ވިމެން އިން ޓެކް މޯލްޑިވްސްގެ 2020

ޖެންގޯ ގާރލްސް

އަހަރު ފެށުނީ ބޮޑު އިވެންޓަކުންނެވެ. ޖެންގޯ ގާރލްސް މާލެ އަކީ ޖެންގޯ ގާރލްސް އިންޓަނޭޝަނަލް އިވެންޓްގެ ބައެކެވެ. ޖެނުއަރީ 17 އަދި 18 ގައި ބޭއްވުނު މިއިވެންޓުގެ މަގުސަދަކީ އަންހެނުން ކުދިންނަށް ކޯޑިން ތަޢާރަފްކުރުމެވެ. މި ޕްރޮގްރާމްގައި 28 ފަރާތެއް ބައިވެރިވެ، ޖެންގޯ ފްރޭމްވޯކް ބޭނުންކޮށްގެން ވެބްސައިޓް ހެދުމަށް ދަސްކުރިއެވެ. ބައިވެރިންނަށް އިރުޝާދު ދިނުމަށް ހަރަކާތްތެރިވީ، ވިމެން އިން ޓެކް މޯލްޑިވްސްއިން އޯގަސްޓް 2019 ގައި ހިންގި ޖެންގޯ ކޯޗުން ތައްޔާރުކުރުމުގެ ޕްރޮގްރާމްގެ 12 ބައިވެރިންނެވެ. މިއީ ދިރާގު އަދި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ކުރިޔަށް ގެންދިޔަ ޕްރޮގްރާމްއެކެވެ.


ބޯޑު އިލެކްޝަން

2020 ވަނަ އަހަރު ޖަމްއިއްޔާގެ ކަންކަން ރާވާ ހިންގުމަށް، އައު ބޯޑު އުފެއްދުމަށް އިއުލާނު ކުރެވުމާއެކު އެކި މެމްބަރުންގެ ކެމްޕެއިން ޕޯސްޓަރ ތައް ފެނިގެން ދިޔައެވެ. ކާމިޔާބު ކެމްޕެއިން ހަރަކާތަކަށްފަހު ފެބްރުއަރީ 8 ގައި ބޯޑު އިންތިހާބު ބޭއްވުނެވެ.


ގާރލްސް އިން ސައިންސް ދުވަސް

11 ފެބްރުއަރީ ގައި ފާހަގަކުރާ، ސައިންސް ދާއިރާގައި ހަރަކާތްތެތިވާ އަންހެނުންނާއި އަންހެން ކުދިންގެ ބައިނަލްއަގުވާމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން 2 ކަމެއް ޙާއްސަވިއެވެ.

- ސައިންސް ދާއިރާގައި މަސައްކަތް ކުރާ ފަންނީ އަންހެން ބޭފުޅުންގެ ތެރެއިން ބައެއް ފަރާތްތައް އެކި އެކި ގޭގެއަށް ޒިޔާރަތްކޮށް ކިޔަވާ ކުދިންނާއި އެކުދިންގެ މައިންބަފައިންނާއި އާއިލާތައް ހިމެނޭ ގޮތަށް ދާއިރާގެ މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ބޭއްވުނެވެ. މިސެޝަންތަކުގައި އެ ބޭފުޅުން މަސައްކަތްކުރާ ދާއިރާގެ މަޢުލޫމާތާއި ދާއިރާގައި ހުރި ފުރުސަތުތަކުގެ މަޢުލޫމާތު ކުދިންނާއި ހިއްސާކުރެވުމެވެ.

- ސްކޫލް ކުދިންނަށް ޚާއްސަކޮށްގެން ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ސެކަންޑްރީ ސްކޫލްގެ ދަރިވަރުންނަށް ސައިންސް ދާއިރާއާއި ގުޅޭ ކެރިއަރ ގައިޑެންސް ސެޝަންއެއް ބޭއްވުނެވެ.


