Download Logo
Copy Logo

މެޓާއަށް ކުރި ސޯޝަލް މީޑިއާ އެޑިކްޝަން މައްސަލަ 18$ ބިލިއަނަށް ސެޓްލްކޮށްފި

ހިންދު ޢަލީ 01 ސެޕްޓެމްބަރު 2026

26 އޮގަސްޓް 2026 އަކީ ޓެކް އިންޑަސްޓްރީގެ ވަރަށް ތާރީހީ ހަބަރެއް ލިބުނު ދުވަހެކެވެ. ފޭސްބުކް އަދި އިންސްޓަގްރާމްގެ ބެލެނިވެރި ކުންފުނި ކަމަށްވާ މެޓާއިން ވަނީ އެމެރިކާގެ 48 ސްޓޭޓަކުން އެކުންފުނީގެ މައްޗަށް ކުރި ސޯޝަލް މީޑިއާ އެޑިކްޝަން ދައުވާ، ކޯޓުން ބޭރުގައި ސެޓްލްކޮށް، 18 ބިލިއަން ޑޮލަރު ދެއްކުމަށް އެއްބަސްވެފައެވެ.

ކެލިފޯނިއާ ސްޓޭޓްގެ އެޓަރނީ ޖެނެރަލް ރޮބް ބޮންޓާ ކޮށްފައިވާ ޓްވީޓެއް

އެ ކުންފުނީގެ މައްޗަށް އުފުލާފައި ވަނީ ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ ތެރޭގައި އެޑިކްޓްވުމަށް ހިތްވަރުދޭ ގޮތްތަކަށް ފޭސްބުކް އަދި އިންސްޓަގްރާމް ޑިޒައިން ކުރާކަމުގެ ދައުވާއެވެ.

މިއީ އެމެރިކާގެ ފަހުގެ ތާރީހުގައި 'ބިގް ޓެކް' ކުންފުންޏަކާއި ދެކޮޅަށް އުފުލުނު އެންމެ ބޮޑު ކޮންސިއުމަރ ޕްރޮޓެކްޝަން ސެޓްލްމަންޓެވެ. މީގެ ކުރިން އެމެރިކާގެ ގިނަ ސްޓޭޓްތަކަކުން ގުޅިގެން މިގޮތަށް ކުރެވުނު އެންމެ ބޮޑު ކޭސްއަކީ ދުންފަތް އުފައްދާ އަދި ވިޔަވާރިކުރާ 'ބިގް ޓޮބޭކޯ' ކުންފުނިތަކާއި ދެކޮޅަށް 1990 ގެ އަހަރުތަކުގައި ކުރެވުނު ދައުވާއެވެ.

ކޭސްގެ ޓައިމްލައިން

2021 ގެ ފަހުކޮޅު:

މިކޭސް ފެށިގެން އައީ 2021 ގެ ފަހުކޮޅު، މެޓާގައި މަސައްކަތްކުރި ޕްރޮޑަކްޓް މެނޭޖަރ، ފްރާންސެސް ހޯގެން، ކުންފުނީގެ އެތެރޭގެ އެތައް ހާސް ޑޮކިޔުމަންޓްތަކެއް ލީކްކޮށްލުމާއި އެކުގައެވެ. މިލިޔުންތަކަށް ފަހުން ކިޔުނު ނަމަކީ 'ދަ ފޭސްބުކް ޕޭޕަރސް' އެވެ. މިޑޮކިޔުމަންޓްތަކުގައި، މެޓާގެ އެޕްލިކޭޝަންތަކުގެ ސަބަބުން ފުރާވަރުގެ ކުދިންގެ ނަފްސާނީ ސިއްހަތަށް ގެއްލުންވާކަމަށް ދައްކާ އެކުންފުނީގެ އެތެރޭގެ ދިރާސާތައް ހިމެނުނެވެ. މިހާހިސާބުން ގިނަ ސްޓޭޓްތަކުގެ އެޓަރނީ ޖެނެރަލް ގުޅިގެން ބޮޑު ތަހުގީގެއް ހިންގަން ފެށުނެވެ.

