Download Logo
Copy Logo

ވަޓްސްއެޕުން ޔޫސަރނޭމް ތައާރަފުކޮށްފި: ޔޫސަރނޭމް ހޯދާނެގޮތް

ސައިބަރޓެގް 02 ޖުލައި 2026

ވޯޓްސްއެޕުން ފާއިތުވި އަހަރުތަކުގައި ގެނައި އެންމެ ބޮޑު އެއް ޕްރައިވެސީ އަޕްޑޭޓް ކަމަށްވާ "ޔޫސަރނޭމް" ތައާރަފުކުރަން ފަށައިފިއެވެ. މި އައު ފީޗާގެ ސަބަބުން، ޔޫސަރުންގެ އަމިއްލަ ފޯނު ނަންބަރު ހާމަނުކޮށް އެހެން މީހުންނާ ގުޅާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، ވޯޓްސްއެޕްގެ އެންޑް-ޓު-އެންޑް އެންކްރިޕްޝަންގެ ރައްކާތެރިކަން މި ފީޗާއާއެކުވެސް ދެމިއޮންނާނެއެވެ.

މި ފީޗާ ރަސްމީކޮށް އިއުލާނުކޮށްފައިވަނީ 29 ޖޫން 2026 ގައެވެ. އަދި މުޅި ދުނިޔެއަށް މި ފީޗާ ދޫކޮށްލުމުގެ މަސައްކަތް ވަޓްސްއެޕުން މިހާރު ވަނީ ފަށާފައެވެ. މި ފީޗާ ލިބިފައިވާ ޔޫސަރުންނަށް، ކުރިއަށް އޮތް މަސްތަކުގައި މި ހިދުމަތް ފުޅާދާއިރާއެއްގައި ފެށުމުގެ ކުރިން، އެމީހަކު ބޭނުންވާ ޔޫސަރނޭމެއް މިހާރު ރިޒާވް ކުރެވޭނެއެވެ.

ވަޓްސްއެޕުން ޔޫސަރނޭމް އިތުރުކުރަނީ ކީއްވެ؟

ވަޓްސްއެޕް އުފެދުނީއްސުރެ، މުއާމަލާތް ކުރުމަށްޓަކައި ފޯނު ނަންބަރު ހިއްސާކުރުން އޮންނަނީ މަޖުބޫރު ކަމަކަށް ވެފައެވެ. މީގެ ސަބަބުން ކޮންޓެކްޓްތައް ދެނެގަތުމަށް ފަސޭހަވި ނަމަވެސް، ކަސްޓަމަރުންނާއި، ވިޔަފާރިވެރިންނާއި، ހަރަކާތްތަކުގައި ބައިވެރިވާ މީހުންނާއި، ވޮލަންޓިއަރުން ނުވަތަ އަލަށް ބައްދަލުވާ މީހުންނަށްވެސް އަމިއްލަ ފޯނު ނަންބަރު ދޭންޖެހުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.

ޔޫސަރނޭމް ތައާރަފުވުމުން، ޓެލެގްރާމް، ސިގްނަލް އަދި އެކްސް (X) ފަދަ ޕްލެޓްފޯމްތަކެކޭ އެއްފަދައިން، ފޯނު ނަންބަރު ހާމަނުކޮށް ޗެޓްތައް ފެށުމުގެ ފުރުސަތު ލިބޭނެއެވެ. މި ބަދަލަކީ ޔޫސަރުންގެ އަމިއްލަ މައުލޫމާތުގެ މައްޗަށް އޮންނަ ކޮންޓްރޯލް އިތުރުކުރުމަށް ގެނެވޭ ބަދަލެކެވެ.

ވޯޓްސްއެޕް ޔޫސަރނޭމް ހޯދާނީ ކިހިނެއް؟

މި އަޕްޑޭޓް ލިބިފައިވާ ޔޫސަރުންނަށް ތިރީގައިވާ ފިޔަވަޅުތަކުން ޔޫސަރނޭމް ރިޒާވް ކުރެވޭނެއެވެ:

1. ވޯޓްސްއެޕް އެންމެ ފަހުގެ ވަރޝަނަށް އަޕްޑޭޓްކުރުން.

