Download Logo
Copy Logo

އިންޓަނެޓް ޖީބަށް ލައިގެން އުޅޭ ޖީލަށް ޑިޖިޓަލް ލިޓަރަސީ ވަރަށް މުހިއްމު!

ހިންދު ޢަލީ 03 ޖުލައި 2026

މިޒަމާނުގެ އާދައިގެ ފުރާވަރުގެ ކުއްޖަކު ތަސައްވުރު ކޮށްލައްވާށެވެ. މިކަމާއި މެދު ވިސްނާލައިފިނަމަ އަހަރުމެންނަށް ސިފަ ވެގެން ދަނީ މީގެ ކުރީގެ އެއްވެސް ޖީލެއްގައި ފެނިފައި ނުވާ ފަދަ ކުދިންތަކެކެވެ. މިހާރުގެ ޖީލަކީ އޮންލައިން ޖީލެކެވެ. މިކުދިންގެ އަތުގައި އޮންނަ ޑިވައިސްތަކަކީ މީގެ ކުރީ ޖީލުތަކުގެ މީހުން ކިޔެވިއިރު ސިފަ ކުރަން ވެސް ދަތި ބާރު ގަދަ ވަސީލަތްތަކެކެވެ. އެއީ މުޅި ދުނިޔެއިން ލިބޭނޭ ގާތްގަނޑަކަށް ހުރިހާ މައުލޫމާތުގެ ހަޒާނާތަކެއް އެއާއި ގުޅިފައިވާ އެއްޗެކެވެ. މިއީ ބޭނުންވާ ސުވާލުތަކެއް ކޮށް ޖަވާބު ހޯދޭ، އެތައް މައްސަލަތަކަކަށް ހައްލު ހޯދޭ، ސިކުންތު ކޮޅެއްގެ ތެރޭގައި އެތައް ބައިވަރު ކޮންޓެންޓެއް އުފެއްދޭ ވަސީލަތްތަކެކެވެ.

ދެތިން ފަހަރު ފޯނަށް ޓެޕްކޮށްލާ، ބަޓަން ތަކަކަށް ފިތާލައިގެން ރޮކެޓް ސައިންސާއި ކުއަންޓަމް ފިޒިކްސް ފަދަ ކޮމްޕްލިކޭޓެޑް ސަބްޖެކްޓްތަކުން ފެށިގެން ހިސާބާއި، ބަހާއި، ސައިންސާއި މިހެން ގޮސް ބޭނުންވާ ކޮންމެ ސަބްޖެކްޓެއް ދަސްކޮށްލަން ބޭނުންކުރެވޭ ވަސީލަތްތައް މިއަދުގެ ކުދިންނަށް ލިބިފައިވެއެވެ. އެތައް މިލިއަން ފޮތެއްގެ ޓެކްސްޓް ފަސޭހައިން ބަލާލާ، ކިޔާލާ، ހުލާސާކުރެވޭނެ ކުޅަދާނަކަން ހުރި ޑިވައިސްތައް މިއަދުގެ ކުދިންނަށް ލިބިގެން ވެއެވެ.

އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) ފަދަ ވަސީލަތްތައް ބޭނުންކޮށްގެން މަދު ސިކުންތުކޮޅެއްގެ ތެރޭގައި އުނދަގޫ ކޮންސެޕްޓްތައް ފަހުމްވުމަށް އެހީތެރިކަން ހޯދިދާނެއެވެ. ސައިންސް އެކްސްޕެރިމަންޓްތައް ވީޑިއޯ މެދުވެރިކޮށް ބަލާލެވިދާނެއެވެ. މޯބައިލް އެޕްލިކޭޝަނެއް ބޭނުންކޮށްގެން އައު ބަހެއް ދަސްކުރެވިދާނެއެވެ. އަދި ދުރު އެހެން ގައުމެއްގެ މިޔުޒިއަމްއެއްގައި ރައްކާ ކުރެވިފައިވާ ތަކެއްޗާއި ބެހޭގޮތުން ތައްޔާރުކުރެވިފައިވާ އިންޓަރެކްޓިވް ކޮންޓެންޓްތައް ތަޖުރިބާ ކޮށްލާ، ދުނިޔޭގެ ތާރީހާއި ބެހޭ މައުލޫމާތު ހޯދުމުގެ ފުރުސަތު ލިބިދެއެވެ.