އޮކްޓޯބަރ 2022:

މެޓާގެ ޕްލެޓްފޯމްތަކުގެ މައްޗަށް ސޯޝަލް މީޑިއާ އެޑިކްޝަންގެ ތުހުމަތުކޮށް ގިނަ އާއިލާތަކަކާއި ސްކޫލް ޑިސްޓްރިކްޓްތަކަކާއި ވަކިވަކި ފަރުދުން ހުށަހަޅާފައިވާ އެތައް ސަތޭކަ ޕާސަނަލް އިންޖަރީ ދައުވާތަކެއް އެއްކޮށްލާ ކެލިފޯނިއާގެ އޯކްލެންޑް ފެޑެރަލް ކޯޓުގައި މަލްޓި-ޑިސްޓްރިކްޓް ފެޑެރަލް ދައުވާއެއް އުފުލިއެވެ.

އޮކްޓޯބަރ 2023:

މިހާހިސާބުން އެމެރިކާގެ 42 ސްޓޭޓަކުން އެއްފަހަރާ މެޓާއާއި ދެކޮޅަށް ދައުވާ އުފުލިއެވެ. މީގެ ތެރޭގައި ހިމެނުނީ 33 ސްޓޭޓެއް ހިމެނޭ ގްރޫޕަކުން އެއްވެގެން ކެލިފޯނިއާގެ ފެޑެރަލް ކޯޓަށް ހުށަހެޅި ދައުވާއާއި ވަކިވަކިން ކެލިފޯނިއާ ސްޓޭޓް ކޯޓުތަކުގައި އެއްފަހަރާ އުފުލި ދައުވާތަކެކެވެ.

2026 ގެ ކުރީކޮޅު:

މިހާހިސާބުން ވަކިވަކި ސްޓޭޓްތަކުގައި ބެލްވެދަރ ޓްރައެލްތަކެއް ކުރިއަށް ގެންދެވުނެވެ. ބެލްވެދަރ ޓްރައެލްއަކީ އެއް ބާވަތުގެ ގިނަ މައްސަލަތައް ކުރިއަށް ގެންދިޔުމަށްޓަކައި، ޓެސްޓް ކޭސްއެއް ގޮތަށް ކުރިއަށްދާ މައްސަލައެކެވެ. މިކޭސްތަކުގައި އިބްތިދާއީ މަރުހަލާގައި ސްޓޭޓްތަކަށް ބުރަވެ ހުކުމް އިއްވުމުން، ކޭސް ފުޅާކޮށް ގިނަ ސްޓޭޓްތައް ހިމެނޭހެން ދައުވާ އުފުލަން ނިންމުނެވެ.

އޯގަސްޓް 2026 ކުރީކޮޅު:

ގިނަ ސްޓޭޓްތައް އެއްބައިވެ ހުރިހާ ސްޓޭޓްގެ އެޓަރނީ ޖެނެރަލްތައް ބައިވެރިވެގެން ފެޑެރަލް ޝަރީއަތް ރަސްމީކޮށް، ކެލިފޯނިއާގެ އޮކްލެންޑްގައި ފެށުނެވެ.

26 އޮގަސްޓް 2026:

ފެޑެރަލް ޝަރީއަތް ފެށުނުތާ އެންމެ ދެ ހަފްތާ ތެރޭގައި މެޓާއިން ކޯޓުން ބޭރުން މައްސަލަ ހައްލުކުރަން އެއްބަސްވެ، ސެޓްލްމެންޓް އަދަދަކަށް އެއްބަސްވިއެވެ.


މެޓާއާއި ދެކޮޅަށް ހުށަހެޅި ހެކި

މިމައްސަލައިގައި ދައުލަތުން، ވިސިލްބްލޯބަރ ފަރާތުން ލިބުނު، ގިނަ އަދަދެއްގެ ކުންފުނީގެ އެތެރޭގެ ލިޔެކިޔުންތަކާއި، ދިރާސާ ރިޕޯޓްތައް ހުށަހެޅުނެވެ. މިހެކިތަކުން ފާހަގަވިގޮތުގައި،

- މެޓާގެ އެޕްލިކޭޝަންތައް ބޭނުންކުރާ ފުރާވަރުގެ ކުދިންނަށް، ނަފްސާނީގޮތުން ބައެއް މައްސަލަތައް (ހާސްވުމާއި، ޑިޕްރެޝަންއާއި، ހަށިގަނޑުގެ ޑިސްމޯފިއާ ފަދަ) ކުރިމަތިވާކަން އެނގި ތިބެ، އެކަންތައްތަކުން ލިބޭ ގެއްލުން ނުވާކަމަށް ދައްކަން ނުވަތަ ފޮރުވަން މަސައްކަތް ކޮށްފައިވެއެވެ.

