Download Logo
Copy Logo

ހަކުރުގެ ބަދަލުގައި ބޭނުންކުރާ ބައެއް ސްވީޓްނަރއިން ސިކުނޑި މުސްކުޅިވޭ

އަޝްނާ ރަޝީދު 21 ޖުލައި 2026

މި ގަރުނުގައި ޑަޔަޓް ކުރާ ގިނަ ބޭފުޅުން ހަކުރުގެ ބަދަލުގައި އެކިއެކި ސްވީޓްނަރތައް ކާއެއްޗެހި ފޮނިކުރުމަށް ބޭނުންކޮށްފައިވެއެވެ. މި ސްވީޓްނަރތަކުން ހަކުރުބައްޔާއި ޕްރެޝަރު މައްޗަށް ދިއުމުން ރައްކާތެރިކޮށްދޭނެކަމަށް ދައުވާކޮށްފައި ވީއިރު، މީގެން ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރުތައް ސައިންސްވެރިންގެ ފަހުގެ ދިރާސާތަކުން ހާމަކޮށްފައިވެއެވެ.

މިގޮތުން އެމެރިކާ އެކަޑެމީ އޮފް ނިއުރޮލޮޖީގައި ޝާއިއުކޮށްފައިވާ އާ ދިރާސާއަކުން ދައްކާ ގޮތުގައި އާންމުކޮށް ބޭނުންކޮށް އުޅޭ ބައެއް ސްވީޓްނަރތަކުގެ ސަބަބުން ވިސްނުމާއި ހަނދާންކުރުމަށް ނޭދެވޭ އަސަރުކުރެއެވެ. މިދިރާސާކުރިއަށް ގެންގޮސްފައިވަނީ ބްރެޒިލްގެ މިނިސްޓްރީ އޮފް ހެލްތާއި، މިނިސްޓްރީ އޮފް ސައިންސް، ޓެކްނޮލޮޖީ، އެންޑް އިނޮވޭޝަން، އަދި ނޭޝަނަލް ކައުންސިލް ފޯ ސައިންޓިފިކް އެންޑް ޓެކްނޮލޮޖިކަލް ޑިވެލޮޕްމަންޓްގެ ދަށުންނެވެ.

މި ދިރާސާގައި ބްރެޒިލްގެ 12،772 ބޮޑެތި މީހުން އަށްވަރަކަށް އަހަރުގެ މުއްދަތެއްގައި ބަލާފައިވެއެވެ. މިގޮތުން އެންމެ ގިނައިން ސްވީޓްނަރ ބޭނުންކޮށްފައިވާ ފަރާތްތަކުންގެ ކޮގްނިޓިވް ޕާފޯމަންސް މަދުން ސްވީޓްނަރ ބޭނުންކުރާ ފަރާތްތަކަށްވުރެ އަވަހަށް ދައްވެފައިވެއެވެ. މި ދެކަން ދެމެދުގައި އެއްގޮތްކަމެއް ފާހަގަކުރެވިފައި ވީ ނަމަވެސް، މި ދައްވުން ދިމާވެފައިވާ ސަބަބު ދިރާސާވެރިން ކަށަވަރުކޮށްފައިނުވެއެވެ.

މި ދިރާސާގައި އާންމުކޮށް ބޭނުންކުރާ ހަތް ސްވީޓްނަރ ބަލާފައިވެއެވެ. އެއީ އެސްޕާޓޭމް، ސެކެރިން، އެސެސަލްފޭމް ކޭ، އެރިތްރިޓޯލް، ޒައިލިޓޯލް، ސޯރބިޓޯލް އަދި ޓެގަޓޯސްއެވެ. މީގެތެރެއިން ބައެއް މާއްދާތައް ގުދުރަތީގޮތުން ބައެއް މޭވާތަކާއި ހަށިގަނޑުގެ ބައެއް ޕްރޮސެސްތަކުގެ ބައި ޕްރޮޑަކްޓެއްގެ ގޮތުގައި އުފެދިގެން ދާއިރު، މި ދިރާސާއިން ހަމައެކަނި ބަލާފައިވަނީ ޕްރޮސެސްކޮށްފައިވާ ކާނާގެ ޒަރިއްޔާއިން ލިބޭ މި މާއްދާތަކަށެވެ. މި ގޮތުން މި ދިރާސާގެ ބައިވެރިން ޑައިޓޭރިއަން ކްވެސްޝަނިއަރެއް ބައިވެރިވުމުގެ ކުރިން ފުރިހަމަކޮށްފައިވެއެވެ. އަދި އެކި މަރުހަލާތަކުގައި ކޮގްނިޓިވް ޓެސްޓްތައް ހަދާފައިވެއެވެ.