ވެންސްޑޭޒް ވިތް ވިމެން އިން ޓެކް މޯލްޑިވްސް

ސައިންސް އަދި ޓެކްނޮލޮޖީގެ ދާއިރާގެ އެކި އެކި މަޢުލޫމާތު ހިއްސާކޮށް ހުނަރު އިތުރުކުރުމުގެ މަގުސަދުގައި ވިމެން އިން ޓެކް މޯލްޑިވްސްގެ ފަރާތުން 'ވެންސްޑޭޒް ވިތް ވިމެން އިން ޓެކް މޯލްޑިވްސް'ގެ ނަމުގައި ވެބިނަރ ސީރީސްއެއް މެއި މަހު ފެށިއެވެ. އެކި ސެޝަންތައް އެކި އޯޑިއެންސަށް ހާއްސަކުރެވުނު މިސީރީސްގައި ބައިވެރިންނަށް މައުލޫމާތު ދިނުމުގެ އިތުރަށް އަމަލީ ތަޖުރިބާ ލިބޭނޭ ފަދަ ހަރަކާތްތައްވެސް ހިންގުނެވެ.

އަހަރު ނިމުނި އިރު މިސީރީސް ގެ 8 ސެޝަނެއް ޓެކްގެ އެކި އެކި މަޢުލޫއުތަކަށް ހިންގުނެވެ. މިސެޝަންތަކުގައި 76 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އެއީ 47 އަންހެންބައިވެރިންނާއި 28 ފިރިހެން ބައިވެރިންނެވެ. ވަޗުއަލް ކޮށް ކުރިއަށް ގެންދެވުނު ސެޝަންއެއްކަމުން އެކި އަތޮޅުތަކުންވެސް މި ސެޝަންތަކުގައި ބައިވެރިވިއެވެ.

މެންޓަރޝިޕް އަދި ސަޕޯރޓް

ސޯޝަލް އިނޮވޭޝަން އަށް ޚާއްސަކޮށްގެން ޔޫއެންޑީޕީއިން ބޭއްވި މިޔަހެލި ޕްރޮގްރާމްގައި ބައިވެރިންނަށް އިރުޝާދު ދިނުމަށް މެންޓަރުންގެ ގޮތުގައި މިޖަމްއިއްޔާގެ މެމްބަރުން ހަރަކާތްތެރިވިއެވެ. އަދި ޔޫއެންޑީޕީގެ ސައިންސްއާއި ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެން ކުދިން އިތުރުކުރުމުގެ މަގްސަދުގައި ގެންދިޔަ 'ގަރލް އިން ސްޓެމް'ގެ ޕައިލޮޓް ފޭސް ގައި އަމަލީގޮތުން ބައިވެރިވެ އެކި ރަށްރަށުގައި ތިބި ކިޔަވާކުދިންނަށް ދާއިރާގެ މައުލޫމާތު ދެވުނެވެ.


ޚިޔާލު ފާޅުކުރުން

ސަރުކާރުގެ އެކި އިދާރާތަކުން ހިންގި ޕްރޮގްރާމްތައް އެކުލަވާލައި ހިންގުމަށް ތައްޔާރު ކުރި އުސޫލު އަދި ޕްލޭންތަކަށް ޚިޔާލު ހުށައެޅުމުގެ ފުރުސަތު ލިބި މެމްބަރުންގެ މަޝްވަރާގެ މަތިން ޚިޔާލު ހުށަހެޅުނެވެ. އަންހެނުންނަށް ފުރުސަތު ހޯދައިދެވޭނެ ގޮތްތަކާމެދު މަޝްވަރާ ކުުރުމާއި އައިސީޓީ ދާއިރާގެ ޓްރޭނިންގ ނީޑް އެސެސްމެންޓް ހެދުމަށް ކުރިއަށް ގެންދެވުނު މަސައްކަތުގައި ބައިވެރުވުމާއި ސްޓާރޓްއަޕްތަކަށް ދިމާވާ ގޮންޖެހުންތައް ކަމާއިގުޅޭ ފަރާތްތަކާއި ޙިއްސާކުރެވުނެވެ.


އަހަރީ އާންމު ޖަލްސާ

2020 ގެ އަހަރީ އާންމު ޖަލްސާ ސެޕްޓެމްބަރު 6 ގައި ވަރޗުއަލްކޮށް ބޭއްވުނެވެ. މި ޖަލްސާގައި 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި ކުރިއަށް ރޭވިފައި ހުރި ހަރަކާތްތައް ހިއްސާކުރެވުނެވެ. ވާރޗުއަލްކޮށް ބޭއްވުމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖަމްއިއްޔާގެ އެކި މެމްބަރުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވިގެން ދިޔައެވެ.