- މެޓާގެ އެޕްލިކޭޝަންތަކުގައި، ބޭނުންކުރާ މީހުންގެ ރައްކާތެރިކަމަށްވުރެ އެންގޭޖްމަންޓް އިތުރުކުރުމަށް އިސްކަންދީފައިވާކަން ސާބިތުވެއެވެ. ކުންފުނީގެ އެތެރޭގެ ކިޔެކިޔުންތަކުން އެޕްލިކޭޝަންގައި ހިމެނޭ އެޑިކްޓިވް ގޮތް އެނގޭކަމަށާއި، އަދި އޭގެ ގެއްލުންތައް ކުޑަކުރުމަށް އަޅަން ލަފާދިން ފިޔަވަޅުތަކަށް އަޅާނުލާ، ކުންފުނިން އިސްކަން ދީފައިވަނީ އެޕް ބޭނުންކުރާ މީހުން އިތުރުކުރުމާއި، އެންގޭޖްމަންޓް އިތުރުކުރުމަށެވެ.

- މެޓާގެ އެޕްލިކޭޝަންތަކުގެ ރައްކާތެރިކަމަށް ތައްޔާރުކޮށްފައިވާ ފީޗަރތަކާއި، ޕޭރެންޓަލް ކޮންޓްރޯލް ޑޭޝްބޯޑު ފަދަ ފީޗަރސްތަކާއި ގުޅޭގޮތުން، އެތެރޭގެ ޑޭޓާއިން ދެއްކި ގޮތުގައި ބޭނުންކުރެވޭ މިންވަރު ވަރަށް ދަށެވެ.

މެޓާގެ މައްޗަށް އުފުލާފައިވަނީ ކޮން ދައުވާތަކެއް؟

އެކުންފުނީގެ މައްޗަށް މައިގަނޑު ގޮތެއްގައި ދައުވާ ކުރެވުނީ، ސީދާ ކުޑަކުދިންނަށް އަމާޒުކޮށްގެން މަކަރުވެރި ވިޔަފާރީގެ އުސޫލުތައް ގެންގުޅޭ ކަމަށާއި، ގާނޫނާއި ހިލާފު އުފެއްދުންތައް އުފައްދާކަމުގެ ދައުވާއެވެ. މީގެތެރެއިން ބައެއް ދައުވާތަކަކީ:

- އެޕްލިކޭޝަންތަކުގައި ހިމެނޭ ކެނޑިނޭޅި ސްކްރޯލް ކުރުމުގެ ފީޗަރއާއި އޮޓޯ-ޕްލޭ ކުރެވޭ ފީޗަރ ހިމެނުން.

- "ލައިކް" ކައުންޓް ކުރުމާއި، އެކި އެކި ކަންކަމުގައި ނޮޓިފިކޭޝަން ފޮނުވުން ފަދަ އެޑިކްޓްވާ ފީޗަރތައް ހިމެނުން.

- އެޕްލިކޭޝަންގައި ފުރާވަރުގެ ކުދިންނަށް، އަނިޔާވެރި އަދި ޖިންސީ އަމަލުތައް އެކުލެވޭ ކޮންޓެންޓަށް ހުށަހެޅޭ އަދި ސްކްރީން ޓައިމް އިތުރުކުރުމަށް މަގުފަހިވާ އަލްގޮރިދަމްތައް ހިމެނުން.

- އެޕްލިކޭޝަންގައި ހިމެނޭ ރައްކާތެރިކަމުގެ ފީޗަރތަކުގައި ރައްކާތެރިކަން ހިމެނޭ މިންވަރު އޮޅުވާލާފައިވާ ކަމަށާއި، ރައްކާތެރިކަމުގެ ފީޗަރސްތައް މޮނިޓަރކުރާކަން އޮޅުވާލުން.

- ކުޑަކުދިންނަށް އެޕްލިކޭޝަން މާކެޓްކުރުމާއި، އޭގެން އެކުދިންނަށް ހުށަހެޅިދާނެ ނަފްސާނީ ނުރައްކާތައް ފޮރުވަން މަސައްކަތް ކުރުން.