ސްކޫލަށް ވަނުމާއިއެކު ކުރިމަތިވާ ހުރަސްތައް

ކަން މިހެން އޮތް ނަމަވެސް ހަމަ މިކުދިން ސްކޫލްތަކުގެ ގޭޓްތަކުން އެތެރެއަށް ވަނުމުން އެކުދިންނަށް ލިބިފައިވާ އެޑްވާންޓޭޖް ދަށްވެއެވެ. އެކުދިންގެ ގާބިލިއްޔަތުކަން ދެތިން ފިޔަވަޅު ފަހަތަށް އަޅައެވެ. ކުދިންގެ އަތުގައި އޮންނަ ޑިވައިސްތައް ސައިލެންޓް ކުރަން ޖެހެއެވެ. އަދި އޭގެ ބަދަލުގައި ބޮޑެތި ފިޒިކަލް ޓެކްސްޓް ފޮތްތައް ނަގަން ޖެހެއެވެ. އެކުދިން ސްކޫލްތަކާއި ކްލާސްރޫމްތަކަށް ވަނުމުން މީގެ 20 އަހަރު ކުރިއަށް ރުޖޫއަ ވާފަދައެވެ.

ކުދިންގެ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ޑިވައިސްތައް ރަނގަޅު ގޮތުގައި ބޭނުންކުރަން ދަސްކޮށްދިނުމުގެ މަސައްކަތުގައި ސްކޫލްތައް އުޅޭނީ އެތައް ތަނެއް ފަހަތުގައެވެ. އިންޓަނެޓުގައި ފެންނަ ކޮންޓެންޓްތަކާއި މެދު ވިސްނާ އޭގައި ހިމެނޭ މައުލޫމާތު އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރާނެ ގޮތާއި، އޭގައި ހިމެނޭ ނޭދެވޭ ކަންތައްތައް ދެނެގަނެ އެކަންތައްތަކުން ރައްކާތެރިވާނެ ގޮތްތައް ދަރިވަރުންނަށް އުނގަންނައިދިނުން ސްކޫލްތަކުގެ ކަރިއުލަމްތަކުގައި މަދެވެ. ދަރިވަރުން ދުނިޔެއަށް ނިކުތުމުގެ ކުރިން ބޭނުންވާ ޒަމާނާއި އެކަށީގެންވާ ޑިޖިޓަލް ލިޓަރަސީ ސްކޫލްތަކަކުން ނުލިބެއެވެ.

ސްކޫލްތަކުގައި ޑިވައިސް މަނާކުރުމަކީ ހައްލެއް ނޫން

މިއީ ދާދިފަހުން މީޑިއާ ލިޓަރަސީ ނައު ކިޔާ އިދާރާއަކުން ނެރިފައިވާ ރިޕޯޓެއްގައި ފާހަގަކޮށްފައިގޮތުން މިހާރުގެ ސްކޫލަތަކަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ. އެރިޕޯޓްގައިވާ ގޮތުން ދުނިގޭގެ ގިނަ ގައުމުތަކުގައި ސްކޫލްތަކުގައި ޑިވައިސް ބޭނުންކުރުން މަނާކުރެއެވެ. މިފިޔަވަޅުގެ ފަހަތުގައިވާ ސަބަބަކީ ޑިވައިސްތަކުގެ ސަބަބުން ދަރިވަރުން ކިޔެވުމަށްދޭ ސަމާލުކަން ކުޑަވެދާނެކަމުގެ ބިރެވެ.

