ފޮޓޯ: އޭއައި
ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އޭއައި ކުންފުނި ކަމަށްވާ އޯޕަންއޭއައި އިން، އެ ކުންފުނީގެ އެކި ހިދުމަތްތައް އެއްކޮށްލައިގެން ބޮޑު އެއް އެޕްލިކޭޝަން ނުވަތަ "ސުޕަރއެޕް" އެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.
މި ބަދަލާއެކު، ޗެޓްޖީޕީޓީއާއި، ކޯޑިންގ ޕްލެޓްފޯމް ކަމަށްވާ 'ކޯޑެކްސް' އަދި އޯޕަންއޭއައިގެ ވެބް ބްރައުޒަރ އެއްތަނަކުން ބޭނުންކުރެވޭނެއެވެ.
މިހާތަނަށް އޯޕަންއޭއައި އިން އައީ އެކި ހިދުމަތްތަކަށް ވަކިވަކި އެޕްލިކޭޝަންތައް ތައާރަފުކުރަމުންނެވެ. ނަމަވެސް، މީގެ ސަބަބުން ބޭނުންކުރާ މީހުން އެއް އެޕަށްވުރެ އަނެއް އެޕަށް އިސްކަންދިނުމާއި، ޔޫޒަރުން އެކި އެޕްތަކަށް ބެހިގެންދާ މައްސަލަ ވަނީ ކުރިމަތިވެފައެވެ.
އާ ސުޕަރއެޕްގެ ބޭނުމަކީ މި ހުރިހާ ހިދުމަތްތަކެއް އެއް ބެނާއެއްގެ ދަށަށް ގެނެސް، ޗެޓްޖީޕީޓީއަށް ލޯބިކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު އެއްތަނަކުން ހުރިހާ ބޭނުމެއް ފުދޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
ވޯލް ސްޓްރީޓް ޖާރނަލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޯޕަންއޭއައި އިން މިފަދަ ނިންމުމެއް ނިންމީ އޭއައިގެ މާކެޓުގައި ވާދަވެރިކަން ބޮޑުވަމުން އަންނާތީ ކުންފުނީގެ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމަށެވެ.
ކުންފުނީގެ ޗީފް އޮފް އެޕްލިކޭޝަންސް ފިޖީ ސިމޯ މުވައްޒަފުންނަށް ފޮނުއްވި އެތެރޭގެ މެސެޖެއްގައި ވިދާޅުވެފައިވަނީ، މާގިނަ އެޕްތަކަކަށް މަސައްކަތް ބެހިގެން ދިޔުމުގެ ސަބަބުން ކުންފުނީގެ ދުވެލި މަޑުވެ، ބޭނުންވާ ފެންވަރަށް ހިދުމަތް ދިނުމަށް ދަތިތަކާ ކުރިމަތިވަމުން އަންނަ ކަމަށެވެ. އެހެންކަމުން، މަސައްކަތްތައް އެއްކޮށްލައި ސާދާކުރުމަކީ މިވަގުތަށް އެންމެ މުހިންމު ކަންތައްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިހާރު އޯޕަންއޭއައި އިން މަސައްކަތްކުރަމުން ދަނީ ޗެޓްޖީޕީޓީގެ ލާޖް ލޭންގުއޭޖް މޮޑެލް (އެލްއެލްއެމް)، ކޯޑެކްސް، އަދި އެޓްލަސް ބްރައުޒަރ މި ސުޕަރއެޕްގެ ތެރެއަށް ގެނައުމަށެވެ.
މީގެ އިތުރުން، އެކި ޓޫލްތައް ބޭނުންކޮށްގެން އަމިއްލައަށް މަސައްކަތްކޮށްދޭ 'އޭޖެންޓިކް ޓޫލްސް' ވެސް މި އެޕްގައި ހިމަނާނެއެވެ. މިކަމުގެ ސަބަބުން ކުރިމަގުގައި މީހުންގެ ޑެސްކްޓޮޕްތަކުގައި ވަކިވަކި މަސައްކަތްތައް ވެސް އޭއައި މެދުވެރިކޮށް އަމިއްލައަށް ކުރުވުމުގެ މަގު ފަހިވެގެންދާނެއެވެ.
އޯޕަންއޭއައި (OpenAI) އަކީ 2022 ވަނަ އަހަރުގެ ފަހުކޮޅު ޗެޓްޖީޕީޓީ (ChatGPT) ތައާރަފުކުރުމާއެކު ދުނިޔޭގެ ޓެކްނޮލޮޖީގެ މަސްރަހަށް ބޮޑު އިންގިލާބެއް ގެނައި ކުންފުންޏެކެވެ. އޭގެ ފަހުން އެ ކުންފުނިން ވަނީ މަންޒަރު އުފައްދައިދޭ 'ޑާލް-އީ' (DALL-E) އާއި، ޕްރޮގްރާމިންގ ކޯޑު ލިޔެދޭ 'ކޯޑެކްސް' (Codex) އަދި ވީޑިއޯ އުފައްދައިދޭ 'ސޯރާ' (Sora) ފަދަ ތަފާތު ގިނަ އޭއައި ވަސީލަތްތަކެއް މާކެޓަށް ނެރެފައެވެ.
ގޫގުލް އަދި އެންތްރޮޕިކް ފަދަ ކުންފުނިތަކާ އެކު އޭއައި މާކެޓުގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އޯޕަންއޭއައިގެ ބޮޑެތި ހުރިހާ ވަސީލަތްތަކެއް އެއްތަނަކުން ލިބޭނެހެން "ސުޕަރއެޕް" އެއް އުފެއްދުމަކީ، ކުންފުނީގެ ހިދުމަތްތައް ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކޮށްދީ، މާކެޓުގެ ކުރީސަފުގައި ދެމިއޮތުމަށް އެ ކުންފުނިން އަޅާ ވަރަށް މުހިންމު ސްޓްރެޓީޖިކް ފިޔަވަޅެއްގެ ގޮތުގައި ޓެކްނޮލޮޖީގެ ތަޖުރިބާކާރުން ސިފަކުރެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.