ޕެރަގުއޭ އިން ބިޓްކޮއިން ބޭނުންކުރެވޭ ގޮތަށް ބިލް ހުށައަޅަނީ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޕެރަގުއޭ އިން އަންނަމަހު އެޤައުމުގެ ޤާނޫން ހަދާ މަޖްލިސް އަށް ރަސްމީކޮށް ކްރިޕްޓޯކަރަންސީގެ މުޢާމަލާތް ކުރުމަށް ހުއްދަލިބޭ ބިލެއް ހުށައަޅަނީއެވެ.

ފައިސާގެ ގޮތުގައި ބިޓްކޮއިން ބޭނުންކުރެވޭ ގޮތަށް މި ބިލް ހުށައަޅުއްވަނީ ޑެޕިއުޓީ އޮފް ދަ ނޭޝަން އަދި ކޮންގްރެސް މެމްބަރ ކަލިލޮސް އެތޯނިއޯ ރިޖެލާ އެވެ. މިކަން ހާމަކުރައްވަމުން ކަލިލޮސް ކުރެއްވި ޓްވީޓެއްގައި މިއީ ޕެރަގުއޭ ކަމަށާއި ޖުލައިމަހު ބިޓްކޮއިން ޤާނޫން އަންނާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ޕްރަގުއޭގެ މައްޝޫރު ޔުނިވާރސިޓީ އެއް ކަމަށްވާ ޔުނިވަރސިޑޭޑް އެމެރިކާނާ އިން މިހާރު ފައިސާގެ ގޮތުގައި ބިޓްކޮއިން ބަލައިގަންނަ ކަމަށް ވެސް ކަލިލޮސް ކުރެއްވި ޓްވީޓެއްގައި ބުނެފައިވެއެވެ.

މި ބިލް ފާސްވެއްޖެ ނަމަ ޕެރަގުއޭ ވެގެންދާނީ ދުނިޔޭގެ ދެވަނައަށް ކްރިޕްޓޯކަރަންސީ ފައިސާގެ ގޮތުގައި ބޭނުންކުރާނެ ޤައުމަކަށެވެ. އެންމެ ފުރަތަމަ އެލް ސަލްވަޑޯރ އިން ގާނޫނީގޮތުން ބާރުލިބިގެން ފައިސާގެ ގޮތުގައި ބިޓްކޮއިން ބޭނުންކުރުމަށް ފަށާއިރު ސަލްވަޑޯރގެ ބިޓްކޮއިން ޤާނުނަށް ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު އަމަލުކުރަން ފަށާނެއެވެ.

ބިޓްކޮއިންއަކީ ދުނިޔޭގައި ދައުރުވަމުން އަންނަ އެންމެ އަގުބޮޑު ކްރިޕްޓޯ ކަރަންސީ އެވެ. ބިޓްކޮއިނުގެ އަގު މިއަދު 33،800 އެމެރިކާ ޑޮލަރުގައި ހުރިއިރު، ކްރިޕްޓޮކަރަންސީގެ ތާރީޚުގައި ބިޓްކޮއިންގެ އަގު އެންމެ މައްޗަށް އެރީ މިއަހަރު އޭޕްރިލް މަހު 64،900 އެމެރިކާ ޑޮލަރަށެވެ.

އިތުރަށް ކިޔާލުމަށް : ސަލްވަޑޯރގެ ކޮންމެ މީހަކަށް 30 ޑޮލަރުގެ ބިޓްކޮއިން ހިލޭ ދެނީ

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.