ފޮޓޯ: އޭއައި
ޓެސްލާގެ "ފުލް ސެލްފް-ޑްރައިވިންގ" (އެފް.އެސް.ޑީ) ސިސްޓަމްގައި ފާހަގަކުރެވިފައިވާ ނުރައްކާތެރި މައްސަލަތަކަކާ ގުޅިގެން އެ ކުންފުނީގެ ކާރުތައް ދުއްވުން މަނާކޮށްފާނެކަމުގެ (ނުވަތަ ބޮޑު ރީކޯލްއަކަށް ދާންޖެހިދާނެކަމުގެ) ބިރު ބޮޑުވެއްޖެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ނުވަތަ އެހެނިހެން ސަބަބުތަކާހުރެ މަގުމަތި ސާފުކޮށް ނުފެންނަ ވަގުތުތަކުގައި މި ސިސްޓަމް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާ މައްސަލައިގައި، އެމެރިކާގެ ނޭޝަނަލް ހައިވޭ ޓްރެފިކް ސޭފްޓީ އެޑްމިނިސްޓްރޭޝަން (އެން.އެޗް.ޓީ.އެސް.އޭ) އިން މިހާރު ދަނީ މިކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންނެވެ.
މި މައްސަލައާއި ގުޅޭގޮތުން ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ތަހްޤީޤުގެ ކަންކަން ކުރިއަށްދާގޮތަކުން ގިނަ އަދަދެއްގެ ޓެސްލާ ކާރުތައް ރީކޯލްކުރަން (އަނބުރާ ގެންދަން) ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
ޓެސްލާގެ އެފް.އެސް.ޑީ ސިސްޓަމްގައި ހިމެނޭ "ޑީގްރެޑޭޝަން ޑިޓެކްޝަން" ސިސްޓަމަކީ، ކާރުގެ ކެމެރާތަކަށް މަގުމަތި ސާފުކޮށް ނުފެންނަ ހާލަތްތަކުގައި (މިސާލަކަށް މޫސުން ގޯސްވުމުން)، ކާރު ދުއްވުމާ ހަވާލުވުމަށް ޑްރައިވަރަށް އިންޒާރުދޭން ހަދާފައިވާ ނިޒާމެކެވެ. ނަމަވެސް، ގިނަ އެކްސިޑެންޓުތަކަކަށްފަހު، މި ނިޒާމު އެންމެ ފުރިހަމައަށް މަސައްކަތްކުރޭތޯ ބެލުމަށް އެން.އެޗް.ޓީ.އެސް.އޭގެ އޮފީސް އޮފް ޑިފެކްޓްސް އިންވެސްޓިގޭޝަން (އޯ.ޑީ.އައި) އިން މިހާރު ދަނީ އިންޖިނިއަރިންގ އެނަލިސިސްއެއް ހަދަމުންނެވެ. މިއީ ރީކޯލްކުރުމެއް އިއުލާނުކުރުމުގެ ކުރިން ކުރިއަށްގެންދާ ތަހުގީގުގެ ދެވަނަ އަދި އެންމެ ފަހު މަރުހަލާއެވެ.
މާރިޗު 18 ވަނަ ދުވަހު އެން.އެޗް.ޓީ.އެސް.އޭ އިން އާންމުކޮށްފައިވާ ލިޔުމެއްގައިވާ ގޮތުން، އަވިގަދަވުމާއި، ދުން ނުވަތަ ހިރަފުހުގެ ސަބަބުން މަގުމަތި ނުފެންނަ ހާލަތްތަކުގައި ޑްރައިވަރަށް އެކަށީގެންވާ ގޮތެއްގައި އިންޒާރު ދިނުމަށް މި ސިސްޓަމް ވަނީ ނުކުޅެދިފައެވެ. އޯ.ޑީ.އައި އިން ބަލާފައިވާ އެކްސިޑެންޓުތަކުގައި، ކެމެރާއަށް ނުފެންނަކަމުގެ އިންޒާރު ސިސްޓަމުން ދީފައިވަނީ އެކްސިޑެންޓުވުމުގެ ހަމަ ކުޑަހިނދުކޮޅެއް ކުރިންނެވެ.
