގެ ސަބަބުން ކަނޑާއި، އެއްގަމާއި އަދި ވައިގެ ދަތުރުފަތުރުތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ.
މި ހަނގުރާމައިގެ ތެރެއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި އިސްރާއީލުގެ އެހެން ވެރިން އަންގައިގެން އީރާނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކުގައި، އަސްކަރީ ބޭނުންތަކަށް ޖީޕީއެސް ސިގްނަލްތައް ޖޭމްކުރުމާއި އޮޅުވާލުމުގެ (ސްޕޫފިންގ) އުކުޅުތައް ދަނީ ބޭނުންކުރަމުންނެވެ.
ގަލްފް ސަރަހައްދުގެ ކަނޑުދަތުރުފަތުރަށް ބުރޫއަރާ މިންވަރަށް ޖީ.ޕީ.އެސް (GPS) އަދި އޭ.އައި.އެސް (AIS) ސިގްނަލްތަކަށް ހުރަސްއެޅޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ވިންޑްވާޑް އިން ރިޕޯޓްކޮށްފައިވެއެވެ. އެ ކުންފުނިން ބުނި ގޮތުގައި، މާރިޗު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ސައުދީ އަރަބިއްޔާ، ކުވެއިތު، ޔޫ.އޭ.އީ، ގަތަރު، އޮމާން އަދި އީރާނުގެ އެކި ސަރަހައްދުތަކުން، އެއްގަމާއި ކަނޑުމަތިން މަދުވެގެން 30 ޖޭމިން ކްލަސްޓަރ އެއް ވަނީ ފާހަގަކުރެވިފައެވެ. ވިންޑްވާޑަކީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ދުނިޔޭގެ ކަނޑުދަތުރުފަތުރުގެ ހަރަކާތްތައް މޮނިޓަރކޮށް، ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކުމާއި، ސިގްނަލް އޮޅުވާލުމާއި، އަދި ސިގްނަލަށް ހުރަސްއެޅުން ފަދަ ނުރައްކާތައް ދެނެގަންނަ މެރިޓައިމް އިންޓެލިޖެންސް އެންޑް އެނަލިޓިކްސް ކުންފުންޏެކެވެ. އެ ކުންފުނިން ފާހަގަކުރި ގޮތުގައި، "އޮޕަރޭޝަން އެޕިކް ފިއުރީ" ފެށުމުގެ ކުރިންވެސް އެ ސަރަހައްދުގައި އުޅަނދުފަހަރުގެ އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމްތަކަށް (AIS) އިލެކްޓްރޯނިކް ހުރަސްތައް ކުރިމަތިވުމަކީ އާންމު ކަމެކެވެ. ނަމަވެސް، ފެބްރުއަރީ 28 ގައި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކަށްފަހު މިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން 24 ގަޑިއިރުގެ ތެރޭގައި ގާތްގަނޑަކަށް 1,100 އުޅަނދަކަށް އޭ.އައި.އެސްގެ މައްސަލަތައް ކުރިމަތިވިއެވެ. ވިންޑްވާޑްގެ ދިރާސާތަކުން ދައްކާގޮތުގައި، އޭގެ ފަހުން މި މައްސަލަ ކުރިމަތިވި އުޅަނދުފަހަރުގެ އަދަދު މިހާރު ވަނީ 1,650 އަށްވުރެ މައްޗަށް ގޮސްފައެވެ. މިއީ އެ ސަރަހައްދުގެ ކަނޑުދަތުރުފަތުރު ކުރުމާއި އުޅަނދުފަހަރު ދެނެގަންނަ ނިޒާމުތަކަށް ކުރިމަތިވަމުންދާ އިލެކްޓްރޯނިކް ހުރަސްތަކުގެ ނުރައްކާ ބޮޑުވަމުންދާކަން ހާމަކޮށްދޭ ކަމެކެވެ.
މި މައްސަލައިގެ އަސަރު އެންމެ ބޮޑަށް ފެންނަމުންދަނީ އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ) ފަދަ ގަލްފުގެ ޤައުމުތަކުގައެވެ. ދުބާއީ ފަދަ ބޮޑެތި ސިޓީތަކުގައި އާންމުން ބޭނުންކުރާ ގޫގުލް މެޕްސް އަދި ވޭޒް ފަދަ އެޕްލިކޭޝަންތަކުން ދައްކާ މަޢުލޫމާތު ދިމާނުވުމާއި، ހުރި ތަން ރަނގަޅަށް ދެނެނުގަނެވޭ މައްސަލަ މިހާރު ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. މީގެ ސަބަބުން ކާބޯތަކެތި ޑެލިވަރީކޮށްދޭ ފަރާތްތަކަށާއި، އޫބަރ އަދި ކަރީމް ފަދަ ޓެކްސީ ޚިދުމަތްދޭ ފަރާތްތަކަށް މަސައްކަތް ކުރުމުގައި ދަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންނެވެ.
މި ދާއިރާގެ މާހިރުން ފާހަގަކުރާ ގޮތުގައި، މި މައްސަލައާ ގުޅިގެން އެމެރިކާގެ ޖީޕީއެސް ނިޒާމަށް ބަރޯސާވުން ކުޑަކޮށް، އެހެން ގޮތްތައް ހޯދުމަށް ގިނަ ޤައުމުތަކަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އީރާނުން މިހާރު ބޭނުންކުރަމުންދަނީ ޗައިނާގެ "ބެއިޑޫ" (BeiDou) ނިޒާމެވެ. އަސްކަރީ މާހިރުން ބުނާގޮތުގައި މިއީ ޖޭމްކުރަން އުނދަގޫ ނިޒާމެކެވެ.
މީގެ އިތުރުން، ޖީޕީއެސްއާ ނުލައި ދަތުރުފަތުރު ކުރެވޭނެ އާ އީޖާދުތަކަށް ކުރާ އިންވެސްޓްމަންޓްތައް ވެސް ވަނީ އިތުރުވެފައެވެ. އޭގެ ތެރޭގައި ދުނިޔޭގެ މެގްނެޓިކް ފީލްޑް ނުވަތަ ދަމާބާރު ބޭނުންކޮށްގެން ދަތުރުކުރެވޭނެ ގޮތް ފަހިކޮށްދޭ "AQNav" ފަދަ ނިޒާމުތައް ހިމެނެއެވެ.
މި ޙާލަތަކީ ޒަމާނީ ހަނގުރާމަތަކުގެ ސަބަބުން ދުނިޔޭގެ ވިޔަފާރިއާއި، މުދާ އުފުލުމުގެ ނިޒާމަށް ކުރާ ނޭދެވޭ އަސަރުތައް ހާމަކޮށްދޭ ކަމެއް ކަމަށް މާހިރުން ބުނެއެވެ. ޚާއްޞަކޮށް ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ތިންބައިކުޅަ އެއްބައި ހިނގާ ގަލްފު ސަރަޙައްދުގައި މިފަދަ ބޮޑެތި މައްސަލަތައް ދިމާވުމަކީ، މުޅި ދުނިޔޭގެ އިޤްތިޞާދަށް ވެސް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.