Download Logo
Copy Logo

އދ.ގެ މައި އޮފީސް --- ފޮޓޯ: އދ

އޭއައި ބެލެހެއްޓުމަށް އިދާރާއެއް އުފެއްދުމަށް 20 ޤައުމަކުން ގޮވާލައިފި

އަޝްނާ ރަޝީދު • 22 ސެޕްޓެމްބަރު 2026

އެކުވެރި ދައުލަތްތަކުގެ (އދ) އާންމު މަޖިލީހުގެ އަހަރީ ބައްދަލުވުން އެމެރިކާގެ ނިއުޔޯކްގައި ފެށެން ކުޑަތަންވެފައިވަނިކޮށް، ކުރިއަރަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސިސްޓަމްތައް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށް ގޮވާލައި 20 ގައުމެއްގެ ވެރިންނާއި މަންދޫބުން ގުޅިގެން ނޫސްބަޔާނެއް ނެރެފިއެވެ. ހޯމަ ދުވަހުގެ މެންދުރުފަހު ނެރުނު މި ބަޔާން އާންމުކުރެއްވީ ފިންލެންޑުގެ ރައީސްއެވެ.

މި ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އޭއައި ވަސީލަތްތައް ހަލުވިކަމާއެކު ކުރިއަރަމުން ދިއުމާއި، ރައްކާތެރިކަމުގެ އުސޫލުތަކާ ހިލާފަށް އޭއައި ސިސްޓަމްތައް އަމަލުކުރާ އެކި ހާދިސާތައް ދާދިފަހުން ފެންމަތިވެފައިވުމުން، ބައިނަލްއަގުވާމީ ފެންވަރުގައި އެއްބާރުލުންދީގެން މަސައްކަތްކުރުން ވަނީ މަޖުބޫރުވެފައެވެ. އަދި އޭއައި ސިސްޓަމްތަކަކީ އަބަދުވެސް އިންސާނުންގެ ބެލެހެއްޓުމާއި ކޮންޓްރޯލްގެ ދަށުގައިވާ އެއްޗަކަށް ވާންޖެހޭނެ ކަމަށާއި، އެފަދަ ވަސީލަތްތައް އުފައްދައި ބޭނުންކުރަންވާނީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ބަޔާނުގައި ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ، ކެންޔާގެ ރައީސް ވިލިއަމް ރުޓޯ، ނެދަލޭންޑްސްގެ ބޮޑުވަޒީރު ރޮބް ޖެޓެން، އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް އަދި ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާ ހިމެނިވަޑައިގަންނަވައެވެ. މީގެއިތުރުން ތުރުކީގެ ހާރިޖީ ވަޒީރު ހަކާން ފިދާން އާއި އެކުވެރި އަރަބި އިމާރާތުގެ (ޔޫއޭއީ) ނައިބު ބޮޑުވަޒީރު އަދި ހާރިޖީ ވަޒީރު ޝޭޚް އަބްދުالله ބިން ޒާޔިދު އަލް ނަހްޔާން ފަދަ ސަރުކާރުތަކުގެ އިސް މަސްއޫލުވެރިންވެސް މި ބަޔާނުގައި ސޮއިކުރެއްވިއެވެ.

ނަމަވެސް، ދުނިޔޭގެ އެންމެ ބޮޑެތި ބާރުތައް ކަމަށްވާ އެމެރިކާ، އިނގިރޭސިވިލާތް އަދި ޗައިނާގެ މަންދޫބުން މި ބަޔާނުގައި ސޮއިކުރައްވާފައެއް ނުވެއެވެ.