- ޗިލްޑްރަންސް އޮންލައިން ޕްރައިވެސީ ޕްރޮޓެކްޝަން އެކްޓް (COPPA) އާއި ހިލާފަށް، ބެލެނިވެރިންގެ ހުއްދަ ނެތި، ނުވަތަ ބެލެނިވެރިންނަށް ނާންގާ 13 އަހަރުން ދަށުގެ ކުދިންގެ ޒާތީ މައުލޫމާތު އެއްކުރުން.

- އެޕްލިކޭޝަންތަކުގައި ރައްކާތެރިކަމަށް އަދި ކޮންޓެންޓް މޮޑެރޭޝަންނަށް އެކަށީގެންވާ މިންވަރަށް އެކުންފުނީގެ ވަސީލަތްތައް ކަނޑައަޅާފައި ނެތުން.

- ސައިބަރ ބުލީ ކުރުމާއި، ހެރެސްމަންޓާއި، ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ މަންޒަރު ހިމެނޭ ކޮންޓެންޓަށް ކުދިން ހުށަހެޅުމަށް މަގުފަހިވާ ގޮތަށް އެޕްލިކޭޝަންތައް ހުރުން.

ސެޓްލްމެންޓް ފައިސާއަށް ވާނީ ކިހިނެއް؟

މި ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން މެޓާއިން ދައްކަންޖެހޭ 18 ބިލިއަން ޑޮލަރު ދައްކަންޖެހެނީ 10 އަހަރު ދުވަހަށް ބަހާލައިގެންނެވެ.

މީގެ ތެރެއިން 12 ބިލިއަން ޑޮލަރުގެ އަދަދެއް ހަރަދު ކުރާނީ އެމެރިކާގެ ސްޓޭޓްތަކުގައި ޒުވާނުންގެ ނަފްސާނީ ސިއްހަތުގެ ހިދުމަތްތަކާއި ސްކޫލްތަކާއި ޑިޖިޓަލް ލިޓަރަސީ ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވުމަށެވެ.

އިތުރު 5 ބިލިއަން ޑޮލަރު ހަރަދުކުރާނީ ޓިކްޓޮކާއި، ޔޫޓިއުބާއި، ސްނެޕްޗެޓް ފަދަ އެހެން ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާތޯ ބެލުމެވެ.

މިސެޓްލްމެންޓަށް މެޓާއިން އެއްބަސް ވި ނަމަވެސް އެކުންފުނީގެ މައްޗަށް ކުރެވޭ ތުހުމަތުތައް ކުންފުނިން ދޮގުކުރެއެވެ. އަދި އެއްވެސް ގޮތަކަށް އެކުންފުނިން ކުށެއް ކުރިކަމަކަށް އެއްބަހެއް ނުވެއެވެ.

އެކުންފުނިން ބުނާގޮތުން ސެޓްލްމަންޓަށް އެއްބަސްވީ، ކޭސް ކުރިއަށް ގޮސްފިނަމަ އެކަމުގެ ސަބަބުން ކުންފުންޏަށް ގެއްލުންވާނެތީއެވެ. އަދި ކުންފުނިން ބޭނުންވަނީ އެކުންފުނީގެ އެޕްލިކޭޝަންތައް ބޭނުންކުރާ ޒުވާން ޔޫސަރުންނަށް ފޯކަސްކޮށް އެޕްލިކޭޝަން އިތުރަށް އިސްލާހުކުރުމަށްކަމަށް ބުނެއެވެ.


އެޕްލިކޭޝަންތަކަށް ގެންނަން ހުށަހަޅާ ބަދަލުތައް

18 އަހަރުން ދަށުގެ ޒުވާން ޔޫސަރުންނަށް ފޯކަސްކޮށް މެޓާގެ އެޕްލިކޭޝަންތަކަށް ގިނަ ބަދަލުތަކެއް ގެންނަން މިސެޓްލްމަންޓް އެއްބަސްވުމުގައި އެކުންފުންޏަށް ވަނީ ގާނޫނީ ގޮތުން މަތިކޮށްފައެވެ.

- ސްކްރީން ޓައިމް ލިމިޓްކުރާ ފީޗަރ: ދުވާލަކު 2 ގަޑިއިރަށް ލިމިޓްކުރެވޭ ގޮތަށް އިންސްޓަގްރާމް އަދި ފޭސްބުކްގައި ފީޗަރ ހިމެނުން.

