ވިމެން އިން ޓެކްގެ ވާހަކަ

މިއީ މިދާއިރާގައި ގިނަ އަހަރުތަކަކަށް މަސައްކަތް ކުރަމުން ގޮސްފައިވާ އައިޝާ، ނީޝާ އަދި ޝަހޫގެ ޚިޔާލެކެވެ. ޚިޔާލާއެކު ދެން ކުރެވުނީ ސުވާލުތަކެކެވެ. އަންހެން ކުދިން މިދާއިރާގައި ނޫޅެނީ ހެއްޔެވެ؟ އުޅުނަސް ނޭގެނީ ހެއްޔެވެ؟ ޓެކް ދާއިރާއަކީ ވަކި ޖިންސަކަށް ބުރަވެފައި އޮންނަ ދާއިރާއެއް ހެއްޔެވެ؟ މިޚިޔާލުތަކާއި މެދު ވިސްނާ، ކޮފީއަކަށް ދައުވަތުދީ ޓްވީޓެއް ކޮށްލިއެވެ. ދަންނަ މީހުންނާއި އެކީގައި ދާއިރާގައި މަސައްކަތްކުރާ އެހެން އަންހެން ކުދިން ހިމެނޭ ގޮތަށް ފަނަރަ ވަރަކަށް މީހުން އެއްވި ކޮފީއަކީ ވިމެން އިން ޓެކް މޯލްޑިވްސްގެ ފެށުމެވެ. އެއީ 9 ޖުލައި 2018 އެވެ.

އޭގެ ފަހުން، 6 ސެޕްޓެމްބަރ 2018 ގައި ޖަމްޢިއްޔާއެއް ގޮތުގައި ރަޖިސްޓްރީވެ، ފޯރީގައި މަސައްކަތް ފެށުނީއެވެ. ފުރަތަމަ ފެށުމަށް ފަހުން ރަސްމީވުމަށް ދިޔަ 2 މަހެއްހާ ދުވަހުގެ ތެރޭގައި ބަދަލު ކުރެވުނު ޚިޔާލުތަކަށް ބުރަވެ ފާހަގަކުރެވުނީ، މިދާއިރާގައި އަންހެނުން މަދުކަމަށެވެ. އަދި އުޅޭ މަދު އަންހެން ކުދިން އެކަކު އަނެކަކަށްވެސް ނޭގޭކަމެވެ. އެހެން ކަމުން ޖަމްއިއްޔާގެ މަގުސަދަކަށްވީ މި އަންހެނުން ބާރުވެރިކުރުމެވެ. އަންހެނުންނަށް ހުރި ފުރުސަތުތައް އަންގައިދީ ހޭލުންތެރިކުރުވުމެވެ. މިދާއިރާގައި މަސައްކަތް ކުރާ އަންހެނުންގެ މަސައްކަތް ފާހަގަކޮށް ހިތްވަރު ދިނުމެވެ. އަދި މިދާއިރާއަށް ފެންވަރު ރަނގަޅު އަންހެނުން އިތުރު ކުރުމެވެ.

ޓެކް ދާއިރާގައި އަންހެނުން ދުނިޔޭގެ ހުރިހާ ގައުމުތަކުގައިވެސް މަދެވެ. މިއީ ރާއްޖޭގައި އެކަނި އޮންނަ ގޮތެއް ނޫނެވެ. އެހެން ދާއިރާތައް ފަދައިން ޓެކް ދާއިރާގައި ވެސް އަންހެނުން އުޅެން މުހިއްމު ދާއިރާއެކެވެ. މިދާއިރާއިން ނެރޭ ޚިދުމަތްތަކާއި، އުފެއްދުންތައް އަދި ނިންމާ ނިންމުންތަކަކީ އަންހެނުންނާއި ފިރިހެނުންގެ މަންފާއަށް ކުރެވޭ ކަންތައްތަކެވެ. އާބާދީގެ އެއްބަޔަކީ އަންހެނުން ކަމަށްވެފައި މިކަންތައްތަކުގައި އަންހެނުންގެ ބައިވެރިވުން މުހިއްމުވަނީ އެހެންވެގެންނެވެ.

ޖަމްޢިއްޔާގެ ބައެއް މެންބަރުން

ވިމެން އިން ޓެކް އުފެއްދި ފަހުން މިދާއިރާގެ މަސައްކަތް ކުރާ އަދި މިދާއިރާއަށް ޝައުގުވެރިވާ ވަރަށް ގިނަ އަންހެން ކުދިން ޖަމްއިއްޔާގައި ރަޖިސްޓަރވެ ޖަމްއިއްޔާއިން ހިންގާ ހަރަކާތްތަކުގައި ބައިވެރިވެއެވެ. މިއަދާހަމައަށް ޖަމްޢިއްޔާގައި 120 މެންބަރުން އެބަ ތިއްބެވެ. މިވީ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރިން ނޭގޭ އެތަށް ބައެއް ފެނި ތަޢާރަފްވެ، އަދި ސައިންސް އަދި ޓެކް ދާއިރާއަށް ޝައުގުވެރިވާ ކުދިންވެސް ގިނަވެއްޖެއެވެ. 'ވިމެން' އިން ޓެކް ކިޔުނު ނަމަވެސް މިޖަމްޢިއްޔާގައި ފިރިހެނުންވެސް ހިމެނެއެވެ. ޖަމްޢިއްޔާގެ މަގްސަދުގައި ބައިވެރިވެ، އެކަން ހާސިލްކުރުމަށް އެހީތެރިވެދޭން ބޭނުންވާ ފިރިހެނުންނެވެ.