2. Settings → Account → Username އަށް ދިއުން.

3. 3 އަކުރާއި 35 އަކުރާ ދެމެދުގެ ޔޫސަރނޭމެއް ހިޔާރުކުރުން.

4. ރިޒަވޭޝަން ކޮންފާމްކުރުން.

ތިބާ ބޭނުންވާ ޔޫސަރނޭމް ކުރިން މީހަކު ނަގާފައިވާނަމަ، ލިބެން ހުރި އެހެން ނަންތައް ވޯޓްސްއެޕުން ހުށަހަޅާނެއެވެ. އަދި ފޭސްބުކް ނުވަތަ އިންސްޓަގްރާމްގައި ބޭނުންކުރާ ޔޫސަރނޭމް ބޭނުންކުރުމުގެ ފުރުސަތުވެސް ލިބިދާނެއެވެ. މިއީ މެޓާގެ ހުރިހާ ޕްލެޓްފޯމެއްގައި އެއް ނަމެއް ބޭނުންކުރުމަށް މަގުފަހިކޮށްދޭ ކަމެކެވެ.

ސެޓިންގްސްއިން ޔޫސަރނޭމް އޮޕްޝަން ނުފެންނަނަމަ، އޭގެ މާނައަކީ އަދި ތިބާގެ އެކައުންޓަށް މި ފީޗާ އެކްޓިވް ނުވަނީއެވެ. ވޯޓްސްއެޕުން މި ފީޗާ ދޫކުރަމުންދަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށްވާތީ، ވަގުތު ނަގާފާނެއެވެ.

މި ފީޗާ މަސައްކަތްކުރާ ގޮތް

ޔޫސަރނޭމް އެކްޓިވްވުމުން:

- އައު ކޮންޓެކްޓްތަކަށް ފޯނު ނަންބަރުގެ ބަދަލުގައި ޔޫސަރނޭމް ބޭނުންކޮށްގެން މުއާމަލާތް ކުރެވޭނެއެވެ.

- ތިބާގެ ފޯނު ނަންބަރު ކުރިން ނޭނގޭ މީހުންނަށް އެ ނަންބަރު ފެންނާކަށް ނުހުންނާނެއެވެ.

- ތިބާގެ ފޯނު ނަންބަރު ކުރިންވެސް އެނގޭ މީހުންނަށް އެ ނަންބަރު ފެންނަން ހުންނާނެއެވެ.

- ވޯޓްސްއެޕް އެކައުންޓެއް ހެދުމަށާއި ބޭނުންކުރުމަށް އަދިވެސް ފޯނު ނަންބަރެއް ބޭނުންވާނެއެވެ.

މީގެ މާނައަކީ ކްލަޔަންޓުންނާއި، ކަސްޓަމަރުންނާއި، ކޮމިއުނިޓީ މެންބަރުން ނުވަތަ އަލަށް ބައްދަލުވާ މީހުންނާ މުއާމަލާތްކުރާއިރު އަމިއްލަ ނަންބަރުގެ ބަދަލުގައި ޔޫސަރނޭމް ހިއްސާކުރެވޭނެ ކަމެވެ.

ޕްރައިވެސީއަށް އިސްކަންދިނުން

އެހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާ ހިލާފަށް، ވޯޓްސްއެޕް ޔޫސަރނޭމްތަކަކީ އާންމުކޮށް ސާޗްކޮށްގެން ފެންނާނެ އެއްޗެއް ނޫން ކަމަށް އެ ކުންފުނިން ބުނެއެވެ. މީހަކަށް ތިބާއާ ގުޅޭނީ ތިބާގެ ސީދާ ޔޫސަރނޭމް އެނގިގެންނެވެ.