- ރޭގަނޑުގެ ވަގުތު އެޕްލިކޭޝަން ބްލެކްއައުޓް ކުރުމުގެ ފީޗަރ: މެންދަމުން ފެށިގެން ހެނދުނު 6 އަށް އެޕްލިކޭޝަން ބޭނުންނުކުރެވޭ ގޮތް ހެދުން. އަދި ރޭގަނޑު 10 އިން ފެށިގެން ހެނދުނު 7 އާއި ހަމައަށް ނޮޓިފިކޭޝަން ވެސް ނުފޮނުވޭނެ ގޮތް ހެދުން.

- އެޕްލިކޭޝަންތަކުން ޑިފޯލްޓްކޮށް ސްކޫލްގެ ރަސްމީ ވަގުތުތަކުގައި (ހެދުނު 8 އިން މެންދުރުފަހު 3 އަށް) ނޮޓިފިކޭޝަން އަދި އެލަރޓްތައް މެދުކަނޑާލުން.

- އެޕްލިކޭޝަންތަކުގައި ހިމެނޭ ލައިކް އަދި ރިއެކްޝަން އަދަދުތައް، 18 އަހަރުން ދަށުގެ ކުދިންގެ އެކައުންޓްތަކުގައި ނުފެންނަ ގޮތް ހެދުން.

- 18 އަހަރުން ދަށުގެ ކުދިންނަށް ފޮޓޯ/ވީޑިއޯ ތަކުގައި ކޮސްމެޓިކް ފިލްޓަރތައް ބޭނުން ނުކުރެވޭ ގޮތް ހެދުން.

- ބެލެނިވެރިންނަށް ޕޭރެންޓަލް ސުޕަރވިޝަން ފީޗަރ ބޭނުންކޮށްގެން އެޕްލިކޭޝަން ފީޑްގައި ޑިފޯލްޓްކޮށް ބޭނުންކުރާ އެލްގޮރިދަމް ޑިސޭބަލް ކުރެވޭ ގޮތަށް ހެދުން.

- 18 އަހަރުން ދަށުގެ ކުދިންނާއި 13 އަހަރުން ދަށުގެ ކުދިން ދެނެގަތުމަށް، އުމުރު ކަށަވަރުކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުން.

- މެޓާއިން އެޕްލިކޭޝަންތަކުގައި ބޭނުންކުރާ އެލްގޮރިދަމްގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަދި ސެޓްލްމަންޓްގައި އެއްބަސްވި ކަންތައް ފުރިހަމަކުރާކަން ޔަގީން ކުރުމަށް މިނިވަން އޮޑިޓަރަކު ލައްވާ އޮޑިޓްކުރުން.


މި މައްސަލައަކީ ބޮޑެތި ޓެކްގެ ޕްލެޓްފޯމްތަކުގެ ސަބަބުން ޒުވާނުންނަށް ކުރާ އަސަރުތަކަށް ޖަވާބުދާރީވެ ޒިންމާ ނަގަން ޖެހުމުގެ ޕްރެސިޑެންޓެއް ކަނޑައަޅާ ކޭސްއެކެވެ. ކުރިއަށް އަންނަން ހުރި މިފަދަ އެހެން ކޭސްތަކުގައި ނަމޫނާއަކަށް ކަނޑައެޅޭނެ ކޭސްއެކެވެ. މިކޭސްގެ ސަބަބުން މެޓާއިން ފޭސްބުކް އަދި އިންސްޓަގްރާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަޖުބޫރު ކުރުވައެވެ. މީގެ އިތުރުން މިކޭސްގެ ސަބަބުން ޓިކްޓޮކް، ޔޫޓިއުބް އަދި ސްނެޕްޗެޓް ފަދަ އެހެން ޕްލެޓްފޯމްތަކުގައި ވެސް މިފަދަ ރައްކާތެރިކަން ހިމެނުމަށް ޕްރެޝަރ ކުރެވިދާނެއެވެ. މިއީ ބޮޑެތި ޓެކް ކުންފުނިތައް ރެގިއުލޭޓް ކުރުމުގެ ފެށުން ކަމަށް އުންމީދުކުރަމެވެ. އަދި މިފަދަ އެހެން ކުންފުނިތަކުގެ އުފެއްދުންތައް ވެސް ރައްކާތެރިކުރުމުގައި އެކުންފުނިތައް ޒިންމާދާރު ކުރެވޭނެކަމުގެ އަލާމާތެއް ކަމަށް ހީކުރަމެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.