ރާއްޖޭގެ ފުރަތަމަ ޑޭޓާ ސެންޓަރު އުރީދޫ އިން ގާއިމުކޮށްފި

މުހައްމަދު ރައްޔާން 18 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އުރީދޫ މޯލްޑިވްސް އިން ދިވެހި ރާއްޖޭގެ ފުރަތަމަ ޑޭޓާ ސެންޓަރު ގާއިމުކޮށްފިއެވެ. 18 މާރިޗު 2021 ވީ ބުރާސްފަތި ދުވަހު ބޭއްވުނު ރަސްމިއްޔާތެއްގައި މި ސެންޓަރު އިފްތިތާހުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ހާން އާއި އެ ކުންފުނީގެ ޗީފް ޓެކްނޮލަޖީ އޮފިސަރު އެމްއެސް ތަންވަރުއެވެ.

އުރީދޫއިން ހާމަކޮށްފައިވާ ގޮތުގައި މި ސެންޓަރަކީ ޓިޔާ ތްރީގެ ޑޭޓާ ސެންޓަރެކެވެ. މި ޑޭޓާ ސެންޓަރާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވެފައިވަނީ މި ސެންޓަރަކީ 14 ދުވަހަށް ކަރަންޓް އަމިއްލައަށް އުފެއްދޭނެ ގާބިލް ކަމާއިއެކު ފަރުމާކުރެވިފައިވާ ސެންޓަރެއް ކަމަށެވެ. މީގެ އިތުރުން އެކުންފުނިން ހާމަކުރާ ގޮތުގައި މި ސެންޓަރު ގާއިމުކޮށްފައިވަނީ ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ވާނެގޮތަކަށެވެ. އެގޮތުން މި ސެންޓަރުގެ ކޮންމެ ފަންގިފިލާ އަކީ ހަތެއް ނޫނީ އަށް މީޓަރުގެ އުސްމިނުގެ ފަންގިފިލާ އެއް ކަމަށް އޫރިދޫއިން ހާމަކޮށްފައިވެއެވެ.

އުރީދޫ އިން ރާއްޖޭގައި ހުޅުވި ޑޭޓާ ސެންޓަރުގެ ސަބަބުން ކުންފުނިތަކުގެ ޑިޖިޓަލް ހިދުމަތް ދިނުމުގައި، އޮޕަރޭޝަން މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށް ބޭނުންވާ ވަރުގަދަ އިންޓަނެޓް ކަނެކްޝަނާއި ސްޓޯރޭޖް އަދި ކުންފުނިތަކުގެ މުހިންމު ޑޭޓާ އިތުބާރާއިއެކު ރައްކާކުރުމުގެ މަގުފަހިވެގެން ދާނެއެވެ.

އުރީދޫ އިން ހާމަކޮށްފައިވާ ގޮތުގައި މި ސެންޓަރުގެ ސަބަބުން ރާއްޖޭގައި ހިންގާ ވެބްސައިޓްތައް ރާއްޖޭގައި ހޯސްޓްކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގެ ކުންފުނިތަކަށްވެސް ރާއްޖޭގައި ވެބް ހޯސްޓް ކުރުމުގެ މަގު ހުޅުވިގެންދާނެކަމަށް އެކުންފުނިން ހާމަކުރެއެވެ.

އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ހާމަކޮށްފައިވާ ގޮތުގައި މި ސެންޓަރަކީ ފޭސްބުކް އާއި ގޫގަލް ފަދަ ކުންފުނިތަކުގެ ޑޭޓާ ސެންޓަރުތަކާއި އަޅާކިޔޭނެ ފެންވަރުގެ ސެންޓަރެކެވެ. މީގެ އިތުރުން އޭނާ ސިފަކުރައްވާގޮތުގައި މިއަދަކީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާއަށް އިންގިލާބެއް ގެނައި ދުވަހެކެވެ.

މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.