ޖަމްޢިއްޔާގެ މެންބަރުންނަށް ބަލާލާއިރު، ސޮފްޓްވެއަރ ޑިވެލޮޕަރސް، ސޮފްޓްވެއަރ އެނަލިސްޓްސް، ޓެކް ސަޕޯރޓް އޮފިސަރސް، ގްރެފިކް ޑިޒައިނަރސް، ނެޓްވޯރކް އެންޖިނީއަރސް، ސައިންސް އަދި ޓެކް ޓީޗަރުން، އައިޓީ ޕޮރެޖްކްޓް މެނޭޖަރސް، އިންފޮރމޭޝަން ސެކިއުރިޓީ ސްޕެޝަލިސްޓުން، މެރިން ސައިންސް ދާއިރާގެ މަސައްކަތްތެރިން، އައިޓީ މެނޭޖަރުން، ސިސްޓަމް އެޑިމިނިސްޓްރޭޓަރސް، ބަޔޯ ޓެކްނޮލޮޖިސްޓުން، ޑޭޓާ ސައިންސް ދާއިރާގެ މަސައްކަތްތެރިން، އޭއައި ސްޕެޝަލިސްޓުން ހިމެނެއެވެ. އެއީ އެދާއިރާތަކުގައި މިހާރުވެސް މަސައްކަތްކުރާ ނުވަތަ ކިޔަވާ ކުދިންނެވެ. މިނޫންވެސް ގިނަ ދާއިރާތައް ހިމެނެއެވެ.

މިޖަމްޢިއްޔާއިން މިހާތަނަށް ވަރަށް ގިނަ އެކި އެކި ކަންތައްތަކެއް ކުރެވިއްޖެއެވެ. އޭގެތެރޭގައި އަންހެންކުދިންނަށް ކޯޑިން ތައާރަފުކޮށްދިނުމަށް ބޭއްވިފައިވާ އިވެންޓްތަކާއި، ސައިންސް އަދި ޓެކްނޮލޮޖީގެ ދާއިރާގެ އެކި އެކި މަޢުލޫމާތު ހިއްސާކޮށް ހުނަރު އިތުރުކުރުމުގެ މަގުސަދުގައި ބޭއްވުނު ވެބިނަރ ސީރީސް ތަކާއި، ސްޓެމް ފެސްޓް، އަދި އަވަރ އޮފް ކޯޑް ހިމެނެއެވެ. މީގެ އިތުރުންވެސް އެތައް ހަރަކާތެއްވަނީ ހިންގިފައެވެ. ޖަމްޢިއްޔާއިން ރާވާ ހިންގި ކަންތައްތަކުގެ މަޢުލޫމާތު ޖަމްޢިއްޔާގެ ސޯޝަލް މީޑިޔާ ޗެނަލް (ފޭސްބުކް، ޓްވިޓަރ އަދި ޔޫޓިއުބް) ފެންނަން ހުންނާނެއެވެ. ޖަމްޢިއްޔާ އުފެދި މިވީ ދުވަސްކޮޅުގައި މިދާއިރާގައި މަސައްކަތް ކުރާ އަންހެނުންނަކީވެސް މުހިއްމު ބައެއްކަމަށް ބަލައިގެންފިއެވެ. ދާއިރާގައި އުޅޭ އަންހެނުންނަށް އޮތް އިހްތިރާމް އިތުރުވެއްޖެކަން ގައިމެވެ. ޓެކް ދާއިރާއަށް ކުރިއަރުވަން އަންހެނުން ވެސް މުހިއްމުކަން ސަރުކާރުގެ އިދާރާތަކާއި އެހެނިހެން އިދާރާތަކާއި އަމިއްލަ މީހުންވެސް ބަލައިގެންފިއެވެ. ސަރުކާރުން އެކުލަވާލި ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި މިދާއިރާއަށް އަންހެނުން އިތުރުކުރުމަށް ކުރާނެ މަސައްކަތްތަކެއް ހިމަނާފައިވުމަކީ މުސްތަގުބަލުގައި މިދާއިރާގައި އަންހެނުންނަށް ލިބޭނޭ ކުރިއެރުމުގެ ރަނގަޅު ތަސައްވުރެކެވެ.

މިދާއިރާގައި އަދިވެސް ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނައެވެ. މިހާތަނަށް ކުރެވުނު ކަންކަމަކީ ވެސް ވަރަށް ގިނަ ބައެއްގެ އެހީއާއި އެއްބާރުލުމާއެކު ހާސިލް ކުރެވުނު ކަންތައްތަކެވެ. މިގޮތުން ގާއިމް ކުރެވިފައިވާ ޕާރޓްނަރޝިޕްތަކާއި ދާއިރާގައި މަސައްކަތް ކުރައްވާ މީހުންނާއި، އެކި ފަރާތްތަކުން ލިބުނު އެހީތެރިކަން ފާހަގަ ކުރަމެވެ. ޖަމްއިއްޔާގެ ލަނޑުދަނޑިތައް ހާސިލްކުރުމާއި، ޖަމްއިއްޔާގެ ކުރިއެރުމުގެ އަސްލަކީ މެންބަރުންގެ ހީވާގި މަސައްކަތެވެ.

2019 ވަނަ އަހަރު ވިމެން އިން ޓެކް މޯލްޑިވްސް އިން ބޭއްވި ސްޓެމް ފެސްޓްގެ ތެރެއިން



ވިމެން އިން ޓެކް މޯލްޑިވްސް

ވިމެން އިން ޓެކް މޯލްޑިވްސް

ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވައި މިދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް އަންގައިދީ ހޭލުންތެރިކުރުވައި، އީޖާދީ އުފެއްދުންތައް އިތުރުކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.