ނެޝަނަލް ސައިންސް އެންޑް ޓެކްނޮލޮޖީ ވޯރކިންގް ގްރޫޕް

2019 ވަނަ އަހަރު ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ޓެކްނޮލޮޖީއާއި އަންހެނުން ކުރިއެރުވުމާގުޅޭ ބައިތަކުގައި މިޖައްމިއްޔާގެ ނަން ހިމެނުނެވެ. މިގޮތުން ސައިންސްއާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ހިއްސާ އިތުރުކޮށް ކުރިއެރުވުމަށްޓަކައި އުފެއްދުނު ނެޝަނަލް ސައިންސް އެންޑް ޓެކްނޮލޮޖީގެ ވޯރކިން ގްރޫޕުގައި ޖަމްއިއްޔާގެ މެންބަރެއް ހިމެނުނެވެ. އަދި ވޯކިން ގްރޫޕްގެ އެހެނިހެން އިދާރާތަކާއި އައިޓީ ދާއިރާ ތަމްސީލުކުރުމަށް ވެސް ޖަމްޢިއްޔާގެ 3 މެންބަރަކު ހިމެނުނެވެ.


ވެބިނަރ، ވޯކްޝޮޕް އަދި ޓްރެއިނިންގް

ގައުމީ އަދި ބައިނަލްއަގްވާމީ އިދާރާތަކުން ބޭއްވި އެކި އެކި ފޯރަމްތަކުގައި މިޖަމްޢިއްޔާގެ މެންބަރުން ބައިވެރިވިއެވެ. މީގެތެރޭގައި ވެބިނަރތަކާއި، ވޯކްޝޮޕް އަދި ޓްރެއިނިންގތައް ހިމެނެއެވެ. މިގޮތުން ސްޓާރޓްއަޕް ކަލްޗަރ، ރިމޯޓް ވޯކިންގ، އަންހެނުންނާއި ޓެކްނޮލޮޖީ ފަދަ މަޢުލޫއުތަކަށް ޚިޔާލުފާޅުކޮށް މަޢުލޫމަތު ހިއްސާކުރުމަށް ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވިއެވެ. މިގޮތުން ބައިވެރިވި ބައެއް އިވެންޓްތައް:

- ދެމެހެއްޓެނިވި ތަރައްގީއަށް ސިވިލް ސޮސައިޓީ ތަކުން ކުޅެވިދާނެ ރޯލްތަކާއި ބެހޭގޮތުން ބޭއްވި ޔުނެސްކޯ އެންޖީއޯ ފޯރަމް ވެބިނަރ ސީރީސް

- އޭޝިޔާ ފައުންޑޭޝަން އާއި ފޭސްބުކް ގުޅިގެން ކޮވިޑް 19 ގެ ހާލަތުގައި މުޖުތަމަޢު ވިލުންވެރިކުރުމާބެހޭ ވޯކްޝޮޕް

- ވިމެން އިން ޓެކް ގްލޯބަލް ކޮންފަރެންސް 2020


ސްކޯލަރޝިޕް، ވަޒީފާ އަދި އިންޓަރންޝިޕް ފުރުސަތުތައް

އެކި ފަރާތްތަކުންދޭ ސްކޯލަރޝިޕް އަދި އިންޓަރންޝިޕްގެ ފުރުސަތުތައް މެމްބަރުންނާއި ޙިއްސާކޮށް ޝައުގުވެރިކަން ފާޅުކުރި މެންބަރުންނަށް އެފުރުސަތުތައް ހޯދާދިނުމަށް އެހީތެރިވެދެވުނެވެ. މިގޮތުން ޑިވެލޮޕަރ އިންޓަރނޝިޕް ޕްރޮގްރާމަށް 1 މެންބަރަކު ހޮވި، އަދި ޑޭޓާކުއެސްޓް އެންޑް އޭއައި އިންކްލޫސިވް ސޮކޯލަރޝިޕަށް 1 މެންބަރަކު ހޮވުނެވެ.