މީގެ އިތުރުން، ނަހަމަ ގޮތުގައި މި ފީޗާ ބޭނުންކުރުން ހުއްޓުވުމަށް ވޯޓްސްއެޕުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި:

- މަޝްހޫރު މީހުންނާއި، ސަރުކާރުގެ އިދާރާތަކާއި، ޖަމިއްޔާތަކަށް ޔޫސަރނޭމްތައް ރިޒާވްކުރުން.

- އޮޅުވާލުމުގެ ގޮތުން ނުވަތަ އެހެން މީހެއްގެ ނަމުގައި ޔޫސަރނޭމް ރަޖިސްޓްރީކުރުން ހުއްޓުވުން.

- އެހެން މީހެއްގެ ސިފަ ޖެހިގެން އުޅުން (impersonation) މަދުކުރުމަށް އިތުރު ވެރިފިކޭޝަން ފިޔަވަޅުތައް އެޅުން.މި ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ޔޫސަރނޭމް ބޭނުންކުރުން އިތުރަށް އަމާންކޮށްދިނުމާއެކު، ވަޓްސްއެޕްގެ ޕްރައިވެސީއަށް އިސްކަންދޭ ސިޔާސަތު ދެމެހެއްޓުމަށް އެކުލަވާލާފައިވާ ފިޔަވަޅުތަކެކެވެ.

އޮޅުވާލައިގެން މަކަރާއި ހީލަތް ހެދުމާ މެދު އޮތް ކަންބޮޑުވުންތައް

ޕްރައިވެސީގެ ގޮތުން ލިބޭ ފައިދާތަކާއެކުވެސް، މި އަޕްޑޭޓާ ގުޅިގެން ސައިބަރ ސެކިއުރިޓީ މާހިރުންނާއި ރެގިއުލޭޓަރުންގެ މެދުގައި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ޔޫސަރނޭމް މެދުވެރިކޮށް މުއާމަލާތް ކުރެވޭ ގޮތްވުމުން، މަކަރާއި ހީލަތް ހިންގާ މީހުންނަށް ފޭކު އައިޑީތައް ހަދައިގެން އިތުބާރު ހުރި ފަރާތްތަކާއި މުއައްސަސާތަކުގެ ނަމުގައި މީހުންނަށް އޮޅުވާލުމަށް ފަސޭހަވެގެންދާނެއެވެ. މި ކަންބޮޑުވުންތަކާ ގުޅިގެން، އިންޑިއާ ސަރުކާރުން ދާދިފަހުން ވަނީ މި ފީޗާ އާއި އޭގެ ސަބަބުން އޮންލައިން މަކަރާއި ހީލަތް އިތުރުވެދާނެ މިންވަރު ބަލައި ދިރާސާކުރެވެންދެން، މި ފީޗާ ތައާރަފުކުރުން ވަގުތީ ގޮތުން މަޑުޖައްސާލުމަށް ވަޓްސްއެޕްގައި އެދިފައެވެ.

ވަޓްސްއެޕުން މިކަމަށް ދިން ޖަވާބުގައި ބުނެފައިވަނީ ޔޫސަރނޭމް ބޭނުންކުރުމަކީ މަޖުބޫރު ކަމެއް ނޫން ކަމަށާއި، ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށެވެ. އަދި މީގެ ސަބަބުން ޕްލެޓްފޯމްގެ އެންޑް-ޓު-އެންޑް އެންކްރިޕްޝަނަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މީގެ ސަބަބުން ބޭނުންކުރާ ފަރާތްތަކަށް ކުރާނެ އަސަރު

އާންމުކޮށް ވަޓްސްއެޕް ބޭނުންކުރާ މީހުންނަށް ބަލާއިރު، މިއީ އެންޑް-ޓު-އެންޑް އެންކްރިޕްޝަން ތައާރަފުކުރި ފަހުން ޕްރައިވެސީއަށް ގެނެވުނު އެންމެ މުހިންމު އެއް ކުރިއެރުމެވެ.