މިރިޕޯޓުގައިވާ ގޮތުން މިފިޔަވަޅުގެ ސަބަބުން ދަރިވަރުންނަށް ޑިޖިޓަލް މުޖުތަމައެއްގައި ދިރިއުޅުމަށް ބޭނުންވާ ކްރިޓިކަލް ވިސްނުމުގެ ހުނަރުތައް ދަސްކޮށްދިނުމުގައި ނާކާމިޔާބުވެއެވެ. ދުވާހަކު 6 ނޫނީ 7 ގަޑިއިރަށް ޑިވައިސްތައް މަނާކުރުމުން ސްކޫލްތަކުގެ އެތެރޭގައި ހިމޭން ބަސްއަހާ ކުދިންތަކެއް ފެނުނުކަމުގައިވި ނަމަވެސް، އެކަމުގެ ސަބަބުން މިއަދުގެ ދުނިޔެއަށް ކޮންމެހެން ބޭނުންވާ ހުނަރުތައް ސްކޫލް ނިންމާފައި ނުކުންނަ ފުރާވަރުގެ ކުދިންގެ ކިބައިގައި މަދުވެއެވެ. އެކުދިންނަށް ޑިޖިޓަލް ދުނިޔެއެއްގައި ދިމާވާ ނުރައްކާތަކާއި ކުރިމަތިލާން އުނދަގޫވެއެވެ. އަދި ނުރައްކާތަކުން ދިފާއުވުމުގެ ހުނަރު އެކުދިންގެ ކިބައިގައި ނުހުރެއެވެ.

ދުނިޔެ ކުރިއެރި ނަމަވެސް މަންހަޖު އަދިވެސް މާޒީގައި

ކޮންމެ ޒަމާނެއްގައި ވެސް ތައުލީމުގެ އަދި ސްކޫލްތަކުގެ މަގުސަދަކީ ކުދިން ދިރިއުޅުމަށް ތައްޔާރުކޮށްދިނުމެވެ. މިމަގުސަދަކަށް އަދިވެސް ބަދަލެއް ނާދެއެވެ. އެހެން ނަމަވެސް މިއަދު ދުނިޔެ ވަނީ ބަދަލުވެފައެވެ. ކުދިން ސްކޫލް ނިމިގެން މިހާރު ނިކުންނަ ދުނިޔެ ފެންނަނީ މީގެ 5 އަހަރު ކުރިން ފެނުނު ދުނިޔެއާއި ވެސް ވަރަށް ތަފާތު ގޮތަކަށެވެ.

މިހާރުގެ ކުދިން ދިރިއުޅެނީ މެދުނުކެނޑި މައުލޫމާތު ލިބޭ ދުނިޔެއެއްގައެވެ. އެކުދިންގެ ހަގީގަތަކީ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ޓެކްސްޓާއި ކޯޑާއި ތަސްވީރު އުފައްދާ ވަސީލަތްތަކެވެ. އެކުދިންނަށް ދުނިޔެ ފެންނަ ގޮތާއި، ތަކެއްޗާއި ކުރާ ކަންތައްތައް ވަނީ ބަދަލު ވެފައެވެ. މުއާމަލާތް ކުރާ ގޮތް ބަދަލު ވެއްޖެއެވެ.

މިއަދުގެ ހަގީގަތަކީ ސްކޫލްތަކުން އެކުދިންނަށް ދަސްވަނީ ދިރިއުޅޭ ދުނިޔެއާއި ތަފާތު ކަންތައްތަކެއްކަމެވެ. މިއަދު ދަރިވަރަކު ސްކޫލް ފުރިހަމަކޮށް ދުނިޔެއާއި ކުރިމަތިލާ އިރު ދުނިޔެއަށް ރަނގަޅަށް ތައްޔާރު ނުވާނަމަ ވެގެންދާނެ ގޮތާއި މެދު ވިސްނަވާށެވެ.

އެކުދިން ވަޒީފާ އަދާކުރަން ވަންނަ އޮފީސްތަކަކީ އޭއައި ބޭނުންކުރާ އިދާރާތަކެވެ. އެކުދިންނަށް ފެންނާނީ ޑޭޓާއަށް ބަރޯސާވާ ވިޔަފާރިތަކެވެ. ސަރުކާރުގެ ހިދުމަތްތަކާއި، ބޭންކިންގއާއި ސިއްހީ ފަރުވާ ހޯދާ ތަންތަނަކީ އޮންލައިން ޑިޖިޓަލް ޕްލެޓްފޯމްތަކެވެ.

އެކުދިން ތަޖުރިބާ ކުރަންޖެހޭނީ ޑީޕްފޭކް ފޮޓޯއާއި ވީޑިއޯތަކާއި، އޮންލައިން ސްކޭމްތަކާއި، ނުރަނގަޅު އަދި ފޭކް މައުލޫމާތު ފަތުރާ ވެބްސައިޓްތަކާއެވެ. އަދި ބޭނުންކުރާނީ އޮންލައިންގައި ކުރާ ކޮންމެ ކަމެއް ދެނެގަންނަ އެލްގޮރިދަމްތަކާއި، ޓާގެޓްކުރެވިފައިވާ އިޝްތިހާރުތައް ހިމެނޭ އެޕްލިކޭޝަންތަކެވެ. އަދި އެ އެޕްލިކޭޝަންތަކުން ފެންނާނީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ކޮންޓެންޓެވެ.

2026އާއި އެކަށޭނެ ޑިޖިޓަލް ލިޓަރަސީއާއި ކްރިޓިކަލް ވިސްނުން

2026 ގައި ޑިޖިޓަލް ލިޓަރަސީއަކީ ހަމައެކަނި ކޮމްޕިއުޓަރެއް ހުޅުވާލަން އެނގުމެއް ނޫނެވެ. އަދި އާންމުކޮށް ބޭނުންކުރާ މައިކްރޮސޮފްޓް ވޯޑާއި އެކްސެލް ބޭނުންކުރަން އެނގުމެއް ވެސް ނޫނެވެ. ނުވަތަ އޮންލައިންކޮށް ނޫސްތަކުގެ ސުރުހީތައް ކިޔާލަން އެނގުމެއް ނޫނެވެ. އެއީ ސޯޝަލް މީޑިއާ އެޕްލިކޭޝަނެއް ބޭނުންކޮށްލަން އެނގުން އެކަންޏެއްވެސް ނޫނެވެ. މިއަދުގެ ދުނިޔޭގައި ޑިޖިޓަލް ލިޓަރަސީގެ ތެރޭގައި ޓެކްނޮލޮޖީ ރައްކާތެރިކަމާއެކު ބޭނުންކުރުމާއި، އޭއައި އަދި ޑިޖިޓަލް ވަސީލަތްތައް ދެނެގަނެ، އެތަކެތި ބޭނުންކުރުމުގައި ކްރިޓިކަލްކޮށް ވިސްނުމުގެ އެތައް އިތުރު ލެވެލްތަކެއް ހިމެނެއެވެ.

- ފެންނަ މައުލޫމާތުގެ ތެދު / ދޮގު ދެނެގަންނަން ދަސްކުރުން

އޮންލައިން ޕްލެޓްފޯމްތަކުގައި ފެންނަ ފޮޓޯތަކާއި، ވީޑިއޯތަކާއި، އަޑުތަކަކީ އަސްލުތަކެތިތޯ ނުވަތަ ފޭކް ތަކެތިތޯ ދެނެގަންނަން މިއަދުގެ ކުދިންނަށް އިނގުން މުހިއްމެވެ.

- ކޮންޓެންޓްތަކަކީ އިންސާނުންގެ އަމިއްލަ އުފެއްދުންތޯ ނުވަތަ މެޝިން އުފެއްދި ތަކެތިދޯ ދެނެގަންނަން ދަސްކުރުން

އޮންލައިންއިން ފެންނަ ކޮންޓެންޓްތަކުގެ ތެރޭގައި އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ތަކެތި ދެނެގަންނާނެ ގޮތް އެނގުން މުހިއްމެވެ.

- ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ އެލްގޮރިދަމް މަސައްކަތްކުރާ ގޮތް ދަސްކުރުން

ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް އުފައްދާފައިވާ ގޮތާއި އޭގައި ބޭނުންކުރާ އެލްގޮރިދަމްތަކާއި އިޝްތިހާރުތައް ޓާގެޓް ކުރެވޭ ގޮތާއި، އެތަކެތީގައި އެކުދިންގެ ކޮންމެ ހަރަކާތަކުން ކޮންޓެންޓަށް އަންނަ ބަދަލުތައް އެނގުން މުހިއްމެވެ.

- މައުލޫމާތު އުފެދިގެން އަންނަ ގޮތް ދެނެގަތުމާއި މައުލޫމާތު ފިލްޓަރކުރަން އެނގުން

މިހާރަކީ ކޮންމެ މީހަކަށް ވެސް ނޫސްވެރިއެއް ނުވަތަ ސަބްޖެކްޓް އެކްސްޕާޓެެއް ފަދައިން ކޮންމެ މައުލޫމާތެއްވެސް ޕަބްލިޝްކުރެވޭ ޒަމާނެކެވެ. އެހެން ކަމުން މައުލޫމާތު އުފެދުނު ސޯސް ހޯދަން އިނގުމާއި، ގިނަ ފަރާތްތަކަކުން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަން އެނގުމަކީ މިއަދު ކޮންމެހެން އެނގެންޖެހޭ އަސާސީ ހުނަރެކެވެ.


ކުރީ ޒަމާނުތަކުގައި މަންހަޖު ބައްޓަން ކުރި ގޮތާއި މަންހަޖުގައި ހިމެނި ކަންތައްތައް މިހާރު ބަދަލު ވާން ޖެހެއެވެ. ކުރީގައި މައުލޫމާތަކީ ހޯދަން އުނދަގޫ ތަކެތި ކަމުން، މައުލޫމާތު އެއްކޮށް ރައްކާކުރުމުގައި ގެންގުޅޭ އުސޫލަކީ ފޮތްތަކުން ކިޔައި އެތަކެތި ހިތުދަސްކުރުމެވެ.

އެހެން ނަމަވެސް މިއަދުގެ ހަގީގަތަކީ އަހަރުމެންގެ ވަށައިގެން ހުރިހާ ދިމާލެއްގައިވެސް މައުލޫމާތު ލިބެން ހުންނަ ކަމެވެ. މިހާރު މައުލޫމާތަކީ ތަދު އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި މިއަދުގެ ގޮންޖެހުމަކީ ފުނިފުންޏަށް ލިބެން ހުރި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމެވެ. މިއަދުގެ ކިޔަވާ ކުދިންނަށް ދަސްކޮށްދިނުން މުހިއްމުވަނީ ލިބޭ މައުލޫމާތުގެ ހަގީގަތް ވަޒަންކުރުމެވެ.

މީގެ މާނައަކީ އަސާސީ ކަންކަން ދޫކޮށްލުމެއް ނޫނެވެ. މިހާރުވެސް ހިސާބާއި ސައިންސާއި ބަހާއި، ހިސްޓްރީ ކުދިންނަށް ދަސްކޮށްދިނުން މުހިއްމެވެ. އެހެންނަމަވެސް އެމާއްދާތައް ކިޔަވައިދޭ ގޮތް ބަދަލު ކުރަންޖެހެއެވެ. އަދި ކުދިން އެތަކެތި ދިރިއުޅުމުގައި އެޕްލައިކުރާ ގޮތް ޒަމާނާއި އެކަށީގެންވާ ގޮތަށް ބަދަލުކުރުން މުހިއްމެވެ.

އިނގިރޭސި ބަސް ކިޔަވައިދޭ ކްލާހެއްގައި، އޭއައި ބޭނުންކޮށްގެން ޖެނެރޭޓްކޮށްފައިވާ މައުލޫމާތު ދެނެގަންނަން ދަސްކޮށްދެވިދާނެއެވެ. އަދި މައުލޫމާތުގެ ފެށުނުތަން (ނުވަތަ ސޯސް) ދެނެގަންނަން ދަސްކޮށްދެވިދާނެއެވެ. ފޭކު މައުލޫމާތާއި ތެދު މައުލޫމާތުގެ ތަފާތު ދެނެގަންނަން ދަސްކޮށްދެވިދާނެއެވެ.