މި ބަޔާނުގައި މައިގަނޑު ތިން ކަމަކަށް ވަނީ ގޮވާލާފައެވެ. ފުރަތަމަ ކަމަކީ، އޭއައި އުފައްދާ ކުންފުނިތަކުން އެމީހުންގެ ސިސްޓަމްތައް އާންމުންނަށް ދޫކޮށްލުމުގެ ކުރިން ރައްކާތެރިކަމުގެ ޓެސްޓްތައް ހެދުމާއި، މިނިވަން ފަރާތްތަކަށް އެ ކުންފުނިތަކުގެ މަސައްކަތްތަކުން ކުރިމަތިވެދާނެ ނުރައްކާތައް ވަޒަންކުރުމުގެ ފުރުސަތު ދިނުމެވެ. ދެވަނަ ކަމަކީ، ދުނިޔޭގެ އެކި ގައުމުތަކަށް ސައިންޓިފިކް ގާބިލުކަމާއެކު އޭއައި މޮޑެލްތައް ވަޒަންކުރެވޭނެ ގޮތް ހެދުމަށްޓަކައި ސަރުކާރުތަކާއި ސަރަހައްދީ ޖަމާއަތްތަކުން ގުޅިގެން އާންމު ރައްކާތެރިކަމުގެ މިންގަނޑުތަކެއް އެކުލަވާލުމެވެ. ތިންވަނަ ކަމަކީ، އދ.ގެ މެންބަރު ގައުމުތަކުން މިހާރުވެސް ހުރި ބައިނަލްއަގުވާމީ މަސައްކަތްތަކުގެ ބޭނުންހިފައި، މިންގަނޑުތައް ކަނޑައެޅުމާއި، ކަންކަން ކަށަވަރުކުރުމާއި، ވަކި މިންވަރަކަށްވުރެ އޭއައިގެ ގާބިލުކަން އިތުރުވުމުން ގައުމުތައް އެއްކޮށް މަޝްވަރާކުރެވޭނެ ބައިނަލްއަގުވާމީ އާ އިދާރާއެއް އުފެއްދުމުގެ ފުރުސަތުތައް ހޯދުމެވެ.

އޭއައި ގަވަރނަންސްއަށް މަސައްކަތްކުރާ ނޮން-ޕްރޮފިޓް ޖަމިއްޔާއެއް ކަމަށްވާ "ދަ ފިއުޗަރ ސޮސައިޓީ" ގެ އެގްޒެކެޓިވް ޑިރެކްޓަރު ނިކް މޮއެސް ވަނީ މި އިސްނެގުމަށް ތައުރީފު ކުރައްވާފައެވެ. އޭނާ ވިދާޅުވީ އެއްވެސް ގައުމަކަށް އެކަނި މިކަން ނުކުރެވޭނެތީ، ބައިނަލްއަގުވާމީ އިދާރާއަކަށް ގޮވާލުމަށް ގައުމުތައް އެއްގަލަކަށް އެރުމަކީ އުފާވެރި ހަބަރެއް ކަމަށެވެ. ނަމަވެސް ހަމައެކަނި ބަޔާންތަކަކުން ނުފުދޭނެ ކަމަށާއި، ފްރަންޓިއާ އޭއައި މޮޑެލްތަކުގެ މައްޗަށް ކޮންޓްރޯލް ހޯދުމަށްޓަކައި ޑިޕްލޮމެޓިކް، ސިޔާސީ އަދި މާލީ ވަސީލަތްތައް ބޭނުންކުރަންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އދ. ގެ އާންމު މަޖިލީހުގައި އޭއައިގެ މައުޟޫއަށް ހާއްސަ އިސްކަމެއް ދެވިގެންދާނެއެވެ. އެގޮތުން ރަސްމީ މަޝްވަރާތަކާއި އަރިމަތީ ހަރަކާތްތަކުގައި ގައުމުތަކުގެ ވެރިން މަސައްކަތްކުރައްވާނީ އޭއައިގެ އެޖެންޑާ ކަނޑައެޅުމަށާއި، އިންވެސްޓްމަންޓްތައް ހޯދުމަށެވެ. މީގެއިތުރުން، އދ. ގެ ސެކިއުރިޓީ ކައުންސިލާއި އެމެރިކާގެ މަންދޫބުން އިސްނަގައިގެން އޭއައިއަށް ހާއްސަ ވަކި ބައްދަލުވުންތަކެއް ބުދަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިހާރުވެސް އޭއައިގެ ދާއިރާއިން ބައިނަލްއަގުވާމީ އެކި މަސައްކަތްތައް ކުރިއަށްދެއެވެ. އޭގެ ތެރޭގައި އދ. އިން އުފައްދާފައިވާ ދުނިޔޭގެ ސައިންސްވެރިންގެ މައްޗަށް އެކުލެވޭ "އިންޑިޕެންޑެންޓް އިންޓަރނޭޝަނަލް ސައިންޓިފިކް ޕެނަލް އޮން އޭއައި" އާއި ގައުމުތަކުގެ މެދުގައި ގަވާއިދުތަކާ މެދު މަޝްވަރާކުރުމަށް ހެދިފައިވާ "ގްލޯބަލް ޑައިލޮގް އޮން އޭއައި ގަވަރނަންސް" ހިމެނެއެވެ.

