Download Logo
Copy Logo

އޯޕަންއޭއައި --

އޭއައިގެ ސެކިއުރިޓީ ކަމެއް ފާހަގަ ވެއްޖެނަމަ ވަގުތުން ހުއްޓުވޭ ނިޒާމެއް!

އަޙްމަދު ދާއޫދު • 10 ނޮވެމްބަރު 2026

އޭއައިގެ ސެކިއުރިޓީ ނުރައްކަލެއް ފާހަގަ ވެއްޖެނަމަ ވަގުތުން ހުއްޓުވާލެވޭނެ ނިޒާމެއް އޯޕަންއޭއައި އިން ތައާރަފްކޮށްފިއެވެ.

'ކޮންޓްރޯލް ރޫމް'ގެ ނަމުގައި އޯޕަންއޭއައި އިން ތައާރަފުކުރި މިނިޒާމަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްތައް އުފެއްދުމާއި ދިރާސާކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ރައްކާތެރިކަމުގެ ނުވަތަ ސެކިއުރިޓީގެ މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، އެ މޮޑެލްތަކުގެ މަސައްކަތް ވަގުތުން ހުއްޓުވޭނެ ހާއްސަ މަރުކަޒީ ނިޒާމެއް ކަމަށް އޯޕަންއޭއައި އިން ބުނެއެވެ.

މި ނިޒާމަކީ އޯޕަންއޭއައިގެ ރިސާޗް އިންފްރާސްޓްރަކްޗާގެ ތެރޭގައި ހިންގާ މޮޑެލްތަކުގެ މަސައްކަތްތައް މޮނިޓަރުކޮށް، ނުރައްކާތެރި ނުވަތަ ނޭދެވޭ ކަމެއް ފާހަގަވެއްޖެނަމަ އެކަން ހުއްޓުވުމަށް އެކުލަވާލާފައިވާ ނިޒާމެކެވެ. މި ނިޒާމުގެ އެހީގައި، މޮޑެލްއެއްގެ މަސައްކަތް ހުއްޓާލުމަށް އެދޭތާ އެންމެ 35 ސިކުންތުގެ ތެރޭގައި އެ މޮޑެލްއަކުން އިތުރު އައުޓްޕުޓެއް ނެރުނަނުދީ މުޅިން ހުއްޓުވައިދޭނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ވަގުތު ކުޑަކޮށް، މައްސަލައެއް ފާހަގަވާ ހިނދުން ހިނދަށް (ޒީރޯ ސެކަންޑްސް) މަސައްކަތް ހުއްޓުވޭނެ ގޮތް ހެދުމަށް އޯޕަންއޭއައި އިން ދަނީ މަސައްކަތް ކުރަމުންނެވެ.

'ކޮންޓްރޯލް ރޫމް' ފަރުމާކޮށްފައިވަނީ 'ފެއިލް-ކްލޯޒްޑް' އުސޫލުންނެވެ. އެއީ ކޮންޓްރޯލް ރޫމްގެ ހިދުމަތް މެދުކެނޑޭ ނުވަތަ އޮފްލައިންވާ ހާލަތްތަކުގައި، އޭއައި މޮޑެލްތަކަށް އިތުރު މައުލޫމާތު ނުވަތަ އައުޓްޕުޓް އުފެއްދުމުގެ ހުއްދަ އޮޓޮމެޓިކުން ބަންދުވެ، އާންމު ހާލަތަށް އަންނަންދެން އެއްވެސް މަސައްކަތެއް ކުރިޔަ ނުދޭ ގޮތަށެވެ. މިއީ ސިސްޓަމް ހުއްޓުނަސް ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ.