މި ފީޗާގެ ސަބަބުން ހާއްސަކޮށް ފައިދާ ކުރާނެ ކަމަށް ބެލެވެނީ:

- ކްލައިންޓުންނާ މުއާމަލާތްކުރާ ފްރީލާންސަރުންނާއި ޕްރޮފެޝަނަލުންނަށް.

- ކަސްޓަމަރުންނާ ގުޅުން ބާއްވާ ކުދި ވިޔަފާރިތަކަށް.

- މުޖުތަމައުގެ ޖަމިއްޔާތަކާއި ވޮލަންޓިއަރުންނަށް.

- އޮންލައިން މާކެޓްޕްލޭސްތަކުގައި ތަކެތި ގަނެވިއްކާ ފަރާތްތަކަށް.

- ނުދަންނަ މީހުންނަށް އަމިއްލަ ފޯނު ނަންބަރު ދޭން ބޭނުންނުވާ ކޮންމެ މީހަކަށް.

އެހެންނަމަވެސް، ނުދަންނަ ޔޫސަރނޭމްތަކުން މެސެޖު ލިބުމުން ބޭނުންކުރާ ފަރާތްތަކުން އަދިވެސް ސަމާލުވާންޖެހޭނެއެވެ. އީމެއިލް އެޑްރެސް ނުވަތަ ސޯޝަލް މީޑިއާ ހޭންޑްލްތަކެކޭ އެއްފަދައިން، ސައްހަ ފަރާތްތަކުގެ ނަމުގައި މަކަރާއި ހީލަތް ހިންގާ މީހުން ޔޫސަރނޭމްތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު އޮވެއެވެ.

ޚުލާސާ

ވަޓްސްއެޕްގެ އާ ޔޫސަރނޭމް ފީޗާއިން ދައްކުވައިދެނީ، ބޭނުންކުރާ ފަރާތްތަކުގެ ޑިޖިޓަލް އައިޑެންޓިޓީ އާއި އަމިއްލަ މައުލޫމާތުގެ މައްޗަށް އެމީހުންގެ ބާރުވެރިކަން އިތުރުކުރުމަށް އަންނަ ބަދަލެވެ. ފޯނު ނަންބަރު ހާމަނުކޮށް މުއާމަލާތް ކުރެވޭ ގޮތް ހެދުމުގެ މަގްސަދަކީ، މުއާމަލާތްތައް ފަސޭހަ އަދި ރައްކާތެރިކޮށް ބަހައްޓަމުން، ބޭނުންކުރާ ފަރާތްތަކުގެ ޕްރައިވެސީ ވަރުގަދަކުރުމެވެ.

ކުރިއަށް އޮތް މަސްތަކުގައި މުޅި ދުނިޔެއަށް މި ފީޗާ ތައާރަފުވެގެންދާއިރު، މިއީ ދުނިޔޭގައި އެންމެ ގިނައިން ބޭނުންކުރާ މެސެޖިންގ ޕްލެޓްފޯމްގައި މީހުން ގުޅުން ބާއްވާ ގޮތަށް ބޮޑު ބަދަލެއް ގެނުވާނެ ކަމެކެވެ. ނަމަވެސް، މީގެ ކާމިޔާބީ ބިނާވެފައި އޮންނާނީ ޕްރައިވެސީ ދެމެހެއްޓުމާއެކު، މީހުންގެ ނަމުގައި އޮޅުވާލުމާއި، މަކަރާއި ހީލަތް އަދި އޮންލައިން ގޯނާތަކުން ރައްކާތެރިވުމަށް ވަޓްސްއެޕުން އަޅާ ފިޔަވަޅުތަކުގެ ހަރުދަނާކަމުގެ މައްޗަށެވެ.

ސައިބަރޓެގް

ސައިބަރޓެގް

ޓެކްނޮލޮޖީ ދާއިރާގެ މަސައްކަތްތެރިއެއް. ޓެކޮނޮލޮޖީއިން ގެނުވާ ބައިބައިވުން ކުޑަކުރުމަށް މަސައްކަތްކުރަން.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.