އުމުރާއި ޖިންސާއި ޕްރެޝަރު މައްޗަށް ދިއުމާއި ހިތުގެބަލިތައް ފަދަ ކަންތައްތަކަށް ރިއާޔަތްކުރުމަށްފަހު، އެންމެ ގިނައިން މިފަދަ ސްވީޓްނަރތައް ބޭނުންކުރާ މީހުންގެ ޖުމްލަ ކޮގްނިޓިވް ފަންކްޝަން %62 އަވަހަށް ދަށްވެފައިވާކަމަށް މި ދިރާސާގެ ހޯދުންތައް ދައްކައިދެއެވެ. މީގެއިތުރުން މެދު މިންވަރަކަށް ސްވީތްނަރު ކައިއުޅޭ މީހުންގެ ޖުމްލަ ކޮގްނިޓިވް ފަންކްޝަން %35 އަވަހަށް ދަށްވެފައިވެއެވެ. މިގުޅުން 60 އަހަރުން ދަށުގެ މީހުންނާއި ހަކުރުބަލި ޖެހިފައިވާ ފަރާތްތަކުގައިނ އެންމެ ބޮޑަށް ފާހަގަ ކުރެވިފައިވެއެވެ.

ނަމަވެސް ހުރިހާ ސްވީޓްނަރތައް ހަމަހަމައެއް ނޫނެވެ. އެސްޕާޓޭމް، ސެކެރިން، އެސެސަލްފޭމް ކޭ، އެރިތްރިޓޯލް، ސޯރބިޓޯލް އަދި ޒައިލިޓޯލް ހަނދާން ބަލިވުމާއި ކޮގްނިޝަން ދައްވުމާ އެންމެ ވަރުގަދަ ގުޅުމެއް ފާހަގަކޮށްލެވިފައިވީއިރު، ޓެގަޓޯސް ކޮގްނިޝަން ދައްވުމާއި އެއްވެސް ގުޅުމެއް ދައްކައިފައި ނުވެއެވެ.

ނަމަވެސް މީގެން އެއްކަމެއް އަޅުގަނޑުމެންނަށް އެނގިގެންދެއެވެ. އެއީ ހަކުރު ފަދަ މާއްދާތަކުގެ ބަދަލުގައި އަޅުގަނޑުމެން ބޭނުންކުރާ އިންސާނުން ހަދާފައިވާ މާއްދާތަކަކީ ކޮންމެހެން އެއްވުރެ ސިއްހަތައް ރަނގަޅު އެއްޗަކަށް ނުވެދާނެއެވެ. އަދި ދިގު މުއްދަތެއްގައި މި ފަދަ މާއްދާތަކުން ސިކުނޑިފަދަ ހަށިގަނޑުގެ އެކި ބައިތަކަށް ނޭދެވޭ އަސަރުކޮށްފާނެއެވެ.

މި ހޯދުންތަކުން ސްވީޓްނަރތަކުގެ ސަބަބުން ކޮގްނިޝަން ދައްވާ ކަމަކަށް ބުނެފައި ނުވެއެވެ. ނަމަވެސް މި ސްވީޓްނަަރތަކާއި ކޮގްނިޝަން ދައްވުމާއި ގުޅުމެއްވާކަން ފާހަގަކޮށްލާފައިވެއެވެ. މި ދިރާސާގައި ގިނަ ލިމިޓޭޝަންތައް ހިމެނޭއިރު، މިކަމާ މެދު އިތުރަށް ދިރާސާކުރުމުގެ މިހިންމުކަން އަލިއަޅުވާލާފައިވެއެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.