ސައިންސް ކްލާހެއްގައި، ސައްހަ ސޯސްތަކުން މައުލޫމާތު ހޯދަން ދަސްކޮށްދެވިދާނެއެވެ. އަދި ސުވާލުތަކަށް ޖަވާބު ދިނުމުގައި ހެކި ހުށަހެޅުމާއި، އިތުބާރު ހުރި އޮންލައިން ސޯސްތަކަށް ރެފަރެންސް ކުރާނެ ގޮތްތަކަށް އަލިއަޅުވާލެވިދާނެއެވެ.

ސޯޝަލް ސްޓަޑީޒް ކްލާހެއްގައި، ގޯސް މައުލޫމާތާއި، އެލްގޮރިޒަމްތަކާއި، ޑިޖިޓަލް ސިޓިޒަންޝިޕް އަދި އޮންލައިން ޕްލެޓްފޯމްތަކުގައި އާންމު މީހުންގެ ކޮމެންޓްތައް ހިއްސާކުރާގޮތާއި ކޮމެންޓްތަކަށް އަސަރުކުރާ ގޮތް ތަހުގީގު ކުރެވިދާނެއެވެ.

ކޮމްޕިއުޓަރ ސްޓަޑީސް ކްލާހެއްގައި، ހަމައެކަނި އަސާސީ ސޮފްޓްވެއަރ ބޭނުންކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން އޭއައި، ސައިބަރ ސެކިޔުރިޓީ، ޑޭޓާ އެނެލިސިސް ފަދަ މައްދާތައް ތައާރަފްކޮށް، މައުލޫމާތުގެ ރައްކާތެރިކަމާއި ޒިންމާދާރުގޮތުގައި ޓެކްނޮލޮޖީ ބޭނުންކުރާނެ ގޮތްތަކުގެ ހުނަރު ކުދިންނަށް ދަސްކޮށްދެވިދާނެއެވެ.

ޑިޖިޓަލް ލިޓަރަސީއާއި ކްރިޓިކަލްކޮށް ވިސްނުމުގެ ހުނަރަކީ އެހެން މާއްދާތަކާއި ވަކިން ހިމެނޭ އެއްޗަކަށް ނުހަދާ ސްކޫލްގައި ކިޔަވާ އާންމު މާއްދާތަކާއި އެކުއެކީގައި ދަސްކުރާ ހުނަރުތަކެއްގެ ގޮތުގައި މަންހަޖުގައި ހިމެނުން މުހިއްމެވެ.


ތަޢުލީމަކީ ދަރިވަރުންގެ މުސްތަގުބަލަށް އޮތް ދިރިއުޅުމަށް ތައްޔާރު ކުރާ އެއްޗަކަށް ވީ ހިނދު، އެކުދިންގެ ދިރިއުޅުމުގެ ހަގީގަތާއި އެކުދިން ދަސްކުރާ ތަކެއްޗާއި ދޭތެރޭގައި އޮތް ފަރަގު ކުޑަކުރުން މުހިއްމެވެ. އެކަމާއި މެދު ފަރުވާ ކުޑަކުރުމަކީ މިއަދުގެ ހަގީގަތް ގަބޫލު ނުކުރުމެވެ. މިކަމުގައި ކުރެވޭ އެންމެ މުހިއްމު ސުވާލަކީ، މިހާރު ސްކޫލްގައި ކިޔަވާއިދޭ މަންހަޖު ފަރުމާކޮށްފައިވަނީ، އިންޓަރނެޓް ޖީބަށް ލައިގެން ދިރި އުޅޭ ޖީލުގެ ކުދިންނަށް އެންމެ އެކަށީގެންވާ ގޮތަށްތޯއެވެ؟ އަދި ސްކޫލްތަކުން އެކުދިންނަށް މިވަސީލަތްތައް ފައިދާ ހުރި ގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ ހެއްޔެވެ؟

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.