Download Logo
Copy Logo

އަވަސް ރައިޑްގެ ހިދުމަތް ހުއްޓާލައި، ޚިދުމަތް އަވަސް އެޕަށް ބަދަލުކުރަނީ

ސައިބަރޓެގް 19 އޭޕްރީލު 2026

ދިވެހިރާއްޖޭގެ ރައިޑް-ހޭލިންގ ކުންފުނި، "އަވަސް" އިން އެ ކުންފުނީގެ އަސްލު އެޕްލިކޭޝަން ކަމަށްވާ "އަވަސް ރައިޑް" ކުރިއަށް އޮތް 12 ގަޑިއިރުގެ ތެރޭގައި ދާއިމީކޮށް ހުއްޓާލާނެކަން އިއުލާންކޮށްފިއެވެ. މިއީ ދިވެހި ޓީމަކުން އަމިއްލައަށް ފަރުމާކޮށް ހިންގާ "އަވަސް އެޕް" އަށް އެ ކުންފުނިން ފުރިހަމައަށް ބަދަލުވުމުގެ ފެށުމެވެ.

މާދަމާއިން ފެށިގެން ގްރޭޓަރ މާލެ ސަރަހައްދުގައި ކުރާ ހުރިހާ ރައިޑް ބުކިންގްތަކެއް ކުރިއަށްދާނީ ހަމައެކަނި "އަވަސް އެޕް" މެދުވެރިކޮށެވެ. މިއީ އަވަސް ކުންފުނީގެ އަމިއްލަ މިލްކުވެރިކަމުގެ ދަށުގައިވާ އަދި އެ ކުންފުނިން ބަލަހައްޓާ ޓެކްނޮލޮޖީއެއްގެ މައްޗަށް ބިނާކޮށްފައިވާ އެޕްލިކޭޝަނެކެވެ.

އަވަސްގެ ހިދުމަތް 2019 ވަނަ އަހަރު ފެށީ "އަވަސް ރައިޑް" ބްރޭންޑްގެ ދަށުން، ބޭރުގެ ތާޑް-ޕާޓީ ޕްލެޓްފޯމެއް ބޭނުންކޮށްގެންނެވެ. މީގެ ސަބަބުން ހިދުމަތް ގާއިމުކޮށް، ކަސްޓަމަރުންނާއި ޑްރައިވަރުންގެ ބިންގަލެއް އެޅުމަށް މަގުފަހިވި ނަމަވެސް، އެޕްލިކޭޝަނަށް ގެންނަންޖެހޭ ބަދަލުތަކާއި، ޑްރައިވަރުންގެ ތަޖުރިބާ އަދި ސިސްޓަމްގެ އިތުބާރު ހިފޭ މިންވަރު ކޮންޓްރޯލް ކުރުމުގައި ދަތިތަކެއް ކުރިމަތިވިއެވެ. ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނިން ވަނީ ދިވެހި މާކެޓަށް ހާއްސަކޮށްގެން "އަވަސް އެޕް" ތައްޔާރުކޮށްފައެވެ.

އަވަސް އެޕް ތައާރަފްކުރި ފަހުން މިހާތަނަށް ގާތްގަނޑަކަށް 900,000 ދަތުރު ފުރިހަމަކޮށްފައިވާއިރު، އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަވެގެން 10,000 އެއްހާ ދަތުރު ވަނީ ރެކޯޑްކުރެވިފައެވެ. މާލެ އާއި ހުޅުމާލެ ހިމެނޭހެން 139,000 އަށްވުރެ ގިނަ ރަޖިސްޓްރީވެފައިވާ ޔޫޒަރުން މި އެޕްލިކޭޝަން ބޭނުންކުރާއިރު، މިއީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރާ އެއް މޮބައިލް އެޕްލިކޭޝަނެވެ.

އަދިވެސް އަވަސް އެޕް ޑައުންލޯޑް ނުކުރާ ފަރާތްތަކުން ވީހާވެސް އަވަހަކަށް އެޕް ޑައުންލޯޑް ކުރުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ. ސަބަބަކީ "އަވަސް ރައިޑް" އެޕްލިކޭޝަން ހުއްޓާލުމާއެކު އޭގައިވާ އެކައުންޓްތައް ބޭނުން ނުކުރެވޭނެތީއެވެ. އައިއޯއެސް އަދި އެންޑްރޮއިޑްގައިވެސް މި އެޕްލިކޭޝަން ލިބެން ހުންނާނެއެވެ. އަދި މޮބައިލް ނަންބަރު ބޭނުންކޮށްގެން 30 ސިކުންތު ތެރޭގައި އެކައުންޓެއް ހުޅުވޭނެއެވެ. ދަތުރުތަކުގެ އަގުތަކާއި، ހިދުމަތް ދޭ ސަރަހައްދުތަކާއި، ފައިސާ ދައްކާ ގޮތްތަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ކުރިން "އަވަސް ރައިޑް" ގައި މަސައްކަތް ކުރި ޑްރައިވަރުން މިހާރު ވަނީ "އަވަސް އެޕް" އަށް ބަދަލުކުރެވިފައެވެ. އެހެންކަމުން އެ ފަރާތްތަކުގެ މަސައްކަތަށް އެއްވެސް މެދުކެނޑުމެއް ނާންނާނެއެވެ. މި ބަދަލުތައް ގެންނަ މުއްދަތުގައި ކަސްޓަމަރ ސަޕޯޓް ހޮޓްލައިން (1630) މެދުވެރިކޮށް އަދި ކުންފުނީގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖްތައް މެދުވެރިކޮށް އެހީތެރިކަން ލިބޭނެއެވެ.

މި ބަދަލާއެކު، ކުރީގެ ޕްލެޓްފޯމްގައި ނުހިމެނޭ އާ ފީޗާތައް ތައާރަފްކުރުން އަވަސް ކުރުމަށް އެ ކުންފުނިން ވަނީ ރާވާފައެވެ. މީގެ ތެރޭގައި ޑްރައިވަރުންގެ ތަޖުރިބާ ރަނގަޅުކުރުމާއި، ފައިސާ ދެއްކުމުގެ އިތުރު ގޮތްތައް ތައާރަފްކުރުމާއި، މާލެ ސަރަހައްދުން ބޭރަށް ހިދުމަތް ފުޅާކުރުން ހިމެނެއެވެ. ކުރިއަށް އޮތް ހަފްތާތަކުގައި އިތުރު އަޕްޑޭޓްތަކާއި ޕާޓްނަރޝިޕްތައް އިއުލާން ކުރާނެ ކަމަށް ބެލެވެއެވެ.

ސައިބަރޓެގް

ސައިބަރޓެގް

ޓެކްނޮލޮޖީ ދާއިރާގެ މަސައްކަތްތެރިއެއް. ޓެކޮނޮލޮޖީއިން ގެނުވާ ބައިބައިވުން ކުޑަކުރުމަށް މަސައްކަތްކުރަން.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.