އާރސިލްސްގެ ތަކުރުވޯސްއަށް އެޕިކް ގޭމްސްގެ މެގަ ގްރާންޓް

ހިންދު ޢަލީ 14 ޖޫން 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ދިވެހި ކުންފުނި އާރސިލްސް ޕްރައިވެޓް ލިމިޓެޑްއިން އުފައްދާފައިވާ ތަކުރުވޯސް ގޭމަށް އެޕިކް ގޭމްސްއިން މެގަ ގްރާންޓް ލިބިއްޖެއެވެ. މިއީ ރާއްޖޭގެ ޓެކް ކުންފުންޏަކަށް ލިބުނު މިފަދަ ފުރަތަމަ ގްރާންޓެވެ.

އެޕިކް ގޭމްސްއަކީ ވީޑިއޯ ގޭމާއި ސޮފްޓްވެއަރ އުފައްދާ އެމެރިކާގެ ކުންފުންޏެކެވެ. އެޕިކް ގޭމްސްއިން އުފައްދާފައިވާ މަޝްހޫރު ގޭމުތަކުގެ ތެރޭގައި ފޯޓްނައިޓް، ގިއަރސް އޮފް ވޯރ، ބުލެޓްސްޓޯމް، އަންރިއަލް ޓޯނަމެންޓް އަދި އޭޖް އޮފް ވޮންޑަރސް ފަދަ ގޭމްތައް ހިމެނެއެވެ. އެޕިކް ގޭމްސް އަކީ ގޭމު އުފެއްދުމުގައި މުޅި ދުނިޔޭގެ ގަދަ 10 ގައި ހިމެނޭ ކުންފުންޏެކެވެ. މިކުންފުނި ހާއްސަވަނީ 3ޑީ ގޭމް އުފެއްދުމަށެވެ.

އެޕިކް ގޭމްސްއިން ހުޅުވާލާފައިވާ އެޕިކް މެގަ ގްރާންޓަކީ ގޭމް ޑިވެލޮޕްކުރާ ފަރާތްތަކާއި، ވިޝުއަލައިޒޭޝަން އަދި މުނިފޫހިފިލުވުމަށް އެކިއެކި މީޑިއާ ކޮންޓެންޓް އުފައްދާ ފަރާތްތަކާއި، މިފަދަ ކަންކަން ކިޔަވާ ދަރިވަރުންނާއި ޓީޗަރުންނަށް އެހީތެރިވުމުގެ ގޮތުން ހުޅުވާލާފައިވާ ފުރުސަތެކެވެ. މިގްރާންޓުން އެހީ ހޯދުމަށް ހުށަހަޅާ ތަކެތި ބެލުމަށްފަހު، އެތަކެތި އިތުރަށް ތަރައްގީ ކުރުމަށް އެކި ޕްރޮޖެކްޓްތަކަށް އެކި އަދަދަށް ފައިސާ ހުށަހަޅާނެކަމަށް އެޕިކް ގޭމްސްގެ ވެބްސައިޓުގައިވެއެވެ. 5000 ޑޮލަރާއި އާއި 5 ލައްކަ ޑޮލަރާއި ދެމެދުގެ އަދަދަކުން މިގްރާންޓަށް ހޮވޭ ފަރާތްތަކަށް އެހީ ލިބެއެވެ. މިފަދަ މަސައްކަތްތަކަށް ޖުމްލަ 100 މިލިއަން ޑޮލަރުގެ އެހީ މިގްރާންޓާއި އެކު ހުޅުވާލާފައިވެއެވެ.

މި ގްރާންޓް ލިބުނީ އެޕިކް މެގަ ގްރާންޓްއަށް އެޕްލިކޭޝަން ހުށަހަޅައިގެން ގިނަ ރައުންޑްތަކެއްގެ އިންޓަރވިއު އަދި ވެލިޑޭޝަނަށް ފަހު ކަމަށް އާރސިލްސްގެ ކޯ-ފައުންޑަރ އަދި މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ޝާފިއު މަޢުލޫމާތު ދެއްވައެވެ. ޝާފިއު ވިދާޅުވި ގޮތުގައި ތަކުރުވޯސްގެ އެންމެ ފަހުގެ ރިލީސްއަށް ފަހު 8 މަސް ދުވަހުގެ އިތުރު ޑިވެލޮޕްމަންޓް މަސައްކަތްތަކެއް ކުރެވި އައު ރިލީސްއަކަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. މެގަ ގްރާންޓްގެ ބޭނުންކުރަން ރާވައިފައިވަނީ ތަކުރުވޯސް އިތުރަށް ތަރައްގީ ކުރުމަށާއި ގޭމު އީސްޕޯޓްސް ކޮމްޕެޓިޝަންތަކަށް ތައްޔާރުކުރުމަށެވެ.

ގޭމް ޑިޒައިން އަދި ޑިވެލޮޕްމަންޓް މަސައްކަތް ކުރާ އާރސިލްސްއިން ތަކުރުވޯސް ތައްޔަރުކުރަން ފަށާފައިވަނީ 2019 ގައެވެ. އަދި ފުރަތަމަ ވަރޝަން ރިލީޒްކުރެވުނީ ޖޫން 2020 ގައެވެ. ޒުވާން ޑިވެލޮޕަރުންތަކެއް ހިމެނޭ އާރސިލްސްގެ ޓީމުން އުފައްދާ ތަރައްގީ ކުރާ މިގޭމަކީ އިހުޒަމާނުގެ ދިވެހިރާއްޖޭގެ ސެޓިންގގައި ދިވެހި ކެރެކްޓަރތަކެެއް ހިމެނޭ، މަލްޓި ޕްލެޔަރ އޮންލައިން ގޭމެކެވެ. ތަކުރުވޯސް އަކީ އާރސިލްސްއިން އުފައްދާ ދިރާގުގެ ވެސް ކޮންމެވެސް ވަރެއްގެ ހިއްސާއެއް އޮތް ގޭމެކެވެ.

ބައިނަލްއަގްވާމީ ލެވެލްގައި ދިވެހި އުފެއްދުމަކަށް މިފަދަ ކާމިޔާބެއް ލިބި ކުރިއަރަމުން ދިޔުމަކީ އަހަރުމެން އެންމެން ފަހުރުވެރިވާކަމެކެވެ. ތަކުރުވޯސްގެ ޓީމަށް ގިނަ ފަރާތްތަކުން ދަނީ މަރުހަބާ ކިޔަމުންނެވެ.


އިތުރަށް ކިޔާލުމަށް :

ތަކުރުވޯސްގެ އައު ވަރޝަން ޓެސްޓުކުރާނެ ދިވެހިން ހޯދަނީ

އެޕިކް ގޭމްސް އިން 2020 ގައި 444 މިލިއަން ޑޮލަރު ހޭދަކުރި



ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.