އަވަރ އޮފް ކޯޑް

ބައިނަލްއަގްވާމީ ކޮމްޕިޔުޓަރ ސައިންސް އެޑިޔުކޭޝަން ހަފްތާގެ ބައެއްގެ ގޮތުގައި ކޮންމެ އަހަރަކު ހިންގާ "އަވަރ އޮފް ކޯޑް" ރާއްޖޭގެ ހުރިހާ ރަށްތަކެއްގައިވެސް އެއްފަހަރާ އޮންލައިންކޮށް 12 ޑިސެމްބަރ ގައި ބޭއްވުނެވެ. 180 އަށް ވުރެ ގިނަ ގައުމަކުން، 1 ބިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ މިޕްރޮގްރާމް މިއަހަރު ރާއްޖޭގައި އިންތިޒާމްކޮށް ހިންގީ ވިމެން އިން ޓެކް މޯލްޑިވްސް އާއި ސްޓެމް ސްޕޭސް ގުޅިގެންނެވެ.

މި ޕްރޮގްރާމްގައި ރާއްޖޭގެ 82 ރަށަކުން، 4 އަހަރާއި 60 އަހަރާއި ދެމެދުގެ 1300 އަށްވުރެ ގިނަ ބައިވެރިން ވަނީ ރަޖިސްޓަރ ވެފައެވެ. ބައިވެރިންގެ ތެރެއިން 45 އިންސައްތަ އަކީ އަންހެންކުދިންނެވެ. އަދި 55 އިންސައްތަ އަކީ ފިރިހެން ކުދިންނެވެ. ބައިވެރިވި ފަރާތްތަކުގެ ތެރެއިނެ އެންމެ ގިނައީ 11 އަހަރުގެ ކުދިންނެވެ.

މިއިވެންޓުގައި ކުދިންނަށް އެހީތެރިވެ އިރުޝާދު ދިނުމުގެ ގޮތުން ވިމެން އިން ޓެކް މޯލްޑިވްސްގެ މެމްބަރުންނާއި ސްޓެމް ސްޕޭސް ޓީޗަރުން އަދި ދާއިރާގެ ފަންނީ މީހުން މެންޓަރސްގެ ގޮތުގައި ހަރަކާތްތެރިވިއެވެ. މީގެ އިތުރުން ރަށްރަށުން އެކި އިދާރާތަކުން ވަކިން އަވަރ އޮފް ކޯޑްގެ ފިޒިކަލް ސެޝަންތައްވެސް ކުރިއަށް ގެންދިޔައެވެ.


ގަރލްސް ޓުކޯޑް ރަޖިސްޓްރޭޝަން ހުޅުވާލުން

އަންހެން ކުދިންނަށް ކޯޑްކުރަން ދަސްކޮށް ދިނުމާއި އެކުދިންގެ މެދުގައި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގްސަދުގައި ހިންގާ ގަރލްސްޓުކޯޑު ޕްރޮގްރާމްގެ ރަޖިސްޓްރޭޝަން ގދ. ތިނަދޫގައި ދިރިއުޅޭއުމުރުން 14 އަހަރާއި 20 އަހަރާ ދެމެދުގެ އަންހެން ކުދިންނަށް ބައިވެރިވެވޭގޮތަށް ހުޅުވާލެވުނެވެ. ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ހިންގާ މިޕްރޮގްރާމް ގައި މީގެ ކުރިން އެއްވެސް ވަރަކަށް ކޯޑް ކުރުމުގެ ހުނަރު ނުވަތަ ތަޖުރިބާ ނެތް ކުދިންނަށްވެސް މި ޕްރޮގްރާމުގައި ބައިވެރިވެވޭނެއެވެ.

ކާމިޔާބުކަމާއެކު ފެށުނު އަހަރު، ދަތިތަކަކާ ކުރިމަތިވި ނަމަވެސް ނިންމާލެވުނީވެސް އެހާމެ ބޮޑެތި ކަންތައްތަކެއް ކުރިއަށް ރާވާ ހިންގުމުގެ އުންމީދުގައެވެ.


ވިމެން އިން ޓެކް މޯލްޑިވްސް

ވިމެން އިން ޓެކް މޯލްޑިވްސް

ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވައި މިދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް އަންގައިދީ ހޭލުންތެރިކުރުވައި، އީޖާދީ އުފެއްދުންތައް އިތުރުކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.