މިއާއެކު، އޭއައިގެ ނުރައްކާތަކާ ގުޅޭގޮތުން އދ. ގެ ސެކިއުރިޓީ ކައުންސިލްގައި ބުދަ ދުވަހު ބާއްވާ ބައްދަލުވުމުގައި، ޗައިނާގެ މަޝްހޫރު އޭއައި ކުންފުނި "ޑީޕްސީކް" (DeepSeek) އާއި "މޫންޝޮޓް" (Moonshot) އަދި އެމެރިކާގެ "އޯޕަންއޭއައި" (OpenAI) ގެ ސީއީއޯ ސޭމް އަލްޓްމަން އާއި "އެންތުރޯޕިކް" (Anthropic) ގެ އިސް ބޭފުޅުން މައުލޫމާތު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ޑީޕްސީކްގެ ބާނީ ލިއާންގް ވެންފެންގް އަމިއްލައަށް މި ބައްދަލުވުމަށް ހާޒިރުވުމުގެ ރޭވުމެއް ނެތްކަމަށް މައުލޫމާތު ލިބެއެވެ.

ސެކިއުރިޓީ ކައުންސިލްގެ 15 މެންބަރު ގައުމު ބައްދަލުކުރަނީ އޭއައިގެ ބާރުގަދަވަމުންދާ މިންވަރާ މެދު އިންޑަސްޓްރީގެ ވެރިން ކަންބޮޑުވުން ފާޅުކޮށް، އޭއައި އަމިއްލައަށް ކުރިއަރައި އިންސާނުންގެ ކޮންޓްރޯލުން ނައްޓައިގެން ހިނގައިދާނެކަމުގެ އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ.

އދ. ގެ ސެކިއުރިޓީ ކައުންސިލުން އޭއައިގެ ނުރައްކާތަކާ މެދު ފުރަތަމަ ބައްދަލުވުމެއް ބޭއްވީ 2023 ވަނަ އަހަރުއެވެ. އެ ފަހަރު ޗައިނާއިން އޭއައިއަކީ "ކޮންޓްރޯލުން ނައްޓައިގެންދާ އަހަކަށް" ވިޔަނުދިނުމަށް އިންޒާރުދިންއިރު، އެމެރިކާއިން ވަނީ އިންސާނުންގެ މިނިވަންކަން ހިފެހެއްޓުމަށް އޭއައި ބޭނުންކުރުމާ ދެކޮޅަށް ވާހަކަދައްކާފައެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ދާދިފަހުން ވިދާޅުވީ އޭއައި ކުރިއަރަމުންދާ ނުރައްކާތަކަށް އަޅާނުލައި ދޫކޮށްނުލެވޭނެ ކަމަށެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި މިހާރު ހުރި ރައްކާތެރިކަމުގެ މިންގަނޑުތައް ފުދެއެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާތަކުން ވަނީ އޭއައި ކުރިއެރުން ލަސްކުރުމަށް ކުރެވޭ ގޮވާލުންތަކަކީ އެމެރިކާގެ ބާރު ދެމެހެއްޓުމަށް "ފިނި ހަނގުރާމައިގެ އުސޫލުން" ކުރާ ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މީގެއިތުރުން، އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ހޯމަ ދުވަހު ވިދާޅުވި ގޮތުގައި، އެމެރިކާގެ ރައީސް ޓްރަމްޕް އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ބައްދަލުކުރެއްވުމުގެ ކުރިން، އޭއައިގެ ރައްކާތެރިކަމާ މެދު އިތުރު މަޝްވަރާތައް ބޭއްވުމަށް އެމެރިކާއާއި ޗައިނާގެ އިސް މަސްއޫލުވެރިން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.