2023 ވަނަ އަހަރު ހިނގި މަރުގެ އެކްސިޑެންޓަކާ ގުޅިގެން 2024 ވަނަ އަހަރު ޓެސްލާއިން ވަނީ މި ސިސްޓަމް ރަނގަޅުކުރުމަށް ސޮފްޓްވެއަރ އަޕްޑޭޓެއް ތައްޔާރުކުރަން ފަށާފައެވެ. ނަމަވެސް ބުދަ ދުވަހު ނެރުނު ރިޕޯޓުގައިވާ ގޮތުން މި އަޕްޑޭޓް ލިބިފައިވަނީ ކޮން ކާރުތަކަކަށް ކަމެއް އޯ.ޑީ.އައި އަކަށް ކަށަވަރެއް ނުވެއެވެ.
އޯ.ޑީ.އައި އިން ތަހުގީގުކުރަމުންދާ ބައެއް އެކްސިޑެންޓުތަކަކީ، އެ އަޕްޑޭޓް ލިބުނުނަމަ ހުއްޓުވިދާނެ އެކްސިޑެންޓުތަކެއް ކަމަށް ބެލެވެއެވެ.
މިހާރު ކުރިއަށްދާ ތަހުގީގަކީ 2024 ވަނަ އަހަރު ފެށި ތަހުގީގަކާ ގުޅިގެން ކުރިއަށްގެންދާ ތަހުގީގެކެވެ. މީގެ ކުރިންވެސް އެން.އެޗް.ޓީ.އެސް.އޭގެ ތަހުގީގެއް "އިންޖިނިއަރިންގ އެނަލިސިސް" އަކާ ހަމައަށް ގޮސްފައިވާއިރު، އޭގެ ނަތީޖާއަކަށްވީ އެމެރިކާގައި އެހާތަނަށް ވިއްކާފައިވާ ގާތްގަނޑަކަށް ހުރިހާ ޓެސްލާ ކާރެއް ދެ ފަހަރެއްގެ މަތިން ރީކޯލްކޮށް ސޮފްޓްވެއަރ އަޕްޑޭޓްކުރަން ޖެހުމެވެ.
ޓެސްލާގެ "ފުލް ސެލްފް-ޑްރައިވިންގ" (އެފް.އެސް.ޑީ) އަކީ އަމިއްލައަށް ކާރު ދުއްވުމަށް އެހީތެރިވެދޭ ޒަމާނީ ނިޒާމަކަށް ވީނަމަވެސް، މިއީ މީހަކާ ނުލައި އެއްކޮށް އަމިއްލައަށް ކާރު ދުއްވާ ނިޒާމެއް ނޫނެވެ. ނަމުގެ ގޮތުން ބައެއް މީހުންނަށް އޮޅުންތަކެއް އެރިނަމަވެސް، މި ފީޗާ ބޭނުންކުރާއިރުވެސް ކާރު ދުއްވާ މީހާ އަބަދުވެސް އިންނަންޖެހެނީ މަގުމައްޗަށް ސަމާލުވެ، ކޮންމެ ވަގުތަކުވެސް ކާރުގެ ކޮންޓްރޯލް ނެގޭ ގޮތަށް ހުޝިޔާރުވެގެންނެވެ.
ޓެސްލާގެ ސީއީއޯ އީލޮން މަސްކް މީގެ އެތައް އަހަރެއް ކުރިން ފެށިގެން އެއްކޮށް އަމިއްލައަށް ދުއްވާ ކާރުތަކެއް ބާޒާރަށް ނެރޭނެކަމަށް ވައުދުވަމުން އައި ނަމަވެސް، މިފަދަ ސަލާމަތީ މައްސަލަތަކާއި އެކްސިޑެންޓުތަކުގެ ސަބަބުން އެމެރިކާގެ ސަލާމަތީ ކަންކަން ބަލަހައްޓާ އިދާރާތަކުން ދަނީ ޓެސްލާއަށް ވަރަށް ބޮޑަށް ފާރަވެރިވެ، ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މީގެ ކުރިން ހިނގާފައިވާ އެކްސިޑެންޓުތަކާ ގުޅިގެންވެސް އެތައް މިލިއަން ކާރެއްގެ ސޮފްޓްވެއަރ އަޕްޑޭޓްކުރަން ޓެސްލާއަށް ވަނީ މަޖުބޫރުވެފައެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.