ދުނިޔޭގެ ކަނޑުތަކާއި ކޯރުތަކާއި އެހެނިހެން ތާޒާ ފެނުގެ ނިޒާމުތަކުގައިވާ ގިރާފައިވާ އޮކްސިޖަން މިންވަރު ވަރަށް ހަލުވިކަމާއެކު ދައްވަމުންދާކަމަށް ސައިންސްވެރިން އިންޒާރު ދީފައިވެއެވެ. ޔުނިވާސިޓީ އޮފް ކެލިފޯނިއާ ސެން ޑިއޭގޯގެ ސްކްރިޕްސް އިންސްޓިޓިއުޝަން އޮފް އޯޝަނޮގްރަފީގެ ދިރާސާވެރިން އިސްނަގައިގެން ކުރި އާ ރިވިއުއަކުން ދައްކާ ގޮތުގައި އެކްވަޓިކް ޑިއޮކްސިޖެނޭޝަން ނުވަތަ އާންމު ބަހުރުވައިން ބުނާގޮތުންނަމަ ފެނުން އޮކްސިޖަންގެއްލުން ވެފައިވަނީ ދުނިޔޭގެ ތިމާވެށްޓަށް ބޮޑު ނުރައްކަލަކަށް ވެގެންނެވެ. މިގޮތުން އޮކްސިޖަންލެވެލްތައް ނުރައްކާތެރި މިންވަރުތަކަށް ދައްވެ، ގަރުނުތަކަށް ދެމިގެންދާނެ ފަދަ ނޭދެވޭ އަސަރުތައް އަޅުގަނޑުމެންގެ އުމުރު ދުވަހުގެ ތެރޭގައި ފެނިގެން ދާނެކަމުގެ ބިރުވެސް ދިރާސާވެރިން ފާހަގަކޮށްފައިވެއެވެ.
އިންސާނުންގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާއި، ފެން ތަޣައްޔަރުވުމާއި، ކަނޑުގެ ދައުރުވުމަށް އަންނަ ބަދަލުތަކުން ފެނުގެ އޮކްސިޖަން މިންވަރު ދަށްވާކަމަށް ދިރާސާވެރިން ލަފާކުރެއެވެ. ފެން ހޫނުވާވަރަށް އެތަންތަނުގައި އޮކްސިޖަން ޑިޒޮލްވާ މިންވަރު މަދުވާއިރު، ތަޣައްޔަރުވުމުގެ ސަބަބުން އަލްގަލް ބްލޫމްސް އުފެދި އޮކްސިޖަން ފެނުން ނަގާ މިންވަރު ބޮޑުވެއެވެ. މިފަދަ ކަންކަމުގެ ސަބަބުން ދާއިމަށް ދުނިޔޭގެ ކަނޑުތަކުގެ އޮކްސިޖަން މިންވަރު ދައްވެދާނެކަމަށް ދިރާސާވެރިން ފާހަގަކޮށް، ރިވިއުއެއް ޝާއިރުކޮށްފައިވެއެވެ.
ލިމްނޮލޮޖީ އެންޑް އޯޝަނޮގްރަފީ ޖާނަލްގައި ޝާއިއުކުރި މި ރިވިއުގައި މި ނޭދެވޭ ބަދަލުތަކާއި ދެކޮޅަށް ފިޔަވަޅުއެޅުމަށް ގޮވާލާފައިވެއެވެ. މި ދިރާސާ ހިންގާފައިވަނީ އެމެރިކާގެ ނޭޝަނަލް ސައިންސް ފައުންޑޭޝަން، ސްކްރިޕްސް އިންސްޓިޓިއުޝަން އޮފް އޯޝަނޮގްރަފީ، ޔޫސީ ސެން ޑިއޭގޯ، ޔޫސީ ސަންޓާ ކްރޫޒް، އަދި ޔޫސީ ސަންޓާ ބާބާރާ ގެ އެހީގައި ބައިނަލްއަގްވާމީ ދިރާސާވެރިންގެ ޓީމަކުންނެވެ.
މި ދިރާސާގެ ހޯދުންތަކުން އޮކްސިޖަންގެ މިންވަރު މަދުވުމަކީ އެކަހެރި މައްސަލައެއް ނޫންކަން ހާމަވެއެވެ. އަދި މިއީ ތިމާވެށީގެ އެކިއެކި މައްސަލަތަކާއި ގުޅުން ހުރިކަމެއްކަން ފާހަގަކޮށްލެވެއެވެ. މި ގޮތުން ފެނުން އޮކްސިޖަން މަދުވުން ޕްލެނެޓަރީ ބައުންޑްރީސް ފްރޭމްވާކްގައި ހިމެނުމަށް ދިރާސާވެރިން ގޮވާލާފައިވެއެވެ. މި ފްރޭމްވާކަކީ ދުނިޔޭގައި ގުދުރަތީގޮތުން ހިނގަމުންދާ މައި ޕްރޮސެސްތަކާއި އިންސާނުންގެ އަމަލުތަކުން ދުނިޔޭގެ ތިމާވަށި ދެމެހެއްޓުމަށް އަންނަ ގޮންޖެހުންތަކުގެ މައްޗަށް ބިނާވެފައިވާ ފްރޭމްވޯކެކެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.