މި ނިޒާމު މަސައްކަތް ކުރަނީ އޯޕަންއޭއައިގެ އިންފަރެންސް އިންޖިންތަކާއި، ރިސާޗް މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ އޭޖެންޓިކް ސާމްޕްލިން، މޮޑެލް ޓްރެއިނިން، އިވެލުއޭޝަން އަދި ޑޭޓާ ޕްރޮސެސިން ފަދަ ބައިތައް މަރުކަޒީ ކޮންޓްރޯލް ރޫމާ ގުޅުވާލައިގެންނެވެ. އެގޮތުން އޭޖެންޓިކް އިންފަރެންސް ބޭނުންކުރާ ކޮންމެ އާ ރިސާޗް މަސައްކަތެއް ފެށުމުގެ ކުރިން ކޮންޓްރޯލް ރޫމްގައި ރަޖިސްޓްރީވެ، ހާއްސަ ޖޮބް އައިޑީއެއް ހޯދަންޖެހެއެވެ. އަދި މޮޑެލްއަކުން އައުޓްޕުޓެއް ބޭނުންވާ ކޮންމެ ފަހަރަކު، އިންފަރެންސް އިންޖިން އިން މި ޖޮބް އައިޑީ މެދުވެރިކޮށް ކޮންޓްރޯލް ރޫމްގެ ހުއްދައަށް އެދެންޖެހެއެވެ.

އޯޕަންއޭއައި އިން ހާމަކުރާ ގޮތުގައި މި ނިޒާމު ހިންގަނީ އެ ކުންފުނީގެ މޮޑެލްތަކުގެ މިސްއެލައިންމަންޓް (ނުބައި މިސްރާބަށް ދިއުން) މޮނިޓަރުކުރާ ނިޒާމުތަކާ ގުޅިގެންނެވެ. ރިސާޗަރަކު ނުވަތަ މޮނިޓަރިން ސިސްޓަމަކުން ވަކި މަސައްކަތެއް ހުއްޓާލަން ނިންމައިފިނަމަ، ކޮންޓްރޯލް ރޫމުން އެ ޖޮބް އައިޑީއަކީ ހުއްޓާލެވިފައިވާ އައިޑީއެއްގެ ގޮތުގައި މާކްކުރެއެވެ. އެއާއެކު، ދެން އެ މަސައްކަތަކަށް މޮޑެލްގެ އައުޓްޕުޓެއް ހޯދުމަށް އެދުމުން އިންފަރެންސް އެންޖިން އިން އެ ހުއްދަ ނުދީ ބެކް ކުރެއެވެ.

މިފަދަ ވަރުގަދަ ސެކިއުރިޓީ ނިޒާމެއް އޯޕަންއޭއައި އިން ތައާރަފުކޮށްފައިވަނީ އާޓިފިޝަލް ޖެނެރަލް އިންޓެލިޖެންސް (އޭޖީއައި) އުފެއްދުމަށް ކުރެވޭ މަސައްކަތްތަކުގައި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންނެވެ. މީގެ ކުރިން ހިންގި ބައެއް ރިސާޗް މަސައްކަތްތަކުގައި މޮޑެލްތައް ކަނޑައަޅާފައިވާ ބައުންޑަރީތަކުން ބޭރަށް ގޮސް އެކްސްޓާނަލް ސިސްޓަމްތަކަށް އެކްސެސްވާން މަސައްކަތްކުރުން ފަދަ ހާދިސާތައް ފާހަގަކުރެވިފައިވާތީ، މިފަދަ ނުރައްކާތައް ހުއްޓުވުމަކީ މުހިންމު ކަމެއްގެ ގޮތުގައި އޯޕަންއޭއައި އިން ދެކެއެވެ.

މި ވަގުތު ކޮންޓްރޯލް ރޫމް ނިޒާމު ބޭނުންކުރަން ފަށާފައިވަނީ އޯޕަންއޭއައިގެ އެންމެ ކުރިއަރާފައިވާ ފްރަންޓިއާ މޮޑެލްތަކުގެ ރިސާޗް މަސައްކަތްތަކުގައެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެ ކުންފުނީގެ އެހެނިހެން ރިސާޗް އިންފްރާސްޓްރަކްޗާތަކަށްވެސް މި ނިޒާމު ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.