މައިކްރޯސޮފްޓުން އެ ކުންފުނީގެ ގާތްގަނޑަކަށް 60،000 މުވައްޒަފުންނަށް އަމިއްލަ އިޚްތިޔާރުގައި ވަޒީފާއިން ވަކިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ހަބަރު ލިބޭގޮތުގައި މިއީ އެކުންފުނިން އޭއައިއަށް ކުރާ އިންވެސްޓްމަންޓްތައް މަތިވެ، ކުންފުނީގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން، ހަރަދުތައް ކޮންޓްރޯލް ކުރުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.
މިކަން އެކުންފުނިން އިއުލާނު ކުރީ 26 އޮކްޓޯބަރ 2026 ވަނަ ދުވަހުއެވެ. މިގޮތަށް ވަޒީފާއިން އަމިއްލަ އިހްތިޔާރުގައި ވަކިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެމެރިކާ، ކެނެޑާ، އިންޑިއާ އަދި އިނގިރޭސިވިލާތުގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ.
ޖޫން 2026 ގެ ނަންބަރުތަކުން ދައްކާގޮތުން އެމަހުގެ ނިޔަލަށް އެކުންފުނީގައި (އެކި ގައުމުތައް ހިމެނޭ ގޮތުން)، 223،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެއެވެ. ވޮލަންޓަރީކޮށް ވަކިވާން ހުޅުވާލި އަދަދަކީ މައިކްރޮސޮފްޓްގެ މުޅި ދުނިޔޭގެ ވޯކްފޯސްގެ ގާތްގަނޑަކަށް %27 އެވެ.
މި ފުރުސަތުގެ ދަށުން، ޝަރުތު ހަމަވާ މުވައްޒަފުން ވަކިވާއިރު މާލީ އެހީތެރިކަމާއި ކެރިއަރ ޕްލޭނިންގ ރިސޯސްތައް ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން އާންމުކޮށް އެކުންފުނިން ހުށަހަޅާ ސެވެރަންސް ޕެކޭޖް ހުށަހަޅާނެ ކަމަށާއި، ވަކިވާ މުވައްޒަފެއްގެ ފެންވަރާއި ހިދުމަތުގެ މުއްދަތަށް ބަލާފައި ޕެކޭޖުގެ ދަށުން ލިބޭ މަލީ އަދަދުތައް ތަފާތުވާނެކަމަށް ވެއެވެ.
މުވައްޒަފުންނަށް މިހުށަހެޅުނު ފުރުސަތާއި މެދު ގޮތެއް ނިންމުމަށް ލިބުނީ ޑިސެމްބަރު މަހުގެ ކުރީކޮޅާ ހަމައަށެވެ. އަދި މިޕްރޮގްރާމްގެ ދަށުން އަހަރު ނިމެންވާއިރަށް މުވައްޒަފުން ވަކި ކުރާނެ ކަމަށް ވެއެވެ.
މިއީ 2026 ވަނަ އަހަރު މައިކްރޯސޮފްޓުން އެކުންފުނީގެ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ކުރެވޭ 3 ވަނަ ފަހަރެވެ. މީގެ ކުރިން އެޕްރީލް މަހުގައި ވެސް ހަމަ މިފަދައިން އަމިއްލައަށް ރިޓަޔަރވުމުގެ ޕްރޮގްރާމެއް ހިންގުނެވެ. މީގެ ދަށުން އެމެރިކާ ސަރަހައްދުގެ %7 މުވައްޒަފުން ވަކިވިއެވެ. އަދި ޖުލައި މަހުގައި ވެސް 4،800 މުވައްޒަފުން ވަކިކުރިއެވެ.
ކުންފުނިން މުވައްޒަފުން މަދުކުރުމުގެ ޕްރޮގްރާމް ކުރިއަށް މިދަނީ މައިކްރޮސޮފްޓުން އޭއައި އިންފްރާސްޓްރަކްޗަރއަށް ކުރާ ހަރަދުތައް އެތައް ގުނައެއް އިތުރުކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އޯޕަންއޭއައި އާއި އެންތްރޮޕިކް ފަދަ ބޮޑެތި އޭއައި ކުންފުނިތަކާއި ވާދަވެރިކަން އިތުރުކުރުމުގެ ގޮތުން މައިކްރޮސޮފްޓުން ވެސް އަންނަނީ އައު ޑޭޓާ ސެންޓަރުތައް އުފެއްދުމަށް ބޮޑެތި ހަރަދުތަކެއް ކުރަމުންނެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް